ބާސެލޯނާގެ މިޑްފީލްޑަރު ކެސިއޭ.

ބާސެލޯނާ

ކެސިއޭ އާއި ކްރިސްޓެންސެން ބާސެލޯނާ އަށް

ބާސެލޯނާ އިން ހިލޭ ޓްރާންސްފާއެއްގައި، އޭސީ މިލާނުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ އާއި ޗެލްސީގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސެންގެ ސޮއި ހޯދައިފި އެވެ.

އައިވަރީ ކޯސްޓުގެ ކެސިއޭ އާއި ޑެންމާކުގެ ކްރިސްޓެންސެން ވަނީ މިދިޔަ ސީޒަން ނިމުމުގެ ކުރިން ބާސެލޯނާއާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެކަމަކު މިހާތަނަށް ވެސް އިއުލާންނުކޮށް ލަސްވީ ބާސެލޯނާގެ މާލީ މައްސަލަތަކާ ހުރެ ކޮންޓްރެކްޓް ރެޖިސްޓްރީކުރެވޭ ގޮތެއް ނުވުމުންނެވެ.

ބާސެލޯނާ އިން ދާދި ފަހުން ވަނީ އެ ކްލަބުގެ ކުރިއަށް އޮތް 25 އަހަރުގެ ސްޕެނިޝް ލީގުގެ ޓީވީ ރައިޓްސްގެ 10 ޕަސެންޓް އިންވެސްޓްމަންޓް ފާމެއް ކަމަށްވާ ސިކްސްތު ސްޓްރީޓް ޕާޓްނާސް އަށް ވިއްކާލައިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ބާސެލޯނާ އަށް މި ސީޒަނުގައި ހަރަދުކުރަން 267 މިލިއަން ޔޫރޯ ވަނީ ލިބިފަ އެވެ.

ބާސެލޯނާގެ ޑިފެންޑަރު ކްރިސްޓެންސެން.

އެޓަލާންޓާ އިން ވިދާލި ކެސިއޭ 2018 ގައި މިލާނަށް ބަދަލުވެ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުން 11 އަހަރަށް ފަހު މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ކާމިޔާބުކުރި އިރު އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ އޭނާ އެވެ.

ޗެލްސީގެ ޔޫތު އެކަޑަމީން ތަމްރީންވި ކްރިސްޓެންސެން ވަނީ ޗެލްސީ އަށް 161 މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ބާސެލޯނާ އިން އަންނަނީ ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ގެނައުމަށް ވެސް މަސައްކަތްކުރަމުންނެވެ.

ބާސެލޯނާގެ މާލީ ހާލަތު ރަނގަޅުވުމާ އެކު ކުޅުންތެރިން ގެނައުމުގެ އޮޕަރޭޝަން ވަނީ ފުޅާކޮށްފަ އެވެ.

ބާސެލޯނާގެ މެމްބަރުން ވަނީ ކްލަބުގެ ދަރަނިތައް މެނޭޖްކުރުމަށް ފައިސާ ހޯދުމަށްޓަކައި ލައިސެންސިން އާއި މާޗެންޑައިޒިންގެ 49.9 ޕަސެންޓް ވިއްކާލަން ވެސް ވެސް ވަނީ ހުއްދަ ދީފަ އެވެ. ބާސެލޯނާ އިން ބުނި ގޮތުގައި އެ ކްލަބުގެ ފުޓްބޯޅަ ޓީމު ވަރުގަދަކުރުމަށާއި މާލީ ގޮތުން ފައިދާހުރި އަހަރަކަށް ހެދުމަށް މި ދެ ޑީލުން 600 މިލިއަން ޔޫރޯ ނެރެވޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް