ދެ ބުރިއަށް ހަދާފައިވާ ޕަދުމާ ބުރިޖު: މަތީގައި ހަތަރު ޓްރެކް، ތިރީގައި އެއް ޓްރެކް ހުރޭ. (ފޮޓޯ/ އަލް ޖަޒީރާ)

ބަންގްލަދޭޝް

ބަންގްލަދޭޝްގެ އެންމެ ދިގު ބުރިޖު ބޮޑުވަޒީރު ހަސީނާ ހުޅުއްވައިދެއްވައިފި

ކޮރަޕްޝަންގެ ތުހުމަތުތަކާއި ސިޔާސީ ފިއްތުންތަކާ ހުރެ އަށް އަހަރަށް މަސައްކަތް ދިގުލައިގެން ދިޔަ ބަންގްލަދޭޝްގެ އެންމެ ދިގު ބުރިޖު ބޮޑުވަޒީރު ޝައިހު ހަސީނާ އިއްޔެ ހުޅުއްވައިދެއްވައިފި އެވެ.

ޕަދުމާ ކޯރުގެ އެއްކޮޅުން އަނެއްކޮޅަށް 6.51 ކިލޯމީޓަރުގެ (4.04 މޭލު) މި ބުރިޖު އެޅުމަށް 3.6 ބިލިއަން ޑޮލަރު ހަރަދުވި އެވެ. ފުރަތަމަ ކެނެޑާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް އަޑު އަރައި ވޯލްޑް ބޭންކާއި އެ ނޫން ވެސް ބައެއް މާލީ އިދާރާތަކުން މަޝްރޫއުއަށް އެހީ ނުވުމުން މުޅި ބުރިޖު އެއްކޮށް ވެސް ނިންމީ ބަންގްލަދޭޝް ސަރުކާރުގެ ހަރަދުގަ އެވެ.

މިއީ ބަންގްލަދޭޝް ރައްޔިތުންގެ ބުރިޖެއް. މިއިން ދައްކައިދެނީ އަހަރެމެންގެ އަޒުމު، ހުނަރުވެރިކަން، ހިތްވަރު އަދި ކަމެއް ހާސިލު ކުރުމަށް އަޒުމު ބަލިނުވާނެކަން

ހަސީނާ

އާންމު ދަތުރު ފަތުރަށް މިއަދު ހުޅުވާލާ އެ ބުރިޖުން ބަންގްލަދޭޝްގެ ވެރި ރަށް ޑާކާ އާއި ދެ ވަނަ އަށް އެންމެ ބޮޑު ބަނދަރު މޮންގަލާއާ ވަނީ ގުޅުވައިދީފަ އެވެ. އެއީ 100 ކިލޯ މީޓަރު (62 މޭލު) ދުރުގައި އޮންނަ ބަނދަރުމަތީ ރަށެކެވެ. ދެ ބުރިއަށް ހަދާފައިވާ ބުރިޖުގެ މަތީ ބައިގައި ހަތަރު ލޭންގެ ހައިވޭއެއް އޮންނަ އިރު ތިރީގައި އޮންނަނީ އެއް ޓްރެކްގެ ރެއިލްވޭ އެކެވެ.

"މިއީ ބަންގްލަދޭޝް ރައްޔިތުންގެ ބުރިޖެއް. މިއިން ދައްކައިދެނީ އަހަރެމެންގެ އަޒުމު، ހުނަރުވެރިކަން، ހިތްވަރު އަދި ކަމެއް ހާސިލު ކުރުމަށް އަޒުމު ބަލިނުވާނެކަން،" ހަސީނާ ވިދާޅުވި އެވެ.

އެ ބުރިޖަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިންފްރާސްޓްރަކުޗާގެ އިސްނެގުމެއް ނޫނެވެ. ނަމަވެސް ބުރިޖު އެޅީ ޗައިނާގެ މޭޖާ ބުރިޖު އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުންނެވެ. އަދި ބަންގްލަދޭޝްގައި ހުންނަވާ ޗައިނާގެ އެމްބެސެޑަރު ލީ ޖިމިން ވިދާޅުވީ އެއީ ޗައިނާ އާއި ބަންގްލަދޭޝްގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ މަޝްރޫއުއެއް ކަމަށެވެ.

ޗައިނާގެ ރެއިލްވޭ ގްރޫޕުން ބުނީ ޕަދުމާ ބުރިޖު މުސްތަގުބަލުގައި ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ރެއިލް ނެޓްވޯކާ ގުޅާލާނެ ކަމަށާއި އެ ބުރިޖު ވެގެންދާނީ ޗައިނާ އާއި ޕޭން-އޭޝިޔަން ރެއިލް ނެޓްވޯކާ ގުޅާލާ މުހިންމު ލިންކަކަށް ކަމަށެވެ.

އިގްތިސާދީ މާހިރުން ވިދާޅުވަނީ ޕަދުމާ ބުރިޖުގެ ސަބަބުން ބަންގްލަދޭޝްގެ ގައުމީ އުފެއްދުންތެރިކަން އަހަރަކު އިތުރަށް %1.3 ކުރިއަރާނެ ކަމަށެވެ. އަދި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުން އަންދާޒާ ކުރާ ގޮތުގައި ބަންގްލަދޭޝްގެ 465 ބިލިއަން ޑޮލަރުގެ އިގްތިސާދު 2021-2022ގައި %6.9ގައި ކުރިއަރައި 2022-2023ގައި އެ އަދަދު %7.1 އަށް މައްޗަށް ޖެހޭނެ އެވެ.

ބަންގްލަދޭޝް ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ބުރިޖު އެ ގައުމުގެ ދެކުނާއި ހުޅަނގު ދެކުނުގެ 21 އަވަށަކާ ދެމެދު ގުޅާލެވޭނެ އެވެ.

ޕަދުމާ ބުރިޖު އެޅުމަށް 4،000 އިންޖިނިއަރުން މަސައްކަތް ކުރި އެވެ. އެ ބުރިޖު އެޅުމަކީ ވަރަށް ބޮޑު ޓެކްނިކަލް ގޮންޖެހުމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ. ފެނު އަޑިއަށް 400 ފޫޓު ފުނަށް 41 ތަނބު ޖަހާފައިވާ އިރު އެއީ ދުނިޔޭގެ ރެކޯޑެކެވެ.

ވޯލްޑް ބޭންކުން 2012 ވަނަ އަހަރު އެ މަޝްރޫއުއިން ނުކުތީ އެ މަޝްރޫއު ފުރަތަމަ ހިންގި ކެނެޑާގެ ކުންފުނިން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ. އަދި އެހެންވެ، އެ ބޭންކުން އެ މަޝްރޫއުއަށް ދޭން ކަނޑައެޅި 1.2 ބިލިއަން ޑޮލަރެއް ނުދިނެވެ.

ވޯލްޑް ބޭންކުގެ އެ ނިންމުމާ އެކު އެ މަޝްރޫއުއަށް ދެން ފައިސާ ދިނުމަށް ނިންމައިގެން ތިބި، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ، އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ވެސް ވަނީ މަޝްރޫއުއިން ނުކުމެފަ އެވެ. އެއަށް ފަހު ހަސީނާ ވިދާޅުވީ ބުރިޖު އަޅާނީ ބަންގްލަދޭޝްގެ އަމިއްލަ ފައިސާގައި އަމިއްލަ ހަރަދުގައި ކަމަށެވެ.

ބުރިޖުގެ ކޮރަޕްޝަންގެ މައްސަލަ ކެނެޑާގެ ކޯޓަކަށް ހުށަހެޅި އެވެ. ނަމަވެސް އެ މަޝްރޫއު ހިންގަން އުޅުނު އެސްއެންސީ-ލެވެލިން ކުންފުނީގެ އިސް ތިން އޮފިޝަލުންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

އެ ތުހުމަތުތަކުން ހަސީނާއަކަށް ވެސް ސަލާމަތެއް ނުވެވުނެވެ. ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާ ވިދާޅުވީ ބުރިޖު މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށެވެ. އިދިކޮޅުން ހަސީނާއަށް ފާޑުކިޔައި ބުނީ ބުރިޖު އެޅުމުގެ ބަޖެޓް ތިން ގުނަ ބޮޑުކޮށް، ކޮރަޕްޝަން ހިންގާފައިވާ ކަމަށެވެ. އެ ހުރިހާ ތުހުމަތަކަށް ހަސީނާ އިންކާރު ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް