Majlis 2024

އޮގަސްޓް 2022ގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީގެ ރައީސް ނަޝީދު އާއި ރައީސް ސޯލިހުގެ އިތުރުން ޗެއާޕާސަން ފައްޔާޒް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްޑީޕީގެ ޕްރައިމަރީ އިންސާފުވެރިކޮށް ގެންދާނެ ކަމަށް ފައްޔާޒަށް އިތުބާރު ކުރަން: ނަޝީދު

22 ޖެނުއަރީ 2023

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް ޓަކައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އިތުބާރު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު - ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވާދަވެރިކަން ބޮޑުވެ، އެމްޑީޕީ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. މި އިންތިހާބުގެ ކަންކަން ފެށުމަށް ޓަކައި ބޭއްވި ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ މަންޒަރު ފެނިގެންދިޔަ އެވެ. އެގޮތުން:

  • މިދިޔަ ޑިސެމްބަރުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހިޔާލުތަފާތުވުން އުފެދުނީ ޕްރައިމަރީ އިންތިޒާމް ކުރާ ކޮމިޓީ އެކުލަވާލާނެ ގޮތަކާ މެދު

  • ކޮމިޓީއަށް ހޮވަން ބޭނުންވާ ފަސް މީހުންގެ ނަން ހުށަހެޅުމަށް ފުރުސަތު ދިނުމުން، ނަޝީދަށް ތާއީދުކުރައްވާ މެންބަރުންގެ ހުށަހެޅުމުގައި އެ އަދަދު ހަމައެއް ނުކުރޭ؛ އެ ފެކްޝަނުން ހުށަހެޅީ ކެންޑިޑޭޓުންގެ ފަރާތުން ދެ މީހަކު އަދި ދެ ފަރާތަށް އެއްބަސްވެވޭ އެކަކު ކޮމިޓީގައި ހިމެނުމަށް

  • ނަޝީދު ފެކްޝަން ބޭނުންވި ގޮތަށް ކޮމިޓީ ހެދުމަށް ފައްޔާޒް ދެކޮޅު ހެއްދެވި

  • އެކަމާ މެދު ބޮޑު ބަހުސެއް ކުރުމަށް ފަހު ވޯޓަށް އެހި ވަގުތު އެ ފެކްޝަންގެ މެމްބަރުން ޖަލްސާދޫކޮށް ދިއުމުން އެ ކޮމިޓީއަށް މެމްބަރުން ހޮވީ ރައީސް ސޯލިހުގެ ފެކްޝަނުން ހުށަހެޅި ގޮތަށް، އެ ބޭފުޅުން ބޭނުންވި ފަސް ބޭފުޅުން

  • ސޯލިހުގެ ފެކްޝަނުން ބޭނުންވި ގޮތަށް ކޮމިޓީ އެކުލަވާލުމުން ނަޝީދު ފެކްޝަނުން ވަނީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލުއުފައްދާފައި؛ އެ މެމްބަރުން ވިދާޅުވީ ޕްރައިމަރީއަށް އިއުލާނުކުރީ ވެސް ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް

އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - އިންތިހާބުގެ ސައްހަކަމާ މެދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ކުރިން ސުވާލުއުފެއްދެވި އިރު، ކެމްޕެއިންގެ ކަންކަމާ ގުޅިގެން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ޕްރައިމަރީގެ ވޯޓުގެ ކަންކަން ސައްހަކަން ކަށަވަރުކުރުމަށް ކުރަން ޖެހޭ ކަންކަމަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ:

  • ވޯޓު ކަރުދާސްކޮޅެއް ދޫކުރަންވާނީ ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންނަށް، އެމީހާ އައިޑީކާޑު ހިފައިގެން ދިއުމުން

  • އެއީ ވޯޓުލާ މީހާގެ އައިޑީކާޑުކަން ކަށަވަރުކުރަން ޖެހޭ

  • ވޯޓު ލާން ފަށާއިރު، ވޯޓު ފޮށި ކައިރީގައި ވޯޓާސް ލިސްޓް އޮންނަން ޖެހޭ

  • ވޯޓު ކަރުދާން ދޫކުރަންވާނީ ވޯޓާސް ލިސްޓުން، ވޯޓު ލާ މީހާގެ ނަން ފާހަގަކުރުމަށް ފަހު

  • ވޯޓު ލާންދާއިރު ފޯނު ނުވެއްދޭ ގޮތަށް ހެދުން

  • ފޮށީގައި ހުރި ވޯޓު ކަރުދާހާއި ބާކީ ހުރި ކަރުދާހުގެ އަދަދާ ޖުމްލަ ވޯޓު ކަރުދާހުގެ އަދަދާ ދިމާވާން ޖެހޭނެ

"މިކަންކަމަކީ އެމްޑީޕީ މެމްބަރުން ވަރަށް ފަރިތަކަމެއް. އަޅުގަނޑު ދެކޭގޮތުގައި މި ވޯޓު ރަނގަޅަށް ސެކިޔޯކޮށް [ރައްކާތެރިކޮށް] އިންސާފުވެރިކަމާ އެކީ ގެންދިއުމަށް ވޯޓު ރަނގަޅަށް ބެލެހެއްޓިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ، އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ޕާޓީގެ ޗެއާޕާސަން އަށާއި އިންތިޒާމް ކުރާ ކޮމިޓީއަށް އެމަނިކުފާނު އިތުބާރު ކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް އިތުބާރު އެބައޮތް ޗެއާޕާސަންގެ މައްޗަށް އަދި އިންތިޒާމް ކޮމިޓީ [އިން] މިކަންކަން ރަނގަޅަށް ބަލަހައްޓަވައިދެއްވާނެ ކަމަށް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް