އިންޑިއާގެ ސިޓީއެއްގެ ވައި ނުސާފުކަމުން ފުސްވެފައި: އިންޑިއާއަކީ ދުނިޔޭގެ ތިމާވެއްޓަށް ވެސް އޮތް ނުރައްކަލެއް

ތިމާވެށި

ތިމާވެށީގެ ލިސްޓުން އިންޑިއާ އެންމެ ފުލަށް، ރާއްޖެ 113 ވަނާގައި

ޔޭލް އާއި ކޮލޮމްބިއާ ޔުނިވާސިޓީން އެކުލަވާލި އިންޑެކްސްގައި މި ސަރަހައްދަށް ދަށް މަގާމުތަކެއް

މުހިންމު ނުކުތާތައް

އިންޑިއާގެ ވައި ނުސާފުވެ، ގްރީންހައުސް ގޭސް (ޖީއެޗްޖީ) ބޭރުކުރުން ހަލުވިކަމާ އެކު ދަނީ މައްޗަށް

ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ޑެންމާކް، އިނގިރޭސިވިލާތް، ފިންލޭންޑް

ރިޕޯޓް ބަލައިގަންނަން އިންޑިއާ ސަރުކާރުން ވަނީ ދެކޮޅުހަދާފައި

ދުނިޔޭގެ 180 ގައުމެއްގެ މައުލޫމާތު ބޭނުންކޮށްގެން ޔޭލް ޔުނިވަސިޓީ އާއި ކޮލަމްބިއާ ޔުނިވާސިޓީން އެކުލަވާލި ރިޕޯޓްގެ އެންމެ ފުލަށް އިންޑިއާ ހިނގައްޖެ އެވެ.

'އެންވަޔަރަމަންޓަލް ޕާފޯމަންސް އިންޑެކްސް 2022' ރިޕޯޓްގައި ރޭންކިން ބިނާކުރީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށްޓާއި އާންމު ސިއްހަތާއި، އިކޯސިސްޓަމް ވައިޓަލިޓީ ހިމެނޭ ގޮތަށް 40 ކަމެއްގެ މައްޗަށް ބިނާކޮށެވެ. 

މި އިންޑެކްސް އިން ދައްކާ ގޮތުގައި އިންޑިއާ، ނޭޕާލް، އަދި ޕާކިސްތާން ފަދަ ދެކުނު އޭޝިއާގެ ގައުމުތައް ވައިގެ ނުސާފުކަމުގެ ގޮތުން އުޅެނީ ވަރަށް ފަހަތުގަ އެވެ.

އިންޑިއާގެ ވައި ނުސާފުވެ، ދުރު ފެންނަވަރު ވެސް ނުވޭ

ވައިގެ ނުސާފު މިންވަރު ދަށްވުމުގެ އިތުރުން، އިންޑިއާ އެ ލިސްޓްގެ އެންމެ ފުލަށް ދިޔައީ ގްރީންހައުސް ގޭސް ދޫކުރުން ހަލުވިކަމާ އެކު އިތުރުވަމުންދާ ދިއުން ވެސް އޭގެ ތެރޭގައި ހިމަނާފައި ވާތީ އެވެ.

ރާއްޖެ އުޅެނީ އެ ލިސްޓްގެ 113 ވަަނައިގަ އެވެ.

ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަންދޭ ގޮތަށް ބަލާއިރު އެންމެ ދަށް ރޭންކިންގައި އުޅެނީ މިޔަންމާ (179)، ވިއެޓްނާމް (178)، ބަންގްލަދޭޝް (177)، ޕާކިސްތާން (176)، އަދި އިންޑިއާ (180) އެވެ.

އެންވަޔަރަމަންޓް ޕާފޯމަންސް އިންޑެކްސްގެ އެންމެ ކުރީގައި އުޅެނީ ޑެންމާކް، އިނގިރޭސިވިލާތް، ފިންލޭންޑް، ސްވިޑެން، ލަކްސެންބާގް، ސްލޮވީނިއާ، އޮސްޓްރިއާ، ސްވިޓްޒަލޭންޑް އަދި އައިސްލޭންޑް އެވެ.

ވައިގެ ކޮލިޓީ ދަށްވުމާއި ގްރީންހައުސް ގޭސް ބޭރުވުން އިތުރުވުމާ ގުޅޭ މައްސަލަތަކާއި ހެދި ޗައިނާއަށް ވެސް ލިބުނީ އީޕީއޭ ރޭންކިން ޗާޓުގެ ފުލުގެ ޖާގައެކެވެ. އެގޮތުން 180 ގައުމުގެ ތެރެއިން ޗައިނާ އޮތީ 160 ވަނައިގަ އެވެ.

އިންޑިއާއިން ރިޕޯޓު ބަލައެއް ނުގަނޭ

އިންޑިއާގެ ސިޓީއެއް: ތިމާވެށި ހިމާޔަތްކުރަން އިންޑިއާއިން ދޭ ސަމާލުކަން ކުޑަ

އިންޑިއާގެ އެންވަޔަރަމަންޓް މިނިސްޓްރީ އިން ވަނީ މި ރިޕޯޓް ބަލައިގަތުމާ ދެކޮޅުހަދައިފަ އެވެ. އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ރިޕޯޓް އެކުލަވާލަން ބޭނުންކޮށްފައިވާ ބައެއް އިންޑިކޭޓަރުތަކަކީ އަސްލު ނަމްބަރުތަކުގެ ބަދަލުގައި މާ ބޮޑަށް ލަފާކުރުންތަކަކަށް ބިނާކޮށް އެކުލަވާލި ސައިންސްޓިފިކް ނިންމުންތަކެއް ނޫން ކަމަށެވެ.

މީގެ އިތުރުން އެ ގައުމުން ބުނި ގޮތުގައި ރިޕޯޓްގައި ފާހަގަކުރާ އެއް އިންޑިކޭޓަރު ކަމުގައިވާ "ޕްރޮޖެކްޓެޑް ޖީއެޗްޖީ އެމިޝަންސް އިން 2050" ކަނޑައެޅުމުގައި ބެލީ ހަމައެކަނި ވޭތުވެ ދިޔަ 10 އަހަރުގެ އެމިޝަންތަކުގެ އެވްރެޖަކަށެވެ. 

އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އާއި ޖަންގައްޔާއި ކުޅިތައް ފަދަ ބޮޑެތި ކާބަން ސިންކް ހުރި މިންވަރާއި ހަކަތައިގެ އިސްރާފު ކުޑަކުރަން އިންޑިއާއިން ކުރަމުން އަންނަ ކަންކަމަށް ބަލާފައި ނުވާ ކަމަށް ވެސް އިންޑިއާއިން ބުނެ އެވެ.

ރިޕޯޓުގައި ހިމެނޭ އެހެން ކަންކަން

ޑެންމާކް: ތިމާވެށި ހިމާޔަތްކުރުމާއި ވައި ސާފު މިންވަރަށް ބަލާއިރު އުޅެނީ އެއް ވަނާގައި

ބައިނަލްއަގުވާމީ ގޮތުން ކަނޑއަޅާފައިވާ މިންގަނޑުތަކަށް ވުރެ ތަރައްގީވަމުން އަންނަ ބޮޑު ގައުމުތަކުން ބޭރު ކުރާ ގްރީންހައުސް ގޭސްތައް ނުވަތަ ޖީއެޗްޖީ އިތުރުވަމުން ދާކަން މި ދިރާސާއިން ދައްކަ އެވެ. އަދި ގްލާސްގޯގައި 2021ގައި އެކުލަވާލި މޫސުމާ ބެހޭ މުއާހަދާގައި ކަނޑައަޅާފައިވާ އަމާޒެއް ކަމަށްވާ 2050 އަންނަން ވާއިރަށް ނެޓް ޒީރޯ ޖީއެޗްޖީއަށް ވާސިލްވެވޭނެ މިންވަރަށް ޖީއެޗްޖީ ބޭރުވުން ދަށްވާތަނެއް ނުފެނެ އެވެ.

ވޭތުވެދިޔަ 10 އަހަރު ބޭރުކުރި ގްރީންހައުސްގެ މިންވަރު ހުރި ގޮތަށް ބަލާއިރު 2050ގައި ގިނަ ގައުމުތަކަށް ނެޓް-ޒީރޯގެ ލަނޑުދަނޑިއާ ހަމައަށް ވާސިލް ނުވެވޭނެ ކަމަށް ވެސް، ރިޕޯޓްގައި ބުނެ އެވެ.

"އެމެރިކާ ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ގައުމުތައް - އަމާޒަށް ވުރެ މާ ދަށްވާނެ ކަމަށް ލަފާކުރެވެ އެވެ،" ރިޕޯޓުގައި ލިއުނެވެ.

ޔޭލް ސެންޓަ ފޯ އެންވަޔަރަމަންޓް ލޯ އެންޑް ޕޮލިސީގެ ޑިރެކްޓަރު ޕްރޮފެސަރު ޑޭން އެޓްސީ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަަރުތަކުން ސަލާމަތްވާން ހީކުރާ ވަރަށް ވުރެ ބޮޑު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ޑެންމާކްގެ މާގެއްގައި ބަޔަކު ބައިސްކަލް ދުއްވަނީ: ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ގައުމެއް

ގްލާސްގޯ މުއާހަދާގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް 2050 އަންނަ އިރު ވާސިލްވެވޭނީ ޑެންމާކް އާއި އިނގިރޭސިވިލާތް ފަދަ މަދު ގައުމުތަކަކަށް ކަމަށް ރިޕޯޓްގައި ލަފާކުރެ އެވެ. މި ގައުމުތަކުން މިހާރު ވެސް ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. މިސާލަކަށް ޑެންމާކްއިން ވަނީ 2030 އަންނަ އިރު ގްރީންހައުސް ގޭސްތައް ބޭރުކުރުން 1990ގެ އަހަރުތަކުގައި ހުރި މިންވަރަށް ވުރެ ވެސް %70 އަށް ދަށްކުރަން ނިންމައިފަ އެވެ. އެއީ ކަރުދާހުގައި ލިޔެފައި އޮންނަ އެއްޗެއްގެ ބަދަލުގައި ނަތީޖާ ހާސިލްކުރަން އަމަލީ ގޮތުން ވެސް އެ ގައުމުން މަސައްކަތް ކުރެ އެވެ. އެގޮތުން ޖީއެޗްޖީ ޓެކްސް ވަނީ މަތިކޮށްފަ އެވެ. 

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 2050 އަންނަ އިރު ދުނިޔެއިން ބޭރުކުރާ ގްރީންހައުސް ގޭސްތަކުގެ %50 އަށް ވުރެ މަތީ މިންވަރެއް ހިއްސާކުރާނީ  ޗައިނާ، އިންޑިއާ، އެމެރިކާ، އަދި ރަޝިޔާ އިންނެވެ.

އީޕީއައިގެ ޕްރޮޖެކްޓް ޑިރެކްޓަރު މާޓިން ވޯލްފް ވިދާޅުވީ ގްރީންހައުސް ގޭސްތައް ބޭރުކުރުން އެމެރިކާއިން ހަލުވިކަމާ އެކު ދަށްކުރަމުން އައި ނަމަވެސް ނެޓް ޒީރޯއަށް ވާސިލްނުވެވޭނެ ސަބަބަކީ ގްރީންހައުސް ގޭސްތައް އެމެރިކާއިން ބޭރުކުރާ މިންވަރު ނިސްބަތުން އާދަޔާ ހިލާފަށް މަތިވުމުން ކަމަށެވެ.

ކޮމެންޓް (2)

ސަލިމް

11 ޖޫން 2022
އެކަމަކު މިމީހުން މި އުޅެނީ މި ދިވެހި ރާއްޖެ ތިމާވެށި ހިމާޔަތް ނުކުރެވިގެން، ކިހާބޮޑު ކަމެއްތޯ ދެން މީ މި ޤައުމަށް
0 0

މޯރީ

11 ޖޫން 2022
@ސަލިމް ކޮންމެ ވެސްއެއް ތިމާވެއްޓެއް ހިމާޔަތް ކުރަން ވާނެންނު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް