Majlis 2024

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރު، ފަސްޓްލޭޑީ ފަޒްނާ އަހުމަދު މިރޭ އިފްތިތާހުކޮށްދެއްވަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލައިފި

މި ފަދަ ދަފްތަރަކަށް ބޭނުންވެ، އެކަމަށް އެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރެއް އެކުލަވާލައި، މިރޭ އިފްތިތާހު ކޮށްފި އެވެ.

ވީ ކިހިނެއް؟- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލުމަކީ، އެ ފަދަ މީހުންނާއި އެ މީހުން ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ވެސް ވަރަށް ބޮޑު އެދުމެކެވެ. ދަފްތަރެއް ނެތުމުގެ ސަބަބުން، ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ސީދާ އަދަދެއް ސަރުކާރުގެ އިދާރާތަކަކަށް ވެސް ނޭނގެ އވެެ.

މިއަދު ފާހަގަ ކުރާ،  ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ރ. އަލިފުށީގައި ބޭއްވި ޖަލްސާއެއްގައި، އެ ދަފްތަރު އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ މި ފަދަ ދަފްތަރެއް އޮތުމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ދަފްތަރުގެ އެންމެ ބޮޑު ބޭނުމަކީ:

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މައުލޫމާތު، ރައްކާތެރިކަމާއި ފަސޭހަކަމާ އެކު ބެލެހެއްޓުން

  • އޭގައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން ވަކި ކެޓަގަރީތަކަކަށް ބަހާލެވޭނެ

  • އޭރުން އެއިން ކޮންމެ މީހެއްގެ ހާލަތު ވަކިން ފާހަގަކުރެވޭނެ

  • އަދި ކޮންމެ މީހަކަށް ބޭނުންވާނެ އެހީތެރިކަމާއި އެހީ ދޭންޖެހޭނެ މިންވަރާއި ދޭންޖެހޭނެ ހިދުމަތްތައް ވެސް މި ދަފްތަރުން ކަނޑައެޅި ފާހަގަވެގެންދާނެ

މި ދަފްތަރު ގާއިމުކުރުމުގެ އަނެއް ބޭނުމަކީ، ރައީސް ވިދާޅުވި ގޮތުގައި ރަށްރަށުގައި ދިރިއުޅޭ މީހުންނާއި ކުދިންގެ މަޢުލޫމާތުތައް ވެސް، އެ ރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރަމުން ގެންދިޔުމެވެ. އަދި ގާނޫނުގެ ދަށުން އެ ފަދަ މީހުންނަށް ފޯރުކޮށްދޭން ޖެހޭ މާލީ އެހީ އާއި އެހެނިހެން އެހީތައް ދިނުން، މި ދަފްތަރުގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ރ. އަލިފުށީގައި މިރޭ ބޭއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖަލްސާއަށް ރައީސްގެ ދެކަނބަލުން ވަޑައިގެން، ބައެއް މީހުންނާ ސަލާމް ކުރައްވަނީ

'ފަހުރުވެރި އާއިލާ، އޯގާވެރި ސަރުކާރު'ގެ ޝިޔާރުގެ ދަށުން، މި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ސަރުކާރުން ވަނީ އެންސްޕާއާ ހަވާލުކޮށްފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހިކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ، އެމީހެއްގެ ހާލަތަށް ރިއާޔަތްކޮށް، ދޭން ޖެހޭ ހިދުމަތްތައް އެ މީހަކު އުޅޭތަނަކުން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. އެ ހިދުމަތް ދިނުމަށްޓަކައި، މިހާތަނަށް 4 އަތޮޅެއްގައި، 'ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް'ތައް ހިންގައި، ހިދުމަތް ދޭނެ މީހުން ތަމްރީނު ކުރެއްވިއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް އެބަ ގެންދަން. އަދި ތެރަޕިއުޓިކް ފަރުވާއަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ވެސް މެދުކެނޑުމެއް ނެތި ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

"މިރޭ އަޅުގަނޑުމެން މި އިފްތިތާހު ކުރި ދަފްތަރުގެ ސަބަބުން ވެސް، މިދެންނެވި އެހީތައް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާވާނެ." 

އިތުރު އާޓިކަލް

އިތުރު އާޓިކަލް