ކޮވިޑް-19 ވެކްސިން ޖެހުމަށް މާލޭގެ ސޯޝަލް ސެންޓަރުގައި މީހަކު ތައްޔާރުވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒް ޖަހަން ފަށަނީ

ހުޅުމާލޭ ހޮސްޕިޓަލުގައި މާދަމާ ހަތަރު ވަނަ ޑޯޒް ދޭން ފަށާއިރު، ދަރުމަވަންތަ ހޮސްޕިޓަލާއި ދަމަނަވެށީގައި ޖަހަން ފަށާނީ އަންނަ އާދީއްތަ ދުވަހު

ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކު މީހުންނަށް ކޮވިޑް-19ގެ ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދޭން ފަށަން ނިންމައިފި އެވެ.

ބުނީ ކީކޭ؟ - އެޗްޕީއޭ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ ހަ މަސް ވެފައިވާ ކުދިންނަށް މާދަމާ އިން ފެށިގެން ތިން ވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށެވެ.

އޭގެ އިތުރުން، ކޮވިޑް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ބައެއް ކެޓަގަރީތަކުގެ މީހުންނަށް ހަތަރު ވަނަ ޑޯޒެއް ދޭން ވެސް ވަނީ ނިންމާފަ އެވެ. އެއީ:

  • އުމުރުން 65 އަހަރުން މަތީގެ މީހުންނަށް 

  • ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުންނަށް

  • އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް

ކުޑަކުދިންނަށް ވެކްސިންގެ ތިން ވަނަ ޑޯޒް އަދި ބައެއް ކެޓަގަރީތަކުގެ ބޮޑެތި މީހުންނަށް ހަތަރު ވަނަ ޑޯޒް ދޭނީ:

  • ދަރުމަވަންތަ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން، ހެންދުނު 10 އިން މެންދުރު 12އަށް (ކޮންމެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކު)

  • ހުޅުމާލޭ ހޮސްޕިޓަލުގައި މާދަމާ އިން ފެށިގެން، މެންދުރުފަހު 1 އިން 3އަށް (ކޮންމެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހަކު)

  • ދަމަނަވެށީގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން، މެންދުރުފަހު 1 އިން 3އަށް (ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު)

އެޗްޕީއޭ އިން ބުނި ގޮތުގައި، އެ ޑޯޒް ޖެހޭނީ އެފަދަ މީހުންގެ ތެރެއިން ވެސް ތިން ވަނަ ޑޯޒް ފުރިހަމަކުރިތާ ހަތަރު މަސްވެފައިވާ މީހުންނެވެ. އަދި ޖަހައިދޭނީ ފައިޒާ ވެކްސިން އެވެ.

ދިފާއީ ނިޒާމު ބަލިކަށި ކަމަށް ބަލާނެ މީހުން:

  • ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން

  • އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން

  • ދިގުމުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށް ވުރެ މަތީ ޑޯޒެއް އެއް މަހުގެ މުއްދަތަށް ވުރެ އިތުރަށް ބޭނުންކުރުން)

  • ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުން

  • ކެންސަރު ބަލީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ކެންސަރު ބައްޔަށް ފަރުވާކޮށް ނިމި އަހަރެއް ނުވާ މީހުން

ބަލި ބޮޑުވުމުން ނުރައްކާވެދާނެ ފަރާތްތައް:

  • އިސްކޮޅާ އަޅާބަލާއިރު ބަރުދަން މަތި މީހުން (ބީއެމްއައި 40 އިން މަތީގައިވާ މީހުން)

  • ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ގޭގައި އޮކްސިޖަން ތެރަޕީގެ ފަރުވާ ލިބެމުންދާ މީހުން ނުވަތަ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ޖެހޭ ކަމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ މީހުން

  • ސީއޯޕީޑީ، ބްރޮންކިއެކްޓަސިސް، ސިސްޓިކް ފައިބްރޯސިސް އަދި އިންޓަސްޓިޝިއަލް ލަންގް ޑިޒީޒް ފަދަ ފުއްޕާމޭގެ ބައްޔަކަށް ފަރުވާކުރާ މީހުން

  • ލިވާ ސިރޯސިސް ފަދަ ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން

  • ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ ފަރާތްތައް

  • އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތައް

އެނގުން މުހިންމު - މީގެ އިތުރުންް، 12 އަހަރުން މަތީގެ ކުދިންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ ނުކުރެވި ވާ ކުދިންނަށް ވެސް ވެކްސިން ސެންޓަރުތަކުން ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހައްދައިގެންނެވެ. އަތޮޅުތެރޭގައި ވެކްސިންޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން އާއްމު ކުރާނެ އެވެ.

ކޮމެންޓް (1)

ފާތުން

22 ޖޫން 2022
ހޫން. އަދި މި އުޅެނީ 2 ޑޯޒް ވެސް ނުޖެހިގެން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް