Majlis 2024

މެއި 2021 ގައި ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގި ހަމަލާތަކުގައި ގާޒާގެ އުސް އެތައް އިމާރާތެއް އިޒުރޭލް ސިފައިން ވަނީ ބިމާ ހަމަކޮށްލާފައި.

ފަލަސްތީން

ގާޒާގެ އުސް އިމާރާތްތަކަށް އިޒުރޭލުން ދިން ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް

24 އޯގަސްޓު 2021

މިދިއަ މޭ މަހު ހަމާސްއާ ދެކޮޅަށް އިޒުރޭލުން ދިން ބައެއް ހަމަލާތައް އެ ސިޓީގެ އުސް އިމާރާތްތަކަށް އަމާޒުކުރުމަކީ، ހަނގުރާމައިގެ ޖަރީމާއެއް ކަމަށް، ހިއުމަން ރައިޓްސް ވޮޗުން ކަނޑައަޅައިފި އެވެ.

އިޒުރޭލްގެ އުދުވާނުގައި ގާޒާގެ އުސް ހަތަރު އިމާރާތެއް ބިމާ ހަމަކޮށްލި އެވެ. ހަމަލާތައް އަމާޒުކުރުމުގެ ކުރިން އެ ތަންތަން ހުސްކުރަން އިޒުރޭލް ސިފައިން އިންޒާރު ދިނެވެ. އެހެންކަމުން އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު ހިއުމަން ރައިޓްސް ވޮޗުން ބުނި ގޮތުގައި އެތައް އާއިލާއެއްގެ ގެދޮރު ނެތުނެވެ.

އިޒުރޭލްގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެ އިމާރާތްތައް ހަމާސް އިން ބޭނުންކުރަނީ އަސްކަރީ ބޭނުންތަކަށެވެ. އަދި ހަމާސް އިން އެތަންތަނުގައި އުޅޭ އާންމުން ހަދަނީ އައްޑަނަތަކަކަށް ކަމަށް ވެސް، އިޒުރޭލުން ބުނެ އެވެ.

އެކަމަކު ހިއުމަން ރައިޓްސް ވޮޗުން ބުނީ ހަމާސްއާ މެދު ކުރާ ތުހުމަތުތަކަށް އިޒުރޭލަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށެވެ.

އިޒުރޭލްގެ ހަމަލާގައި ބިމާ ހަމަކޮށްލި ޖަލާ ޓަވަރުގައި ދުނިޔޭގެ ބޮޑެތި މީޑިއާތައް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި އަލްޖަޒީރާގެ އޮފީސް ހުއްޓެވެ. އެހެންކަމުން އެއީ ނޫސްވެރިކަމަށް އިޒުރޭލުން ދިން ހަމަލާއެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކުރެ އެވެ.

ވެއްޓިފައި އޮތް އިމާރާތެއްގެ ފުނޑުގާތަކުގެ ތެރެއިން ފަލަސްތީނުގެ މީހަކު ހިނގާފައި ދަނީ. މޭ 2021 ގައި ހަމާސް އާއި އިޒްރޭލާ ދެމެދު ހިނގި ވަރުގަދަ ހަމަލާތަކުގައި އިޒްރޭލުން ވަނީ ގާޒާގެ އުސް ބައެއް އިމާރާތްތައް ވައްޓާލާފައި.

އޭޕީގެ އިސް ވެރިންނަށް އިޒުރޭލުން ދިން މައުލޫމާތުތަކުގައި ބުނީ ހަމާސްގެ ރޮކެޓްތަކުން ދިފާއުވާން އިޒުރޭލުން ބޭނުންކުރާ އަޔަން ޑޯމް ސިސްޓަމް ޖޭމްކުރާނެ ނިޒާމެއް ހަމާސް އިން ހަދަމުން ދިޔައީ އެ އިމާރާތުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އޭޕީން ބުނި ގޮތުގައި އެ އިމާރާތުގައި ހަމާސްގެ އެއްވެސް މީހަކު އުޅޭކަމުގެ އެއްވެސް ކަހަލަ ނިޝާނެއް ފެނިފައެއް ނުވެ އެވެ.

ހަމާސް އާއި އިޒުރޭލާ ދެމެދު ބަދަލުކުރަން ފެށި ހަމަލާތައް 11 ދުވަހަށް ދެމިގެން ދިޔަ އިރު ގާޒާއިން 256 މީހުން މަރުވި އެވެ. އިޒުރޭލުން މަރުވީ 13 މީހުންނެވެ.

ދެ ފަރާތުގެ ދެމެދުގައި ހަމަލާތައް ފެށުނީ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނުގެ ބައެއް މީހުން ގެދޮރުން ނެރެން އުޅުމުން އުފެދުނު ހަމަނުޖެހުންތަކުގަ އެވެ. އިޒުރޭލްގެ ސިފައިން ވަނީ މުސްލިމުންގެ މުގައްދަސް މިސްކިތެއް ކަމަށްވާ އަލް-އަގުސާގެ ސަރަހައްދަށް ވަދެ، ހަލަބޮލިކަން އުފައްދައިފަ އެވެ. ހަމާސް އިން އިޒުރޭލަށް ރޮކެޓް ހަމަލާތައް ދޭން ފެށީ، އެ ސަރަހައްދުން އިޒުރޭލް ސިފައިން ފައިބަން އަމުރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް