މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވޭ ބޭފުޅުންނަށް ދޭ އިނާޔަތް ކަނޑާލަން އެމްއެންޕީން ވަނީ ބިލެއް ހުށަހަޅާފައި. (ފޮޓޯ/މަޖިލިސް)

އެމްއެންޕީ

ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން އެމްއެންޕީން ބިލެއް ހުށަހަޅައިފި

މިހާރު ގާނޫނު އޮންނަ ގޮތުން މަޖިލީހުގެ އެއް ދައުރު ފުރިހަމަ ކުރިޔަސް މުސާރައިގެ %30 އިނާޔަތުގެ ގޮތުގައި ލިބޭނެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތް އުނިކުރުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް އެވެ.

ތަފްސީލް - އުޝާމް މިރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި، މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރާތަކުގެ ގާނޫނުގައި މަޖިލިސް މެމްބަރުކަން ކުރައްވާ ފަރާތްތަކަށް ހިދުމަތުގެ އިނާޔަތް ދިނުމާ ބެހޭ އަށް ވަނަ މާއްދާ އެއްކޮށް އުވާލަން އެމްއެންޕީން ވަނީ ހުށަހަޅާފަ އެވެ.

ބުނީ ކީކޭ؟ - އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ބިލަކީ ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އިންސާފުވެރިކޮށް ޕެންޝަން ދޫކުރުމަށް އެ ޕާޓީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.

އެގޮތުން، މަޖިލީހުގެ އެއް ދައުރު ފުރިހަމަ ކުރައްވާ ބޭފުޅުންނަށް ވެސް ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައި ވާއިރު، ދައުލަތަށް 20-30 އަހަރު ހިދުމަތްކޮށްފައި ތިއްބަވާ ފަރާތްތަކަށް ލިބޭ އިނާޔަތާ ނުބައްދަލު އިނާޔަތްތައް އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ ބޭފުޅަކަށް ދިނުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުނުކުރާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

މިދިޔަ ފެބްރުއަރީގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންގައި މެމްބަރު އުޝާމް (މ) ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މަޖިލީހަކީ މެމްބަރުންގެ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ތަނެއްކަން ވެސް އެމްއެންޕީން ފާހަގަކޮށްފައިވެ އެވެ.

"މި ޕާޓީން ގަބޫލުކުރާ ގޮތުގައި ދައުލަތަށް ހިދުމަތް ކުރުމުން ހިދުމަތުގެ އިނާޔަތް ދިނުމުގައި ހަމަހަމަކަން އޮންނަންވާނެ އެވެ. މިގޮތުން، އެންމެ ފުރަތަމަ ކުރަން ޖެހޭ މަސައްކަތަކީ ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދެވޭ ހިދުމަތާ ނުބައްދަލު އިނާޔަތް އުނިކުރުމެވެ،" އެ ޕާޓީގެ ބަޔާނުގައިވެ އެވެ.

އެމްއެންޕީން ބުނި ގޮތުގައި، މި އިސްލާހުގެ ސަބަބުން:

  • ޕެންޝަންގެ އުސޫލު އިތުރަށް ހަރުދަނާ ވާނެ

  • އިންސާފުވެރި އުސޫލެއްގެ ތެރެއިން ޕެންޝަންގެ ނިޒާމު ބައްޓަން ކުރުމަށް މަގުފަހިވެގެންދާނެ

  • ދައުލަތުގެ ބަޖެޓަށް ކުރިއަށް އޮތް ތަނުގައި ނުއުފުލޭނެ ވަރުގެ ބުރައަކުން މިންޖު ކުރެވޭނެ

އެނގުން މުހިންމު - ހަމަހަމަކޮށް ޕެންޝަން ދިނުމަށް ވަކާލާތުކޮށް މީގެ ކުރިން އެމްއެންޕީން މަޖިލީހަށް ބިލެއް ހުށަހެޅި ނަމަވެސް، އެ ބިލު ވަނީ މަޖިލީހުން ބޭރުކޮށްލައިފަ އެވެ.

އިމްތިޔާޒުގެ ގާނޫނުގެ 8 ވަނަ މާއްދާ

މަޖިލީހުގެ މެމްބަރުންގެ ހިދުމަތުގެ އިނާޔަތް ލިބިވަޑައިގަންނަވާނީ މެމްބަރުކަމުން ވަކިވުމަށް ފަހު އުމުރުން 55 އަހަރަށް ވުރެ މައްޗަށް ދިއުމުންނެވެ. އެ އިނާޔަތް ލިބިވަޑައިގަންނަވާ ނަމަ ދައުލަތުގެ އިތުރު ޕެންޝަނެއް ނުވަތަ އިނާޔަތެއް ނުލިބޭނެ އެވެ. އަދި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާ ނަމަ ވެސް އެ އިނާޔަތް ނުލިބޭނެ އެވެ.

މެމްބަރުކަން ކުރައްވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ފައިސާގެ އިނާޔަތް:

  • އެއް ދައުރު ފުރިހަމަ ކުރައްވާ ބޭފުޅުންނަށް އިނާޔަތުުގެ ގޮތުގައި މުސާރައިގެ މުސާރައިގެ %30

  • ދެ ދައުރު ފުރިހަމަ ކުރައްވާ ބޭފުޅުންނަށް އިނާޔަތުގެ ގޮތުގައި މުސާރައިގެ %45

އެ މާއްދާގައި އިތުރަށް ހިމެނޭ ކަންކަން:

  • މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ދޭން ވާނެ

  • މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް އޮފިޝަލް ޕާސްޕޯޓެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން ވާނެ




ކޮމެންޓް (1)

މުހައްމަދު

23 ޖޫން 2022
އަވަސްކުރަންޖެހޭ ކަމެއް. އަމިއްލަޔަށް ތިބެގެން ހަދާފައިވާ އަމިއްލަ އެދުމުން ފުރިގެންވާ ކަމެއް. ހުރިހާ އިނާޔަތެއް ވަގްތުން ވަގްތައް ކަޑާލަން ޖެހޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް