ޕޮންޒީ ސްކީމެއް ހިންގަވާ ކަމުގެ ތުހުމަތުގައި އަލްހާން ފަހުމީ މިދިޔަ މެއި 17 ވަނަ ދުވަހުގެ ރޭ ޕޮލިހަށް ހާޒިރުވުމަށް ފަހު ނުކުމެވަޑައިގެން ކާރަށް އަރުއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަލްހާނުގެ ނުފެށުނު 'މި ފެށޭ މަސް': އިންވެސްޓަރުން އަދިވެސް ގެއްލުމުގައި

ޕޮންޒީ ސްކީމެއް ހިންގާކަމުގެ މައްސަލަ ފެންމަތިވި ފަހުން 6 މަސް ވެގެންދިޔަ އިރު، އެ ސްކީމަށް އިންވެސްޓުކުރި މީހުންގެ ފައިސާ އަދިވެސް ރައްދުކޮށްފައެއް ނުވޭ

މުހިންމު ނުކުތާތައް

ސްކީމުގެ ދަލުގައި ޖެހުނު 1،600 އެއްހާ މީހުން ތިބި ކަމަށް ބެލެވޭ

ފުލުހުން އެއްވެސް ތަފްސީލެއް ނުދޭތީ، ތަހުގީގުގައި ކުރިއެރުމެއް ލިބުނު ކަމެއް، ނޫން ކަމެއް ނޭނގޭ

ޓްވިޓާގައި މީހުން އަލްހާންއާ ސުވާލުކުރުމުން ފައިސާކޮޅު "ކައިލީ" ނޫން ކަމަށް ވިދާޅުވެ ފަރުޖައްސާލައްވާ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެތައް ހާސް ބައެއްގެ އަތުން ފައިސާ ނަންގަވައިގެން ބޮޑު ފައިދާއެއް ދޭނެ ކަމުގެ ވައުދާ އެކު ހިންގަމުން ގެންދެވި މާލީ ސްކީމަކާ މެދު ސަމާލުވާން މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި އެހެނިހެން އިދާރާތަކުން އެންގީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.

އަލްހާންގެ 'ކިންގްސް ފޮރެކްސް ޓްރޭޑިން'ގެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ޖެހިގެން އައި މާޗު މަހު ފަށައިފަ އެވެ. އަދި ހަމަ އެ މަހު އަލްހާނު އެ ސްކީމް ހިންގުން ހުއްޓާލެއްވި އެވެ. އެއާ އެކު، އިންވެސްޓުކުރި ފައިސާ ނުލިބިގެން އެތައް ބަޔަކު ފުލުހަށާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އަށް މައްސަލަ ހުށަހެޅި އެވެ.

އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ މި މައްސަލައިގައި ސުވާލުކުރަން އަލްހާނު ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. ނަމަވެސް، ލިބުނު މައުލޫމާތަށް ބަލާއިރު، އެއީ މި މައްސަލަ މިހާތަނަށް ގޮސްފައިވާ ހިސާބެވެ. ފުލުހުން އަދިވެސް ތިބީ ސުވާލުކުރުމުގަ އެވެ. ޝަކުވާ ފުނިޖެހެމުން ގޮސް، އިންވެސްޓަރުން މާޔޫސްވެއްޖެ އެވެ. ބަހަނާއަކަށް ފަހު ބަހަނާއެއް ދައްކަވަމުން، އަލްހާނު ވަޑައިގަންނަވަނީ ދިރިއުޅުމުގައި ކުރިއަށެވެ. އޭނާ އުޅުއްވާ ގޮތުން އިންވެސްޓަރުންނަށް ސިފަވަނީ، "ކަމެއް ވެގެން އުޅޭހެން ހީވެސް ނުވާ ކަހަލަ" ގޮތެކެވެ.

މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ 'ކިންގްސް ލޯންޖު'ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުލުހުންގެ ބަސް - މި މައްސަލަ ގޮސްފައި އޮތީ ކިހާ ހިސާބެއްތޯ 'ދައުރު'އިން ފުލުހުންނާ އިއްޔެ ސުވާލުކުރަމުން ބުނީ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

"ކަމާ ގުޅުންހުރި ލިޔެކިޔުން ހޯދައި އަދި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކޮށް، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

އިންވެސްޓަރުން ތިބީ ހަދާނެ ގޮތް ހުސްވެފައި

އަލްހާނު ހިންގެވި ސްކީމުގެ ދަލުގައި ޖެހުނު 1،600 އެއްހާ މީހުން ތިބިއިރު، އޭގެ ތެރޭގައި އުމުރު ދުވަހުގެ މަސައްކަތުން އެއްކުރި ފައިސާ އިންވެސްޓުކުރި މީހުން އެބަތިއްބެވެ. "އަހަރެއްގެ ތެރޭގައި މިލިއަނަރަކަށް ވެވޭނެ" ކަމަށް ބުނެ އެ ސްކީމުން ދެއްކި ދަޅައިގައި، ބޮޑެތި އަދަދުތަކުން ބޭންކު ލޯނު ނަގައިގެން އިންވެސްޓުކުރި މީހުން ވެސް އެބަތިއްބެވެ.

ފުލުހުން އެއްވެސް ތަފްސީލެއް ނުދޭތީ، ތަހުގީގުން މި މައްސަލައިގައި އެއްވެސް ކުރިއެރުމެއް ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ. އިންވެސްޓުކުރި ފައިސާ އަނބުރޭ ދޭން އެދި އަލްހާނުގެ ކިބައިން އިންވެސްޓަރުން އާދޭސް ކުރާތާ ހައެއްކަ މަސް ވާން ކައިރިވެފައިވާއިރު، ބަހަނާ ދެއްކެވުން ފިޔަވައި އިތުރު ކަމެއް އޭނާ ނުކުރައްވަ އެވެ.

ފައިސާ ރައްދުކުރަން ކިންގްސް ކުންފުނިން ދިން މުހުލަތުތައް:

  • އޭޕްރީލް މަހު ބުނީ ގިނަވެގެން ތިން މަސް (މެއި، ޖޫން، ޖުލައި) ބޭނުންވާ ކަމަށާއި ފައިސާ ދިނުން ލަސްވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި، އިންވެސްޓުކުރި އަދަދުގެ %25 އިތުރަށް ދޭނެ ކަމަށް

  • މެއި މަހު ބުނީ އިތުރު ވަގުތު ބޭނުންވާ ކަމަށާއި ޖުލައި މަހުގެ ކުރިން ފައިސާ ދިނުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށް

  • ޖުލައި 3 ގައި ބުނީ އެ މަހުގެ ފަހުކޮޅުގައި ފައިސާ އަނބުރާ ދޭން ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް

  • ޖުލައި 23 ގައި ބުނީ އެ މަހުގައި ބަންދު ދުވަސްތައް ގިނަވުމާއި އެކި ދަތިތަކާ ހުރެ ފައިސާ ދޭން ފެށުން ތާވަލު ނުކުރެވޭ ކަމަށް. ނަމަވެސް ޖުލައި 26ގެ ފަހުން ފައިސާ ދޭން ފެށޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނި

  • އޮގަސްޓް 2 ގައި ވެސް ބުނީ ހަމަ އެ ސަބަބުތަކާ ހުރެ ޖުލައި މަހު ފައިސާ ނުދެވުނީ ކަމަށާއި އޮގަސްޓް މަހު ފައިސާ ދޭން ފަށާނެ ކަމަށް

އޮގަސްޓް 2 ގެ ފަހުން ކިންގްސް ކުންފުނިން ޓެލެގްރާމްގައި ހިންގާ ދެ ގުރޫޕަށް ވެސް އިތުރު މެސެޖެއް ކޮށްފައެއް ނުވެ އެވެ.

އަލްހާނު ހިންގަވާ ކިންގްސް ފޮރެކްސް ޓީ ޓެލެގްރާމް ޗެނަލްއަށް އޮގަސްޓް 2 ވަނަ ދުވަހު ކޮށްފައިވާ މެސެޖުގެ ސްކްރީންޝޮޓެއް.

އަލްހާނުގެ ސްކީމަށް އިންވެސްޓުކުރި މީހުން ޓެލެގްރާމުގައި ހިންގާ ކޮމިއުނިޓީ ގުރޫޕުން ކޮންމެ ދުވަހަކުހެން ފެންނަނީ އެ މީހުންގެ ޝަކުވާތަކެވެ. ތަހުގީގުން އަދިވެސް އަލިމަގެއް ނުފެންނާތީ، އަލްހާނަކީ ފުލުހުން ހިމާޔަތް ކޮށްގެން ގެންގުޅޭ މީހެއް ކަމަށް ވެސް ބައެއް އިންވެސްޓަރުން ދަނީ ބުނަމުންނެވެ.

"ގާތްގަނޑަކަށް ހަ މަސް ފާއިތުވެއްޖެ، އެއް ކަމެއް ވެސް ނުވި. މިވަރަށް ދޯ ކެތް ކުރެވޭނީ،" ޓެލެގްރާމް ކޮމިއުނިޓީ ގުރޫޕުގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.

"ސުވާލަކީ އަހަރެމެން ދެން ވެސް ހަމަ އޮގަސްޓް މަސް ނިމެންދެން މަޑުކުރަންވީބާއޭ. އަހަރެމެން މޮޔަ ހައްދާފައި އަހަރު ނިންމާލަނީ އެއްޗެއް ނުދީ. އެޕްރީލް 18 އިން ފެށިގެން މިއަދާ ހަމައަށް މިތާ ނެތް ރީފަންޑުގެ ގޮތުގައި 100ރ. ވެސް ލިބުނު މީހެއް." 

އެ ގުރޫޕުގައި އެހެން މީހަކު ބުނީ މި މަހު ވެސް އިންވެސްޓަރުންނަށް ފައިސާ ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.

"އިއްޔެ [ކިންގްސް ކުންފުންޏަށް] މެސެޖުކޮށް ގުޅަން ފެށީމަ ބުނީ މިކަމާ ގުޅޭ ކޯޓު އަޑުއެހުމެއް އެބައޮތޭ 30 އޮގަސްޓުގައި. އެއިން ވާ ގޮތަކުންނޭ އެނގޭނީ ޕޭ ކުރެވޭނެ ދުވަހެއް،" އެ މެސެޖުގައި ބުނެފައިވެ އެވެ.

އިންވެސްޓަރުންގެ ދުވަސްތައް މިކަހަލަ ގޮތަކަށް ހޭދަވެގެންދާއިރު، އަލްހާނު އުޅުއްވާ ގޮތުން ކަމެއް ވެގެން ނުވަތަ ގިނަ އަދަދެއްގެ ބަޔަކަށް ބޮޑު ލަނޑެއް ދީގެން އުޅޭހެން އޭނާއަށް ހީވެސް ނުވާ ކަމަށް އިންވެސްޓަރުން ބުނެ އެވެ.

އަލްހާނު އުޅުއްވަނީ ޓުވިޓާ މެދުވެރިކޮށް ސިޔާސީ ކަންކަމުގައި ހިޔާލު ފާޅުކުރައްވައި، ގައުމުގެ އެކިއެކި ކަންކަމާ ބަސް ވިދާޅުވުމުގަ އެވެ. މިފަދަ ގިނަ ޓުވީޓުތަކުގެ ރިިޕްލައިތަކުން ވެސް ފެންނަނީ އިންވެސްޓަރުން ނުވަތަ އެމީހުންގެ ހައްގުގައި ބަސް ބުނާ މީހުން، ފައިސާ ރީފަންޑު ކޮށްދޭން އެދޭ ތަނެވެ. ނަމަވެސް އަލްހާނު ދެއްވަނީ ވަރަށް ކުރު ޖަވާބެކެވެ. މައްސަލަ ހައްލުވިހާ އަވަހަކަށް ފައިސާ ރައްދު ކުރާނެ ކަމަށެވެ. އަދި ފައިސާކޮޅު "ކައިލީ" ނޫން ކަމަށް ވިދާޅުވެ ފަރުޖައްސާލައްވަ އެވެ.

ކޮމެންޓް (4)

ރާގޮނޑި

15 އޯގަސްޓު 2022
ތީ ޖިނާއީ ކުށެއް ކަމަށް ނުބެލެވޭ. އެއީ މަކަރާތް ހީލަތުން ފައިސާ ހޯދިކަން ފެންނަނެތީތީ. ފުލެޓް ގަނެގެން އުޅޭ މީހުންނަށް ބުނި ވަގުތަށް ފުލެޓު ހަވާލެއް ނުކުރެވޭ ގިނަފަހަރަށް 2 އަހަރުވާއިރުވެސް. ސައިކަލަށް ޕްރީ އޯޑާ ކުރީމަ ބުނި ދުވަހަށް ނުގެނެސް ދެވޭ. ދެން މިކަންކަމަށް ޖިނާއީ ކުށޭ ކިޔޭނަމަ އަލްހާންގެ ޓްރޭޑިން ވިޔަފާރިޔަށްވެސް ކިޔޭނީ. މަދަނީ މިންގަނޑުން ވާހަކަ ދެންކުން އޮތީ. ބޮޑަށް ބެލެވޭގޮތުން ބަޔަކު އަޑީގައި ތިބެގެން އަލްހާންގެ ވިޔަފާރި ހުއްޓުވަން ކުރިކަމެއް. އަލްހާން ގޯސް ހެދިނަމަ ބެންކް އޮފް މޯލްޑިވްސް އާއި ދެކޮޅަށް ކޯޓަށް މިކަމުގައި ނުދިޔައީސް.
0 1

ލައިލާ

15 އޯގަސްޓު 2022
އެހެންވީމަ ޕޮންޒީ ސްކީމަށް ދިވެހި ބަހުން ކިޔަން އަލްހާން ސްކީމް ކިހިނެތް ވާނެ؟
0 0

ފަރީދު

15 އޯގަސްޓު 2022
ތަހުގީގު ކުރިޔަށް ދާނަމަ މިހާ ދުވަސް ވެގެން ނުދާނެ. ވަރަށް ފާޅުކޮށް ހުރި ކަމެއްގަ "ތަހުގީގު ކުރިޔަށް" ދަނީ ކަމަށް ބުނެ މިހާ ގިނަ ދުވަހު ހިފަހައްޓާކަށް ނުޖެހޭ. ފައިސާ ހަވާލުކުރި މީހުން ތިބީ އެނގެން. ފައިސާ ލިބުނު ކަމަށް ލިބުނު މީހުން (އަލްހާނުމެން) ދޮގެއް ނުކުރޭ. އަނބުރާ ދޭން ބުނި ގޮތަށް ފައިސާ ނުދޭކަން، ލިބެންވާ މީހުންނާއި އަލްހާނުމެން ވެސް ފާޅުގަ އެބަ އެއްބަސްވޭ. ދެން ކޮންކަމެއް ތަހުގީގު ނުވެގެން ތި އުޅެނީ؟
0 0

އިމްތިޔާޒް

15 އޯގަސްޓު 2022
މިހާ ދުވަސް ނަގަނީ ފުލުހުންނަށް މިކަމުގެ ޓެކްނިކަލް ކަންކަން ނޭނގޭތީ ހެން ހީވަނީ. ނޭނގެންޏާ އެނގޭ ބަޔަކާ ހަވާލުކުރަން ވީނުން ދޯ؟ ތަހުގީގު ކުރިޔަށް ދަނީ އޭ ބުންޏަސް އެއީ ހަމަ ދޮގެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް