ވެނަޒުއޭލާގެ ތެޔޮ ޓޭންކަރަކަށް އެ ގައުމުގައި ތެޔޮ ލޯޑު ކުރަނީ: ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރާނާއި ވެނަޒުއޭލާއިން ދަނީ ތެޔޮގެ މުއާމަލާތްތައް ކުރަމުން. (ފޮޓޯ/ރޮއިޓާސް)

އިރާނުގެ ތެލުގެ ވިޔަފާރިއަށް ރާއްޖެއާ ކައިރި ކަނޑުގެ ސަރަހައްދުތައް ބޭނުން ކުރަނީ

ވެނަޒުއޭލާގެ ޓޭންކަރަކަށް އިރާނުގެ ޓޭންކަރަކުން ތެޔޮ ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ 37 ނޯޓިކަލް މޭރު ބޭރުން

އެމެރިކާ އާއި ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިރާނުގެ ތެޔޮ ޓޭންކަރުތަކުން ތެލުގެ ވިޔަފާރި ކުރުމަށް ރާއްޖެއާ ކައިރި ކަނޑުގެ ސަރަހައްދުތައް ބޭނުން ކުރަމުންދާ ކަމުގެ ހެކި 'ރޮއިޓާސް'އިން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ރޮއިޓާސްއިން އިއްޔެ ބުނެފައިވާ ގޮތުގައި، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނާއި ވެނެޒުއޭލާއިން ދަނީ އެ ގައުމުތަކުގެ ތެޔޮ ބާޒާރުތަކަށް ނެރެ، އޭގެ ވިޔަފާރިކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރަމުންނެވެ.

ސެޓެލައިޓް ފޮޓޯތައް ބޭނުންކޮށްގެން ތެޔޮ ޓޭންކަރުތައް މޮނިޓާ ކުރާ ޓޭންކާޓްރެކާސް ކިޔާ ވެބްސައިޓަކުން އާންމު ކުރާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ރޮއިޓާސްއިން ބުނީ، މިދިޔަ މާޗު މަހު ވެނެޒުއޭލާ ސަރުކާރުގެ ތެޔޮ ކުންފުނި، ޕީޑީވީއެސްއޭގެ ޓޭންކަރަކުން ދެކުނު ޗައިނާ ކަނޑުގައި އެ ގައުމުގެ ސާފު ނުކުރާ ތެޔޮ ފީފާތަކެއް ބޭލުމަށް ފަހު އަނބުރާ ގައުމަށް ދިޔަ މަގުމަތީގައި ރާއްޖެއާ ކައިރިން އިރާނުގެ ޓޭންކަރަކުން ލިކިއުޑް ގޭސް ކޮންޑެންސޭޓު ވެނެޒުއޭލާގެ ޓޭންކަރަށް ބަރުކޮށްފައިވާ ކަމަށެވެ.

ތަފްސީލު -

  • ތެޔޮ ބަރުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ 37 ނޯޓިކަލް މޭރު ބޭރުން

  • އިރާނުގެ ޓޭންކަރުން ބަރުކުރީ ގާތްގަނޑަކަށް ދެ މިލިއަން ފީފާގެ ކޮންޑެންސޭޓު

  • އެކަން ކުރީ ނޭޝަނަލް އިރާނިއަން ޓޭންކާ ކޯ (އެންއައިޓީސީ)ގެ 'ވީއެލްސީސީ ހިއުޖް' ކިޔާ ޓޭންކަރަކުން

  • ރޮއިޓާސްއިން ބުނީ މިކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް ވަގުތުން ނުލިބޭ ކަމަށް

މިދިޔަ ހަފްތާގައި ވެނަޒުއޭލާގެ ޓޭންކަރަށް އެރުވި ސާފު ނުކުރާ ތެލުގެ ގާތްގަނޑަކަށް ދެ މިލިއަން ފީފާގެ ތެރެއިން އެއް ބައި އެ ގައުމުގެ ބަނދަރަކަށް ގެންގޮސް ބާލާފައިވެ އެވެ.

އިރާނާ ގުޅުންހުރި ޓޭންކަރުތަކުގެ ދަތުރުތައް މޮނިޓާ ކުރާ 'ޔުނައިޓެޑް އެގެއިންސްޓް ނިއުކްލިއާ އިރާން' އެޑްވޮކަސީ ގްރޫޕުގެ ޗީފް އޮފް ސްޓާފް ކްލެއާ ޖަންގްމެން ރޮއިޓާސްއަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރީގައި އެފަދަ މުއާމަލާތްތައް ކުރެވުމަކީ އިރާނަށް ވަރަށް ފަސޭހަވާ ކަމެއް ކަމަށެވެ. އެގޮތުން، އިރާނުގެ ބަނދަރަކުން މި ހިސާބަށް އައުމަށް ނަގަނީ އެންމެ ފަސް ދުވަސްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެނގުން މުހިންމު - އިރާނާއި ވެނެޒުއޭލާއިން ގުޅުން ގާއިމް ކުރަމުން ދާއިރު، 2020ގައި އިރާނުން ވަނީ ވެނެޒުއޭލާއަށް ތެލާއި ވެނަޒުއޭލާގެ ތެޔޮ ރިފައިނަރީތައް މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފަ އެވެ. މި މަހުގެ ތެރޭގައި އިރާނުގެ ތެލުގެ މިނިސްޓަރު ޖަވާދު އޯޖީ ވެނެޒުއޭލާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯއާ ވެސް ބައްދަލުކުރެއްވި އެވެ.

ވެނަޒުއޭލާގައި އޮންނަނީ ތެޔޮ އަޅާ އެންމެ ސުޕަޓޭންކަރެކެވެ. އެއީ، އެ ގައުމުން ޗައިނާއަށް އޮތް ދަރަނިތައް އަދާ ކުރުމުގެ ގޮތުން މީގެ ކުރިން ތިން ސުޕަޓޭންކަރެއް ޗައިނާގެ ޕެޓްރޯޗައިނާ ކުންފުންނަށް ދޭން ޖެހުމުންނެވެ.

އެ ގައުމުގެ ހަމައެކަނި ސުޕަޓޭންކަރުން އާންމުކޮށް ތެޔޮ ގެންދަނީ ގައުމުގެ އެތެރޭގެ ޕޯޓުތަކަށެވެ. އެކަމަކު، އެމެރިކާއިން 2019ގައި ވެނެޒުއޭލާއަށް ފިޔަވަޅު އެޅި ފަހުން އެ ގައުމުން ވަނީ އެ ޓޭންކަރުން ސާފު ނުކުރާ ތެޔޮ އޭޝިއާއަށް ވެސް ގެންދަން ފަށައިފަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް