Majlis 2024

ޑޮނަލްޑް ޓްރަމްޕު. (ފޮޓޯ/ ސީއެންއެން)

ޓްރަމްޕު ރައީސްކަމަށް ކުރިމަތިލެއްވީ ކީއްވެ؟

ސިޔާސީ ދާއިރާގައި ޓްރަމްޕަކީ އާދަޔާ ހިލާފު ބޭފުޅެއް. އޭނާގެ ސަބަބުން އެމެރިކާގައި އުފެދިފައި އޮތް ސިޔާސީ ބައިބައިވުން ވަނީ އިންތިހާ އިތުރުވެފައި
27 ސެޕްޓެމްބަރު 2022
1

ސިޔާސީ ބޭފުޅެއް ކައިރީ ރައީސް ކަމަށް ކުރިމަތިލެއްވީ ކީއްވެތޯ އަހައިފި ނަމަ ލިބޭނީ "އަހަރެން ބޭނުންވީ ވީހާ ވެސް ގިނަ ބަޔަކަށް، ވީހާ ވެސް ރަނގަޅު ކަންކަން ކޮށްދޭން" ފަދަ ޖަވާބެކެވެ. ނަމަވެސް ޑޮނަލްޑް ޓްރަމްޕަކީ އާންމުކޮށް މި އުޅޭ ސިޔާސީ ލީޑަރުން ކަހަލަ ބޭފުޅެއް ނޫނެވެ.

ނިއު ޔޯކް ޓައިމްސްގެ މެގީ ހާބަމަން ލިޔުއްވަމުން ގެންދަވާ 'ކޮންފިޑެންސް މޭން: ދަ މޭކިން އޮފް ޑޮނަލްޑް ޓްރަމްޕް އެންޑް ދަ ބްރޭކިން އޮފް އެމެރިކާ' ފޮތަށް ޓްރަމްޕު ދެއްވި އިންޓަވިއެއްގައި، އޭނާ ރައީސް ކަމަށް ފުރަތަމަ ކުރިމަތިލެއްވި ސަބަބާއި ކުރިމަތި ލައްވާނެ ސަބަބު ވަނީ ހާމަކުރައްވާފަ އެވެ.

"އަހަރެންނާ އެންމެ ގިނައިން ކުރެވޭ ސުވާލަކީ 'އަނެއްކާވެސް ކުރަން ޖެހިއްޖެ ނަމަ ކުރާނަންތޯ'،" ޓްރަމްޕު  މި އިންޓަވިއުގައި ވިދާޅުވި އެވެ. 

"ޖަވާބަކީ އާނ، ހީވޭ އަހަރެން ކުރާނެހެން. މިއީ އަަހަރެން މިކަމާ މެދު ވިސްނާ ގޮތް. އަހަރެންގެ އެބަތިބި ވަރަށް މުއްސަނދި ރައްޓެހިން، އެކަމު އެއްވެސް މީހަކަށް ނޭނގެ އެއީ ކޮން ބައެއް ކަމެއް."

ޓްރަމްޕު މި ވިދާޅުވަނީ، ރައީސް ކަމަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފި ނަމަ އެކަން އޭނާ އަނެއްކާވެސް ކުރައްވާނީ އެކަމުގެ ސަބަބުން އޭނާ މަޝްހޫރު ވާތީ އެވެ. ރައީސް ކަމަށް ކުރިމަތިލެއްވުމުގެ މައިގަނޑު ބޭނުމަކީ މަޝްހޫރުކަން ހޯއްދެވުން ކަމުގަ އެވެ. ޓްރަމްޕުގެ މަގްސަދު ވަނީ ވަރަށް ބޮޑަށް ވެސް ހާސިލުވެފަ އެވެ.

މި ސުވާލަށް ސިޔާސީ ބޭފުޅުން އާންމުކޮށް ދެއްވާ ކަހަލަ ޖަވާބެއް ދެއްވަން ޓްރަމްޕު މަސައްކަތެއް ވެސް ނުކުރައްވަ އެވެ. ފުރަތަމަ ވެސް ތެދުވެރިކަމާ އެކު އޭނާ ވިދާޅުވެފައި މި ވަނީ އޭނާއަށް ކުރާނެ އަމިއްލަ ފައިދާތަކުގެ ވާހަކަ އެވެ. ޓްރަމްޕުގެ ފަރާތުން އިވޭ މިފަދަ ބަސްފުޅުތަކަކީ މިހާރު ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އިރު އޭނާގެ އަމިއްލަ ވިޔަފާރިއަށް ވަމުންދާ ގެއްލުންތަކުގެ ވާހަކަތައް ވެސް ޓްރަމްޕު ވަނީ އެކި ފަހަރު މަތިން ސްޓޭޖުމަތީގައި ހިއްސާ ކުރައްވާފަ އެވެ.

"[ރައީސްކަމުގެ] ޝަރަފާ ހެދި އަހަރެންނަށް 3-5 ބިލިއަން ޑޮލަރުގެ ގެއްލުމެއް އެބަވޭ، އެކަމަކު އަހަރެން އަޅައެއް ނުލާނަން. މުއްސަނދިން އަޅާލާ ކަހަލަ ކަންކަމެއް ނޫން އެއީ. އަހަރެން ބޭނުންވަނީ ރަނގަޅަށް ޒިންމާ އަދާކުރަން،" 2019 ވަނަ އަހަރު ޕެންސިލްވޭނިއާގައި އޮތް އެއްވުމެއްގައި ޓްރަމްޕު ވިދާޅުވެފައިވެ އެވެ.

ޓްރަމްޕަށް ރައީސްކަން ވީ އަމިއްލަ ބޭނުންތައް ފުއްދާލެވޭނެ ކަމަކަށެވެ. އޭނާގެ މަޝްހޫރުކަން އިތުރުވެ، އޭނާ މާކެޓު ކުރެވޭ ވަރު އިތުރުވެ، އޭނާގެ މުހިންމުކަން އިތުރުވި އެވެ.

އަމިއްލަ ހަޔާތުގައި ދިމާވެފައި ހުރި ކަންކަމާ މެދު ވެސް ޓްރަމްޕު ވިސްނަވަނީ މި ގޮތަށެވެ. ލިބިވަޑައިގަންނަވާ ފައިދާތައް އިތުރަށް ފުޅާވެ، އިތުރަށް މުއްސަނދިވާނެ ގޮތެކެވެ.

"ޝޯ އަކީ ޓްރަމްޕު އަދި ހުރިހާ ތަނެއްގައި މި ޝޯގެ ޓިކެޓުތައް ވަނީ ވިކި ހުސްވެފައި،" މީގެ 30 އަހަރު ކުރިން ޕްލޭބޯއި މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވެފައިވާ މި ބަސްފުޅުން އޭނާގެ ހަޔާތުގެ ގިނަ ކަންކަން ދޭހަވެގެން ދެ އެވެ.

ޓްރަމްޕު ރައީސްކަމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރުވަމުން ދިޔައިރު، ރައީސްކަމުގެ މަގާމު އޭނާ ފުރުއްވާނީ އާންމުކޮށް އެކަން ކުރާ ގޮތައްތޯ ނުވަތަ އޭނާގެ އަމިއްލަ ސްޓައިލަކަށްތޯ ވެސް މެދު ގިނަ ބަޔަކު ދިޔައީ ބަހުސް ކުރަމުންނެވެ. އޭނާ އެ މަގާމު ފުރުއްވާފައިވާ ގޮތާ މެދު މިހާރު ވިސްނާލާއިރު، އަމިއްލަ މަޝްހޫރުކަން އިތުރުކުރުމަށް އެ މަގާމު މުޅިން ބަދަލުކޮށްލާފައި ވާކަން ސާފުކޮށް އެނގެ އެވެ. 

ދުނިޔޭގެ އެންމެ ބާރުގަދަ ބޭފުޅާގެ މަގާމާ ހަވާލުވުމުގެ ކުރިން ޓްރަމްޕު ދުވަހަކު ވެސް ސަރުކާރުގައި މަސައްކަތް ކުރައްވާފައެއް ނުވެ އެވެ. އަދި އެމެރިކާގެ ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ކުރިމަތިލައްވައި އެ އިންތިހާބު ޓްރަމްޕު ކާމިޔާބު ކުރައްވައިފި ނަމަ، އޭނާގެ ފަރާތުން ފެނިގެން ދާނެ ކަންތައްތައް އެއްވެސް ގޮތަކަށް ތަފާތުވާނެ ކަމަށް ނުބެލެވެ އެވެ.

ކޮމެންޓް (1)

ޖޯ ބައި

27 ސެޕްޓެމްބަރު 2022
ސަޅި ލިޔުމެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް