ފެޝަން

މި އަހަރު ފެންނާނެ 6 ފެޝަން ޓްރެންޑެއް

މި އަހަރުގެ ފެޝަން ޓްރެންޑުތައް ތަފާތުވެފައި ޕާޓީތަކަށް ވަރަށް އެކަށީގެންވޭ
27 ޖެނުއަރީ 2023

މި އަހަރު ފެންނާނެ މައިގަނޑު ޓްރެންޑުތައް ފެޝަން ދާއިރާ ދިރާސާ ކުރާ މާހިރުން އާއްމުކޮށްފި އެވެ. މި އަހަރުގެ ފެޝަން ޓްރެންޑް ލިސްޓުގައި ތަފާތު ވައްތަރުތައް ހިމެނެ އެވެ. އެގޮތުން ވަރަށް ކުލަ ގަދަ، ވިދާ ހެދުން، އަތް ދަބަސް، ބޫޓު އަދި ގަހަނާ ވެސް ފެނިގެންދާނެ އެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ފެނުނު ބޮޑު ބަދަލާ ހިލާފު ޓްރެންޑެކެވެ. ގިނަ ފެޝަން މާހިރުން މި ބަދަލަށް ކިޔަނީ "ޕެންޑެމިކް އެސްކޭޕިޒަމް" އެވެ. އެއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން މަގުބޫލުވި ހެދުން އަދި އެކްސެސަރީޒް ޓްރެންޑަކީ، ސްވެޓްޕޭންޓްސް ފަދަ، ގޭތެރޭގައި ލައި އުޅޭ ގަޔަށް ދޫ ހެދުން ކަމަށް ވާތީ އެވެ. 

މިހާރު ކުރިއަށްދާ ކުޗުއާ ފެޝަން ވީކްތަކުން ވެސް އާ އަހަރުގެ ޓްރެންޑުތައް ފެންނަން ފަށައިފި އެވެ. އެގޮތުން އެންމެ މަގުބޫލު ހަ ޓްރެންޑަކަށް އަލިއަޅުވާލާނަމެވެ.

ކާގޯ

ކާގޯ ހަރުވާޅަކީ 2000ގެ އަހަރުތަކުގެ ކުރީކޮޅު މަގުބޫލުވި ސްޓައިލެކެވެ. އެކަމަކު މީގެ ދެ އަހަރު ވަރު ކުރިން އަނެއްކާވެސް 'ވައި-ޓޫ-ކޭ' ސްޓައިލް އާއްމުވި އެވެ. އަދި ކާގޯ ހަރުވާޅު މުޅިން ތަފާތު ގޮތްގޮތަށް ރަންވޭ މަތިންނާއި ވޯގްގެ ސްޓްރީޓްސްޓައިލް ފޮޓޯތަކުން ފެންނަން ފެށި އެވެ. މިދިޔަ އަހަރު އެކަނި ވެސް، އިންޓަނެޓުގައި %60 މީހުން ކާގޯ ހަރުވާޅު ހޯދާފައިވާ ކަމަށް ވޯގް މަޖައްލާއިން ބުންޏެވެ.

ގިނަ ޖީބު ލާފައި ހުންނަ ކާގޯ ޖީންސާއި ދިގު އަދި ކުރު ސްކާޓު ވެސް މި އަހަރުގެ ޓްރެންޑް ލިސްޓުގައި ހިމެނެ އެވެ. މިއީ ބެލާ ހަދީދް، ހޭލީ ބޯލްޑްވިން އަދި ކިމް ކާޑޭޝިއަން ފަދަ މަގުބޫލު ސެލެބްރިޓީންނަށް ކަމުދާ ސްޓައިލެއް ވެސް މެ އެވެ. މި ޒަމާނުގެ ހީވާގި އަންހެނުންނާ ގުޅޭ މި ސްޓައިލު ދުވާލާއި ރޭގަނޑުގެ މުނާސަބަތުތަކަށް އެކަށީގެންވާނެ އެވެ.

ރިހި ކުލަ

ފަހުގެ ރަންވޭ ޝޯތަކުންނާއި ސެލެބްރިޓީ އިވެންޓުތަކުން އެންމެ ގިނައިން ފެނުނު އެއް ކުލަ އަކީ ރިހި ކުލަ އެވެ. އެއީ ހެދުމެއްގެ ގޮތުގައި، އަތް ދަބަސް، ބޫޓު، ގަހަނާ ނުވަތަ ނިޔަފަތީގައި ޖައްސާފައި ހުންނަ ކުލަ ކަމުގައިވިއަސް، ރިހި ކުލަ އަންނަނީ މަގުބޫލުވަމުންނެވެ.

މިއީ ހަމައެކަނި ރޭގަނޑުގެ ހަފްލާއަކަށް ނުވަތަ ޕާޓީއަކަށް އެކަށީގެންވާ ޓްރެންޑެއް ނޫނެވެ. މިއީ ދުވާލު ގަޑިއަށް ވެސް މުނާސަބުކޮށް ސްޓައިލު ކޮށްލެވޭނެ ޓްރެންޑެކެވެ. އެގޮތުން ރިހި ކުލައިގެ އަތް ދަބަހެއް ރަސްމީ ހުދު ގަމީހަކާއި ހަރުވާޅަކާ އެކު ގުޅުވާލެވިދާނެ އެވެ. ނުވަތަ ރިހި ކުލައިން ނިޔަފަތީގައި ކުލަ ޖައްސާލައި ނޫނީ ރިހި ބޮޑު ފަށެއް ހެދުމަކާ ގުޅުވާލެވިދާނެ އެވެ. 

މިއީ ފަސޭހައިން އެކި ގޮތްގޮތަށް އެމީހެއްގެ އަތުގައި މިހާރު ހުރި ހެދުންތަކާ އެކު ބޭނުންކުރެވޭނެ ޓްރެންޑެކެވެ.

ތުރީޑީ މާ

'ވައި-ޓޫ-ކޭ'ގެ ނުފޫޒު އަންނަނީ ދުވަހުން ދުވަހަކަށް ވަރުގަދަވަމުންނެވެ. އުފުލިފައި ބޮޑުކޮށް ހުންނަ މާ، ޗޯކާ ފަށެއްގެ ގޮތުގައި ނުވަތަ ހެދުމުގައި ހަރުކޮށްފައި ހުންނަ ސްޓައިލަކީ 2000ގެ އަހަރުތަކުގެ ކުރީކޮޅު އާއްމުވި ޓްރެންޑެކެވެ.

މި އަހަރު ފެޝަން އިންފްލުއެންސަރުން ވަނީ މި ސްޓައިލުގެ ހެދުމާއި އެކްސެސަރީޒް ބޭނުންކުރަން ފަށާފަ އެވެ. މާ ޖެހި ޗޯކާ ފަށެއް ގިނަ ވައްތަރުތަކުގެ ޓޮޕާ ގުޅުވާލެވިދާނެ އެވެ. ހެދުމުގައި ބޮޑުކޮށް މާ ޖެހުމަކީ ވެސް މި އަހަރު އިތުރަށް މަގުބޫލުވާނެ ޓްރެންޑެއް ކަމަށް ފެޝަން މާހިރުން ބުނެ އެވެ.

ލޭސް

ލޭސް ހެދުމަކީ މިފަހުގެ ފެޝަން ޓްރެންޑެކޭ ބުނުން އެންމެ ރަނގަޅެއް ނުވާނެ އެވެ. އެކަމަކު ބޮޑެތި ފެޝަން ބްރޭންޑުތަކުންނާއި ފެޝަނަށް ލޯބި ކުރާ ގިނަ މީހުން އަންނަނީ ލޭސް ހެދުމަށް އިތުރު ޝައުގުވެރިކަމެއް ދެމުންނެވެ. 

ލޭސް، މަގުބޫލު ޒަމާނީ ޓްރެންޑަކަށްވީ 2009 އާއި 2010ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެއީ ހަމައެކަނި ކައިވެނި ޕާޓީއަށް ބްރައިޑުން ލާ ވައްތަރެއް ފޮއްޗެއް ނޫނެވެ. ކޮފީއަކަށް، ޑޭޓަކަށް ނުވަތަ ހާއްސަ ހަފްލާއަކަށް ވެސް މިއީ އެކަށީގެންވާ ވައްތަރެކެވެ.

މި އަހަރު ފެންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ އެއްކޮށް ލޭސް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ދިގު އަދި ކުރު ހެދުންތަކެވެ.

ވިދާ ކޮންމެ އެއްޗެއް

ވިދާ ވެލިފޮއްޗާއި މިނާ ހަރުކޮށްފައި ހުންނަ އަތް ދަބަސް އަދި ހެދުމުގެ މަގުބޫލުކަން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، މި މަހު ކުރިއަށްދާ ކުޗުއާ ފެޝަން ވީކްގައި ފެޝަން ބްރޭންޑު ވެލެންޓީނޯއިން ދައްކާލި އެންމެ ފަހުގެ ކަލެކްޝަނުގައި ވެސް ވިދާ ހެދުންތައް ގިނަ އެވެ. ޕާޓީތަކަށް މިފަހުގެ އެންމެ މަގުބޫލު ސްޓައިލު އެކި ބްރޭންޑުތަކުން އެކި ޑިޒައިންތަކަށް ވަނީ ފަރުމާކޮށްފަ އެވެ.

'ޑެނިމް އޮން ޑެނިމް'

މިއީ ގިނައިން އަޑުއިވޭ އަދި ފެންނަ ޓްރެންޑެކެވެ. އެއީ ޑެނިމް ޓޮޕެއް އަދި ތިރިން ޑެނިމް ޖިންސު ލުމެވެ. މި ސްޓައިލަށް 'ކެނޭޑިއަން ޓަކްސީޑޯ' ވެސް ކިޔާ އުޅެ އެވެ. އެކަމަކު މިފަހުގެ ޑެނިމް އޮން ޑެނިމް އަކީ ވަރަށް ޒަމާނީ އަދި ތަފާތު ވައްތަރެކެވެ.

ކުރިން ފާހަގަ ކޮށްލި ޑެނިމް ކާގޯ ޖީންސާ އެކު މަތިން ކުރު ޑެނިމް ގަމީހެއް ގުޅުވާލެވިދާނެ އެވެ. ޑޭޓަކަށް ނުވަތަ ރައްޓެހިންނާ އެކު ކޮފީއަކަށް ދާ އިރު މިއީ ސަޅި އަދި ޒަމާނީ ސްޓައިލެކެވެ. ބްލޫމަރިން އަދި ޑީޒަލް ފަދަ މަޝްހޫރު ފެޝަން ބްރޭންޑުތައް ވަނީ މި ޓްރެންޑު ޒަމާނީ ނަލަ ސްޓައިލަކަށް ފަރުމާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް