ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި އާ ސީޕްލޭން ޓާނމިނަލް: ތަރައްގީއަށް ބޭނުން މިފަދަ މަޝްރޫއުތައް މުހިންމު --ފޮޓޯ/އެމްއޭސީއެލް

ތަރައްގީ އާއި ބިނާއަސާސީ އެކުއެކުގައި

ތަރައްގީ މިނާ އެއް ގޮތަކީ އިންފްރާސްޓްރަކްޗާގެ ފުރިހަމަކަން. ހިދުމަތްތައް އަވަސްވެ، އިގުތިސާދު ކުރިއަރަނީ އެ ތަރައްގީ ވެސް ގެނެވިގެން.
31 އޮކްޓޯބަރު 2021

ފެންނަން ހުންނަ އެކި ޑިޒައިނުގެ ބިނާތަކަކީ ތަރައްގީގެ ހެކި ކަމަށް ބުނެ އުޅޭތީ އިވެތެވެ. އަނެއްކޮޅަކުން، ކޮންކްރިޓަކީ ތަރައްގީއެއް ނޫނޭ، ނުވަތަ އެ ތަރައްގީ ބޭނުމެއް ނޫނޭ ބުނާތީ ވެސް އިވެތެވެ. ސުވާލަކީ، ތަރައްގީއަށް ބިނާތަކެއް ބޭނުންވޭ ހެއްޔެވެ؟ ބިނާއަކީ ކޮބާ ހެއްޔެވެ؟ ތަރައްގީއަކީ ކޮބާ ހެއްޔެވެ؟

ބިނާ އާއި ބިނާއަސާސީ

ފުރަތަމަ ސުވާލުގެ ޖަވާބަކާ މެދު ވިސްނާ އިރު، ދިރިއުޅުމަށް، މަސައްކަތްކުރުމަށް، ވިޔަފާރިކުރުމަށް، އެއްޗެއް ނުވަތަ ހިދުމަތެއް އުފެއްދުމަށް، ހިނގާބިނގާވެއުޅުމަށް، ފުރައިދުއްވުމަށް، އެހެނިހެން ދަތުރުފަތުރަށް، ރަމުޒަކަށް ނުވަތަ މި ނޫން ވެސް ބޭނުމަކަށާއި ބޭނުމަކަށް ފަހިކުރަން ކޮށް އުޅޭ އިމާރާތްތަކާއި ހަދާ މަގުތަކާއި، ބަނދަރުތަކާއި އަޅާ ފާލަންތަކާއި މިހިރަމިހިރަ ކޮންމެ އެއްޗަކީ ބިނާއެކެވެ.

ބިނާކުރުމަކީ ދިވެހިރާއްޖޭގެ އިގުތިސޯދީ މައި ހަރަކާތްތަކުގެ އިސް ވަނަތަކުގައި ހިމެނޭ ސިނާއަތެކެވެ. ބިނާކުރުމުގެ ސިނާއަތް މައި ދެ ބަޔަކަށް ބަހައިލެވިދާނެ އެވެ. އެއީ އިމާރާތް ބިނާކުރުމާއި ބިނާއަސާސީ (އިންފްރާސްޓްރަކްޗާ) ބިނާކުރުމެވެ. އިމާރާތް ބިނާކުރުމުގެ ބައި އެކުލެވިގެން ވަނީ ގެދޮރު އެޅުމާއި، ދައުލަތުގެ އިމާރާތްތައް އެޅުމާއި، އަމިއްލަ ވިޔަފާރި އިމާރާތްތައް (ރިސޯޓު، މެހުމާނުގެ، ފިހާރަ، އޮފީސް...) ބިނާކުރުމާއި، މި ނޫން ވެސް އަމިއްލަ ފަޅީގެ އިމާރާތްތަކާއި ބިނާތަކުގެ މައްޗަށެވެ. އެހެންކަމުން އިމާރާތް ބިނާކުރުމަކީ މައިގަނޑުކޮށް ދައުލަތާއި އަމިއްލަ ފަޅީގެ އިންވެސްޓްމެންޓްގެ މައްޗަށް ބުރަވެފައިވާ ކަމެކެވެ.

މިއާ ހިލާފަށް ބިނާއަސާސީ ބިނާކުރުމަކީ މުޅިންހެން ދައުލަތުގެ އިންވެސްޓްމެންޓުން ހިންގާ ކަންކަމެވެ. މިއީ ކަމުގެ ބާވަތުން ކުރު މުއްދަތުގެ ފައިދާއެއް ލިބޭ ކަމަކަށް ނުވާތީ އަމިއްލަ ވިޔަފާރިވެރިން އިންވެސްޓުކުރާން މާކަ ޝައުގުވެރިވާ ކަމަކަށް ނުވެ އެވެ.

ބިނާއަސާސީ އަކީ ކޮބާ ހެއްޔެވެ؟ ގައުމެއްގައި ދަތުރުފަތުރުގެ ވިއުގައަކަށް ބޭނުން ޖެހޭ މަގުތަކާއި، މަގުބައްތިތަކާއި ބަނދަރުތަކާއި ގިމަތަތަކާއި ފާލަންތަކާއި ފަރުބައްތިތަކާއި ނެރުބައްތިތަކާއި މަސްވެރިކަމަށް ފަހިކޮށްދޭ އޮއިވާލި ކަނދުފަތިތަކާއި، މިފަދަ އެންމެހައި ބިނާތަކާއި، ތަންތަނަށް ބޭނުން ޖެހޭ ހަކަތަ ފެތުރުމަށް އަޅަން ޖެހޭ އިންޖީނުގެތަކާއި މިއީ ހައްތާ ވެސް ބިނާއަސާސީ އެވެ. ބިމުން މައްޗަށް ނުއެރިއެއް ކަމަކު، ވައިރު ނުވަތަ ކޭބަލު (ކަރަންޓު، ފޯނާއި އިންޓަނެޓު) އަދި ހޮޅީގެ (ފެނާއި ނަރުދަމާ ނިޒާމުގެ) ވިއުގަތަކާއި، މިއީ ވެސް ހައްތަހާ ބިނާއަސާސީ އެވެ.

ކުރުކޮށް ދަންނަވާ ނަމަ ބިނާއަސާސީ އަކީ މުޖުތަމައެއް ނުވަތަ ޖަމާއަތެއް ހިންގުމަށް ނުވަތަ އިގުތިސޯދެއް ހިންގުމަށް ބޭނުން ޖެހޭ އަދި ފަހިކޮށްދޭ ހިދުމަތްތަކާއި ފެސިލިޓީތަކަށް ބޭނުންވާ މާއްދީ އަދި އިންތިޒާމީ އޮނިގަނޑުތަކެވެ.

ތަރައްގީ މާނަކުރުން

ދެން އޮތީ ތަރައްގީއަކީ ކޮބައި ހެއްޔޭ ކުރެވޭ ސުވާލެވެ. އިގުތިސޯދީ ގޮތުން ކުރިއެރުމަށް އިޝާރާތްކުރަން ތަރައްގީ (ޑިވެލޮޕްމެންޓް)، މި ބަސް ބޭނުންކުރެވެން ފެށިފައި ވަނީ 1940ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާގެ ސްޓޭޓްތަކުންނެވެ. މި ކަން ގުޅިފައި އޮތީ އެމެރިކާގެ ހާރިޖީ ސިޔާސަތާ އެވެ. އެ އިރު އެވެރިންގެ ކަންބޮޑުވުމަކަށް އޮތީ، އެހައި ތަނުގައި އަލަށް މިނިވަންވި ގައުމުތައް، ކޮމިޔުނިސްޓް ރޫސީ ބައްރުގެ ނުފޫޒުގެ ދަށު ވެދާނެތީ އެވެ. މި ކަންބޮޑުވުމުން ހިތްވަރު ޖެހިގެން، އެމެރިކާ އިން އެޅި ފިޔަވަޅަކީ އިޖުތިމާއީ އިލްމުވެރިން ލައްވާ ދިރާސާކުރުވައި، ކުރިއަރަމުން ދާ ނުވަތަ ތަރައްގީވަމުންދާ ގައުމުތައް ކަމަށް މިހާރު ނިސްބަތްކުރެވޭ ގައުމުތަކުގައި ރައުސްމާލީ (ކެޕިޓަލިސްޓް) އިގުތިސޯދީ ތަރައްގީ އާއި ސިޔާސީ ހަމަޖެހުން ކުރިއަރުވާނެ ގޮތްތައް އީޖާދުކުރުމެވެ. މި މަސައްކަތުން ކުރި ދިރާސާއަށާއި ލިޔުމަށް 'ތަރައްގީ ތިއަރީ އެވެ' ކިޔަން ފެށުނެވެ.

ރާއްޖެ އަންނަ ޓޫރިސްޓުން އެކި ހިސާބުތަކަށް އުފުލައިދޭ ޓީއެމްއޭގެ ބޯޓުތައް ފުރަން ތައްޔާރުވެފައި: އިގުތިސާދު ކުރިއަރަނީ މިފަދަ އެތައް ހިދުމަތަކާ އެކު

ގިނަ ތަރައްގީ ތިއަރީތަކުގައި ތަރައްގީއޭ ބުނެ އާއްމުކޮށް އިޝާރާތްކުރަނީ އިގުތިސޯދީ ތަރައްގީއަށެވެ. އިގުތިސޯދީ ތަރައްގީއާ އެކުވެގެން ތިޔާގިވެގެން ދާ ވަސީލަތްތަކުގެ ޒަރީއާ އިން އެހެނިހެން ދާއިރާތަކުގެ ތަރައްގީ ވެސް ފަހިވެގެން ދެ އެވެ.

ތަރައްގީގެ އެންމެ އަސާސީ މެދުވެރިޔަކީ ނުވަތަ އެޖެންޓަކީ އެހެންކަމުން ދައުލަތް ނުވަތަ ސަރުކާރެވެ. ތަރައްގީ ތިއަރީގައި ބަލާ އެންމެ މުހިއްމު ކަންތައްތަކުގައި ތަރައްގީގައި ދައުލަތުގެ ދައުރާއި ދައުލަތާއި މާރުކޭޓާ ދެމެދު އޮންނަ ގުޅުމުގެ ތަބީއަތަކީ ކޮބައިކަން އެނގިގަނެ ބުނެދިނުން ހިމެނެ އެވެ.

ތަރައްގީ ތިއަރީގައި، ތަރައްގީގައި ދައުލަތުން ކުރާންވީ ނުވަތަ ނުކުރާންވީ ކަންކަމަކީ ކޮބާކަމާ މެދު އަދިވެސް ދަނީ ދިރާސީ ނަޒަރުން ބަހުސުކުރެވެމުންނެވެ. މިސާލަކަށް، އެއް ކޮޅަކުން، ދައުލަތުން ވިޔަފާރީގައި އުޅެގެން ނުވާނެޔޭ ބުނާ އިރު، އަނެއް ކޮޅަކުން، ދައުލަތުން ވިޔަފާރިކުރުމަކީ މައްސަލައެއް ނޫނޭ ބުނެ އުޅެތެވެ. މިއީ އެހެން ފަހަރަކު (ނުވަތަ އެހެން މީހަކު) ބަލައިލާން ރަނގަޅު މައުލޫއެކެވެ.

ބިނާއަސާސީގެ ބޭނުން

ތަރައްގީގައި ބިނާތަކަށް ބޭނުން ޖެހެނީ ކީއްވެތޯ ވިސްނާ އިރު، މި ކަން ގުޅިފައި ވަނީ އެކި ކަންކަމާ އެވެ. އެންމެ މައި އެއް ކަމަކީ އާބާދީ އެވެ. ރާއްޖެއަށް ބަލާ ނަމަ 1960 އިން ފެށިގެން 2020 އަށް އާބާދީ ވަނީ %520 އަށް ވުރެ މައްޗަށް ޖެހިފަ އެވެ. އެގޮތުން 1960ގައި އާބާދީ އަކީ 89،863 އެވެ. މިދިއަ އަހަރު، 2020 ގައި 557،426 އެވެ. އާބާދީ އިތުރުވަމުން ދިޔަ ވަރަކަށް ދިރިއުޅުމަށާއި ވިޔަފާރިކުރުމަށާއި ދަތުރުފަތުރުކުރުމަށާއި މުވާސަލާތީ ގުޅުމަށާއި މި ނޫން ވެސް މީސްތަކުންގެ އެކި ބޭނުންތަކަށް ކުރަން ޖެހޭ ބިނާތައް ދާނީ އިތުރުވަމުންނެވެ.

މާހިރުން ގަބޫލުކުރަނީ ފުދޭނަ (ސަފިޝެންޓް) ބިނާއަސާސީ އަކީ އިގުތިސޯދީ ތަރައްގީއަށް އިސް ޝަރުތެއް ކަމަށެވެ. މީގެ ތަރުޖަމާއަކީ ތަރައްގީގެ ކުރިން ނުވަތަ ތަރައްގީއާ އެކުއެކީ ބިނާއަސާސީ ފުރިހަމަވަމުން ދިޔުމެވެ.

ދިވެހިރާއްޖޭގެ ތަރައްގީ އާއި ބިނާއަސާސީއަށް ވިސްނާ އިރު، އެންމެ އަވަހަށް ހިތަށް ގެނެވެނީ ބަނދަރު ހެދުމެވެ. އެގޮތުން 1970ގެ މެދު އަހަރުތަކުން ފެށިގެން ބިނާއަސާސީ ތަރައްގީކުރުމުގެ މަސައްކަތްތައް ހަލުވި ކަމަށް ދެންނެވިދާނެ އެވެ. އަދި 1972ގައި ފަތުރުވެރިކަން ތައާރަފުކުރުމަށް ފަހު، ބިނާއަސާސީގެ ޒަރޫރީކަން ވަކިން ބޮޑަށް އިހުސާސްވެ، ވައިގެ ބަނދަރުގެ ތަރައްގީ އަށް ސަމާލުކަން ދެވޭން ފެށުނެވެ. ފަތުރުވެރިކަމަށް ބޭނުންވާ އިންޕޯޓު އިތުރުވާން ފެށުމާ އެކު ކަނޑުބަނދަރު ގެ ތަރައްގީ ވެސް މުހިންމުވެ ހިނގައްޖެ އެވެ. ފަތުރުވެރިކަމުން ގައުމަށް ލިބޭ އާމުދަނީ އިތުރުވާން ފެށުމާ އެކު އިގުތިސޯދީ ހަރަކާތްތައް އިތުރުވެ، ބިނާއަސާސީއަށް ބާރުބޮޑުވެގެން ދިޔަ އެވެ.

ދެމުން އައިސްފައިވާ އިސްކަން

ގައުމީ ތަރައްގީ ރޭވުން ހަރުދަނާކުރުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ރިޔާސަތުގެ އެންމެ ކުރީ ކޮޅު ނެޝަނަލް ޕްލޭނިން އޭޖެންސީ އުފެއްދެވުމާ އެކު ބިނާއަސާސީ މަޝްރޫއުތަކަކީ ގައުމީ ތަރައްގީގެ މުހިއްމު ބައެއް ކަމަށް ހިމެނިގެން ހިންގަން ފެށުނެވެ. މި ސިލްސިލާގެ އެންމެ ފަހު ރޭވުމަކީ 2006-2010 އަށް ތައްޔާރުކުރި 7 ވަނަ ގައުމީ ތަރައްގީ ރޭވުމެވެ. އެހެންކަމަކު، 2008ގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ މައްޗަށް މުހައްމަދު ނަޝީދު ހޯއްދެވި ކާމިޔާބާ އެކު، އެ މަނިކުފާނުގެ ވައުދުނާމާއަށް ރައްޔިތުން އެ ދިން އަމުރު (މެންޑޭޓް) ތަންފީޒުކުރަން ފެށުމުން، މައުމޫންގެ 7 ވަނަ ގައުމީ ތަރައްގީ ރޭވުމުގެ ތިން ވަނަ އަހަރު އެ ރޭވުންތައް ވަޅުޖެހި ހިނގައްޖެ އެވެ.

ރައީސް ނަޝީދުގެ ރިޔާސަތުގައި ބިނާއަސާސީއަށް، އަދި ޖުމްލަކޮށް ބިނާކުރުމުގެ ސިނާއަތަށް ވެސް ދީފައި އޮތީ ފަނޑު މުހިންމުކަމެއް ކަމަށް ދެންނެވި ދާނެ އެވެ. އެ ދައުރުގެ ހަތަރު ވަނަ އަހަރު އެ މަނިކުފާނުގެ އިސްތިއުފާއަށް ފަހު، ދައުރުގެ ބާކީ މުއްދަތާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދަށް ތަރައްގީއަށް އައު ރޭވުންތަކެއް ރޭވުމަކަށް ވަގުތެއް ނެތެވެ.

ހުޅުމާލެ ދެ ފޭސް ގުޅުވާލަން ހަދާފައިވާ ބްރިޖްތައް: މިކަހަލަ ކޮންމެ ގުޅުވާލުމަކުން އިގުތިސާދަށް ފައިދާ ކުރޭ

އެ ރިޔާސީ ފަސް އަހަރުގެ ދައުރު ނިމި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ދައުރު ފެށުމާ އެކު ބިނާއަސާސީ ވެގެން ދިޔައީ އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވި އެއް ދާއިރާ އަށެވެ. ގައުމީ ތަރައްގީގައި އެ މަނިކުފާނު ދޫކުރެއްވި އެންމެ ދެމިގެންވެނިވި (ލޯންގް ލާސްޓިން) ލެގަސީތައް ހުރީ ބިނާއަސާސީ ދާއިރާގަ އެވެ. އެންމެ ބޮޑު އެއް މަޝްރޫއަކީ އަދި އެންމެ ހާއްސަ ލޭންޑްމާކް އަކީ ސިނަމާލެ ފާލަންކަމަށް ސިފަކުރެވިދާނެ އެވެ.

ޔާމީންއެކޭ އެއްފަދަ އިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހިނގަމުން މި ދާ ރިޔާސަތު ގައި ވެސް، ބިނާއަސާސީ އަށް އިސްކަމެއް ދެވިފައިވެޔޭ ދެންނެވި ދާނެ އެވެ. ސަރުކާރުގެ އިސްތިރާތީޖީ އަމަލީ ރޭވުން 2019-2022 ގައި އެކި ދާއިރާތަކުގައި ބިނާއަސާސީ ތަރައްގީކުރަން ރާވާފައި ވެއެވެ. މީގައި، ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި ދަތުރުފަތުރާއި އިގުތިސޯދު ފުޅާކުރުމާއި އިތުރުން ވެސް އެހެން ބައެއް ދާއިރާތަކުގެ ތަރައްގީ އަށް ބޭނުން ޖެހޭ ބިނާއަސާސީ ހިމެނެ އެވެ.

ކުރިމަގު

ތަރައްގީގައި ބިނާއަސާސީއަށް އިސްކަންދޭނެ މިންވަރަކީ ވެރިޔަކަށް ހުންނަ މީހެއްގެ އިހުތިޔާރުގައި އޮންނަ ކަމެކެވެ. މި ނިންމުން ވެރިޔަކު ކޮންމެ ގޮތަކަށް، އެއީ، ވަރަށް ބޮޑު އިސްކަމެއް ދޭން، މެދު މިންވަރެއްގެ އިސްކަމެއް ދޭން، ނުވަތަ މާ ބޮޑު އިސްކަމެއް ނުދޭން ނިންމިޔަސް، ގައުމީ ތަރައްގީގައި ބިނާއަސާސީގެ ބޭނުންތެރިކަން ކުޑަވަމުން ދާނެ ކަމަކަށް ނުފެނެ އެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބު އިދާރާއިން އަންދާޒާކުރަނީ 2030 ވަނަ އަހަރު ރާއްޖޭގެ އާބާދީ 667،304 އަށް އަރާނޭ ކަމަށެވެ. މިއީ 2020އަށް އަންދާޒާކުރޮ 557،426 އަށް ވުރެ %19.7 އިތުރު އަދަދެކެވެ. އާބާދީ އިތުރުވަމުން ދާ ވަރަކަށް ބިނާކުރުމުގެ ސިނާއަތް، މީގައި ބިނާއަސާސީ އާއި އެހެނިހެން ބިނާތައް ވެސް ހިމަނައިގެން، ގައުމީ ތަރައްގީގައި އަދާކުރާ ދައުރު ދާނީ މުހިންމު ވަމުން، އިތުރު ވަމުންކަމަށް ފެނެ އެވެ. ތަރައްގީއާ އެކު މީސްތަކުންގެ ފުދުންތެރިކަން އިތުރުވެ އަތްމަތި ތިޔާގިވެ ދިރިއުޅުން ފުރިހަމަކުރަން އެދޭ ވަރަކަށް ބިނާތަކަށް ބޭނުން ޖެހޭ ވަރު ވެސް ދާނީ އިތުރުވަމުންނެވެ. ކޮންކްރީޓްގެ ބަދަލުގައި ބޭނުންކުރާނޭ އެހެން އެއްޗެއް އީޖާދުކުރެވެން ދެން، ތަރައްގީއަށް ކޮންކްރިޓަކީ މުހިންމު އެއްޗެއް ގޮތުގައި ދެމިއޮންނާނެ ކަމަށް ފެނެ އެވެ.

އެޑިޓަރުގެ ނޯޓު

ޑރ. ފަޒީލް ނަޖީބަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރެވެ. ސަރުކާރުގެ ވަޒީފާގައި އުޅުއްވަމުން 1980ގެ އަހަރުތަކުގެ މެދުތެރެއިން ފެށިގެން 1990ގެ އަހަރުތަކުގެ ކުރީކޮޅާ ޖެހެންދެން ފަޒީލް ވަނީ 'ހަވީރު'އަށް ބޭރުގެ ކުޅިވަރު ކަވަރުކޮށްދެއްވައިފަ އެވެ. މޯލްޑިވްސް އިކޮނޮމިކް ރިވިއުގެ އެއް ބާނީއަކީ ވެސް ފަޒީލެވެ. އޭނާއަކީ ސްކޫލް ދައުރުން ފެށިގެން ލިއުންތެރިކަމަށް ހާއްސަ ލޯތްބެއް ބަހައްޓަވަމުން ގެންދަވާ ބޭފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް