Majlis 2024

ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން (ފޮޓޯ/ ގެޓީ އިމޭޖެސް)

ރަޝިޔާ

ޕޫޓިންގެ ހަނގުރާމައާ އެކު ރަޝިޔާގެ އިގްތިސާދު 4 އަހަރު ފަހަތަށް ވެއްޓިއްޖެ

ރަޝިޔާގެ އިގްތިސާދު ދެން ކުރިއަރަން ފަށާނެ ކަމަށް ލަފާކުރެވިފައި ވަނީ 2025 ވަނަ އަހަރު

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ފުރަތަމަ ފުރިހަމަ ކުއާޓަރުގައި އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ހަތަރު އަހަރު ކުރިން ހުރި ވަރަށް ދަށަށް ހިނގައްޖެ އެވެ. 

މިއީ ފުރަތަމަ ލަފާކުރި ވަރަށް ވުރެ ރަނގަޅު މިންވަރެއް ކަމުގައިވީ ނަމަވެސް، ހަނގުރާމައިގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަނދަވަޅު މިސްރާބު ޖަހާފައި ވަނީ ތާރީހުގައި ވެސް އެންމެ ދިގު ހީނަރުކަމާ ދިމާލަށެވެ.

ހުކުރު ދުވަހު ޝާއިއުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ރަޝިޔާގެ އުފެއްދުންތެރިކަން ވަނީ އަހަރެއް ތެރޭ ފުރަތަމަ ފަހަރަށް ދަށަށް ގޮސް %4 ގެއްލިފަ އެވެ. ނަމަވެސް މިއީ އިގްތިސާދީ މާހިރުންގެ އަންދާޒާތަކަށް ވުރެ ރަނގަޅު މިންވަރެކެވެ. އަދި ބްލޫމްބާގް އިކޮނޮމިކްސް އިން ބުނާ ގޮތުގައި ރަޝިޔާގެ އުފެއްދުންތެރިކަން މިހާރު ހުރީ 2018 ވަނަ އަހަރު ހުރި މިންވަރުގަ އެވެ.

ހަނގުރާމައާ ގުޅިގެން ހުޅަނގުން ރަޝިޔާގެ މައްޗަށް އެޅި ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ރަޝިޔާގެ ކާރު އުފެއްދުން ފަދަ ގިނަ ސިނާއަތްތަކެއް ހުއްޓުމަކަށް އައިސް، އާންމުން ވިޔަފާރި ކުރާ މިންވަރު ވެސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. އަދި ރަޝިޔާގެ އިގްތިސާދު ވެއްޓިފައި ވަނީ ފުރަތަމަ ހީކުރެވުނު ވަރަށް ވުރެ ކުޑަކޮށް ކަމުގައިވީ ނަމަވެސް، ކުރިއަށް ހުރި ކުއާޓަރުތަކުގައި ވެސް ރަޝިޔާގެ އިގްތިސާދު ދަށަށް ދާނެ ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުން ވަނީ އަންދާޒާ ކޮށްފަ އެވެ.

"ދިގު ރާސްތާގެ އާ މިންގަނޑަކާ ދިމާލަށް އިގްތިސާދު މިސްރާބު ޖަހާނެ،" މޮސްކޯގައި އޮތް ބައްދަލުވުމެއްގައި ބޭންކް އޮފް ރަޝިޔާގެ ޑެޕިއުޓީ ގަވަރުނަރު އެލެކްސޭ ޒަބޮޓްކިން ވިދާޅުވި އެވެ. "އިގްތިސާދު ހަމަޖެހެމުން ދާއިރު، އަނެއްކާވެސް ކުރިއަރަން ފަށާނެ."

ރަޝިޔާގެ އިގްތިސާދު ހިފެހެއްޓުމަށާއި ރޫބުލްގެ އަގު ދެމެހެއްޓުމަށްޓަކައި ބޭންކް އޮފް ރަޝިޔާއިން ވަނީ އިންޓަރެސްޓު ރޭޓު މައްޗަށް ޖައްސައި ކެޕިޓަލް ކޮންޓްރޯލުތައް ބޭނުންކޮށްފަ އެވެ. އަދި މާކެޓުތަކަށް މިހާރު ހަމަޖެހުން އައިސްފައިވުމާ އެކު ބޭންކް އޮފް ރަޝިޔާއިން ވަނީ އޭރު އެޅި ގިނަ ފިޔަވަޅުތައް އުވާލާފަ އެވެ.

އަދި ބޭރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ރަޝިޔާގެ އާންމުންނަށް ކުރާ މިންވަރު ދަށް ކުރުމަށް ސަރުކާރުން ވަނީ ހަރަދުތައް އިތުރުކޮށް، އިގްތިސާދު ތެރެއަށް އެތައް ފަހަރެއްގެ މަތިން ފައިސާ ޕަމްޕުކޮށްފަ އެވެ. މިއާ އެކު ތެލުގެ ސިނާއަތް ރަނގަޅުވެ، އާންމުން ކުރާ ހަރަދުތައް ވެއްޓުން ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

"މި ކާރިސާގެ މިސްރާބު މިދަނީ ވަރަށް އޮމާންކޮށް،" ރަޝިޔާގެ ސެންޓްރޯކްރެޑިޓް ބޭންކުގެ އިސް އިގްތިސާދީ މާހިރު އީވްޖެނީ ސުވޮރޮވް ވިދާޅުވި އެވެ.

ރަޝިޔާގެ ސެންޓްރަލް ބޭންކުން ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ އިގްތިސާދީ އަންދާޒާތައް ހުކުރު ދުވަހު ޝާއިއުކޮށްފަ އެވެ. އޭގައިވާ ގޮތުން ރަޝިޔާގެ އިގްތިސާދީ ކުރިއެރުން އަހަރަކު 1.5-%2.5 ދެމެދުގެ އަދަދަކަށް އަލުން އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ 2025 ވަނަ އަހަރު އެވެ. އަދި މި އަހަރާއި އަންނަ އަހަރު އިގްތިސާދީ ކުރިއެރުން 1-%4 ވެއްޓި، 2024 ވަނަ އަހަރު މިއަދަދު 4-%6 އަރާނެ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ރަޝިޔާގެ އިގްތިސާދު %10 ވެއްޓޭނެ ކަމަށް ބައެއް މާހިރުން ކުރިން ލަފާކޮށްފައިވީ ނަމަވެސް، ޖޭޕީމޯގަން ޗޭސް އެންޑް ކޯ އާއި ސިޓީގްރޫޕު އިންކް އިން ވަނީ މިހާރު މި އަދަދުތައް މުރާޖައާކޮށް، މުޅި މި އަހަރު ރަޝިޔާގެ އިގްތިސާދު ދަށަށް ދާނީ %3.5 ކަމަށް އަންދާޒާކޮށްފަ އެވެ.

ނަމަވެސް ބޭންކް އޮފް ރަޝިޔާއިން ވަނީ މި ކުއާޓަރުގައި އިގްތިސާދު %7 ދަށަށް ގޮސް ކުރިއަށް އޮތް ފަހު ކުއާޓަރުގައި މި އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފަ އެވެ.

ޔޫރަޕާއި ރަޝިޔާއާ ދެމެދު ކުރިއަށްދާ ހަކަތައިގެ ކޯޅުންތަކާ އެކު ރަޝިޔާގެ ހަކަތައިގެ ސިނާއަތަށް ވެސް އާ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. އިންޓަނޭޝަނަލް އެނާޖީ އެޖެންސީން ބުނާ ގޮތުގައި ރަޝިޔާއިން ބޭރު ކުރާ ތެލުގެ މިންވަރު ފުރަތަމަ ދަށްވާން ފަށާނީ މި މަހު އެވެ. އަދި އަންނަ އަހަރު ފެށެން ވާއިރަށް ރަޝިޔާއިން އުފައްދާ ތެލުގެ މިންވަރު %20 ވެއްޓޭނެ ކަމަށް އެ އިދާރާއިން ވަނީ އަންދާޒާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް