ކުރީގެ ރައީސް ޔާމީން 'އިންޑިއާ އައުޓް' ކެމްޕޭނުގެ ހަރަކާތެއްގައި: މި ހަރަކާތް ހުއްޓުވުމަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފައި. (ފޮޓޯ/ ރޮއިޓާސް)

ސޯޝަލް މީޑިއާގައި 'އިންޑިއާ އައުޓް' ގޮވުން ވެސް ކުށަކަށް ހަދަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

މިއަދު މަޖިލީހަށް ހުށަހެޅި ބިލުގައި މި ކުށްތަކަށް ޖަލު އަދަބުތައް ވަނީ ކަނއަޅާފައި

އިދިކޮޅުން ހިންގާ 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް، ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމަނައި ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތައް އިސްލާހު ގެނައުމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ޖަލު އަދަބުތައް ކަނޑައަޅާފައިވާ މި ބިލު ފާސްވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި ވެސް އެފަދަ ޝުއޫރެއް ފާޅުކުރުމަކީ ވެސް ކުށަކަށް ވާނެ އެވެ.

ވީ ކިހިނެއް؟ - ގާނޫނަށް އިސްލާހު ގެނެސްގެން ވެސް 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް ސަރުކާރަށް ލަފާ ދިނުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުން އެގޮތަށް ނިންމުމުގެ ކުރިން ބަންޑާރަނައިބުގެ އޮފީހުން ވަނީ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތައް ކަނޑައަޅާ އެ ބިލު މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހަށް ފޮނުވާފަ އެވެ.

މިއަދުގެ ޖަލްސާގައި މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިހާދެވެ. ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި އެ ބިލުގައި ބުނެފައިވަނީ:

  • ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި ރައްކާތެރިކަމާއި އަހްލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން

  • އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުން

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު: ސަރުކާރުން ހުށަހެޅުއްވި ބިލު ސްޕޮންސާ ކުރެއްވި މެންބަރަކީ ނިހާދު. (ފޮޓޯ/މަޖިލިސް)

ތަފްސީލު - ރާއްޖެއާ ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގައުމަކަށް ނުވަތަ އެފަދަ ގައުމެއްގެ ރައްޔިތުންނަށް ނިސްބަތްކޮށް ކުރާ ހަތް އަމަލަކީ ގާނޫނީ ކުށްތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެ ކުށްތަކަކީ:

  • 1-

    އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުން ނުވަތަ ބަދަލު ގެނައުން

  • 2-

    ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމަށް ގޮވާލުން

  • 3-

    އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން

  • 4-

    އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ އޭނާއަށް ފުރައްސާރަކުރުމުގެ ގޮތުން އޭނާގެ ދީނީ ނުވަތަ ސަގާފީ އާދަކާދަތަކާ މެދު ނަފުރަތު އުފެއްދުން 

  • 5-

    އެހެން ގައުމަކާ މެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާ މެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނަފްރަތާއި ރުޅިވެރިކަން އުފެދިދާނެ ފަދަ ލިޔެކިޔުން، ފޮޓޯ، ވީޑިއޯ ނުވަތަ އޯޑިއޯ އާންމުކުރުން

  • 6-

    އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން

  • 7-

    އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ރާއްޖެއާ މެދު ނަފްރަތު އުފެދިދާނެ އަދި އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެ ފަދަ އަމަލެއް ކުުރުމާއި އެފަދަ އަމަލެއް ކުރަން އުޅުން

ޔާމީންގެ ގެ އަދި ޕީޕީއެމް އޮފީސް ހުންނަ އިމާރާތުގައި މީގެ ކުރިން 'އިންޑިއާ އައުޓް' ޖެހި ބޮޑު ބެނާއެއް ދަމާފައި: މި ބިލުން މިފަދަ ބެނާތައް ދެމުމަކީ ވެސް ކުށެއް. (ދައުރު ފޮޓޯޯ/ މުޒައްޔިން ނާޒިމް)

"އާންމުކުރުން" ކަމަށް ބިލުގައި މާނަކޮށްފައިވަނީ ލިޔެކިޔުން، ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ އާންމުނަނަށް ފެންނާނެހެން ބެހެއްޓުމާއި އެފަދަ އެއްޗެއް ފެތުރުމާއި ދައުރުކުރުމަށެވެ.

"ސޯޝަލް މީޑިއާގެ ވަސީލަތެއް ނުވަތަ އެ ނޫން ވެސް އެފަދަ އެހެން ވަސީލަތެއް މެދުވެރިކޮށްގެން ވެސް" ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމަކީ ކުށެއްގެ ގޮތުގައި ބިލުގައި މާނަކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން، މި ހަތް ކުށަކީ ވެސް ޖަލު އަދަބު ކަނޑައެޅޭނެ ކުށްތަކެވެ. އެގޮތުން، "އެހެން ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ރާއްޖޭގައި ހުރި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލު"މަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށްތަކެކެވެ.

ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން، ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށްތަކަކީ:

  • އަސާސީ މިންގަނޑުން ބަލާއިރު، ނުވަ މަހާއި 18 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެ

  • މި ދަރަޖައިގެ ކުށްތަކަށް ކަނޑައޭޅޭނެ އެންމެ ބޮޑު އަދަބަކީ ދެ އަހަރުގެ ޖަލު ހުކެއް

  • އެންމެ ދަށް އަދަބީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް

ޕީޕީއެމްގެ 'އިންޑިއާ އައުޓް' ކެމްޕެއިންގެ ދަށުން 'ނޭވާހޮޅިއަށް' ނަމުގައި ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސްއަޅަނީ. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ބިލުގައި ބާކީ ހުރި ހަ ކުށަކީ، ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށްތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައިވެ އެވެ. 

ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށްތަކަށް:

  • އަސާސީ މިންގަނޑުން ބަލާއިރު، ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބު ކަނޑައެޅޭނެ

  • މި ދަރަޖައިގެ ކުށްތަކަށް ކަނޑައޭޅޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ޖަލު ހުކެއް

  • އެންމެ ދަށް އަދަބީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް

އެނގުން މުހިންމު - އިދިކޮޅުން ބުނާ ގޮތުގައި، 'އިންޑިއާ އައުޓް' ހަަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި އެ ގައުމާ އެކު މި ސަރުކާރުން ހަދާފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައި ހިންގާ ހަރަކާތެކެވެ. މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، އެކަން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރިން ގަރާރެއް ވެސް ނެރުއްވާފައިވެ އެވެ.

މީގެ ކުރިން ވެސް މި ހަރަކާތް ހުއްޓުވުމަށް ގާނުނަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބިލެއް ތައްޔާރު ކުރި އެވެ. އިދިކޮޅުން މީގެ ކުރިން ބުނެފައިވާ ގޮތުން ގާނޫނަކުން ވެސް އަދި ގަރާރަކުން ވެސް އެ ހަރަކާތެއް ނުހުއްޓުވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް