ދަނޑުވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ކަނޑޫދުއަށް ވަޑައިގަންނަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ދަނޑުވެރިކަން

ރައީސް ދަނޑުވެރިންގެ ދުވަހަށް ކަނޑޫދުއަށް ވަޑައިގެންފި

މި ދަތުރުފުޅުގައި ދަނޑުވެރިކަމާ ބައެއް ކަންކަން އިފްތިތާހުކޮށްދެއްވުން އޮންނާނެ

މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ކަނޑޫދުއަށް މިއަދު ވަޑައިގެންފި އެވެ.

ތަފްސީލް - ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި އޮކްޓޯބަރު 15 ފާހަގަކުރާއިރު އޮކްޓޯބަރު16 އަކީ ބައިނަލްއަގުވާމީ ކާބޯތަކެތީގެ ދުވަހެވެ. މިއީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ނިންމައި މިދިޔަ އަހަރު އެކަން އިއުލާންކުރި ފަހުން ފާހަގަކުރާ ފުރަތަމަ ދަނޑުވެރިންގެ ދުވަހެވެ.

ރައީސްގެ ދަތުރުފުޅުގައި:

  • ކަނޑޫދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ފެއްޓެވުން

  • ފާޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުން

  • ކާބޯތަކެތީގެ މައުރަޒު ހުޅުއްވައިދެއްވުން

  • ގައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުން

ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.

އެނގުން މުހިއްމު - ގައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަހެއް ފާހަގަކުރަން ނިންމީ ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށެވެ. ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސޯދުގައި ހިއްސާކުރާ މިންވަރު ބޮޑުކޮށް ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމަކީ ވެސް އެ ދުވަސް ފާހަގަކުރަން ނިންމި ސަބަބެކެވެ.

 ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ނިންމީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގަން މަގުފަހިކޮށްދިނުމަށެވެ.

ކަނޑޫދުއަކީ ކޮން ކަހަލަ ރަށެއް؟ - ކަނޑޫދޫގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު، އެއީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެކެވެ. ހާއްސަކޮށް އެރަށުގެ މިރުސް "ކަނޑޫދޫ މިރުސް" މުޅި ރާއްޖެއަށް މަޝްހޫރެވެ.

ރައީސް ކަނޑޫދުއަށް ވަޑައިގެންނެވިއިރު، މިދިޔަ އޮގަސްޓު މަހު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ އެ ރަށަށް ޒިޔާރަތްކުރައްވައިފަ އެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ ދަނޑުވެރިންނާ ބައްދަލުކުރައްވާ ދަނޑުވެރިންގެ ކަންބޮޑުވުންތައް ވެސް އައްސަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް