ސްޕެއިންގެ ފެރާން ޓޮރޭޒް: އޭނާ ވަނީ ކޮސްޓާރިކާގެ ގޯލަށް ދެ ލަނޑު ޖަހާފައި

ސްޕެއިންގެ އެންމެ ތަފާތު ބޮޑު މޮޅުން ފެންވަރު ދައްކާލައިފި

މީގެ ކުރިން ސްޕެއިން އެންމެ ބޮޑު ތަފާތު ނެރުނު މެޗުގައި މިހާރުގެ ކޯޗު އެންރީކޭ ވެސް ކުޅެ ލަނޑެއް ޖެހި

ކޮސްޓާރިކާ 7-0 އިން ބަލިކޮށް ސްޕޭނުން ގަތަރު ވޯލްޑް ކަޕްގެ ފެށުން ބޮޑު ހިނިތުންވުމަކާ އެކު މިރޭ ނިންމާލައިފި އެވެ.

ދުނިޔޭގެ ޗެމްޕިއަންކަން 2010 ގައި ފުރަތަމަ ފަހަރަށް ހޯދި ފަހުން މިދިއަ ދެ ވޯލްޑް ކަޕްގައި ސްޕެއިންގެ ކުރީގެ ފެންވަރު ނުދެއްކި ދިއުމަށް ފަހު މިރޭ އަނެއްކާވެސް މި ވަނީ ކުޅުންގަނޑަށް ދިރުން ގެނެސްދީފަ އެވެ.

މިއީ ވޯލްޑް ކަޕްގައި ސްޕެއިންގެ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އަދި 1975ގައި މެކްސިކޯ އަތުން 7-0 އިން ބަލިވި ފަހުން އެހާ ތަފާތު ބޮޑު ނަތީޖާއަކުން ކޮސްޓާރިކާ ބަލިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ވޯލްޑް ކަޕްގައި ސްޕެއިން މޮޅުވި އެންމެ ތަފާތު ބޮޑު ނަތީޖާތައް

ޑެންމާކް 5-1 (1986)

ބަލްގޭރިޔާ 6-1 (1998)

ޔޫކްރެއިން 4-0 (2006)

މިރޭގެ މެޗުގައި ފެރާން ޓޮރޭޒް ދެ ލަނޑު ކާމިޔާބުކުރި އެވެ. ދެން ލަނޑު ޖެހީ ޑެނީ އޮލްމޯ އާއި މާކޯ އަސެންސިއޯ އާއި ގާވީ އާއި ކާލޯސް ސޮލާ އަދި އަލްވަރޯ މޮރާޓާ އެވެ.

ސްޕެއިންގެ ކޯޗު ލުއިޒް އެންރީކޭއަށް މިރޭގެ މޮޅާ އެކު އެންމެ ބޮޑަށް ހަނދާނަށް އަންނާނެ އެއް ކަމަކަށް، 1998ގައި ބަލްގޭރިޔާ ބަލިކުރި މެޗު ވުން ކައިރި އެވެ. އެ މެޗުގައި ސްޕެއިން ޖެހި ހަ ލަނޑުގެ ތެރެއިން އެއް ލަނޑު ޖެހީ އެންރީކޭ އެވެ.

ގްރޫޕް އީގެ މި މެޗުން ސްޕޭން އެހާ ތަފާތު ބޮޑު ކުޅުމެއް ދެއްކި އިރު މި މެޗުގެ ކުރިން އޮތް ވާދަކުރުމުގައި ޔޫރަޕްގެ ގަދަ ބާރު ޖަރުމަން ވަނީ އޭޝިއާގެ ޖަޕާން އަތުން 2-1 އިން ބަލިވެފަ އެވެ.

ކޮމެންޓް

Placeholder

ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑް ކަޕް 2022