ފެބުރުއަރީ 3، 2021ގައި ށ. ކޮމަންޑޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

30% ވޯޓުން ވެރިކަން ހޯދުން ނަޝީދު ގުޅުވާލީ ތާއަބަދު އެމްޑީޕީ ވެރިކަން ކުރުމާ

ނަޝީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު، އަދި އޭގެ ފަހަށް އޮތް ފަސް އަހަރު ވެސް އެމްޑީޕީގެ ވެރިކަމެއް އޮތުމަށް ރައްޔިތުން އެދޭ
10 ފެބްރުއަރީ 2022

ރިޔާސީ އިންތިހާބުގެ ޖުމްލަ ވޯޓުގެ %30 ލިބިގެން ވެސް ރާއްޖޭގެ ރައީސް ކަމަށް އާދެވޭ ގޮތް ހައްދަވަން ގާނޫނުއަސާސީއަށް ބަދަލު ގެނައުން މުހިއްމުވާއިރު، އޭގެ އެއް ސަބަބެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރެއްވީ، އެމްޑީޕީގެ ވެރިކަމެއް ތާއަބަދުމެ އޮތުމަށް ރައްޔިތުން ބޭނުންވުމެވެ.

ވީ ކިހިނެއް؟ - މިރޭ ކުރިއަށް ދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޖިލީހުގައި ނަޝީދު ވަނީ، ދެން ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި، ގާނޫނު އަސާސީއަށް ގެންނަން ބޭނުންވާ އިސްލާހުތައް ހުށަހަޅުއްވާފަ އެވެ. އެގޮތުން އެންމެ ބޮޑު ކަމަކަށް ފާހަގަ ކުރެއްވީ، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުވާ އުސޫލަށް ބަދަލު ކުރުމެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ %30 ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް ފަހު، އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް ރައީސް ކަމަށް އާދެވޭ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅުމަކީ މުހިއްމު ކަމެކެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެ ބަދަލު ގެނައުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ، އެމްޑީޕީގެ ވެރިކަމެއް ތާއަބަދުމެ އޮތުމެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދެން އަންނަ ފަސް އަހަރަށް ވެސް، އޭގެ ފަހުން އަންނަ ފަސް އަހަރު ވެސް އެމްޑީޕީގެ ވެރިކަމެއް އޮތުމަށް، ރައްޔިތުން ހަރު އަޑުން ގޮވަމުންދާ ގޮވުން ކަނުލާ އަހަން ޖެހެ އެވެ.

އެނގުން މުހިންމު - ނަޝީދުގެ ވިސްނުންފުޅަކީ އެހެން ޕާޓީތަކާ އެކު ކޯލިޝަން ނަހަދައި، ވެރިކަން ކުރެވޭނެ ގޮތެއް ހޯއްދެވުމެވެ. މިހާރު ގާނޫނުއަސާސީގައިވާ ގޮތުން ވެރިކަމަށް އާދެވޭނީ ރިޔާސީ އިންތިހާބުގެ %50 ވޯޓަށް ވުރެ ގިނަ ވޯޓު ލިބިގެންނެވެ. އެއްވެސް ކެންޑިޑޭޓަކަށް އެ އަދަދު ނުލިބޭ ނަމަ، ދެން ޖެހެނީ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވާށެވެ. މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ބޭއްވި ތިން ރިޔާސީ އިންތިހާބުގައި ވެސް ވެރިކަމަށް ރައީސަކު ކަނޑައެޅުނީ ދެވަނަ ބުރަށް ގޮސް، އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެންނެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ދެން މުހިއްމު އަނެއް ކަމެއްގެ ގޮތުގައި ނަޝީދު ހުށަހެޅުއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައެޅުމެވެ. 

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވެގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ބަދަލު ވަނީ އާއްމު ގާނޫނަކުންނެވެ. އޭގެ ސަބަބުން ޝަރީއަތަށް އަދި އިންސާފަށް ވެސް ބޮޑު އަސަރެއް ކުރާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ހުށަހެޅުއްވި އިތުރު ކަންކަން:

  • 1-

     މިނިވަން މުއައްސަސާތަކުގެ އަދަދާއި އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުން. ހާއްސަ ގޮތެއްގައި ޖުޑިޝަލް ސާވިސަސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް އިސްލާހު ގެނައުން

  • 2-

    ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ތާރީހު ކަނޑައަޅައި، އަދި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމް ކަނޑައަޅަން ކޮންގްރެސްއިން އެއްބަސްވުމަށް

  • 3-

    ލާމަރުކަޒީ އިތުރު އުސޫލުތައް ގާނޫނުއަސާސީގައި ކަނޑައެޅުމަށް

ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ބާބަކީ، ގާނޫނު އަސާސީގައި އެންމެ ކުޑަ ބާބު ކަމަށާއި އެއަށް އިތުރު ތަފްސީލު ބޭނުންވާ ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީގެ އަޣުލަބިއްޔަތު ތުނިވާ އިރެއްގައި، ލާމަރުކަޒީ މުޅި ނިޒާމު އަނެއްކާ ވެސް ބަދަލު ވުމަކީ ވެދާނެ ކަމެއް ކަމަށާއި އެއީ ރައްޔިތުން އެދޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް