Majlis 2024

ފްރާންސްގައި އާދަޔާ ހިލާފަށް ހޫނުވުމުގެ ސަބަބުން ވަނީ އާއްމުން އެއްވާ ބޮޑެތި އިވެންޓްތައް ބޭއްވުން މަނާކޮށްފައި

ފްރާންސްގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އާއްމު އެއްވުންތައް މަނާ

ފްރާންސްގެ ފިނިހޫނުމިން 40 ޑިގްރީއަށް އަރައި ހީޓް ވޭވެއް ވަނީ އައިސްފައި

މުހިންމު ނުކުތާތައް

އާއްމު އިވެންޓުތައް މަނާކުރީ ހޫނު ގަދަވުމުގެ ސަބަބުން ލިބިދާނެ ސިއްހީ ނުރައްކަލަކަށްޓަކައި

ކަރަންޓް ބޭނުން ކުރުން އިތުރުވެ، އަވަށްޓެރި ގައުމުތަކުން ކަރަންޓް އިމްޕޯޓް ކުރުމަށް ވަނީ މަޖުބޫރުވެފައި

ޔޫރަޕް ހޫނުވެފައިވަނީ އުތުރު އެފްރިކާގެ ސަރަހައްދުތަކުން އަންނަ ހޫނުގަދަ ވައިގެ ސަބަބުން

ފްރާންސްގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އާއްމު އެއްވުންތައް ބޭއްވުން މަނާކޮށްފި އެވެ.

ފްރާންސްގެ ބައެއް ސަރަހައްދުތަކުގައި ފިނިހޫނުމިން ވަނީ 40 ޑިގްރީ އަށް އަރާފަ އެވެ. ކޮންސެޓްތައް ފަދަ، އާއްމުން އެއްވެގެން ބާއްވާ ބޮޑެތި އިވެންޓްތައް މަނާކޮށްފައިވަނީ ފްރާންސްގެ ޖުރާންޑް ސަރަހްދުގަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔެ ހޫނުވުމުގެ ސަބަބުން، އާދަޔާ ހިލާފަށް ހޫނުވުން ދަނީ އާއްމުވަމުން އެވެ. އަދި ހޫނު ދުވަސްވަރު ގިނަ ދުވަސްތަކަކަށް ދެމިގެން ދެ އެވެ.

ހޫނު ގަދަވުމުގެ ސަބަބުން ލިބިދާނެ ސިއްހީ ނުރައްކަލަކަށްޓަކައި ބޭރު ތެރޭ މީހުން އެއްވު އުޅުން މަނާކޮށްފައި އޮތް ނަމަވެސް، ކައިވެނި ހަފްލާ ކަހަލަ އަމިއްލަ ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ވަނީ ދީފަ އެވެ.

ހޫނު ގަދަވުމުގެ ސަބަބުން ލިބިދާނެ ސިއްހީ ނުރައްކަލަށް އިވެންޓްތައް ނުބޭއްވުމަށް އަދި  ހޫނުގައި ބޭރުގައި ނޫޅުމަށް ފްރާންސްގައި ވަނީ އިލްތިމާސްކޮށްފައި

އެއާކޮންޑިޝަން ނުކޮށް ހުންނަ ތަންތަނުގައި އިންޑޯ އިވެންޓްތައް ބޭއްވުން ވެސް ވަނީ ހީޓް ވޭވް ނިމެންދެން މަނާކޮށްފަ އެވެ. އަދި ފްރާންސްގެ އިންޓީރިއާ މިނިސްޓްރީ އިން ވަނީ އާދަޔާ ހިލާފަށް ހޫނު މި ދުވަސްވަރު ބޭރުތެރެއަށް ނުކުތުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ފްރާންސްގެ މޫސުމާ ބެހޭ އިދާރާ މީޓިއޯ ފްރާންސް އިން ބުނާ ގޮތުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެފައިވަނީ އުތުރު އެފްރިކާ އިން އަންނަ ހޫނު ގަދަ ވައިގެ ސަބަބުން އެވެ.

ޔޫރަަޕަށް ވަމުންދާ ހޫނަކީ އެފްރިކާ އިން އަންނަ ގަދަ ހޫނު ކަމުގައި ފްރާންސްގެ މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވޭ

ވެރިރަށް ޕެރިހުގެ ފިނިހޫނުމިން 39 ޑިގްރީ ސެލްސިއަސް އަށް އަރާނެ ކަމަށް ލަފާ ކުރާ އިރު، ވާރޭ ނުވެހުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވެދާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.

ފްރާންސްގެ ދެކުނުގެ ސިޓީއެއް ކަމުގައިވާ ޓުލޫޒްގެ އުމުރުން 86 އަހަރުވީ މީހަކު އޭއެފްޕީ ނިއުސް އޭޖެންސީއާ ވާހަކަދައްކަމުން ބުނީ މިއީ އޭނާގެ މުޅި އުމުރުގައި ވެސް މިހާތަނަށް ދުށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށެވެ.

ގަދަ ހޫނުގެ ސަބަބުން އެއާ ކޮންޑިޝަނާއި ފަންކާ ބޭނުން ކުރާ މިންވަރު އިތުރުވެފައިވާތީ ފްރާންސަށް މިހާރު ވަނީ އަވަށްޓެރި ގައުމުތަކުން ކަރަންޓް އިމްޕޯޓް ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައި ކަރަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތުން ބުނެފައިވެ އެވެ.

ފްރާންސްގެ އިތުރުން ސްޕެއިން، އިޓަލީ އަދި އިނގިރޭސިވިލާތުގައި ވެސް މި ދުވަސްވަރު އާދަޔާ ހިލާފަށް ހޫނެވެ.

މުޅި ގަރުނުގައި ވެސް ހޫނުގަދަ ނުވާ މިންވަރަކަށް މިދިޔަ މެއި މަހު ސްޕެއިން އަށް ވަނީ ހޫނުވެފަ އެވެ. ލަފާ ކުރެވޭ ގޮތުގައި ފިނިހޫނުމިން 43 ޑިގްރީ ސެލްސިއަށް އަރާނެ އެވެ.

ކެޓަލޯނިއާގެ ޖަންގަލިތަކުގައި ރޯވެފައި

ސްޕެއިންގެ ކެޓެލޯނިއާގެ ޖަންގަލީގައި މިހާރު ވެސް ވަނީ ރޯވެފަ އެވެ. މި އަލިފާންގަނޑު ނިއްވާލެވުމުގެ ކުރިން 20،000 ހެކްޓަރަށް ފެތުރުމުގެ ބިރު އެބަ އޮތެވެ.

އިޓަލީގެ އެންމެ ބޮޑު ކޯރު ހިކިފައި

އިޓަލީގެ އެންމެ ބޮޑު ކޯރު ވަނީ އެއްކޮށްހެން ހިކިފަ އެވެ. އެންމެ ފުން ހިސާބުގައި ވެސް އާއްމުންނަށް ހިނގާލެވެ އެވެ. އަދި ހަނގުރާމައިގައި އަޑިއަށް ގޮސްފައިވާ ބޯޓުފަހަރު މިހާރު ފެންނަން އެބަހުއްޓެވެ.

އިނގިރޭސިވިލާތުގެ ދެކުނުގައި ފިނިހޫނުމިން 33 ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ލަންޑަނަށް ލެވެލް ތިނެއްގެ ހީޓް-ހެލްތު އެލާޓް ވަނީ ނެރެފަ އެވެ.

ފްރާންސްގައި ގަދަ ހޫނަކީ  މިހާތަަނަށް އަހަރުގެ އެންމެ ކުރިން އައި ހީޓް ވޭވް

މި ދުވަސްވަރު ގަދަ ހޫނު ކުރިމަތިވެފައިވަނީ ޔޫރަޕުގެ ގައުމުތަކަށް އެކަންޏެއް ނޫނެވެ. މިދިޔަ ބުދަ ދުވަހު އެމެރިކާގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވަނީ، ރެކޯޑް މިންވަރަކަށް ހޫނުވުމާ ގުޅިގެން، ގޭގައި ތިބުމަށް ލަފާ ދީފަ އެވެ.

މީގެ އިތުރުން، އިންޑިއާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނާ ގޮތުގައި ހޫނު މޫސުމުގެ 25 ދުވަހު އެ ގައުމުގެ ފިނިހޫނުމިން 42 ޑިގްރީ ސެލްސިއަސް އަށް ވަނީ އަރާފަ އެވެ. 

މުޅި ދުނިޔެ ހޫނުވުން ގުޅިފައިވަނީ މޫސުމީ ބަދަލާ އެވެ. ކާބަންޑައިއޮކްސައިޑް ފަދަ ގްރީންހައުސް ގޭސްތައް ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން އިރުގެ ހޫނު ޖައްވު ތެރޭގައި ހިފެހެއްޓި، ދުނިޔެ ހޫނުވަނީ އެވެ. މީގެ ސަބަބުން އާދަޔާ ހިލާފަށް ހޫނުވުމާއި މޫސުމީ ބޮޑެތި ބަދަލުތައް ކުރިއަށް އޮތް ތަނުގައި ވެސް މުޅި ދުނިޔެ ތަޖުރިބާ ކުރާނެ ކަމުގައި ސައިންސްވެރިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް