މިހާރުގެ ކޯލިޝަންގެ ލީޑަރުން: މި ބޮޑު ކޯލިޝަން 2018ގައި ހެދީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އެ ނޫން އެހެން ފޯމިއުލާއެއް ނުފެނުމުން (ފޮޓޯ/ޕީއެސްއެމް)

ސިޔާސީ

ފަހު ވަގުތުގެ ރިޔާސީ އިއްތިހާދު: ނަޝީދު ވިދާޅުވާ ގޮތަކަށް ނޫން

އިންތިހާބުގައި ވާދަނުކުރާ ޕާޓީތަކަށް ވެސް ދެވަނަ ބުރަށް ނުކުންނަ އިރު އޮންނަނީ ސަރުކާރުން ބައެއް ދޭން ޖެހިފައި، އެއީ ރާއްޖޭގެ ހަގީގަތް
11 ޖެނުއަރީ 2023

މުހިންމު ނުކުތާތައް

2008ގައި މައުމޫން ބަލިވީ ގާސިމްގެ ހުށައެޅުއްވުމާ އެއްގޮތަށް ސަރުކާރުން ބައެއް ހިއްސާކުރަން އެއްބަސްނުވުމުން

2013ގައި ނަޝީދަށް ނާކާމިޔާބުވީ އެމަނިކުފާނުގެ ފަހަތްޕުޅަށް އެހެން ޕާޓީތަކުން ނޭރުމުން

މި އަހަރު ވެސް ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ހަދަން ޖެހޭނީ އެކަހަލަ އިއްތިހާދެއް

އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އިދިކޮޅު ހުރިހާ ޕާޓީތަކެއް ގުޅިގެން ކުރި މަސައްކަތެވެ. އޭރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ ރާއްޖެއިން ބޭރަށް އަރުވާލެވިގެންނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގަ އެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހުންނެވީ ޖަލު ހުކުމެއްގައި އެކަމަކު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

މި ހާލަތުގައި ރިޔާސީ އިންތިހާބަށް އިދިކޮޅުން ނުކުތް އިރު، އެމްޑީޕީގެ ވެސް މާ ބޮޑު ބާރެއް ނެތެވެ. ރައްޔިތުންގެ މަޖިލިހުގައި ވެސް އެމްޑީޕީގެ މެމްބަރުންގެ އަދަދު މަދެވެ. އިދިކޮޅާ ގުޅުނު ޕީޕީއެމްގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމާ އެކު، މަޖިލިހުގެ ތެރޭގައި އިދިކޮޅުގެ ބާރު ގާތްގަނޑަކަށް ކެނޑުނީ އެވެ.

އެ ހަނދާންތައް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދެ ވާދަވެރިންގެ ތެރެއިން ނަޝީދު އާކުރައްވަނީ މުޅިން ތަފާތު ގޮތަކަށެވެ. އެމްޑީޕީއަށް ހުރިހާ ބާރެއް ލިބުމުން އެހީތެރިންގެ މަތިން ހަނދާން ނައްތާލެއްވުމަކީ އެމަނިކުފާނުގެ އާދައެއްކަން، ޕްރައިމަރީގެ ކެމްޕޭންގައި ދައްކަވާ ވާހަކަފުޅުތަކުން ދޭހަވެ އެވެ. އެކަމަކު އަނެއް ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ އެ ހަގީގަތް ގަބޫލުކުރައްވައި، އަދި އެހީތެރިންނާ އެކު ވެފައިވާ އެއްބަސްވުން ރޫޅިގެން ނުދާނެކަން ޔަގީންކޮށްދެއްވުމުގަ އެވެ.

ފުރަތަމަ އޮތީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމެވެ. އެކަމަކު އޭގެ ކުރިން ދެ ބޭފުޅުން ވެސް ގެންދަވަނީ ކުރިއަށް އޮތް ތަނުގައި ކަން ކުރައްވާނެ ގޮތް ކިޔައިދެއްވަމުންނެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ގެންގުޅުއްވާނެ ސިޔާސަތު ލަފާކުރެވެ އެވެ.

މިއީ އެކަނި ކާމިޔާބުކުރެވޭނެ ކަމެއް ނޫން

ސުވާލަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިއްތިހާދެއް ހަދަން ޖެހިއްޖެ ނަމަ، އެގޮތަށް އެއްބަސްނުވެ އިންތިހާބު ކާމިޔާބުކުރެވިދާނެ ހެއްޔެވެ؟ ތިން އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ބޮޑު 'ނޫނެކޭ' އެވެ.

ރާއްޖޭގެ ތަޖުރިބާއަކީ އެއްވެސް ޕާޓީއަކަށް އެކަނި ނުކުމެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިފައި ނުވުމެވެ. އަދި ވޯޓުތައް ބެހިގެން ދާ ގޮތުން ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކާމިޔާބީއެއް އެއްވެސް ޕާޓީއަކަށް ލިބޭނެ ކަމަކަށް ނުފެނެ އެވެ. ރައްޔިތުންގެ އެހާ ތާއީދު ބޮޑު ސިޔާސީ ލީޑަރަކު ރާއްޖައަކު ނެތެވެ. އެހެންކަމުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުގެ ކަށަވަރު ބޭހަކަށް އޮތީ އިއްތިހާދެއް ހެދުމެވެ.

ރައީސް ސޯލިހު، ނ. މަނަދޫގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިން ދެން ވެސް ހިޔާރުކުރާނީ ކޯލިޝަނެއް ކަމަށް ވިދާޅުވީ އެހެންވެ އެވެ.

"ހަގީގަތުގައި ޑިމޮކްރަސީއެއް ފައްކާވަމުން އަންނައިރުގައި އެއީ ހަމަ އެންމެ ރަނގަޅު ގޮތް. ކަންތައްތައް ހަމަޖެހި، ތަރުތީބު ވަންދެން ގިނަ ފިކުރުތައް އެއް ތަނެއްގައި ތިބެ، މަޝްވަރާކޮށްގެން ކަންކަން ނިންމުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަން އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

ރ. މާކުރަތުގައި އެމްޑީޕީގެ މެންބަރުންގެ ގޭގެއަށް ރައީސް ސޯލިހު ވަޑައިގެން ހާލު ބައްލަވަނީ (ފޮޓޯ/ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް)

ކޯލިޝަނެއް ދެމެހެއްޓުމާއި އެ ކޯލިޝަންގެ އެހެން ބައިވެރިންގެ ތާއީދާ އެކު ރިޔާސީ ފުރިހަމަ ދައުރެއް ނިންމާލެއްވުމުގެ ކްރެޑިޓް ރައީސް ސޯލިހަށް އެބަ އޮތެވެ. ނަޝީދުގެ ވެރިކަމާއި ޔާމީންގެ ވެރިކަމުގައި ކޯލިޝަންގެ އެއްބަސްވުންތައް ބޮލާލައިޖެހީ އެވެ. ވަކި ހިސާބަކުން ސަރުކާރު 'އަމިއްލަކޮށްލެއްވީ' އެވެ. 

ޔާމީންގެ ބިރަށް ރާއްޖެ ވަޑައިނުގެން ނަޝީދު ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކުފާނު ޖެއްސެވީ މިހާރު އެ ޖައްސަވާ ހިސާބެއް ނޫނެވެ. ސަބަބު ވަރަށް ސާފެވެ: ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެ ނޫން ކުޑަ ވެސް ފުރުސަތެއް ނެތީ އެވެ. އެހެންކަމުން އެ އިންތިހާބަށް ފަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބުމަކީ، ރިޔާސީ އިއްތިހާދާ ގުޅޭ ކަމެއް ނޫނެވެ.

"ނިކަން ބައްލަވާ އެމްޑީޕީ މި އިއްތިހާދަށް ނުކުތީ %40އޭ ތިމަންނާމެންނަށް ބޭނުމީ ސަރުކާރުން [ބުނެފައި]. އެކަމަކު [ރިޔާސީ އިންތިހާބަށް ފަހު އޮތް] ރައްޔިތުންގެ މަޖިިލީހުގެ ވޯޓު ނެގިއިރު، ސާފު އަގުލަބިއްޔަތެއް އެމްޑީޕީއަށް އެބަ އޮތް. ގޮނޑިތަކުގެ ތިންބައިކުޅަ ދެ ބައި އެމްޑީޕީއަށް ލިބިއްޖެ،" މިދިއަ އާދިއްތަދުވަހުގެ ރޭ މާލޭގައި އޮތް ކެމްޕޭން ބައްދަލުކުރެއްވުމުގައި ނަޝީދު ވިދާޅުވި އެވެ.

ދެން އެމަނިކުފާނު ވިދާޅުވީ، ވަކި ޕާޓީއެއްގެ ނަން ނުގެންނެވި ނަމަވެސް، އަދާލަތާއި މައުމޫންގެ އެމްއާރުއެމްއަށް އެންމެ ގޮނޑިއެއް ވެސް ނުލިބޭ ވާހަކަ އެވެ. އެކަމަކު އެ ޕާޓީތަކުގެ ބޭފުޅުން ކެބިނެޓްގައި ތިއްބަވާ ވާހަކަ އެވެ.

ކުރީގެ ރައީސް ނަޝީދު، ނޫސްވެރިންގެ ބައްދަލުވުމެއްގައި: އިއްތިހާދު ހައްދަވާ އިރު ވޯޓަށް ބައްލަވާނެ ކަމަށް ވިދާޅުވި (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

މިއީ އެއްގޮތަކަށް ވެސް ރަނގަޅު ހިސާބެއް ނޫނެވެ. ސަބަބަކީ ރިޔާސީ އިންތިހާބަށް އިއްތިހާދު ހަދަނީ ރައްޔިތުންގެ މަޖިލިހުން ގޮނޑި ލިބިދާނެ ނިސްބަތަށް ބަލާފައި ކަމަށް ނުވާތީ އެވެ. އަދި ސަރުކާރުން ލިބޭ ހިއްސާ، އާންމު އިންތިހާބުގެ ނަތީޖާއިން ކުޑަވާ ގޮތަކަށް، ލީޑަރުން އެއްބަސްވެފައެއް ވެސް ނޯވެ އެވެ.

އިދިކޮޅުން 2018ގެ ރިޔާސީ އިންތިހާބަށް ނުކުތީ އެއް ކެންޑިޑޭޓަކާ އެކު އެވެ. އޭގެ ކުރީގެ ދެ އިންތިހާބު، 2008 އާއި 2013ގައި، ބޮޑު ކޮންމެ ޕާޓީއަކުން ވެސް ފުރަތަމަ ބުރުގައި ވާދަކޮށް، މައި ކޯލިޝަނަކަށް ދިޔައީ ދެ ވަނަ ބުރުގަ އެވެ. ކުރިއަށް އޮތް އިންތިހާބުގައި ވެސް ވުން ކައިރީ އެހެންނެވެ. ދޭކަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވެ، ފުރަތަމަ ބުރުން ނަތީޖާއެއް ނުނިކުމެ، އެއް ވަނަ އާއި ދެ ވަނަ ކެންޑިޑޭޓާ އެކު ދެ ވަނަ ބުރަކަށް ދިއުމެވެ.

މި ހާލަތުގައި، ނަޝީދު މިހާރު އެ ވިދާޅުވާ ގޮތަށް، ލިބޭ ވޯޓުގެ ނިސްބަތަކަށް ބަލާނެ ވަގުތެއް ނޯވެ އެވެ. މިސާލަކަށް އަދާލަތު ޕާޓީން ރިޔާސީ އެއްވެސް އިންތިހާބެއްގައި ވާދަކޮށްފައެއް ނުވެ އެވެ. އެކަމަކު ކުރީގެ ތިން އިންތިހާބުގައި އިއްތިހާދު ހެދިއިރު ވެސް އަދާލަތު ވީ މުހިންމު ބައިވެރިޔަކަށެވެ. ނަޝީދު ވެރިކަމަށް ވަޑައިގެންނެވި 2008ގައި އަދާލަތަށް ރިޔާސީ އިންތިހާބުގައި އެންމެ ވޯޓެއް ވެސް ނުލިބެ އެވެ. އެކަމަކު އެމަނިކުފާނު އޭރު ލަފާކުރެއްވީ އެ ޕާޓީއަށް ވޯޓު ދޭނެ ދެތިން ހަތަރު ހާސް ނުވަތަ ހައެއްކަ ހާސް މީހުން ތިބެދާނެ ކަމަށެވެ. އެ ވޯޓުކޮޅު މައުމޫނުގެ ނަމުގައި ފާހަގަ ޖަހައިގެން ފޮއްޓަށް ވެއްޓޭކަށް ނަޝީދު ބޭނުންފުޅެއް ނުވި އެވެ.

ވާހަކަ ގޯހެއް ނޫން އެކަމަކު އަމަލެއް ނުކުރެވޭނެ

އިންތިހާބުގައި ލިބޭ ވޯޓުގެ ނިސްބަތުން އިއްތިހާދުގެ ބައިވެރިންނަށް ސަރުކާރުން ބައެއް ދިނުމަކީ ހަގީގަތުގައި އެންމެ އިންސާފުވެރި ގޮތެވެ. އެހެންކަމުން އެ ނަޒަރުން ނަޝީދު ދައްކަވާ ވާހަކަފުޅު ގޯހެއް ނޫނެވެ. ނަމަވެސް ބަލަން މި ޖެހެނީ ނުވަތަ ތަޖުރިބާކޮށްފައި މި އޮތީ ރާއްޖޭގައި ކަން ހިނގަމުން އަންނަ ގޮތެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަން ހިނގުން ވެސް ކައިރި މަގެވެ.

ދެވަނަ ބުރަށް ދިއުމާ އެކު، އެކަކާއި ދެވަނަ ކެންޑިޑޭޓްގެ ޓީމު ދުއްވައިގަންނަނީ ލިބެން އޮތް އެންމެ ގިނަ ވޯޓެއް ހޯދޭނެ ކޯލިޝަނެއް އުފައްދާށެވެ. މައުމޫނަށް 2008ގެ އިންތިހާބު ކާމިޔާބުނުކުރެއްވުނީ ގާސިމް ހުށައެޅުއްވި ހުށައެޅުއްވުން ގަބޫލުނުކުރެއްވުމުންނެވެ. ގާސިމް ބޭނުންވާ މިންވަރުގެ 'ފަޅިއެއް' ސަރުކާރުން ދޭން މައުމޫންގެ ޓީމުން ބޭނުމެއްނުވި އެވެ. އެހެންކަމުން ގާސިމްގެ ޓީމު ދިޔައީ އެމްޑީޕީގެ ފަޅިއަށެވެ.

ރިޔާސީ އިންތިހާބު 2008، ފުރަތަމަ ބުރު

  • 1-

    މައުމޫން އަބްދުލްގައްޔޫމް: 71،731 ވޯޓު (%40.63)

  • 2-

    މުހައްމަދު ނަޝީދު: 44،293 ވޯޓު (%25.09)

ރިޔާސީ އިންތިހާބު 2008، ދެ ވަނަ ބުރު

  • 1-

    މުހައްމަދު ނަޝީދު: 97،222 ވޯޓު (%54.21)

  • 2-

    މައުމޫން އަބްދުލްގައްޔޫމް: 82،121 ވޯޓު (%45.79)

ރިޔާސީ އިންތިހާބު 2013، ފުރަތަމަ ބުރު

  • 1-

    މުހައްމަދު ނަޝީދު: 96،764 ވޯޓު (%46.93)

  • 2-

    އަބްދުﷲ ޔާމީން: 61،278 ވޯޓު (%29.72)

ރިޔާސީ އިންތިހާބު 2013، ދެވަނަ ބުރު

  • 1-

    އަބްދުﷲ ޔާމީން: 111،203 ވޯޓު (%51.39)

  • 2-

    މުހައްމަދު ނަޝީދު: 105،181 ވޯޓު (%48.61)

ރިޔާސީ އިންތިހާބު 2018

  • 1-

    އިބްރާހިމް މުހައްމަދު ސޯލިހު: 134،705 ވޯޓު (%58.38)

  • 2-

    އަބްދުﷲ ޔާމީން: 96،052 ވޯޓު، (%41.62)

ނަޝީދު ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރަކީ ގާސިމެވެ. ނަމަވެސް އެންމެ 20 ދުވަހުގެ ތެރޭގައި އިސްތިއުފާ ދެއްވި އެވެ. އެ އިއްތިހާދު މާ ގިނަ ދުވަހަކަށް ދެމިގެންނެއް ނުދެ އެވެ. އެހެންކަމުން 2013ގެ އިންތިހާބުގެ ފުރަތަމަ ބުރުން ނަޝީދު ބޮޑު ތަފާތަކުން އެއް ވަނަ ހޯއްދެވި ނަމަވެސް އެމަނިކުފާނުގެ ފަހަތްޕުޅަށް އަރަން ޖޭޕީ އާއި އަދާލަތުން ވެސް ބޭނުމެއްނުވި އެވެ. ޕީޕީއެމްއާ ގުޅިގެން ނަޝީދު ބަލިކުރީ، ފުރަތަމަ ބުރުގައި ހޯއްދެވި ވޯޓަށް އެންމެ %3 އިތުރުނުކުރެއްވިގެންނެވެ.

ރާއްޖޭގެ އިންތިހާބެއްގައި ވޯޓު ފޮށި ބަންދުކުރަނީ: ރިޔާސީ އިންތިހާބު ކާމިޔާބުކުރެވެނީ ރަނގަޅު ކޯލިޝަނެއް ހަދާ ކެންޑިޑޭޓަކަށް (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެންމެ ފަހު އިންތިހާބު ފިޔަވައި ދެން އޮތް ދެ އިންތިހާބުގައި ވެސް ފުރަތަމަ ބުރުގެ ދެ ވަނަ ކެންޑިޑޭޓް ކާމިޔާބުކުރެއްވި ގޮތް އާދަޔާ ހިލާފަށް ތަފާތެވެ. މިސާލަކަށް 2008ގައި ނަޝީދަށް ކާމިޔާބުކުރެއްވުނީ ފުރަތަމަ ބުރަށް ވުރެ އިތުރަށް ގާތްގަނޑަކަށް 53،000  ވޯޓު ހޯއްދަވައިގެންނެވެ. ނަޝީދުގެ މައްޗަށް 2013ގައި ޔާމީން ކުރި ހޯއްދެވީ ފުރަތަމަ ބުރަށް ވުރެ ގާތްގަނޑަކަށް 50،000 ވޯޓު އިތުރަށް ލިބިވަޑައިގަނެގެންނެވެ.

ބޮޑު އިއްތިހާދެއް ނުހައްދަވައި ޔާމީން އެކަނިމާއެކަނި ނުކުންނަވައިގެން ނުކުތް ނަތީޖާ އަދި މާ ގޯހެވެ. އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އެއް ބުރަށް ބޭއްވި ފުރަތަމަ އިންތިހާބު އެމަނިކުފާނަށް ގެއްލުނީ 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ. އެންމެ ބޮޑު ބައްޔެވެ.

މި ތަފާތުތަކުގެ މައިގަނޑު ސަބަބަކީ އިއްތިހާދެވެ. ފަހު ވަގުތު، އެ ޕާޓީތަކުން ރުހޭ މިންވަރެއް ސަރުކާރުން ދޭ ގޮތަށް އެއްބަސްވެގެން ނުކުމެ ހިންގާލި ކެމްޕޭންތަކެވެ. އެހެންކަމުން އެ ދަނޑިވަޅު، ނަޝީދު މިހާރު އެ ވިދާޅުވާ ގޮތަށް، ވޯޓުގެ ނިސްބަތަށް ބެލޭކަށް ނޯވެ އެވެ. އެ ފުރުސަތެއް ނުވެސް ލިބެ އެވެ. ފުރުސަތު ދޫކޮށްލެއްވި ނުވަތަ ބޮޑު އިއްތިހާދަކަށް އެއްބަސްވެވަޑައިނުގެންނެވި ކެންޑިޑޭޓުން ނުވަތަ އިއްތިހާދެއް ނުހެއްދެވުނު، ހައްދަވާނެ ބަޔަކު ނުވި، ކެންޑިޑޭޓުން ވީ ބައްޔެވެ.

އޭގެ ދިރިހުރި މިސާލުތަކަކީ މައުމޫން އާއި ނަޝީދު އަދި ޔާމީނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް