ގުލޫޓެންއަށް ނުގުޅޭ ނަމަ ގުލުޓެން ހިމެނޭ ބާވަތްތައް ކެއުމުން އެކި ކަހަލަ އަލާމާތްތައް ފެނޭ

ފުޑް

ބައެއް މީހުން ގުލޫޓެންއާ ނުގުޅެނީ ކީއްވެ؟

ގުލޫޓެންއަކީ ގޮވާމުގެ ބާވަތްތަކުގައި ހުންނަ ޕްރޮޓީނެއް. ގޮދަން، ބާލީ، ރައީގައި ގުލުޓެން ހިމެނޭ. ދިވެހިންގެ ކެއުމުގައި ގުލުޓެން ހިމެނޭ އެންމެ އާއްމު އެއް ބާވަތަކީ ގޮދަން
27 ސެޕްޓެމްބަރު 2022
1

މުހިންމު ނުކުތާތައް

ގުލޫޓެންއާ ނުގުޅޭ މީހުން ގުލޫޓެން ބާވަތްތައް ކެއުމުން އެކި ކަހަލަ އަލާމާތްތައް ފެނޭ

ސިލިއެކް ޑިޒީޒް ހުންނަ ނަމަ އެއްވެސް ގޮތަކަށް ގުލޫޓެން އެކުލެވޭ އެއްޗެއް ނުކެވޭނެ

ޒަމާނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޖެނެޓިކަލީ މޮޑިފައިޑް އޮށުގެ ސަބަބުން ހަޖަމުކުރާ ނިޒާމަށް އުނދަގޫވެ

އަހަރެމެންގެ ކާބަފައިންނަށް ކެއިންބުއިމުގައި ބޮޑު ގޮންޖެހުންތަކެއް ކުރިމައްޗެއް ނުވެ އެވެ. ލިބޭ ހުރިހާ ބާވަތެއްގެ ކާނާއާ ގުޅެ އެވެ. ހަޖަމުކުރަން ފަސޭހަ އެވެ. އުނދަގުލެއް ނެތެވެ. ނަމަވެސް މިހާރަކަށް އައިސް އިވޭ އެއް ވާހަކަ އަކީ "ގުލޫޓެން އިންޓޮލަރެންސް" ފަދަ ކަންކަން ލައިގަންނަ ވާހަކަ އެވެ. 

ޑރ. ޑިމްޕަލް ޖަންގްޑާއަކީ ގޮހޮރުގެ ދުޅަހެޔޮކަމާ ގުޅޭ ގަޮތުން އިންސްޓަގްރާމްގައި މައުލޫމާތު ފަތުރައިދޭ މީހެކެވެ.

"ކާނާ ހަޖަމްކުރަން އުނދަގޫވުން އަދި ގުލޫޓެން އިންޓޮލަރެންސްގެ އަލާމަތްތައް އެކި މީހުންގެ ފެންނަނީ އެކި ގޮތް ގޮތަށް،" އޭނާ ލިޔެފައިވެ އެވެ.

ގުލޫޓެންއަކީ ގޮވާމުގެ ބާވަތްތަކުގައި ހުންނަ ޕްރޮޓީނެކެވެ. ގޮދަން، ބާލީ، ރައީގައި ގުލޫޓެން ހުރެ އެވެ. ދިވެހިންގެ ކެއުމުގައި ގުލޫޓެން ހިމެނޭ އެންމެ އާއްމު އެއް ބާވަތަކީ ގޮދަނެވެ.

ފުށަށް ފެން އެޅުމުން ތަތްކަން ގެނެސްދެނީ ފުށުގެ ހުންނަ ގުލޫޓެންގެ ސަބަބުންނެވެ. އަދި ޕާން ފިހާ އިރު  ފުފިފައި ހުންނަނީ ވެސް ގުލޫޓެންގެ ސަބަބުންނެވެ. ރޮށި ފިހެން މޮޑޭ ފުށްގަނޑު ރީތިކޮށް ވަށްކޮށް ދެމެނީ ނުވަތަ އޭގައި ހުންނަ އިލާސްޓިކް ކަމުގެ ސިއްރަކީ އޭގައި އެކުލެވޭ ގުލޫޓެން އެވެ. 

ޕާން ފިހާ އިރު ފުފިފައި ހުންނަނީ ވެސް ގުލޫޓެންގެ ސަބަބުން

ގުލޫޓެން ކިޔަނީ ވެސް ފުށަށް ފެން އެޅުމުން ހުންނަ ތެރަސްކަމުން، ތެރަހާ އެއްގޮތް ކަމުންނެވެ.

ދިވެހިން އާއްމުކޮށް ކައި އުޅޭ ބާވަތްތައް ކަމަށްވާ ރޮއްޓާއި، ޕާނާއި، ޕާސްތާ އާއި ފުށުން ހަދާފައި ހުންނަ ހެދިކާ އާއި ބަނަހާއި ބިސްކޯދަކީ، ގުލޫޓެން ހިމެނޭ ގޮދަނުން ހަދާ ތަކެއްޗެވެ. 

ގުލޫޓެންގައި މައިގަނޑު ދެ ބާވަތެއްގެ ޕްރޮޓީނެއް ހުރެ އެވެ. އެއީ 'ގްލިއާޑިން' އާއި 'ގުލުޓޭނިން' އެވެ. ގުލޫޓެން އިންޓޮލަރެންސެއް ނުވަތަ ގުލޫޓެންއާ ނުގުޅޭ ނަމަ ހަށިގަނޑަށް ބޮޑަށް ގެއްލުން ވަނީ ގްލިއާޑިންގެ ސަަބަބުންނެވެ. 

އެހެން ނޫން ނަމަ މިއީ ކާން ރައްކާތެރި އެއްޗެކެވެ.

ޑރ. ޑިމްޕަލް އިންސްޓަގްރާމް މެދުވެރިކޮށް މައުލޫމާތު ދެނީ

ބައެއް މީހުންނަށް ގްލޫޓެން އެކުލެވޭ މާއްދާއަށް ކެތްކުރެވޭއިރު، ސިއްހީ ވަކި ހާލަތްތަކެއް ހުންނަ ގިނަ ބަޔަކަށް އެހެންނެއް ނުވެ އެވެ. ސިލިއެކް ޑިޒީޒް ހުންނަ ނަމަ އެއްވެސް ގޮތަކަށް ގުލޫޓެން އެކުލެވޭ އެއްޗެއް ނުކެވޭނެ އެވެ. ސިލިއެކް ޑިޒީޒް އަކީ ހަށިގަނޑުން މި ޕްރޮޓީން ބަލައި ނުގަންނަ އޮޓޯއިމިއުން ޑިސްއޯޑަރެކެވެ. ދިފާއީ ނިޒާމުން ގްލޫޓެންއަށް ހަމަލާދީ އޭގެ ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ފަށަލައަށް ހަމަލާދެ އެވެ.

ގުލޫޓެންއާ ނުގުޅޭ ނަމަ ފެންނަ އާއްމު އަލާމާތްތައް

ގުލޫޓެންއާ ނުގުޅޭ މީހުން ގުލޫޓެން ހިމެނޭ ބާވަތްތައް ކެއުމުން އެކި ކަހަލަ އަލާމާތްތައް ފެނެ އެވެ. ތިރީގައި އެވަނީ އޭގެ ބައެއް އާއްމު އަލާމަތްތަކެވެ.

  • ހަޖަމްކުރުމުގެ މައްސަލަ

  • ބަނޑު ފުއްޕުން

  • ބަނޑުހަރުވުން

  • ހޮޑުލުން

  • އާދަޔާ ހިލާފަށް ވަރުބަލިވުން

  • ލޮޑުވުން

  • ގައިގައި ރިއްސުން

  • ކަށީގައި ނުވަތަ ހުޅުހުޅުގައި ރިއްސުން

  • ބޮލުގައި ރިހުން

  • އެންޒައިޓީ

  • ބްރެއިން ފޮގް

  • އައްސިވުން

  • ހަންގަނޑު ހިރުވުން

ގުލޫޓެންއާ ނުގުޅޭ ނަމަ ބަނޑުހަރުވެ، ބަނޑު ފުއްޕާ ބަނޑުގައި ވައި އުފެދޭ

ބައެއް ދިރާސާތަކުން ބުނާ ގޮތުގައި ބައެއް މީހުން ހަމައެކަނި ގުލޫޓެން އިންޓޮލެރެންސެއް ކަމަށް ހީވިޔަސް އެނޫން އެހެން ސަބަބެއް ވެސް ދިމާވެދާނެ އެވެ. މިސާލަކަށް ބައެއް ކާނާގައި ހުންނަ ކާބޯހައިޑްރޭޓްސްއާ ނުގުޅުމަކީ އެކަށީގެންވާ ކަމެކެވެ.

ޑރ. ޑިމްޕަލް ބުނީ މިއީ ހަށިގަނޑުން ކާބޯހައިޑްރޭޓް ނަގަންވާ ގޮތަށް ނުނަގާތީ މެދުވެރިވާ ގޮތެއް ކަމަށެވެ.

"މިކަމުގެ ނަތީޖާއަކީ  ކުޑަ ގޮހޮރު ތެރޭގައި އެހެން ބެކްޓީރިއާތަކާ އެކު މިތަކެތި އާލާވަނީ. މިކަމުގެ ސަބަބުން ބަނޑު ފުއްޕުމާއި، ގޭސްވެ ވައި ހެދި، ތަދާއި އުނދަގޫވުން ކުރިމަތިވޭ،" އޭނާ ބުންޏެވެ.

ކުޑަ ގޮހޮރުގެ ފަށަލައިގައި ނުކުމެފައި ހުންނަ 'ވިލައި' ކިޔާ ކުދިކުދި ބައިތަކެއް ހުރެ އެވެ. ކާބޯތަކެތީގެ ތެރެއިން ހަށިގަނޑަށް އެތެރެވާ ކާނާ ހަށިގަނޑުގެ ތެރެއަށް ނަގަނީ ޗައިމް ކިޔާ މާއްދާއެއްގެ އެހީގައި ކުޑަގޮހޮރުގައިވާ މި ބައިތަކުންނެވެ. ޗައިމްއަކީ ހަޖަމުކުރުމަށް އެހީވެދޭ އެއްޗެކެވެ. ގުލޫޓެންއާ ނުގުޅެން މެދުވެރިވާ ސަބަބަކީ ވިލައި އިން ހަށިގަނޑަށް ގޮދަނާއި ބާލީ ފަދަ ކާނާގައި ހުންނަ ޕްރޮޓީން އެބްޒޯބްކުރަން ނުވަތަ ނަގަން ނުކުޅެދުމެވެ.

ގުލޫޓަން އިންޓޮލަރެންސް މެދުވެރިވާ ސަބަބަކީ ކުޑަ ގޮހޮރުން ޕްރޮޓީން އެބްޒޯބް ކުރަން ނުކުޅެދުން  

ޑރ. ޑިމްޕަލް ބުނި ގޮތުގައި ޒަމާނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޖެނެޓިކަލީ މޮޑިފައިޑް އޮށުގެ ސަބަބުން އިންސާނުންގެ ހަޖަމުކުރާ ނިޒާމުގެ މަސައްކަތަށް އުނދަގޫވެ އެވެ.

"އޮށްތައް ހުންނަނީ އޭގެ ގުދުރަތީ ގޮތުގައެއް ނޫން. ޒަމާނީ ދަނޑުވެރިކަމުގައި ބޭނުންކުރަނީ އޮށުގެ އަސްލު ގޮތުގެ ބަދަލުގައި ވަކި ސިފަތަކެއް ހުންނަ ގޮތަށް، ހާބިސައިޑް އަދި ޕެސްޓިސައިޑަށް ހޭނިފައިވާ ގޮތަށް ހުންނަ އޮށްތައް. މިފަދަ އޮށްތައް އާއްމުކޮށް އިންދާ ފަސްގަނޑަކީ ވެސް ގުދުރަތީ ކާނާ ހިމެނޭ ތަނަކަށް ނުވޭ. އަދި އިންދައިގެން ގޮވާން ކުރަނީ އާއްމުކޮށް އިންދާ ގޮވާންކުރާ މޫސުމުގައެއް ވެސް ނޫން،" އޭނާ ބުންޏެވެ.

ކާނާގެ ތެރޭގައި ތާޒާ ތަރުކާރީ އާއި މޭވާ ގިނައިން ހިމެނުން ރަނގަޅު

ގުލޫޓެން ހުންނަ ކާނާއާ ނުގުޅޭ ނަމަ ހާސްވާކަށް ނުޖެހެ އެވެ. އެކަމަަށް އޮތް ހައްލަކީ ގުލޫޓެން ނުހުންނަ ބާވަތްތައް ހޯދައިގެން ބޭނުންކުރުމެވެ. މިސާލަކަށް ފުށުގެ ބަދަލުގައި ބިންބި ބޭނުން ކުރުމެވެ. އަދި ގޮދަން ފުށުގެ ބާވަތްތަކާ ދުރުވެ ހަނޑޫ ބޭނުން ކުރެވިދާނެ އެވެ. ހަނޑުލުގައި އެއްވެސް ގޮތަކަށް ގުލޫޓެން ނުހިމެނެ އެވެ. ކެއުމުގައި ވީހާވެސް ގިނައިން ތަރުކާރީ އާއި މޭވާ ހިމަނަންވީ އެވެ.

ކޮމެންޓް (1)

ޑޮކްޓަރ ޒެން

28 ސެޕްޓެމްބަރު 2022
މީހުން ފެޝަނަކަށް ވެސް ހެލްތީ ވާށޭ ކިޔާފަ ގްލޫޓަން ފްރީ ތަކެތި ގަނެ ޖަމާކުރޭ. ފެނިގެން މި ބުނަނީ. ނަތީޖާ އަކަށްވަނީ އޭގެ ބޭނުން އަސްލު ޖެހޭ މީހާއަށް އެ ނުލިބުން. ގްލޫޓަން އެލާޖީ ނުހުންނަ މީހުން އެ ހުންނނަ ތަކެތި ކެއުމަކީ މައްސަލައެއް ނޫން. އަން ހެލްތީ ކަމެއް ވެސް ނޫން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް