ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ތިލަފުއްޓަށް ވަޑައިގެން އެތަނުގައި ބަންދުކޮށްފައި ހުރި ކުނިތަކެއްގެ ކައިރީގައި

މިނިސްޓަރަށް މިހާރު ތިލަފުށިން ފެންނަނީ ކުނި މެނޭޖްކުރާތަން

ކުނީގެ ބޮޑެތި ފަރުބަދަތަކަކަށް ވެފައިވާ ތިލަފުށިން ކުނި ނައްތާލައި، އެތަނުގެ މަލަމަތި ރީތިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، އޭގެ ނަތީޖާ އަންނަނީ ފެންނަމުން

ކުނި އުކާލައި ރަށެއްގެ ބަދަލުގައި ތިލަފުށި މިހާރު، ކުނި މެނޭޖްކުރާ ތަނެއްގެ ގޮތުގައި ފެންނަން ފަށައިފި ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިރޭ ވިދާޅުވެއްޖެ އެވެ.

އެނގުން މުހިއްމު:- މާލެ ސަރަހައްދުން އުކާލާ ކުނި ނައްތާލައި، އެއިން ހަކަތަ އުފެއްދުމަށް، މިދިޔަ ޑިސެމްބަރުގައި ސަރުކާރުން ވަނީ ބިޔަ މަޝްރޫއެއް ފަށައިފަ އެވެ. މި މަޝްރޫއު ނިމޭއިރު، ތިލަފުށީގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ވީ ކިހިނެއް؟- ތިލަފުއްޓަށް މިއަދު ވަޑައިގެން، ކުނި ނައްތާލާ ސަރަހައްދު ބައްލަވާލެއްވުމަށް ފަހު ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިލަފުށި މިހާރު، ކުނި މެނޭޖްކުރާ ފެސިލިޓީއެއްގެ ގޮތުގައި ފެންނަން ފަށައިފި ކަމަށެވެ. އަދި އެކަމަށް އޭނާ، ވެމްކޯގެ ޓީމަށް ޝުކުރު އަދާކުރެއްވި އެވެ.

'ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް'ގެ ނަމުގައި ކުނި މެނޭޖްކުރަން ސަރުކާރުން ފެށި މަޝްރޫއަކީ މިފަދަ އެންމެ ބޮޑު މަޝްރޫ އެވެ. ބޭރުގެ ހަ ފަރާތެއްގެ މާލީ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ ޕްރޮޖެކްޓަށް 304 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދު ވެ އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ (ފޮޓޯ/ މިނިސްޓްރީ)

މާލެ އާއި އެކި ސަރަހައްދުތަކުން ތިލަފުއްޓަށް ދުވާލަކު 500 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް ކުނި ޖަމާކުރާ އިރު، އެކަށީގެންވާ ހައްލެއް ނުލިބިއްޖެ ނަމަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ތިލަފުށީ ފުރޭނެ ކަމަށް މާހިރުން ވަނީ ލަފާކޮށްފަ އެވެ.

އެހެންވެ ބިޔަ މި މަޝްރޫއު ޑިޒައިންކޮށްފައިވަނީ އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ޕްލާސްޓިކް ކުނި ރީސައިކަލްކޮށް އަލުން ބޭނުންކުރެވޭނެ ގޮތަށެވެ. އަދި ތިލަފުށީގައި ބޭލިން މެޝިނެއް ބޭނުންކޮށްގެން ކުނިތައް ރެޕްކޮށް ރައްކާތެރި ގޮތުގައި ގުދަން ވެސް ކުރާނެ އެވެ.

މި މަޝްރޫއުގެ ދަށުން ކުރާނެ ކަންތައް:

  • ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ދެ އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބަހައްޓާނެ؛ އެއާ އެކު ޖުމްލަ 500 ޓަނު ކުނި ނައްތާލުމުގެ ކެޕޭސިޓީ ގާއިމްކުރެވޭނެ

  • ކުނިން ދުވާލަކު 8 މެގަވޮޓާއި 5.8 މެގަވޮޓާއި ދެމެދުގެ ކަރަންޓު އުފައްދާނެ

  •  އިމާރާތްކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ތަންތަން ތަޅާލުމުން އުފެދޭ ގާކުނޑި ޕްރޮސެސް ކުރުމަށް ހާއްސަ ޕްލާންޓެއް ގާއިމްކުރާނެ

މި މަޝްރޫއު ނިމޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ 2024 ވަނަ އަހަރު އެވެ. މަޝްރޫއު ތަންފީޒުވެގެން އެއްކޮށް ނިމޭ އިރު، ތިލަފުށީގެ މަލަމަތި މުޅިން ބަދަލުވެ، ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުނި މެނޭޖްކުރުމުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް