މުހައްމަދު މާހިރު (ކ) އޭނާގެ ކޮއްކޮ އަހުމަދު މާހިރުއާ އެއްކޮށް.

މަރު

ވިޔަފާރިވެރިޔާ މުހައްމަދު މާހިރު ދީދީ އަވަހާރަވެއްޖެ

އޭނާ ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ޅަފަތުގައި އެ ދާއިރާއަށް ހިދުމަތް ކުރައްވާފައި

ވެލާނާގޭ އަބްދުލްމަޖީދު މާހިރު އާއި ކޮލިގޭ ފާތިމަތު ނާސިރާގެ އެންމެ ދޮށީ ދަރިފުޅު، ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހިދުމަތްތެރިޔާ މުހައްމަދު މާހިރު ދީދީ (ކޮލިގޭ މުހައްމައިދީ)، އުމުރުން 68 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުހައްމަދު މާހިރު އަވަހާރަވީ އޭނާ ދިރިއުޅުއްވާ މެލޭޝިއާގައި، އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.

ތަފްސީލް - މުހައްމަދު މާހިރަކީ އޭނާގެ މަންމަގެ އާއިލީ ވިޔަފާރި ޔުނިވާސަލް އެންޓަޕްރައިސަސްގެ ހިއްސާދާރެކެވެ. އެ ކުންފުނީގެ ޗެއާމަން އަދި ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ކޮލިގޭ މުހައްމަދު އުމަރު މަނިކަކީ މުހައްމަދު މާހިރުގެ ބޮޑުބޭބެ އެވެ.

މުހައްމަދު މާހިރު ވެސް ވަނީ ބޭބެ ފަދައިން، ރާއްޖޭގެ ޓޫރިޒަމްގެ ކުރީކޮޅު އެ ދާއިރާގައި މަސައްކަތްކުރައްވައިފަ އެވެ. ރާއްޖޭގައި ޓޫރިޒަމް އާލާކުރުމުގައި އޭނާގެ ހިއްސާ ވެސް ބޮޑެވެ. މުހައްމަދު މާހިރުގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަހުމަދު މާހިރު ދީދީ އަކީ ވެސް އެ ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް ވެސް ޓޫރިޒަމްގެ ވިޔަފާރި ކުރައްވާ އަދި އެ ދާއިރާ އިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުހައްމަދު މާހިރަކީ ރާއްޖެއަށް ވިޔަފާރީގެ ދާއިރާ އިން، ހާއްސަކޮށް ޓޫރިޒަމްގެ ވިޔަފާރި ތަރައްގީކޮށް ކުރިއެރުވުމަށް އަގުނުކުރެވޭ ފަދަ ގިނަގުނަ މަސައްކަތްކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

އެނގުން މުހިއްމު - މުހައްމަދު މާހިރު ވަނީ ރޫމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސުލްކަން ވެސް ކުރައްވައިފަ އެވެ.

މުހައްމަދު މާހިރަކީ ލަންކާގެ ޓްރިނިޓީ ކޮލެޖުގައި ކިޔަވާ ވިދާޅުވިއިރު ވަރަށް މޮޅު ރަގްބީ ކުޅުންތެރިއެކެވެ. އެ ދުވަސްވަރު ކޮލެޖުގައި އޭނާ މަޝްހޫރުވީ 'މޯލްޑިވިއަން ރޮކެޓް'ގެ ގޮތުގަ އެވެ. އޭނާގެ ދަރިފުޅު ވަނީ ލަންކާގެ ރަގްބީ ޔޫތު ގައުމީ ޓީމަށް ކުޅެފަ އެވެ.

މުހައްމަދު މާހިރަކީ އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު ފަރަހަނާޒް ފައިސަލް އާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ އެއްބަފާ ބޭބެ އެވެ.

މުހައްމަދު މާހިރު (މ) އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ އަހުމަދު މާހިރު (ކ) އާއި އަމީން ފައިސަލްއާ އެކު.

އަދި އޭނާއަކީ ޔޫރޯ މާކެޓިންގެ ހިއްސާދާރު އިސްމާއިލް ނޫރައްދީނާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީންގެ އެއްބަނޑު ބޭބެ އެވެ.

މީގެ އިތުރުން، މުހައްމަދު މާހިރަކީ ބަފައިފުށުން، ރާއްޖޭގެ ވަޒީރުލްއައުޒަމް ކަމާއި ރައީސްކަން ކުރެއްވި އިބްރާހިމް ނާސިރުގެ ދެބެންގެދެދަރި ބޭފުޅެކެވެ.

ކޮމެންޓް (2)

މުހައްމަދު

22 ޖޫން 2022
އިންނާﷲ ވައިންނާ އިލައިހި ރާޖިއޫން
3 1

ވިލްދާން

22 ޖޫން 2022
މުހައްމަދު މާހިރަކީ ބަފައިފުށުން، ރާއްޖޭގެ ވަޒީރުލްއައުޒަމް ކަމާއި ރައީސްކަން ކުރެއްވި އިބްރާހިމް ނާސިރުގެ ދެބެންގެދެދަރި ބޭފުޅެކެވެ. ބަފައިފުށުން މިއީ ކިހާ ރީތި ދިވެހި ބަހެއް ނޫން ތޯ މިއޮތީ ބޭނުންކޮއްފައި. ޝުކުރިއްޔާ ހަމްދޫން
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް