އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން. (ފައިލް ފޮޓޯ/ އެމްއާރުއެމް)

ލީކުވި ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ މީހުން މަގާމުތަކުން އިސްތިއުފާ ދޭން ޖެހޭ: އެމްއާރުއެމް

އެފަދަ އަމަލެއްގައި އެމްއާރުއެމްގެ މެމްބަރަކު ބައިވެރިވެއްޖެ ނަމަ، އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވެސް އެމްއާރުއެމް އިން ބުނި

މަޖިލީހުގެ ބައެއް މެންބަރުންނާއި ނުފޫޒު ގަދަ ބައެއް ބޭފުޅުންނަށް ތުހުމަތު ކުރެވޭ ބަދުއަހްލާގީ އަމަލުތަކެއް ފެންނަ ފޮޓޯ އަދި ވީޑިއޯތަކެއް ލީކުވި މައްސަލައިގައި އެ ބޭފުޅުން މަގާމުތަކުން އިސްތިއުފާ ދޭން، ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން މިރޭ ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސް ދައުރެއް އަދާކުރައްވާ އެމްއާރުއެމް އިން އެ ގޮތަށް ގޮވާލައި މިރޭ ބަޔާނެއް ނެރެފައި މި ވަނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ލީކުވެފައި ވަނިކޮށް 

  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ކަމަށް ބުނާ މީހަކާއި އެހެން ފިރިހެނަކާއި އަންހެނަކު އެއް އެނދެއްގައި ބަރަހަނާ ހާލުގައި ތިބި ކަމަށް ބެލެވޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ލީކުވުމާ ގުޅިގެން

އެނގުން މުހިއްމު - އެ މައްސަލައިގައި ނާޒިމް ފުލުހަށް ހާޒިރުކޮށްފައި ވާއިރު، އޭނާއަށް ފުރައިގެން ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ. ނާޒިމް ވަނީ އޭނާއަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކުރައްވައިފަ އެވެ. ޝަހީމްއަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ މުއައްސަސާ އިން ވަނީ ބުނެފަ އެވެ.

ބުނީ ކީކޭ؟ - ބަދުއަހުލާގީ އަމަލުތަކެއް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ދައުރުވަމުން ދާތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްއާރުއެމް އިން ވަނީ އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ވަކި މީހަކަށް ނުބަލައި ހަމަހަމަ އުސޫލެއްގެ ދަށުން ކަމާ ބެހޭ އިދާރާތަކުން ހާއްސަ އިސްކަމެއް ދީގެން ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

"އެފަދަ ފަރާތްތައް ދައުލަތުގެ މަގާމުތަކާއި ޒިންމާތަކުން އެކަހެރިވުމަކީ ދައުލަތުގެ ބާރުތަކާއި މުއައްސަސާތަކާއި ސިޔާސީ ނިޒާމާއި ސިޔާސީ ޕާޓީތަކާ މެދު ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަލުން އިއާދަކުރަން ކޮންމެހެން މުހިއްމު ކަމެކެވެ،" އެމްއާރުއެމްގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން އިތުރަށް ބުނީ އެފަދަ އަމަލެއްގައި އެމްއާރުއެމްގެ މެމްބަރަކު ބައިވެރިވެއްޖެ ނަމަ، ޕާޓީގެ އަސާސްތައް ދެހެއްޓުމަށާއި ޕާޓީއަށް އޮތް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް