Majlis 2024

ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

މަސައްކަތެއް ނުކޮށް ހުންނާތީ، އަދި މާލެ ނުދާތީ ތޯރިގު ގާތު ސާނިޔާ ވަަރަށް ދުވަހު ޝަކުވާ ކޮށްފިއެވެ. ނަމަވެސް އަބަދުވެސް ބަހަނާއެއް އޮވެއެވެ. ތޯރިގުގެ ހިޔާލު ބަދަލުވީ ކުއްލިއަކަށެވެ.

އެޕިސޯޑް 8

ހޯމަ ދުވަހުގެ ބަޔާ ގުޅޭ

އަޒްނާ ލިބުމުން ވެސް ހަރަދުތައް ބަލަހައްޓަމުން ދިޔައީ ހަދީޖާ އާއި ހާރޫނެވެ. ސާނިޔާއަށް ކެތްކުރަން އުނދަގޫ ވާން ފެށިއެވެ. ތޯރިގުއާ ސުވާލު ކުރިއެވެ.

"ތޯރިގު. ކިހިނެއް މިހެން އަބަދު އުޅޭނީ؟ ކޮން އިރަކު މާލެ ދާނީ؟" ހިތްހަމަނުޖެހި ހުރެގެން ސުވާލު ކުރި ނަމަވެސް އެކަމެއް ސާނިޔާ ނުދައްކައެވެ. މޫނުމަތިން ދެއްކީ ކަންބޮޑުވުމެވެ.

"އަހަރެން ވެސް ތި ކަމާ މި ވިސްނަނީ. ދާންވީ ކޮން ދުވަހަކުން ބާވައޭ! މި އަންނަ ހަފުތާގައި ފުރަންވީ ކަންނޭނގެ،" ތޯރިގު ބުންޏެވެ. ސާނިޔާ އުފާވިއެވެ. މިވީހާ ތަނަށް ތޯރިގު ބުނަމުން އައީ އަދި ނޭނގޭ ކަމަށެވެ. ނަމަވެސް މި ފަހަރު އެބުނި ގޮތުން ސާނިޔާ ހިތްހަމަޖެހުނެވެ. ތޯރިގުގެ ހިތުގައި ވަނީ ކޮން އެއްްޗެއް ކަމެއް ސާނިޔާއަކަށް ނޭނގެއެވެ. ވިސްނަމުން ދިޔައީ ކޮން ކަމަކާ ކަމެއް ވެސް ނޭނގެއެވެ. ދެ މާނަ އެކުލެވޭ ގޮތަށް ވާހަކަ ދެއްކިޔަސް ސާނިޔާއަށް އެކަން ވިސްނައި ނުގަނެވެއެވެ. އެކަމަކު ތޯރިގު އަބަދުވެސް ވާހަކަ ދައްކަނީ އެ ގޮތަށެވެ.

ޖެހިގެން އައި ހަފުތާގައި މާލެ ފުރުމަށް ހުރިހާ ތައްޔާރީތަކެއް ސާނިޔާ ވިއެވެ. ހަދީޖާ ތައްޔާރު ކޮށްދިނީ ތެލުލި ބަނބުކޭލާއި ކަނަމަދާއި ތެލުލި އަލައެވެ. އަޒްނާ ނޫނަސް ހަދީޖާގެ މާމަ ދަރިން ތިބެއެވެ. ނަމަވެސް އަޒްނާ ގޮވައިގެން ފުރަން އުޅޭތީ ހަދީޖާ ދެރަވިއެވެ. ނަމަވެސް ސާނިޔާ އަމިއްލަ ދިރިއުޅުމެއް ފަށަން އުޅޭތީ އެކަމާ އުފާ ކުރިއެވެ. ސާނިޔާ ހުރީ ތޯރިގުގެ އިންތިޒާރުގައެވެ. ފޮށްޓަށް އަންނައުނު އަޅަން ތައްޔާރު ވެގެންނެވެ. ދުވަހުގެ އިރު އޮއްސުނު ފަހުން ތޯރިގު އައެވެ.

"ހާދަ ގިނައިރު ކޮށްފައި ތި އައީ. އަހަރެން ކޮން އިރެއް އިންތިޒާރު ކުރާތާ!" ކެތްމަދުވެފައި އިން ސާނިޔާ ބުންޏެވެ.

"ކޮން ކަމަކު އަހަރެންނަށް އިންތިޒާރު ތި ކުރަނީ؟" ލައިގެން ހުރި ޓީޝާޓް ބާލަމުން ފަރުވާ ކުޑަ ގޮތަކަށް ތޯރިގު ބުންޏެވެ.

"މާދަމާ ދޯނި ފުރަޔޯ ބައްޕަ ބުނީ،" ސާނިޔާ ހިނިތުންވަމުން ބުންޏެވެ.

"ދެން ކިހިނެއްވީ؟ ވިއްސާރަ އަލިވީމަ ދޯނި ފުރާނެތާ!" ތޯރިގު ސާނިޔާއާ ދިމާލަށް ބަލާ ވެސް ނުލައި ބުންޏެވެ.

"ތޯރިގު ބުނީމެއްނު މި ހަފުތާގައި ފުރާނަމޭ؟" ސާނިޔާ ނިތްކުރިއަށް ރޫތައް ގިނަ ކޮށްލަމުން ބުންޏެވެ.

"އަހަރެން ހަނދާން ނެތުނީއޭ. އަދިވެސް ގެ އެއްކޮށް ނުނިމޭ. މިހާރު އެންމެ ފަހު މަސައްކަތްތައް ކުރިއަށް ދަނީ. ދެން މާ ލަހެއް ނުވާނެ އިނގޭ؟" ސާނިޔާގެ ބޮލުގައި ފިރުމާލަމުން ތޯރިގު ބުންޏެވެ. އަދި ނުކުމެގެން ދިޔައެވެ.

ސާނިޔާ އިނީ ފޫހިވެގެން ގޮސް ހަލާކުވާ ވަރު ވެފައެވެ. ކިތަންމެ އިތުބާރު ކުރަން ބޭނުން ވިޔަސް ސާނިޔާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދުނެވެ. އަދި ސުވާލު އުފެދުނެވެ. ތޯރިގު މާލެ ދާން އެހާ ބަހަނާ އެ ދައްކަނީ ކީއްވެ ބާވައެވެ؟ ކޮންމެ ފަހަރަކު އެ ހަދަނީ ދޮގެއް ހެއްޔެވެ؟ ނުވަތަ ހަމަ ހަގީގަތުގައި ވެސް އެއީ ކަން ހިނގާ ގޮތް ހެއްޔެވެ؟ ނޫނީ ކަމެއް ސިއްރު ކުރަނީ ހެއްޔެވެ؟ ސާނިޔާއަށް ވިސްނަން އިނދެވުނީ ކިހާ އިރެއް ވަންދެން ކަމެއް ވެސް ނޭނގުނެވެ.

އަޒްނާއަށް އަށް މަސް ފުރުނު ދުވަހެވެ. ސާނިޔާ ދެވަނަ ދަރިފުޅަށް ބަލިވެ އިންކަން އެނގުނީ ވެސް ހަމަ އެދުވަހުއެވެ. ސާނިޔާ ފޫހިވިއެވެ. އެހާ ގާތް ގާތުގައި ވިހަން ޖެހުމުންނެވެ. އުފާވެރި ހަޔާތަކަށް އެންމެ ބޭނުންވަނީ ފައިސާ ކަމަށް ގަބޫލު ކުރާ ސާނިޔާގެ ހުވަފެންތައް ބޮއްސުން ލީ ކަމުގެ އިހުސާސް ކުރެވުނެވެ. ތޯރިގުގެ އުޅުމަށް ބަދަލެއް ނައެވެ. ހަރަދެއް ވެސް ނުކުރެއެވެ. ސާނިޔާގެ ޝަކުވާތައް ފުނިޖެހުނެވެ. ނަމަވެސް އެ އަޑެއް ތޯރިގު ނާހައެވެ. ގެއަށް އަންނަނީ ރޭގަނޑު ދަން ވާ ފަހުންނެވެ. މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޓެހިން ހޯދައި އެމީހުންނާ އެކު ހޮޅުއަށިތަކާއި ފިނިއަށިތަކުގައި ގިނަ ވަގުތު ހޭދަ ކުރަން ފެށިއެވެ. ހަދީޖާއާއި ހާރޫނު ތިބީ ލޯ މަރައި އަނގަމަތީ އަތް އަޅައިގެންނެވެ. ފެންނަ ކަންތައް ނުފެންނަ ކަމަށް ހަދައިގެންނެވެ. އަހަން ބޭނުންވި ސުވާލުތައް އެތެރެއަށް ހިންދާލައިގެންނެވެ.

އެއް ދުވަހެއްގެ މެންދުރު ވަގުތެވެ. ގޭގައި އުޅޭ އެންމެން ތިބީ ކާށެވެ. ތޯރިގު ފިޔަވައެވެ. ސާނިޔާ ވެސް އިނީ ކާށެވެ. އެ ވަގުތު ތޯރިގު އައެވެ. އަދި ސާނިޔާ ގާތުގައި ކޮޓަރިއަށް އައުމަށް ބުންޏެވެ. ސާނިޔާ ކައި ނިމިގެން ކޮޓަރިއަށް ދިޔައެވެ.

"ހިނގާ މާލެ ދާން. ތިން ދުވަސް ފަހުން ދޯނި ފުުރާނެ. އެއްޗެހި އަޅާ ފޮށި ތައްޔާރު ކޮށްލާ!" ތޯރިގު މިހެން ބުނެފައި އެނދުގައި އިށީނެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ.

ސާނިޔާއަށް އުފަލުން ގޮސް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެވަނަ ސިކުންތުގައި ވިސްނާލިއެވެ. ވިހަން އެހާ ކައިރިވެފައި ހުއްޓާ މަންމައާ ދުރަށް ދާން ޖެހުމުންނެވެ. އެހެން ވިޔަސް ތޯރިގު މާލެ ދާން ބުނުމުން ލަސް ކުރާކަށް ސާނިޔާ ބޭނުމެއް ނުވިއެވެ. ތޯރިގުއާ އިނދެގެން މިވީ ދުވަސްތަކުގައި ކިތަންމެ ރަނގަޅަކަށް ވެސް ތޯރިގުގެ މިޒާޖު ސާނިޔާ ދެނެގަތެވެ. މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަނުޖެހުމުގައި އެތައް މާނައެއް އެކުލެވިފައި ވެއެވެ. ސާނިޔާ ނިކަން ރަނގަޅަށް ތޯރިގުއަށް ބަލާލިއެވެ. ސުވާލުން ފުރިގެންނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ.

"އަވަސް ކުރާތި އިނގޭ؟ އަހަރެން އެބަ އަންނަން." ތޯރިގު ނުކުމެގެން ދިޔައެވެ. އެ ވަގުތު ހަދީޖާ ކޮޓަރިއަށް ވަނެވެ.

"ދަރިފުޅާ. ކިހިނެއް ވީ؟ ތޯރިގު ވަރަށް ރުޅި އައިސް ހުރިހެން ހީވަނީ. މަންމަ ގޮވާލުމުން އަނގައިން ވެސް ނުބުނި،" ހަދީޖާ އެހިއެވެ.

"ނޭނގެ ވީ ކިހިނެއް ކަމެއް. ބުނީ މާލެ ދާން ތައްޔާރު ވާށޭ. ތިން ދުވަސް ފަހުން ދޯނި ފުރާނޭ. އެކަމަކު މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުން،" ސާނިޔާ ވިސްނާލަމުން ބުންޏެވެ.

ސާނިޔާ ބޭނުންވި ގޮތަށް މާލެ ދިޔުމަށް ފުރިއެވެ. އެކި ރަށްރަށަށް ޖައްސަމުން ދޯނި ދަތުރު ކުރަމުން ދިޔައެވެ. ދޯނި މަތިން ސާނިޔާއާ ދިމާވީ ސައްތާރުއާއެވެ. އެއީ ހާރޫނުގެ ދުވަސްވީ ރައްޓެއްސެކެވެ. އޭނަ ދޯންޏަށް އެރީ ނައިފަރުންނެވެ. ސާނިޔާއަށް ސައްތާރު އެނގުނީ ހާރޫނާއެކު ދެތިން ފަހަރު ފެނިފައި ވާތީއެވެ.

ސައްތާރު ވާހަކަ ދައްކަން ފެށިއެވެ. ސާނިޔާމެންގެ ރަށަށް ވަރަށް ފަހުން ދިޔަ ވާހަކަ ވެސް ބުންޏެވެ.

"ސާނިޔާ. ކޮބާ ތޯރިގު؟" ދެކޮޅު ހޯދާލަމުން ސައްތާރު އެހިއެވެ.

"ދެންމެ މިތަނުގައި އޮތް. މިހާރު ނޭނގެ. ވީ އިންޖީނު ކޮޅުގައި ކަންނޭނގެ،" ސާނިޔާ އެކި ފަރާތަށް ބަލާލަމުން ބުންޏެވެ.

"ބޭބެ ތި ރަށުން މިއައީ އިއްޔެ ނޫން ކުރީ ދުވަހު. ތި ރަށުގައި ހުއްޓާ އެއް ދުވަހަކު ހަވީރު ފިނިއަށީގައި ވަރަށް އެހެން ކަހަލަ ޒުވާބެއް ހިނގި. މި ބުނީ ތޯރިގުއާ ތި ރަށުގެ ދެތިން މީހަކާ،" ސައްތާރު ވާހަކަ ދެއްކީ މަޑުންނެވެ.

"އެއީ ކޮން ކަމަކާ؟" ސާނިޔާ ހައިރާންވެފައި އެހިއެވެ.

"އެމީހުން ގާތުގައި ތޯރިގު ވަރަށް ފޮނި ވާހަކަ ދައްކަނީ. މާލޭގައި ގެދޮރު ހުރިކަމާއި، ބޯޓް ދަތުރުކޮށް ގިނަ ފައިސާ ގެންގުޅޭ ވާހަކަ. ދެން އެ މީހުން ތޯރިގުއާ ދިމާލަށް މަލާމާތް ކުރީ. ބުނީ އަނބިމީހާގެ މައިންބަފައިންގެ ތައްޕާހުން ކައިގެންނޭ އުޅެނީ. ކޮންހާ ދޮގެއް ހޭ ތި ހަދަނީ؟ ހަގީގަތް ރަނގަޅަށް އަންގައިގެން ވާހަކަ ދައްކާށޭ. އެކަހަލަ ހިތްހަމަނުޖެހުމުގެ ވާހަކަތަކެއް ދެކެވުނީ. އެ ދުވަހު ތޯރިގު ހުރީ ވަރަށް ރުޅި އައިސް. ބުނީ އޭނައަކީ ކާކުކަން ދައްކާލާނަމޯ." ސައްތާރު ދެއްކި ވާހަކައިން ސާނިޔާއަށް ކަމެއް ނަގައިގަނެވުނެވެ. ސައްތާރު އެ ބުނާ ޒުވާބު ކުރި ދުވަހަކީ ސާނިޔާ ގާތު ތޯރިގު މާލެ ދާން ބުނި ދުވަހެވެ. ދެ މީހުންނަށް އިތުރު އެއްޗެއް ނުބުނެވުނީ ތޯރިގު އަންނަ ތަން ފެނުމުންނެވެ.

ދިގު ދަތުރަކަށް ފަހު މާލެ އާދެވުނެވެ. ސާނިޔާ ހުރީ އުފަލުން ފުރިފައެވެ. އަޒްނާ އުރާލައިގެން، އަށް މަސް ވެފައިވާ ބަނޑަކާ އެކު ހިނގަން ސާނިޔާއަށް އުނދަގޫވިއެވެ. ތޯރިގު ހުރީ ފޮށިތަންމަތި ހިފައިގެންނެވެ. އިތުރު ގޮތެއް ނެތުމުން ކާރަކަށް އެރިއެވެ.

ކާރު ގޮސް މަޑުކޮށްލީ ސާނިޔާއަށް ވަރަށް ބީރައްޓެހި ހިސާބަކަށެވެ. ކާރުން ފައިބައިގެން ގޮސް ގެއަށް ވަނެވެ. ސާނިޔާއަށް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

ކޮމެންޓް (1)

ހައިތު

2 ޖޫން 2022
ވަރަށް ސަޅި ވާހަކައެއް. 😊
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް