Majlis 2024

'މުލަ މޯލްޑިވްސް'ގެ ބްރޭންޑް، ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އިއްޔެ ލޯންޗުކޮށްދެއްވަނީ. (ފޮޓޯ/ މުލަ މޯލްޑިވްސް)

ދިވެހި ސަންކެއާ ބްރޭންޑް 'މުލަ މޯލްޑިވްސް' ލޯންޗުކޮށްފި

މި ބްރޭންޑުގެ ދަށުން ވަނީ ގަދަ އަވިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ބޭނުންކުރެވިދާނެ ދެ އުފެއްދުމެއް ބާޒާރަށް ނެރެފައި
20 ނޮވެމްބަރު 2021

ގަދަ އަވިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ބޭނުންކުރެވިދާނެ އުފެއްދުންތަކެއް ހިމެނޭ ދިވެހި ސަންކެއާ ބްރޭންޑެއް ކަމަށްވާ 'މުލަ މޯލްޑިވްސް' އިއްޔެ ލޯންޗުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ރާޅުގަނޑު ސަރަހައްދުގައި އިއްޔެ ހަވީރު ބޭއްވި ހަފްލާއެއްގައި މި ބްރޭންޑް ލޯންޗުކޮށްދެެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. މި ހަފްލާގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބްރޭންޑުގެ ދަށުން ދެ އުފެއްދުމެއް ވަނީ މާކެޓަށް ނެރަފަ އެވެ. އެއީ:

  • އެސްޕީއެފް 50ގެ ސަން ޕްރޮޓެކްޝަން ލޯޝަނެއް (ޔޫވީއޭ/ޔޫވީއެފް ހިމެނޭ ގޮތަށް) 

  • އާފްޓާ ސަން އެލޮވީރާ ޖެލް

'މުލަ މޯލްޑިވްސް' އަފްޓާ ސަން ޖެލް. (ފޮޓޯ/ މުލަ މޯލްޑިވްސް)
'މުލަ މޯލްޑިވްސް' ބްރޭންޑްގެ ސަންސްކްރީން ލޯޝަން. (ފޮޓޯ/ މުލަ މޯލްޑިވްސް)

މުލަ ބްރޭންޑްގެ ލޯންޗުކުރުމުގެ ގޮތުން، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)އާ ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާޅުގަނޑު ސަރަހައްދުގައި ބޮޑީބޯޑިން މުބާރާތެއް ވެސް ބާއްވާފަ އެވެ. ޖުމްލަ 28 ރާޅާއެޅުންތެރިން ވާދަކުރި މި މުބާރާތުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް، އިއްޔެ ހަވީރު ބޭއްވި ހަފްލާގައި އިނާމު ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އެވެ.

  • މުލަ ބްރޭންޑް ލޯންޗުކުރުމާ ގުޅުވައިގެން ބޭއްވި ބޮޑީބޯޑިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަރާތަށް ފަސްޓް ލޭޑީ ފަޒްނާ އިއްޔެ އިނާމު ހަވާލުކޮށްދެއްވަނީ.(ފޮޓޯ/ރައީސް އޮފީސް)
  • މުލަ ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ބޮޑީބޯޑިން މުބާރާތުގެ ތެރެއިން. (ފޮޓޯ/މުލަ މޯލްޑިވްސް)
  • މުލަ ބްރޭންޑް ލޯންޗުކުރުމަށް ބޭއްވި ބޮޑީބޯޑިން މުބާރާތުގެ ބައިވެރިން ރާޅުގަނޑު ސަރަހައްދުގައި. (ފޮޓޯ/މުލަ މޯލްޑިވްސް)

ތަފްސީލް - އޮސްޓްރޭލިއާގައި އުފައްދާފައިވާ އަދި އެ ގައުމުގެ ތެރެޕިއުޓިކް ގުޑްސް އެޑްމިނިސްޓްރޭޝަން އިން ސެޓްފިކެޓް ހޯދާފައިވާ 'މުލަ މޯލްޑިވްސް' ބްރޭންޑުގެ އުފެެއްދުންތަކަކީ ތިމާވެއްޓާ ރަށްޓެހި އުފެއްދުންތަކެކެވެ.

މިއީ ދެމަފިރިން ހިންގާ ކުންފުންޏެެއްގެ ދަށުން ނެރުނު ބްރޭންޑެކެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ނިމާލް އަދި އޭނާގެ އަންހެނުން، ކުންފުނީގެ ޑިރެކްޓަރު ދީނާ މުހައްމަދު ހިންގާ މުލަ މޯލްޑިވްސްގެ އުފެއްދުންތަކުގައި ފަރާއި މުރަކަތަކަށް ގެއްލުންވާ ކެމިކަލްތައް އެއްވެސް މިންވަރަކަށް ނުހިމެނެ އެވެ.

'މުލަ މޯލްޑިވްސް' ލޯންޗުކުރުމަށް އިއްޔެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހަފްލާއަށް ފަސްޓް ލޭޑީ ފަޒްނާ ވަޑައިގެންނެވުމުން، ކުންފުނީގެ ޑިރެކްޓަރު ދީނާ (މ) ފަސްޓް ލޭޑީއާ ސަލާމްކުރާއިރު ނިމާލް (ކ) އެ ތަނުގައި މަޑުކޮށްލައިގެން. (ފޮޓޯ/ރައީސް އޮފީސް)
'މުލަ މޯލްޑިވްސް' ލޯންޗުކުރުމަށް އިއްޔެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ހަފްލާގައި ފަސްޓް ލޭޑީ ފަޒްނާ (މ)، ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - މި ބްރޭންްޑާ ގުޅޭ ގޮތުން ދީނާ ބުނީ ރާއްޖެ ފަދަ ގައުމެއްގައި، އަވިން ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ސަންކެއާ ކޮންމެހެން މުހިންމު ކަމަށެވެ. އެގޮތުން، ހަމުގެ ކެންސަރުން ރައްކާތެރިވުމަށް ވެސް ސަންކެއާގެ ބޭނުން ހިފުން މުހިންމުކަން އޭނާ ފާހަގަކުރި އެވެ.

"މިހާރަކަށް އައިސް މަދު މަދުން މީހުން އަންނަނީ އަވީގައި އުޅޭ އިރު ސަންކެއާގެ މުހިއްމުކަމާ މެދު ހޭލުންތެރިވަމުން. އަހަރުމެންގެ މަގްސަދަކީ އާންމު ގޮތެއްގައި ކޮންމެ ދުވަހަކު ވެސް މީހުން ބޭނުންކުރާ އެއްޗަކަށް ސަންކެއާގެ އުފެއްދުންތައް ހެދުން،" ދީނާ ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް