Majlis 2024

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2013ގައި ވެރިކަމަށް ގެންނަން ކުރި ރިޔާސީ ކެމްޕޭންގެ ހަރަކާތެއް (ފޮޓޯ/އެމްޑީޕީ)

އެއް ނަޒަރަކުން ބަލާ ނަމަ މި ހުންނަނީ މުޅިން ވެސް 'ބަގާވާތް'

ރާއްޖޭގެ އެކި ސަރުކާރުތައް ވައްޓާލަން، ދިވެހިންގެ އެކި ގްރޫޕްތައް އެތައް 'ބަގާވާތެއް' ރާވައި، ހިންގަން އުޅުނު
15 ޖެނުއަރީ 2023
3

އެމްޑީޕީގެ ވަރުގަދަ ޕްރައިމަރީގެ ކެމްޕޭންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ހުރިހާ މައުލޫއަކަށް ވެސް ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަކު ބައެއް މައުލޫއުތަކުގައި ދެއްކެވި ވާހަކަފުޅުތަކުން މާޒީގެ ތެރެއަށް ހިޔާލުތައް ދަތުރުކުރެ އެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ 'ބަގާވާތެ'ވެ. 

ނަޝީދާއި އެމްޑީޕީގެ މެމްބަރުންނަށް 'ބަގާވާތަކަށް' ވަނީ ހަމައެކަނި 7 ފެބްރުއަރީގައި އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ހަމަނުޖެހުންތަކެވެ. އެ ހަމަނުޖެހުންތަކުގައި ފުލުހުންނާއި ސިފައިން ބައިވެރިވުމެވެ. ރައީސްގެ އިސްތިއުފާއަށް ސަލާމަތީ ބާރުތަކުގެ ބައެއް މީހުން ގޮވާލިގޮވާލުމެވެ.

'ބަގާވާތަކަށް' ވާން ޖެހެނީ ހަމައެކަނި ވެރިކަން ވެއްޓޭ ހަމަނުޖެހުން ނުވަތަ ރޭވުން އެކަންޏެއް ނޫނެވެ. ނާކާމިޔާބު އެތައް 'ބަގާވާތެއް' ވެސް ރާއްޖެ ދުށްޓެވެ. ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުން ފަށާ ނަމަ 1970ގެ އަހަރުތަކުގައި ކުރިމަތިވި ބޮޑު ބުރާސްފައްޗާއި ކުޑަ ބުރާސްފަތީގެ ރޭވުންގަނޑެވެ. އޭގެ ފަހުން އެމަނިކުފާނު އަވަހާރަކޮށްލަން ދިވެހި ވިޔަފާރިވެރިންތަކެއް ރާއްޖެއަށް ހަތިޔާރު އެތެރެކުރުމެވެ.

ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި ދިވެހިންގެ ބަޔަކު އިނގިރޭސި ވިލާތުން ގެނައި ކުލީ ސިފައިންނެވެ. ހަމަ އެ ދައުރު ނިމެން އުޅެނިކޮށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން، މައުމޫންގެ ނަން ފާސްނުކުރަން ބަޔަކު ކުރި މަސައްކަތެވެ. އޭގެ ފަހުން 3 ނޮވެމްބަރު 1988ގައި، ތަމަޅަ ޓެރަރިސްޓުން ގެނެސް ހިންގުވި ބޮޑު ލޭއޮހޮރުވުމެވެ. މައުމޫންގެ ވެރިކަން މަގުމަތިން ވައްޓާލަން 2004 ގައި ޖުމްހޫރީ މައިދާނަށް އެއްވި އެއްވުމެވެ.

3 ނޮވެމްބަރު 1988ގެ ޓެރަރިސްޓް ހަމަލާއަށް ފަހު ރައީސް މައުމޫން ސިފައިން ގޭގައި

މައުމޫނަށް ފަހު ރާއްޖޭގެ ވެރިކަމާ ނަޝީދު ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ވެރިކަން ވައްޓާލުމުގެ ރޭވުންތައް އިދިކޮޅުން ރޭވި އެވެ. އިސްތިއުފާ ދެއްވާނެތޯ ބަލަން، ބޮޑެތި މުޒާހަރާތައް ވެސް ބޭއްވި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭ ވަރަކަށް އޭރުގެ އިދިކޮޅަށް މަޖިލިހުގެ މެޖޯރިޓީއެއް ނެތެވެ. ނަޝީދުގެ އިސްތިއުފާއާ ހަމައަށް ދިޔައީ، ގާނޫނުއަސާސީ އާޢި ގާނޫނުތަކާ ހިލާފަށް ފަނޑިޔާރަކު ހައްޔަރުކޮށްގެން، ދުނިޔޭގެ އެކި ގައުމުތަކުން ވެސް އޭނާ ދޫކޮށްލަން އެދެމުން ދިޔަ ދަނޑިވަޅު، އިދިކޮޅުގެ ހަރަކާތްތައް މާ ބޮޑަށް ދޮންވެގެންނެވެ.

ނަޝީދަށް ހެއްދެވުނީ މުޅިން ވެސް ގޯހެވެ. އޭގެ ތެރޭގައި 6 ފެބްރުއަރީގެ ރޭ، އިދިކޮޅާއި އެމްޑީޕީގެ ހަރަކާތްތެރިންގެ މެދުގައި ތަޅާފޮޅުން އުފެދޭ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުން ފުލުހުންނާއި ސިފައިން ދުރަށް ޖެއްސުން ހިމެނެ އެވެ. އެއީ މުޅި ހާލަތު ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ވެއްޓުމުގެ ފެށުމެވެ. އަލުން ހަމަޖެހުން ގެންނެވޭނެ ގޮތެއް ރައީސަށް ފެނިވަޑައެއް ނުގަތެވެ.

އެމްޑީޕީ ސަޕޯޓަރުންނަށް 7 ފެބްރުއަރީ 'ބަގާވާތަކަށް' ވީ ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވި އިރު ވެރިރަށް އޮތް ނުރައްކާތެރި ހާލަތެވެ. 

ވެރިކަން ވައްޓާލުމުގެ ކޮންމެ ހަރަކާތަކީ 'ބަގާވާތެއް' ނަމަ އެ ސިލްސިލާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ފެނުނެވެ. ރިޔާސީ އެއް ދައުރުގެ ތެރޭގައި ވެރިކަން ވައްޓާލުމުގެ އެންމެ ގިނަ ރޭވުންތަކާ ކުރިމަތިލެއްވީ ޔާމީނެވެ. ގުނާލާ ނަމަ، ފުރަތަމަ 1 މޭ 2015ގެ ބޮޑު މުޒާހަރާ އެވެ. އޭގެ ފަހުން އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް ނެރުއްވި، ޔާމީން ހައްޔަރުކުރުމުގެ އަމުރެވެ. އޭރު ބެލެވުނު ގޮތުގައި އެ އަމުރު ނެރެފި ނަމަ ފުލުހުންގެ ބަޔަކު ގޮސް ޔާމީން ހައްޔަރުކުރަން ތިބީ ތައްޔާރުވެފަ އެވެ. ނަމަވެސް އެކަމެއް ނުވި އެވެ.

ސެޕްޓެމްބަރު 2015ގައި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ (ފޮޓޯ/ހަވީރު)

ޔާމީން ދަތުރުކުރެއްވި 'ފިނިފެންމާ' ލޯންޗުކޮޅުގައި 28 ސެޕްޓެމްބަރު 2015ގައި އެއްޗެއް ގޮއްވާލުމެވެ. އޭގައި ގޮވާ އެއްޗެހި ހަރުކުރީ ބާރުގަދަ ނައިބު ރައީސް އަހުމަދު އަދީބުގެ ރޭވުމެއްގެ ތެރެއިން ސިފައިންގެ ބައެއް ކަމަށް އޭރު ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ. އެކަމުގައި އުޅުނު ސިފައިން ވަނީ އަދީބާ ދެކޮޅަށް ހެކިބަސް ވެސް ދީފަ އެވެ. ކޯޓުގައި މައްސަލަ ސާބިތުވުމާއި ނުވުން، ދުރުގައި ބާއްވާށެވެ. އަދި އޭރު އެ ހަމަލާ އެކި ގޮތްގޮތަށް އަނބުރާލަން ސިޔާސީ ވާދަވެރިން (ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް) ތަފާތު ވާހަކަ ދެއްކި ނަމަވެސް، އެ ލޯންޗުގައި ގޮވާ އެއްޗެހި ހަރުކުރިކަމާއި ގޮއްވާލިކަން ޔަގީނެވެ.

ޔާމީނަކީ ނަޝީދު ކަހަލަ ވެރިއެއް ނޫނެވެ. ކޮންމެ ހާލަތެއްގައި ވެސް ވެރިކަން ދިފާއުކުރެއްވޭނެ ބާރު ރައީސްގެ އަތުގައި އޮންނާނެކަން ޔާމީނަށް އެނގިވަޑައިގަނެ އެވެ. އެހެންކަމުން ސިފައިންނާއި ފުލުހުން، އެއިން ކޮންމެ ހާލަތެއްގައި ވެސް ޔާމީން ބޭނުންކުރެއްވި އެވެ. ގާނޫނުއަސާސީއާ ހިލާފުވެވަޑައިގެން ނަމަވެސް ވެރިކަން ދިފާއުކުރެއްވި އެވެ.

އިދިކޮޅު އެއްވުމެއްގެ ތެރެއިން ރައީސް ސޯލިހު ޖުމްހޫރީ މައިދާންގައި ހުންނަވަނިކޮށް ފުލުހުން ހައްޔަރުކުރި ރޭ ވެސް، ގެންނަން ރާވާފައި އޮތީ 'ބަގާވާތެއް' ކަަމަށް އޭރު އަޑުއެރި އެވެ. އެރޭގެ އެއްވުމުގެ އެންމެ އިސް އެއް ލީޑަރަކީ، އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ ގޮތުން 'އިބޫ' އެވެ. ފުލުހުންގެ ތެރެއިން ބަޔަކު އިދިކޮޅާ ގުޅުނު ކަމަށްވެ އެވެ. އެ މީހުން ސަރުކާރާ ދެކޮޅަށް ނުކުންނަން އޮތީ، އެއްވުން ހަމަނުޖެހުމަކަށް ވެ، އެކަން ކޮންޓްރޯލްކުރުމުގެ ތެރޭގަ އެވެ.

ނަމަވެސް ކޮންމެވެސް ސަބަބުތަކާ ހެދި، އިދިކޮޅުން ރޭވި ގޮތަށް އެރޭގެ އެއްވުން އަނބުރައެއް ނުލެވުނެވެ. ގިނަ ބައިވެރިންނަށް ޖުމްހޫރީ މައުދާނަށް ވަދެވޭ ގޮތެއް ނުވި އެވެ. 

ރާއްޖޭގެ ސުޕްރީމް ކޯޓު: ޔާމީންގެ ވެރިކަމުގައި ވަރަށް ތަފާތު ހުކުމްތައް ނެރުނު (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ވެރިކަމާ ދެކޮޅު ކޮންމެ ނިންމުމަކީ 'ބަގާވާތެއް' ނަމަ އޭގެ އެންމެ ރަނގަޅު މިސާލަކީ 1 ފެބްރުއަރީ 2018ގެ ސުޕްރީމް ކޯޓު ހުކުމެވެ. މިއީ ޔާމީންގެ ވެރިކަމާ ދެކޮޅަށް އެންމެ މަތީ ކޯޓު މެދުވެރިކޮށް، އިދިކޮޅު ލީޑަރުން ގެންނަން އުޅުނު 'ބަގާވާތެއް' ކަމަށް، އެމަނިކުފާނާއި ޕީޕީއެމުން ގަބޫލުކުރެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމަށް ރައީސް ވެސް ތަބާއަވާން ޖެހެ އެވެ. އޭގެ ކުރިން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުތައް ޔާމީނަށް ރަނގަޅެވެ. މިސާލަކަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ނެތް ޝަރުތުތަކެއް، ސުޕްރީމް ކޯޓުގެ އަމުރަކުން ކަނޑައެޅީ ޔާމީންގެ އެންގެވުމަށެވެ. އެ އަމުރު އެމަނިކުފާނަށް ބަރާބަރެވެ. ޕީޕީއެމްއަށް ބަރާބަރެވެ. އަމުރު ތަންފީޒުކުރަން، ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކުރި އެވެ. ސިފައިންނާއި ފުލުހުން ނެރެ، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހަށް ނުވަދެވޭ ގޮތަށް ތަޅުލައިގެން ކަމަށް ވިޔަސް، ޔާމީން ގެންދެވީ އަމުރު ތަންފީޒުކުރައްވަމުންނެވެ.

އެކަމަކު ސިޔާސީ ގޮތުން ޔާމީނަށް ޕްރެޝަރު ބޮޑުވި 1 ފެބްރުއަރީގެ އަމުރު ބޮލާލައިޖެއްސެވީ އެވެ. އޭރު އެކި ހުކުމްތަކުގައި ތިބި ސިޔާސީ ލީޑަރުން (ނަޝީދާއި ގާސިމް އިބްރާހިމާއި މުހައްމަދު ނާޒިމް އަދި އިމްރާން އަބްދުﷲ ފަދަ) ދޫކޮށްލަން އަމުރުގައި އޮތް އޮތުން ޔާމީން ގަބޫލުފުޅެއް ނުކުރެއްވި އެވެ. އަދި ގޮނޑި ގެއްލުނު ކަމަށް ސަރުކާރުން ނިންމި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އޭގައި ބުނެފައި އޮތް ބުނުން ވެސް، ޔާމީން ނެންގެވީ، ސަރުކާރަށް 'ޖެއްސުންކުރުމެއް'ގެ ގޮތުގަ އެވެ.

ޕްރައިމަރީ ކެމްޕޭންގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

ނަޝީދު ވެސް އިސްކޮށް ހުންނަވައިގެން އިދިކޮޅުން ގެންނަން އުޅުނު އެ 'ބަގާވާތުން' ޔާމީން ސަލާމަތްވެވަޑައިގަތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްގެންނެވެ. ދެން ތިއްބެވި ތިން ފަނޑިޔާރުން ލައްވާ އެ އަމުރު ބަދަލުކޮށްގެންނެވެ. ސިފައިން ސުޕްރީމް ކޯޓަށް ވަދެގަތީ، އޭރު އިދިކޮޅުން ސިފަކުރި ގޮތުން ނަމަ 'ފުރާޅުން ޓިނު ނަގައިގެން'ނެވެ. އޭގެ ފަހުން އެއްބަފާ ބޭބެ މައުމޫން ވެސް ހައްޔަރުކުރި އެވެ.

ޕްރައިމަރީ ކެމްޕޭންގައި ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވައިގެން 'ބަގާވާތަކަށް ދޮރު ހުޅުވިގެން ނުދާނެ' ކަމަށެވެ. ނަމަވެސް ގާތް ރަހުމަތްތެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެކޮޅަށް މަޖިލިސް ތެރެއިންނާއި މަޖިލިހުގެ ބޭރުން އެމަނިކުފާނު ހިންގަވާ ހަރަކާތްތަކަށް ބަލާ ނަމަ، މަޖިލިހުގެ ކޮންޓްރޯލް ނަޝީދަށް ލިބިވަޑައިނުގަތުމަކީ ރައީސް ސޯލިހުގެ ނަސީބެވެ. މަޖިލިހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީ ހުރިހާ މެމްބަރުން ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރާ ނަމަ، މި ސަރުކާރު ވެއްޓުނުތާ މިހާރު ކިތައްމެ ދުވަހެކެވެ.

ސިޔާސީ ލީޑަރުންނަށް 'ބަގާވާތަކަށް' ވާނީ އެ މީހުންނާ ދެކޮޅަށް ކުރާ ކަންކަން އެކަންޏެވެ. ސިޔާސީ ވާދަވެރިޔާ ވެރިކަމުން ދުރުކުރަން ނުވަތަ ބާރު ކަނޑުވާލަން ހިންގާ އެއްވެސް ކަމެއް 'ބަގާވާތެއް'ގެ ސިފައިގައި ނުބަލަ އެވެ.

ކޮމެންޓް (3)

ޑަންދަހެލު

22 ޖެނުއަރީ 2023
ރިސާރޗް ނަހަދާ ލިޔެފައިވާ ލިޔުމެއް.ބަޣާވާތުގެ މާނަ ވެސް ލިޔުން ތެރިޔާ އަށް ސާފު ވާ ހެނެއް ހިޔެއް ނުވޭ.
0 0

އޭއި.

15 ޖެނުއަރީ 2023
މޫސާ ލަތީފަށް ނޭނގުނަސް މަޖިލީހުން އިތުބާރު ނެތް ކަމަށް ވޯޓު ނަގައި ރައީސް ވަކި ކުރުމަކީ ބަޣާވާތަކަށް ނުވާނެ. އެއީ ދުނިޔެ ދަންނަ ގާނޫނީ ހަމައަކީ. ގަލަމެއް އޮތަކަސް ހުރިހާ މަޢުލޫ އަކަށް ލިޔަން ނޭނގޭނެކަން މި އެނގުނީ.
3 3

ވަހުތާން

16 ޖެނުއަރީ 2023
@އޭއި. ހުރިހާ ކަމެއް އެނގިގެން އުޅޭ މީހެއް ދިއްދޫ މުރަނގަ ގަސްދޮށު މާލިމީ މިއީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް