ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ޓެކްސް ބޮޑުކުރާ ބިލު، އެމަނިކުފާނު މިއަދު ވަނީ ތަސްދީގުކުރައްވާފައި (ފައިލް ފޮޓޯ/ ރައީސް އޮފީސް)

ޓެކްސް

އަންނަ އަހަރުން ފެށިގެން ޓެކްސް ބޮޑު ކުރުމުގެ އިސްލާހު ތަސްދީގުކޮށްފި

ރައީސް މި ބިލު މިއަދު ތަސްދީގުކުރެއްވުމާ އެކު، އަންނަ އަހަރުން ފެށިގެން ޖީއެސްޓީ %6 އިން %8އަށް އަދި ޓީޖީއެސްޓީ %12 އިން %16އަށް ބޮޑުވާނެ

އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއީ ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެނގުން މުހިންމު - ރައީސް މި ބިލު މިއަދު ތަސްދީގު ކުރެއްވުމާއެކު އަންނަ ޖެނުއަރީން ފެށީގެން ޓެކްސް ބޮޑުވަނީ:

  • ޖީއެސްޓީ %6 އިން %8އަށް  

  • ޓީޖީއެސްޓީ %12 އިން %16އަށް

ތަފްސީލު - ދުނިޔޭގެ އިގްތިސާދަށް މިވަގުތު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުން ދާތީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް ބޮޑު ކުރުމަށް 'މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު' އިސްލާހު ކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅު ސަރުކާރުން ފޮނުވި ބިލު، އެ އެ އޮތް ގޮތަށް ފާސް ކުރުމަށް މަޖިލީހުން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ.

ހަފްތާއެއްހާ ދުވަސް ފަހުން، މިއަދު ރައީސް ސޯލިހް ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ. އެއާއެކު ބިލު ގާނޫނަކަށްވެ ސަރުކާރުގެ ޖެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ.

ޓެކްސް ބޮޑު ކުރަން މަޖިލީހުން ފާސްކޮށްފައި މިވަނީ، 55 މެންބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް 26 މެންބަރުން ވޯޓު ދެއްވި އިރު، އޭގެ ތެރޭގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑިޕީގެ 14 މަޖިލިސް މެންބަރުންވެސް ހިމެނެ އެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގްރީޕުން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، ބިލާ ދެކޮޅަށް ވޯޓު ދިން އެ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ އެ ޕާޓީއިން ދީފަ އެވެ.

ގުޅުން ހުރި - ސަރުކާރުން ހުށަހެޅި ގޮތަށް ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްވުމާއެކު، ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ، އެ ބިލް ފާސްވުމަކީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ބާރުމިނުގައި ކުރިޔަށް ގެންދިޔުމަށް ލިބުނު ބާރެއް ކަމަށެވެ.

ފަސް މަންޒަރު - ރައީސް އެ ބިލު މިއަދު ތަސްދީގުކުރައްވާފައި މިވަނީ، މިކަމުގައި ދެވަނަ ވިސްނުމަކަށް ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅުން އެދިފައި ވަނިކޮށެވެ.

ކޮމެންޓް (7)

ނަޔާ

22 ނޮވެމްބަރު 2022
ނެހީ. ވަރަށް ކަޑަ ކަމެއް ތި ކުރެއްވީ
0 0

އަހުން

22 ނޮވެމްބަރު 2022
ދެން ކީ ކޭ ބުނާނީ. އެއްޗެހީގެ އަގު ވެސް ދާނެ ދެން އަތް ނުފޯރާ ފަށުން ލޯ ނުފޯރާ ފަށަށް
0 0

ނަފޫ

22 ނޮވެމްބަރު 2022
އަހަރުމެން މިހާރު ވެސް މިއުޅެނީ އަނގައާ އަތާ ދިމާ ނުވެގެން. އެ ވަރުން ވެސް ރައްޔިތުން ފެލަން ވެއްޖެ ދޯ
0 0

މަރުކުރު

22 ނޮވެމްބަރު 2022
ކަންތަކާ ޖެހުނީ. ބޯ ހަލާކު
0 0

ސިކުނޑި

22 ނޮވެމްބަރު 2022
ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އެރިއިރު ވިޔާފާރިތަކަށް ވާނެގޮތް އިހުސާނަށް ވަޒަން ނުކުރެވޭތޯ؟ ތަކެތީގެ އަގާއި ޝިޕިން 35 އިންސައްތަ ބޮޑުވެއްޖެ! އެންމެ ފުރަތަމަ އަގި ބޮޑު ކުރާނީވެސް ހެޕީ މާކެޓުން! ތީ މަތި އޮމާންކޮށްލަން އަޅާލި ސުރުޚީއެއް!
0 0

ގޮހޮރު

22 ނޮވެމްބަރު 2022
@ސިކުނޑި މި ކޮން އިހުސާނެއްގެ ވާހަކަ އެއް މި ކިޔަނީ. މި ލިޔުމުގަ އެބަ ކިޔާތަ އިހުސާނެކޭ؟؟
0 0

ސިކުނޑި

22 ނޮވެމްބަރު 2022
ޓެކްސް ނަގާދުވަހުން ފެށިގެން ހިސާބު ބަލަހައްޓާނަން! އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭނީ ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ އަތަށް ދިނުމުން! ގައުމު ހަމަ މަގަށް އަޅުވަން ވޯޓު ދިނުމުން ދެވަނަ ދައުރެއްގެ ދަހިވެތިކަމުގައި ގައުމު އިގްތިސާދު ހަފުސްކޮސްލީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް