Majlis 2024

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (ކ) އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 6 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ގުޅިފައިވާ ބަޔާނެއް ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތު ހިފަހައްޓަން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނީ އދ.ގައި ޗާގޮސް ގަރާރުތަކާ ދެކޮޅު ނުހެދުމަކީ އިން ވަކިކުރުމުގެ މައްސަލައިގެ އެއްވެސް ސްޓޭންޑަކަށް ބަދަލެއް ނާންނާނެ ކަމެއްކަން މޮރިޝަސްއަށް ވާނީ އަންގާފައި ކަމަށް

ޗާގޮސް ރަށްތަކުގެ ސިޔާދަތީ ބާރާ މެދު މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް މައްސަލައިގައި، އދ.ގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނުމަށް ރާއްޖެއިން ނިންމީ ރާއްޖެ އާއި މޮރިޝަސްގެ ގުޅުމަށާއި ރާއްޖެ މިނިވަންވީއްސުރެ އދ.ގެ އާއްމު މަޖިލީހުގައި ގެންގުޅެމުން އަންނަ، އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް ކަމަށް ފޮރިން މިނިސްޓްރީން ރޭ ބުނެފި އެވެ.

އިސްތިއުމާރީ އަޅުވެތިކަން ކުރިމަތިވެފައިވާ ގައުމުތަކަށް ތާއީދުކުރުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ "ކޮންސިސްޓެންސީ" ހިފެހެއްޓޭނެ ގޮތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މައްސަލައިގެ ފެށުން - ފޮރިން މިނިސްޓްރީން ރޭ ދަންވަރު ނެރުނު ނޫސް ބަޔާނެއްގައި އެ ގޮތަށް ބުނީ، ހަ މަސް ދުވަހުގެ ތެރޭގައި ޗާގޮސް ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތަށް ގޮވާލާ ގަރާރަކާ ދެކޮޅަށް 2019ގައި ރާއްޖެއިން އދ.ގެ އާއްމު މަޖިލީހުގައި ވޯޓު ދިނުމަށް ފަހު، އެ ސްޓޭންޑް މިދިޔަ އޮގަސްޓް މަހު ބަދަލުކުރިކަން މިދިޔަ ބުރާސްފަތި ދުވަހު އެނގި، ސަރުކާރަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވުމުންނެވެ.

ވީ ކިހިނެއް؟ - އދ.ގައި އިނިގިރޭސިވިލާތުގެ ބަދަލުގައި މޮރިޝަސްއަށް ތާއީދުކުރަން ނިންމިކަން ސަރުކާރުން ހާމަކުރީ ރާއްޖޭގެ ދެކުނުން ޗާގޮސްއާ ދެމެދު މޮރިޝަސް އާއި ރާއްޖޭގެ އިން ކަނޑައެޅުމަށް، ކަމާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއްގަ އެވެ.

މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އޮތް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވުމުން ޓްރައިބިއުނަލްގައި ރާއްޖެއަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފާޑުކީ ނަމަވެސް ސަރުކާރުން ބުނަމުން ގެންދަނީ ރާއްޖެ-މޮރިޝަސްގެ އިމުގެ މައްސަލައަކީ އެއާ މުޅިން ތަފާތު ކަމެއް ކަމަށެވެ. 

ތަފްސީލް - ފޮރިން މިނިސްޓްރީން ބުނިގޮތުގައި، އިނގިރޭސިވިލާތުން 1965ގައި މޮރިޝަސް އިން ޗާގޮސް ވަކިކުރި މައްސަލައިގައި އދ.ގެ އާއްމު މަޖިލީހަށް ހުށަހަޅާ ގަރާރުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ރާއްޖެ އިން ވަނީ ނިންމައިފަ އެވެ. ނަމަވެސް، ޗާގޮސްގެ މައްސަލައާ ގުޅޭގޮތުން އާއްމު މަޖިލީހުގައި ހުށަހަޅާ ގަރާރުތަކާ ދެކޮޅު ނުހެދުމަކީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިޓްލޮސްގައި އޮތް މައްސަލައިގައި ރާއްޖެއިން "ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެއް ކަމުގައި ބުނުމަށް ނިންމައި، އެކަން މޮރިޝަސްގެ ސަރުކާރަށް ވާނީ އަންގާފަ" ކަމަށް ބަޔާނުގައިވެ އެވެ.

'ދެގޮތެއް ނުވާ ސިޔާސަތެއް'

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ރާއްޖެއަށް 1965 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބި ހަމަ އެ އަހަރު އދ.ގެ މެމްބަރަކަށް ވުމަށް ފަހު، މިހާތަނަށް އައި ހުރިހާ ސަރުކާރަކުން ވެސް ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެއީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދެމުން އައިސްފައިވާ، ދެގޮތެއްނުވާ ސިޔާސަތެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، އެއާހިލާފަށް، މޮރިޝަސްއާ ޗާގޮސް ހަވާލުކުރުމަށް ގޮވާލާ އދ.ގެ ގަރާރާ 2019ގައި ރާއްޖެއިން ދެކޮޅުހެދީ، ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ އިތުރުކުރުމަށް ކަމާބެހޭ ބައިނަލްއަގުވާމީ ކޮމިޝަނަށް 2010ގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް މޮރިޝަސް އިން ރަސްމީކޮށް އިއުތިރާޒު ހުށަހަޅާފައިވާތީ އެވެ.

އެއީ، ރާއްޖެއާ ދެމެދު ހާއްސަ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް)ގެ އިން ވަކިކުރުމަށް މޮރިޝަސް އިން އިޓްލޮސްއަށް ހުށަހަޅައިގެން އުޅޭ މައްސަލައާ ވަކި މައްސަލައެކެވެ. 

އެނގުން މުހިންމު - ރާއްޖޭގެ އުތުރުން، ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާއާ ދެމެދު އިގްތިސާދީ ސަރަހައްދުގެ އިން ވަކިކޮށް، އެއްބަސްވުންތަކެއް ހަދާފައި ވިޔަސް ރާއްޖޭގެ ދެކުނުން އެފަދައިން އިން ވަކިކޮށްފައި ނުވާ ކަމަށް، މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެ ތަމްސީލްކުރައްވާ އިސް ވަކީލު ޕްރޮފެސަރު ޕާޔަން އަކާވަން ރޭ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވިގޮތުގައި ދެކުނުން ރާއްޖޭގެ އިން ވަކިނުކުރެވި އޮތީ ޗާގޮސް ރަށްތަކުގެ މިލްކުވެރި ފަރާތަކީ ކޮން ބައެއްކަން ކުރިން ކަނޑައަޅާފައި ނުވާތީ އެވެ.

ރާއްޖެ-މޮރިޝަސް މައްސަލަ އައީ ކިހިނެއް؟

ފޮރިން މިނިސްޓްރީން ފާހަގަކުރިގޮތުގައި، ޗާގޮސް ރަށްތަކަކީ އެ ރަށްރަށުގައި ތިބި މީހުން އެ ތަނުން ބާލައި އިނގިރޭސިވިލާތުގެ އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ގެންގުޅޭ ތަނެއް ކަމަށާއި އެއީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް ބުނެ މަޝްވަރާކުރެވޭތާ އެތައް އަހަރެއް ވަނީ ވޭތުވެފަ އެވެ.

ކަން އެހެން އޮއްވާ، އދ.ގެ އާއްމު މަޖިލީހުން 2017 ވަނަ އަހަރު، އެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން 2019ގައި އިސްތިޝާރީ ލަފާ ދިނީ ޗާގޮސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށެވެ.

ހަމަ އެ އަހަރު އދ.ގެ އާއްމު މަޖިލީހުގެ ގަރާރު ފާސްކުރީ އެ ލަފަޔާ ވިިދިގެންނެވެ. އަދި ރާއްޖެއާ އިން ވަކިކުރުމަށް މޮރިޝަސް އިން އިޓްލޮސްއަށް ދިޔައީ ވެސް އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށެވެ.

މޮރިޝަސްއަށް އެ ދައުވާ ނުކުރެވޭނެ ކަމަށް އިޖުރާއީގޮތުން އެ ޓްރައިބިއުނަލްގައި ވަކާލާތުކޮށް، ރާއްޖެއަށް ވަނީ ނާކާމިޔާބުވެފަ އެވެ. ޓްރައިބިއުނަލް އިން މިދިޔަ އަހަރު ނިންމީ ޗާގޮސްގެ ސިޔާދަތީ ބާރު އޮތް ފަރާތަކީ މޮރިޝަސް ކަމަށް ވާތީ، ރާއްޖެއާ ފުށުއަރާ ސަރަހައްދު ބައިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެނގުން މުހިއްމު - އިޓްލޮސްގެ އެ ނިންމުމަކީ، ރާއްޖެ އިން އދ.ގައި މޮރިޝަސްއާ ދެކޮޅަށް 2019ގައި ވޯޓު ދިނުމަށް ފަހު މި އަހަރު އެ ސްޓޭންޑް ބަދަލުކުރުމާ ދެމެދު، ހާލަތަށް އައި ބޮޑު ބަދަލެކެވެ.

ރާއްޖެ ބައިވެރިވެފައިވާ މުއާހަދާއެއް ކަމަށްވާ ދުނިޔޭގެ ކަނޑުތަކުގެ ގާނޫނުގެ ދަށުން، އައްސޭރިފަށެއް އޮތް ކޮންމެ ގައުމަކަށް ވެސް، އައްސޭރިފަށުން ފެށިގެން 200 މޭލު އެ ގައުމެއްގެ ހާއްސަ އިގްތިސާދީ ސަރަހައްދު (އީއީޒެޑް)ގެ ގޮތުގައި ކަނޑައެޅެ އެވެ. ނަމަވެސް ޖެހިގެން އޮންނަ ގައުމާ ދެމެދު 200 މޭލު ހަމަނުވެ ދެ ގައުމުގެ އީއީޒެޑް ފުށުއަރާ ނަމަ އަމަލުކުރަން އޮންނަ ގޮތަކީ، ފުށުއަރާ ސަރަހައްދު ދެ ގައުމުގެ ދެމެދުގައި ބަހާލުމެވެ. ރާއްޖެ އާއި މޮރިޝަސްގެ އިން ވަކިކުރުމާ ގުޅޭގޮތުން ހިނގަމުންދާ މައްސަލައިގެ އަސްލަކީ، އެ ގޮތަށް ފުށުއަރާ ސަރަހައްދެއް އޮތުމެވެ. 

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އީއީޒެޑް ފުށުއަރާ ސަރަހައްދު ވިލު ކުލައިން އަދި އިން ވަކިކުރުމުގައި ހިޔާލުތަފާތުވާ ސަރަހައްދު ދަނބު ކުލައިން ފާހަގަކޮށްފައި.

ޗާގޮސްއާ ފުށުއަރާ ސަރަހައްދު ބައިކުރަން ޖެހޭކަން ރާއްޖެއިން ވެސް ބަލައިގަނެ އެވެ. މޮރިޝަސް އާއި ރާއްޖޭގެ ހިޔާލުތަފާތުވެގެން އުޅެނީ އެ ސަރަހައްދު ބައިކުރާނެ ގޮތަކާ މެދުގަ އެވެ.

މި މައްސަލައާ ގުޅޭ ކަންކަން ސާފުކޮށްދޭން ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޖަރުމަންގެ ހަމްބާގުގައި ހުންނަވައި ވާޗުއަލްކޮށް ވާހަކަ ދައްކަވަމުން ޕާޔަން ވިދާޅުވިގޮތުގައި:

  • ދެ ފަރާތުން ފުށުއަރާ ސަރަހައްދުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 90،000 އަކަ ކިލޯމީޓަރު

  • އެ ބައިގެ އިން ވަކިކުރުމުގައި %95 ސަރަހައްދުގައި ހިޔާލު ތަފާތުވުމެއް ނެތް؛ މައްސަލަ އުޅެނީ %5 ވަރު ސަރަހައްދެއްގައި

  • އެއީ ގާތްގަނޑަކަށް 3،000 - 4،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް

"ދެ ގައުމަށް ވެސް ގާތްގަނޑަކަށް ލިބޭނީ 50/50 ސަރަހައްދެއް. އެކަމަކު ކޮންމެވެސް އެއް ބަޔަކަށް 3،000 ނުވަތަ 4،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް އިތުރަށް ލިބިދާނެ،" ކަނޑާ ބެހޭ ގާނޫނީ ދާއިރާގައި މަސައްކަތްކުރެއްވުމުގެ 35 އަހަރުގެ ތަޖުރިބާ ހުރި ޕްރޮފެސަރު ވިދާޅުވި އެވެ.

"ރާއްޖެއިން ވަރަށް ވަރުގަދައަށް ރާއްޖޭގެ ޕޮއިންޓް ދިފާއުކުރިން. އަޅުގަނޑުމެން އެންމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް މިކަމުގައި މަސައްކަތްކުރިން."

ޗާގޮސް ރަށްތަކަކީ ރާއްޖޭގެ ބަޔަކަށް ހަދަން ޖެހިފައި އޮތް ތަނެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް، ރައީސް އޮފީހުން މިދިޔަ އާދީއްތަ ދުވަހު ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތް ކަމަކަށް އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާނުކުރާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް