Majlis 2024

ސޮނޭވާއިން އިންތިޒާމްކޮށްގެން މާލޭ ސޯލްޓް ކެފޭގައި 18 މޭ 2022 ވަނަ ދުވަހު ބޭއްވި، ޖައިޕޫރު ލިޓްރޭޗާ ފެސްޓިވަލް (ޖޭއެލްއެފް)ގެ ހަރަކާތެއްގައި މަލްސާ މާޒް ވާހަކަދައްކަނީ. (ފޮޓޯ/ސޮނޭވާ)

އަމިއްލަ ސަގާފަތާ މަލްސާ ގުޅުވާލަދިން ތަފާތު ދަތުރު

އެންތުރޮޕޮލޮޖީން ތައުލީމު ހާސިލްކުރުމަށް ފަހު މަލްސާގެ އަޒުމަކީ ރާއްޖޭގެ ސަގާފަތާ ބެހޭ އަދަބިއްޔާތު މުއްސަނދިކޮށްދިނުން

މުހިންމު ނުކުތާތައް

ސަގާފަތާ ބެހޭ ދިރާސާތައް އެންމެންގެ އަތްފޯރާ ފަށަށް ގެނެސްދޭން މަލްސާ ބޭނުންވޭ

ދިވެހި ރުކުގެ ބޭނުންތެރިކަން ޒަމާނާ އެކު ބަދަލުވަމުން އައި ގޮތް ދިރާސާކުރި

މަލްސާއަށް ފާހަގަވާގޮތުގައި ޒުވާނުންގެ މެދުގައި ސަގާފަތާ މެދު އާ ޝައުގުވެރިކަމެއް އުފެދިއްޖެ

އޭނާއަށް ކުރިން ވިސްނިފައި އޮތީ ދިވެހި ސަގާފަތަކީ މަރުވެފައި އޮތް ނުވަތަ މަރުވަމުންދާ އެއްޗެއް ކަމެވެ. އެކަމަކު އެއީ މުޅިން ކުށް ހީއެއް ކަމަށް މިހާރު ގަބޫލުކުރެ އެވެ. މަލްސާ މާޒްގެ ލޯ ހުޅުވައިދިނީ އޭނާ ހިޔާރުކުރި ރޮނގެވެ.

އެއީ ގިނަ މީހުން އެހާ ބޮޑަށް ދަންނަ ދާއިރާއަކަށް ނުވެދާނެ އެވެ. އެކަމަކު މަލްސާއަށް، އެންތުރޮޕޮލޮޖީއަކީ ކޮބާކަން އުމުރުން އަށެއްކަ އަހަރުންސުރެ އެނގެ އެވެ. އޭނާ ވާން ބޭނުންވަނީ އެންތުރޮޕޮލޮޖިސްޓަކަށް ކަން ވެސް ހަމަ އޭރު ނިންމައިފި އެވެ.

"ގްރޭޑް 2-3 ގައި އުޅުނު އިރު ޑިސައިޑްކުރި ގޮތަށް އަޅުގަނޑަށް އެކަން ޔަގީންވެފައި އޮތީ. އޭރު މަންމަމެން ހިތަށް އަރާނެ ކަންނޭނގެ، މީނަ ކުޑަވީމަ ކަންނޭނގެއޭ، ވިސްނުން ބަދަލުވާނެއޭ. އެކަމަކު އަޅުގަނޑުގެ ވިސްނުން ބަދަލެއް ނުވި،" މަލްސާ، 27، ބުންޏެވެ.

އެންތުރޮޕޮލޮޖިސްޓަކަށް ވުމުގެ ދަތުރު މަލްސާއަށް ފަސޭހައެއް ނޫނެވެ. އޭނާގެ ޝައުގުވެރިކަމުގެ އަސްލަކަށް ވި ބައްޕަ، މަލްސާ ކުޑައިރު ވަނީ މަރުވެފަ އެވެ. ރާއްޖެ އިން ބޭރަށް ގޮސް ކިޔެވުމަށް ގިނަ ބައެއްގެ އެހީތެރިކަން ހޯދައި އަމިއްލަ ބޮޑު ހިތްވަރެއް ލާން ޖެހުނެވެ. އޭގެ ކުރިން، ރާއްޖޭގައި އެންމެ އަޅާލުންކުޑަ އާޓްސް ސްޓްރީމް އިހުތިޔާރުކުރުމުން މަތީ ސާނަވީ ތައުލީމުގައި ކުރިމަތިލާން ޖެހުނު ހުރަސްތަކެވެ. އެކަމަކު، މާލޭގައި އޭލެވެލް ފުރިހަމަކުރުމަށް ފަހު އިނގިރޭސިވިލާތުގައި ހަ އަހަރު ހޭދަކޮށް، މަލްސާ މިދިޔަ އަހަރު ވަނީ އެންތުރޮޕޮލޮޖީން މާސްޓާސް ފެންވަރަށް ކިޔެވުން ފުރިހަމަކޮށްފަ އެވެ.

މަލްސާ ބުނިގޮތުގައި އެ ތައުލީމުގެ އަލީގައި ދިވެހި ސަގާފަތް ދިރާސާ ކުރުމުގެ ތެރެއިން އަލަށް އެތައް ކަމެއް ދަސްވެ، އޭނާގެ ހިތުގައި ދިވެހިވަންތަކަމަށް އާ ލޯތްބެއް އުފެދުނީ އެކަންޏެއް ނޫނެވެ. އިތުރު ހޯދުންތައް ހޯދައި ލިޔެ، އެންމެންނަށް ކިޔާލެވޭނެ ގޮތަށް ފޯރުކޮށްދިނުމުގެ އަޒުމް ވެސް ކަނޑައެޅިއްޖެ އެވެ.

މީހުންނަށް މަލްސާ ފުރަތަމަ އެނގުނީ ސޮނޭވާގެ މަޝްހޫރު ބެއާފުޓް ބުކްސެލާގެ މަގާމު އޭނާ މިދިޔަ އަހަރު ހޯދި ހިސާބުންނެވެ. އެ ވަޒީފާ ލިބުނު ފުރަތަމަ ދިވެއްސަކީ އޭނާ އެވެ. އެކަމަކު މިއީ އެންތުރޮޕޮލޮޖިސްޓް މަލްސާގެ ވާހަކަ އެވެ. އޭނާގެ އެ ދަތުރުގެ އުސްއަޑިތަކާއި ސަގާފަތުގެ މުހިއްމުކަމުގެ ވާހަކަ، ނ. އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީ ރިސޯޓުގައި ހުރެ ވިއްސާރަ ރެއެއްގައި ވީޑިއޯ ކޯލަކުން، ކިޔައިދިނީ ދިވެހިވަންތަކަމަށް ހިތުގައި ހާއްސަ ޖާގައެއް އޮތް ޒުވާނެއްގެ ނަޒަރުންނެވެ.

ސޮނޭވާއިން އިންތިޒާމްކޮށްގެން މާލޭގެ ސޯލްޓް ކެފޭގައި 18 މޭ 2022 ވަނަ ދުވަހު ބޭއްވި، ޖައިޕޫރު ލިޓްރޭޗާ ފެސްޓިވަލް (ޖޭއެލްއެފް)ގެ ހަރަކާތެއްގައި މަލްސާ ވާހަކަދައްކަނީ. (ފޮޓޯ/ސޮނޭވާ)

ކުރީގައި ނަމަ ސަގާފީ ކަންކަމައިގެން އުޅުން ކޮންމެވެސް ވަރަކަށް އޮންނަނީ ކަޓު ކަމެއްގެ ގޮތުގައި ދެކެވިފައި. އެކަމަކު އަޅުގަނޑުގެ ޖެނެރޭޝަންއާ އެއްކޮށް އެ ވިސްނުން ބަދަލުވަމުން އަންނަ ތަން ފެނޭ. އެއީ ވަރަށް ރަނގަޅު ކަމެއް

މަލްސާ މާޒް

މަލްސާ ބުނިގޮތުގައި އެންތުރޮޕޮލޮޖީއަކީ ސަގާފަތްތަކުގެ އަގުވަޒަންކުރުމަށް ފުރުސަތު ލިބިދޭ އިލްމެކެވެ. ކިޔެވުން ކުރިއަށް ގެންދިޔަ ވަރަކަށް އަމިއްލަ ސަގާފަތާ މެދު މަލްސާގެ ޝައުގުވެރިކަން ބޮޑުވި އެވެ. އޭނާގެ ބެޗެލާސް ކޯހާއި މާސްޓާޒް ކޯހުގެ ފަހު މަސައްކަތްތަކުގެ ތެރެއިން، ދިވެހި ސަގާފަތަކީ ކިހާ މުއްސަނދި އެއްޗެއްކަން ނަގައިގަނެވުނެވެ. އެހެން ސަގާފަތްތަކުގެ ނުފޫޒުތައް ރާއްޖެއަށް އައިސްފައި ހުއްޓަސް، މަލްސާ ފާހަގަކުރިގޮތުގައި، ދިވެހިން ވަނީ ކޮންމެވެސް ގޮތަކުން އެ ނުފޫޒުތައް އަމިއްލަކޮށް ދިވެހިވަންތަކޮށްފަ އެވެ.

ސޮނޭވާ އިން މިދިޔަ މާޗު މަހު ބޭއްވި ޓެޑްއެކްސް އިވެންޓުގައި އެ ވާހަކަ މަލްސާ ކިޔައިދިނެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާގެ ޕްރެޒެންޓޭޝަނުގައި ދައްކާލީ ރާބައްޖެކެވެ. މަލްސާ ބުނިގޮތުގައި އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާއަކީ ވެސް ރުކުން ރާ ބާލާ ދެ ގައުމު ކަމަށްވީ ނަމަވެސް ދިވެހިންނާ ހިލާފަށް އެ މީހުން ބޭނުންކުރަމުން އައީ މަށިން ހަދާފައިވާ ބައްޖެވެ.

"ދިވެހިރާއްޖެއަކީ މާ ގިނައިން މަށި ހުންނަ ގައުމެއް ނޫން. އެހެންވީމާ އަޅުގަނޑުމެން ހެދީ ކިހިނެއްތޯ؟ އަޅުގަނޑުމެން ބޭނުންކުރީ އަޅުގަނޑުމެންގެ މާހައުލުން އެންމެ ގިނައިން ލިބެންހުރި އެތި. ކާށި،" ދިވެހި ރާބަދި ހަދާފައިވަނީ މުޅިން ވެސް ރުކުގެ ބާވަތްތައް (ނާއްޓާއި ރޯނު) ބޭނުންކޮށްގެންކަން ފާހަގަކޮށް، ޓެޑްއެކްސްގައި މަލްސާ ބުންޏެވެ.

މަލްސާގެ ޓެޑްއެކްސް ޓޯކް

ކިޔައިދިނީ ރުކުގެ މުހިއްމުކަން

ބޭނުން ނުހިފޭ އެންމެ ތަންކޮޅެއް ވެސް ނުހުންނާނެ ކަމަށް ދިވެހިން ފަހުރުވެރިކަމާ އެކު ބުނެ އުޅޭ ރުކަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އެންމެ އަގުހުރި އެއް ވަސީލަތެވެ. މަލްސާގެ ބެޗެލާސް ޑިގްރީ ނިންމާލުމުގެ ދިރާސާ ހާއްސަކުރީ އެ މައުލޫއުއަށެވެ. އޭނާ ދެކޭގޮތުގައި ރުކުގެ ކޮންމެ ބަޔަކަށް ވަކި ލަފުޒަކުން ދިވެހި ބަސްކޮށާރު މުއްސަނދިވެފައިވާ ކަމީ ވެސް ދިވެހިންގެ ދިރިއުޅުމުގައި ރުކުގެ މުހިއްމުކަން ވަޒަންކޮށްދޭ ކަމެކެވެ. ދިވެހިން ރުކުގެ ހުރިހާ ބައިތަކެއް އަދި ކާށި އޭގެ ހުރިހާ މަރުހަލާއެއްގައި ބޭނުންކުރަމުން އައި ގޮތް އެއީ، މަލްސާ ފާހަގަކުރިގޮތުގައި، ދިވެހިވަންތަކަމުގެ ބައެެކެވެ. އެ މައުލޫއުއަށް މަލްސާ ލިޔުނު، އޭނާގެ ބަހުން ނަމަ، "ކޮކޮނަޓް ޑިސާޓޭޝަން"ގައި ރާއްޖޭގައި ރުއް ބޭނުންކުރުމުގެ ތާރީހާއި އެކަން ސަގާފަތެއްގެ ގޮތުގައި ދެމިގެން އައިސް ޒަމާނާ އެކު ބަދަލުވެފައިވާ ގޮތަށް އަލިއަޅުވާލާފައިވެ އެވެ.  

"10،000 ވޯޑްސް ލިޔާނީ ރުކާ ބެހޭގޮތުންނޭ ބުނީމާ ފުރަތަމަ ނަގައިގެނެވޭނީ ކްރޭޒީ ހިޔާލެއްގެ ގޮތުގައި. އެކަމަކު ކުޑަކޮށް ބަލައިލިއިރު ރުއް ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ކަމަކާ ވެސް ގުޅިފައި ވަނީ،" ރުކުގެ މުހިއްމުކަން ދިރާސާކުރަން ނިންމި ގޮތް މަލްސާ ކިޔައިދިނެވެ.

މީހުން ދިރިއުޅޭ ގޮތް، ސީދާ އެ މީހުންގެ ނަޒަރުން ދެނެގަތުމަށް އެންތުރޮޕޮލޮޖީގައި ލިބިދޭ ފުރުސަތު މަލްސާ ބޭނުންކުރީ ބ. ކިހާދޫގަ އެވެ. ފަންގި ވިނުމާއި އިހު ޒަމާނެކޭ އެއްގޮތަށް ރުކުފަތި މަސައްކަތްތައް ވެސް ކޮށް އުޅޭ ކިހާދުއަށް ގޮސް އެ ރަށުގެ މީހުންނާ އެކު މަލްސާ ހޭދަކުރި ދެ ހަފްތާގައި ރުއް އެ މީހުންގެ ދިރިއުޅުމާ ލާމެހިފައިވާ މިންވަރު ދެނެގަތެވެ.

ދިވެހިންނަށް ރުކުގެ ބޭނުންތައް ގިނަ އެވެ. ކެއިންބުއިން، ދޯނިފަހަރު ބަނުން، ގެދޮރު އެޅުން، ތެޔޮ، ބޭސް އަދި ހިފާގެންގުޅޭ ސާމާނު އުފެއްދުމެވެ. އޭގެ ތެރެއިން ބައެއް ކަންކަން ޒަމާނާ އެކު އުވި، މަދުވެ، ނުވަތަ ބަދަލުވަމުން އައި ނަމަވެސް ރުކަކީ މިހާރު ވެސް ދިވެހިންގެ ދިރިއުޅުމުގައި ބޮޑު ދައުރެއް އަދާކުރާ ވަސީލަތެއް ކަމާއި ގްލޯބަލައިޒޭޝަން އާއި ޓޫރިޒަމްގެ އަސަރުތަކާ އެކު ވެސް ރުކުގެ ބޭނުންތެރިކަން އެކި ސިފަސިފައިގައި އަދިވެސް ދެމިއޮތްކަން މަލްސާގެ ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ.

އދ. މަންދޫގެ އުތުރު ފަރާތުން ވަލުތެރޭގައި އޮންނަ މަގެއްގެ ދެ އަރިމަތީގައި ރުއް: އިހު ޒަމާނުގައި ދިވެހިންނަށް އެންމެ އަގުހުރި ވަސީލަތުގެ ބޭނުންތެރިކަން އަދިވެސް ބޮޑު (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ކޮންމެ ކޮންމެ މީހަކު ބޭނުން ނުވެދާނެ ބޮޑު ޑިސާޓޭޝަންއެއް ކިޔަން. އަޅުގަނޑު ބޭނުންވަނީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފަސޭހައިން ކިޔާލެވޭނެ ގޮތަށް ސްކޮލަޝިޕް އުފައްދަން

މަލްސާ މާޒް
އދ. މަންދޫގައި ރުއްތަކެއް ދަށަށް ކާށި ވެރިފައި: ދިވެހިންގެ ދިރިއުޅުން ކުރިންސުރެ އޮތީ ރުކުން ލިބޭ އެއްޗެއްސަށް ވަރަށް ބޮޑަށް ބަރޯސާވެފައި (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

މަލްސާ ބުނިގޮތުގައި ރުކާ ބެހޭ ދިރާސާ ނިންމާލި އިރު، އޭނާއަށް އަމިއްލަ ސަގާފަތް "ރޮމޭންޓިސައިޒް" ކުރެވިފައިވާކަން ނަގައިގަނެވި، ދިވެހި ސަގާފަތް އޮތީ މަރުގެ ތުންފަތްމަތީގައި ނޫން ކަމަށް ގަބޫލުކުރެވެން ފެށި އެވެ.

ކިހާދޫގައި މަލްސާ ކުރީ އޭނާގެ ކުރީގެ ވިސްނުން ގޯސްކަން އެނގި ކޮންމެ ދުވަހަކު ވެސް އާ ކަންކަން ދަސްވި ތަޖުރިބާ އެކެވެ. ފަންގި ވިންނަން ދަސްކުރުމަށް ރަށުގެ އަންހެނުންނާ އެކު ކޮންމެ ދުވަހު ހެނދުނު ފަން ހޮވަން ވަލަށް ގޮސް އުޅުނު އިރު ފެނުނީ ފަން ބޮނޑިތައް ވަގުތުން ގެއަށް ގެންދިޔުމުގެ ބަދަލުގައި ބަނދެފައި ވަލު ތެރޭގައި ބަހައްޓާލާ ތަނެވެ. އެ ގޮތަށް ގޮށް ޖަހާފައި އޮންނަ ފަން ބޮނޑިއެއް އެހެން މީހަކު ނުގެންދާނެ އެވެ. ބިންމަތީގައި ވަށައިގެން ބޮޅު އަޅާފައި އޮންނަ ކާއްޓަށް ވެސް ހިނގަނީ ހަމަ އެ އުސޫލެވެ. އެއީ އެހެން މީހެއްގެ އެއްޗެއްކަން އެންމެންނަށް އެނގޭނެ އެވެ. މަލްސާ ބުނިގޮތުގައި އެފަދަ ކަންކަމަކީ ސަގާފަތުގެ "އިންޓޭންޖިބަލް" ނުވަތަ ލޮލަށް ނުފެންނަ އަދި އަތުން ހިފެން ނެތް، އެކަމަކު މުހިއްމު ބައިތަކެވެ. 

އދ. މަންދޫގެ އަތިރިމަތީގައި އެ ރަށުގެ ތިން އަންހެނަކު ފަންގި ވިނުމާއި ރޯނު ވެށުމުގެ މަސައްކަތުގައި: ރުކުގެ ވަސީލަތްތަކުން މިފަދަ ތަކެތި މިހާރު ގިނައިން އުފައްދަނީ ރިސޯޓުތަކަށް ވިއްކުމަށް (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ސަގާފީ އުފެއްދުންތަކުގެ ފަހަތުގައި ހުންނަ އެފަދަ ވާހަކަތައް އެ އެއްޗެއް ބަލާ، ގަނެ ނުވަތަ ބޭނުންކުރާ މީހާއަށް އެނގެންވާނެ ކަމަށް މަލްސާ ދެކެ އެވެ. އެއީ ކާކު، ކޮން ގޮތަކުން އުފެއްދި އެއްޗެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބެވެ. އޭނާ ފާހަގަކުރިގޮތުގައި ވިނެފައި އޮންނަަ ފަންގިގަނޑުގައި، ލޮލަށް ނުފެންނަ ކިތަންމެ ކަމެއް އެކުލެވިގެންވެ އެވެ. ފަންގި ވިންނަ މީހާގެ އިނގިލިތަކަށް ފަންވަތްތަކުން ކުރުވާ އިހުސާސެވެ. އަންހެނުން ޖަމާއަތް ހަދައިގެން ފަންގި ވިންނަން ތިބޭ ތިބުމެވެ. އެ މީހުން ދައްކާ ވާހަކަތަކެވެ. ހޭ ހުނުމެވެ.

އެ މޭރުމުން މަލްސާގެ މާސްޓާސް ތީސީސް ލިޔުނީ ހަދާފައި އޮންނަ އެއްޗަށް ވުރެ ބޮޑަށް އޭތި ހެދި ގޮތަށް އަހައްމިއްޔަތުކަން ދިނުމުގެ މައްޗަށެވެ. މާސްޓާސް ފުރިހަމަކުރުމަށް އޭނާ ދިރާސާކުރީ ކަސަބު ވިޔުމެވެ.

މީހުންގެ ހޭލުންތެރިކަން އެބަ އިތުރުވޭ. ދިވެހިންނަކީ ކޮން ތާކުން އައި ކޮން ބައެއްތޯ ދިރާސާކުރުމުގެ ޝައުގުވެރިކަން އެބަ ބޮޑުވޭ. އަޅުގަނޑު ބުނާނީ ކިޔަމުން ގެންދާށޭ. އެކަމަކު ކިޔޭނީ ވެސް މީހަކު ލިޔެގެން. އެހެންވީމާ އެންމެން ގުޅިގެން އެކަން ކުރަންވީ

މަލްސާ މާޒް

ދަތިތަކާ އެކު ވެސް ކިޔެވުމަށް ފަހު އަޒުމެއްގައި

ތަފާތު ސަގާފަތްތަކާ މެދު ޅަ އުމުރުންސުރެ މަލްސާގެ ހިތުގައި ޝައުގުވެރިކަން އޮވެ އެވެ. ފެށުމަކީ ބައްޕަ ބޯޓު ދަތުރުކޮށްފައި އައިސް އޭނާއަށް ކިޔައިދޭ ވާހަކަތަކެވެ. ރާއްޖޭގެ ފުރަތަމަ ކެޕްޓަނުންގެ ތެރޭގައި ހިމެނުނު އަބްދުﷲ މާޒް އެކި ގައުމުތަކަށް ކުރި ދަތުރުތަކުގައި ދުށް ތަންތަަނާއި އިވުނު އަޑުތައް ކިޔައިދިނުމުން އެ ވާހަކަތަކަށް މަލްސާގެ ހިތްދޫވި އެވެ. އޭނާ ފުރަތަމަ ޝައުގުވެރިވީ އާކިއޮލޮޖީ އާއި ހިސްޓްރީއަށެވެ. އެ ކަންކަމަށް ސިކުނޑި ހުޅުވައިދިނީ ކުޑައިރު އާދަވެގެން ކިޔަމުން އައި ފޮތްތަކާއި އެންސައިކްލޮޕީޑީއާ އެވެ. އެކަމަކު ތާރީހާއި އާކިއޮލޮޖީއާ ބެހޭ މައުލޫމާތު ހޯދުމުގެ ތެރެއިން އެންތުރޮޕޮލޮޖީއަކީ ކޮބާކަން އެނގުނު ހިސާބުން، ސަގާފަތާއި މުޖުތަމައުގެ ކަންކަމަށް މަލްސާގެ ހިތްޖެހުނެވެ.

ފަހުން ބޯޓު ދަތުރުކުރުން ހުއްޓާލައި ނެވިގޭޝަން ކިޔަވައިދިން ބައްޕަ ގާތު މަލްސާ ބުނަމުންދިޔައީ ބޮޑުވުމުން އެންތުރޮޕޮލޮޖީ ކިޔަވައިގެން އެކި ސަގާފަތްތަކުގެ ޝައުގުވެރި ވާހަކަތައް، ބައްޕަގެ ބަދަލުގައި، ކިޔައިދޭނީ އޭނާ ކަމަށެވެ. އެކަމަކު މަލްސާގެ އުމުރުން 11-12 އަހަރުގައި ބައްޕަ މަރުވީ އެވެ. އެއާއެކު އެންތުރޮޕޮލޮޖީ ކިޔެވުމުގެ މުހިއްމުކަން އޭނާއަށް އަމުދުން ބޮޑުވި އެވެ. ބައްޕައަށްޓަކައި ވެސް އެކަން ކޮންމެހެން ކުރަން ޖެހޭކަން އިހުސާސްކުރެވުނެވެ.

އެ މަގަށް ވިސްނުން ބަހައްޓައިގެން މަލްސާ ހިޔާރުކުރީ އާޓްސް ސްޓްރީމެވެ. އެކަމަކު، ދަށް ކަމެއް ކަމަށް ރާއްޖޭގައި މީހުން ދެކޭ އާޓްސް ކިޔެވުމަކީ، މަލްސާ ބުނިގޮތުގައި، ސްކޫލުގެ ހަތަރު ފާރު ތެރޭގައި ވެސް "ވަރަށް އިމްޕޮސިބަލް" ކަމެކެވެ.

"އެއް އަހަރު ވަންދެން ޓީޗަރެއް ނެތް. އެކަހަލަ ބައިވަރު ދަތިތަކެއް ހުރި،" އޭނާ ބުންޏެވެ.

އެ ހުރަސްތަކާ އެކު ވެސް ސީއެޗްއެސްއީގައި އޭލެވެލްއަށް ކިޔެވުމަށް ފަހު ގައުމީ ދާރުލްއާސާރުގައި މަލްސާ އިންޓާންޝިޕެއް ހެދި އެވެ. މަތީ ތައުލީމުގެ މަރުހަލާގައި ކިޔަވާނީ އެންތުރޮޕޮލޮޖީކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާއަށް ޔަގީންވީ ރިސޯޓެއް ހަދަމުން އައި ރ. މާމިގިލިން ބައިވަރު އާސާރީ ތަކެތި ފެނިގެން ކުރި މަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ހިސާބުންނެވެ. އެކަމަކު ރާއްޖެ އިން ބޭރަށް ކިޔަވަން ދިޔުން އެހާ ފަސޭހައެއް ނުވި އެވެ.

"އަންހެންކުއްޖަކު އެހާ ދުރަށް ގޮސް މިކަހަލަ ދާއިރާއަކުން ކިޔަވަން ވަރަށް ބައިވަރު ހުރަސްތައް އައި. ވަރަށް ބައިވަރު މީހުން ޑިސްކަރޭޖު ކުރި. އެކަމަކު އަޅުގަނޑުގެ އާއިލާ އޮތީ އަޅުގަނޑާ އެކީގައި. ހާއްސަކޮށް މަންމަ. މަންމައަށް އެނގޭ އަޅުގަނޑަށް ކިހާ މުހިއްމު ކަމެއްކަން މިއީ،" އާއިލާގައި އޭނާގެ އިތުރުން ކޮއްކޮއަކު ހުރި މަލްސާ ކިޔައިދިނެވެ.

ކިޔަވަން ދާން ފައިސާ ހޯދަން ވެސް މަލްސާއަށް އުނދަގޫވި އެވެ. އެކި މީހުންގެ އެހީއަށް އެދި ސިޓީ ލިޔަން ޖެހުނެވެ. އެކަމަކު، އެހީވާން ތައްޔާރަށް ތިބި ބައްޕަގެ ރައްޓެހިންގެ ސަބަބުން، އޭނާ ވީ، މަލްސާގެ ބަހުން ނަމަ، "ނަސީބުގަދަ" މީހަކަށެވެ. ބެޗެލާސް ފުރިހަމަކުރުމަށް ފަހު މާސްޓާސްގެ ދެބައިކުޅަ އެއްބައި ކިޔެވީ ސްކޮލަޝިޕެއްގެ ދަށުންނެވެ. މަލްސާ ބުނިގޮތުގައި އަނެއް ބައި ހަމަޖެއްސީ އެކި މީހުންގެ އެހީގެ އިތުރުން އެއްފަހަރާ ތިން ވަޒީފާއަށް ގޮސްގެން ހޯދި އާމްދަނީންނެވެ. ވޭލްސްގައި ބަރިސްޓާއެއް، ވެއިޓްރެސްއެއް އަދި ހައުސް ކީޕިން މެއިޑެއްގެ ގޮތުގައި މަލްސާ މަސައްކަތްކުރި އެވެ.

މަލްސާގެ ތައުލީމު (ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ ސެއިންޓް ޑޭވިޑް):

  • ބެޗެލާ އޮފް އާޓްސް - އާކިއޮލޮޖީ އެންޑް އެންތުރޮޕޮލޮޖީ (2015-2018)

  • މާސްޓާ އޮފް ރިސާޗް - އެންގޭޖްޑް އެންތުރޮޕޮލޮޖީ (2018-2021)

މަލްސާ މިދިޔަ މާޗު މަހު ޓެޑްއެކްސް އިވެންޓުގައި ޕްރެޒެންޓޭޝަން ދެނީ

މަލްސާ މިހާރު ބޭނުންވަނީ ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ އަދަބިއްޔާތު މުއްސަނދިކޮށްދޭށެވެ. އޭނާ ބުނިގޮތުގައި އެކަށީގެންވާ މިންވަރަށް ރާއްޖެއާ ބެހޭ މައުލޫމާތު ލިބެން ނުހުންނާތީ ކުޑައިރު ވެސް މާޔޫސްވާން ޖެހުނެވެ. ސޮނޭވާގެ ވަޒީފާއިން ވަގުތު ލިބޭ މިންވަރަކުން ރިސާޗު ޕްރޮޖެކްޓުތައް ނަގައިގެން މަސައްކަތްކުރަމުން އަންނަ މަލްސާގެ އަމާޒަކީ ރާއްޖޭގެ ސަގާފަތާ ގުޅޭ އިތުރު ހޯދުންތައް ލިޔެ، އެންމެންގެ އަތްފޯރާ ހިސާބަށް ގެނެސްދިނުމެވެ.

"އޭރުން ކިޔަން ބޭނުންވާ މީހުން ކިޔާނެ އެއްޗެއް ހުންނާނެ. ކޮންމެ ކޮންމެ މީހަކު ބޭނުން ނުވެދާނެ ބޮޑު ޑިސާޓޭޝަންއެއް ކިޔަން. އަޅުގަނޑު ބޭނުންވަނީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފަސޭހައިން ކިޔާލެވޭނެ ގޮތަށް ސްކޮލަޝިޕް އުފައްދަން،" މަލްސާ ބުންޏެވެ.

"އެހެން މީހުންނާ ގުޅިގެން މަސައްކަތްކޮށް، ރިސާޗު ހަދައި އެކަހަލަ ކަންކަން ކުރިއަށް ގެންދިޔުން ވެސް އެއީ އުއްމީދެއް. މި ދާއިރާ އިން ކޮމިއުނިޓީއެއް އުފައްދަން ބޭނުންވޭ. މި ކަހަލަ މަސައްކަތްތައް ކުރަން އެހެން މީހުންނަށް ހިތްވަރުދޭން ބޭނުންވޭ."

މަލްސާ ބުނިގޮތުގައި އެންތުރޮޕޮލޮޖީ ކިޔަވައިގެން ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް މީހުން ހީކުރެ އެވެ. އެކަމަކު، ޒަމާނާ އެކު އެ ދާއިރާ ވެސް ބަދަލުވެ، މިހާރު ވަރަށް ތަފާތު ރޮނގުރޮނގުން އެންތުރޮޕޮލޮޖިސްޓުން ހިދުމަތްކުރެ އެވެ.

"އެންތުރޮޕޮލޮޖީ ކިޔަވައިގެން ދާރުލްއާސާރުގައޭ އިންނަން ޖެހޭނީ، އެއީ ކުށް ހީއެއް. އެއީ ވެސް ކުރެވިދާނެ އެއް ކަންތައް. އެކަމަކު އިތުރު ވަރަށް ބައިވަރު ކަންކަން ހުންނާނެ. އަޅުގަނޑު އަބަދުވެސް ބުނަނީ އެންތުރޮޕޮލޮޖީ ކިޔަވައިގެން ކޮންމެ ކަމެއް ވެސް ކުރެވިދާނެއޭ،" މަލްސާ ބުންޏެވެ.

ބެއާފުޓް ބުކްސެލާގެ ވަޒީފާ އަދާކުރާ މީހުން އެ މީހެއްގެ ކިބައިގައި ހުރި ހުނަރެއް ބޭނުންކުރުމުގެ ފުރުސަތު ސޮނޭވާ އިން ދޭތީ މަލްސާ ވަނީ ރިސޯޓުގައި ރާއްޖޭގެ ސަގާފަތާއި ތާރީހާ ބެހޭގޮތުން ގެސްޓުންނަށް ޕްރެޒެންޓޭޝަންތައް ދޭން ހުށަހަޅައިފަ އެވެ. އޭނާ ބުނިގޮތުގައި ވަރަށް ގިނަ ޓޫރިސްޓުން ރާއްޖޭގެ މައުލޫމާތު ހޯދަން ޝައުގުވެރިވެ އެވެ.

މަލްސާ މާޒް

10،000 ވޯޑްސް ލިޔާނީ ރުކާ ބެހޭގޮތުންނޭ ބުނީމާ ފުރަތަމަ ނަގައިގެނެވޭނީ ކްރޭޒީ ހިޔާލެއްގެ ގޮތުގައި. އެކަމަކު ކުޑަކޮށް ބަލައިލިއިރު ރުއް ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ކަމަކާ ވެސް ގުޅިފައި ވަނީ

މަލްސާ މާޒް

ސަގާފަތާ މެދު އާ ޝައުގުވެރިކަމެއް

ގަރުދިޔަ އާއި ބަތަކީ ކާން "ދަށް" އެއްޗެއް ކަމަށް އެއް އިރެއްގައި ބަޔަކު ދެކެފައި އޮވެދާނެ އެވެ. އެކަމަކު ދިވެހި ކެއުމަކީ މިހާރު ޓްރެންޑެކެވެ. ސޯޝަލް މީޑިއާ އެކަމަށް ހެކި ދޭނެ އެވެ — މަލްސާ މިސާލެއް ދެއްކި އެވެ. އޭނާއަށް ފާހަގަވާގޮތުގައި ރާއްޖޭގެ ސަގާފަތާ މެދު މުޅިން އާ ޝައުގުވެރިކަމެއް ދިވެހި ޒުވާނުންގެ ތެރޭގައި އުފެދިއްޖެ އެވެ.

"ކުރީގައި ނަމަ ސަގާފީ ކަންކަމައިގެން އުޅުން ކޮންމެވެސް ވަރަކަށް އޮންނަނީ ކަޓު ކަމެއްގެ ގޮތުގައި ދެކެވިފައި. އެކަމަކު އަޅުގަނޑުގެ ޖެނެރޭޝަންއާ އެއްކޮށް އެ ވިސްނުން ބަދަލުވަމުން އަންނަ ތަން ފެނޭ. އެއީ ވަރަށް ރަނގަޅު ކަމެއް،" އޭނާ ބުންޏެވެ.

ދިވެހިވަންތަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކާ ޒުވާނުން މިހާރު ގިނައިން އުޅޭކަމީ ވެސް، މަލްސާ ފާހަގަކުރިގޮތުގައި، ސަގާފަތާ މެދު ދިރެމުން އަންނަ ލޯބީގެ ހެއްކެކެވެ. އިހުގެ ފަންނުވެރިކަމާއި އަތްތެރި މަސައްކަތްތަކުން، މިހާރުގެ ޖީލު ގަޔާވާ ފަދަ ޒަމާނީ ތަކެތި އުފެއްދުމަކީ ސަގާފަތް އާލާވުން ކަމަށް އޭނާ ދެކެ އެވެ. އެއާ އެކު މަލްސާއަށް ފެންނަނީ ޒުވާނުންގެ ހިތްތަކުގައި ދިވެހިވަންތަކަމާ މެދު ދިއްލުނު މި ހުޅުކޮޅު ކަނިވިޔަ ނުދިޔުމުގެ މުހިއްމުކަމެވެ.

"މީހުންގެ ހޭލުންތެރިކަން އެބަ އިތުރުވޭ. ދިވެހިންނަކީ ކޮން ތާކުން އައި ކޮން ބައެއްތޯ ދިރާސާކުރުމުގެ ޝައުގުވެރިކަން އެބަ ބޮޑުވޭ. އަޅުގަނޑު ބުނާނީ ކިޔަމުން ގެންދާށޭ. އެކަމަކު ކިޔޭނީ ވެސް މީހަކު ލިޔެގެން. އެހެންވީމާ އެންމެން ގުޅިގެން އެކަން ކުރަންވީ،" މަލްސާ ބުންޏެވެ.

ސަގާފަތާ މެދު ލޯ ހުޅުވައި ތިމަންނާއަކީ ކާކުކަމާއި ކޮން ތާކުން އައި މީހެއްކަން ދެނެގަނެ އޭގެ އަގު ވަޒަންކުރުމަކީ، މަލްސާ ސިފަކުރި ގޮތުގައި، ނުހަނު އުފާ ލިބޭ ކަމެކެވެ. އެހެން މީހުންނަށް ވެސް އޭނާ ދެނީ އެކަމައިގެން އުޅުމުގެ ނަސޭހަތެވެ. މަލްސާގެ އަމިއްލަ ދަތުރުގައި، ދިވެއްސަކަށް ވުމުގެ މާނައަކީ ކޮބާކަން، އަދިވެސް އަންނަނީ ދަސްކުރަމުންނެވެ.

ކޮމެންޓް (3)

އަވަށްޓެރިޔާ

20 ޖޫން 2022
ކިޔަވަންދާން އެހީ ހޯދުމަށް އެކިފަރާތްތަކަށް ސިޓީލިޔަން ޖެހުމަކީ ހާދަ ބޮޑުކަމެކޭ ދޯ! އެކަމަކު ބައްޕަގެ ރައްޓެހިން 20ހާހުން 30ހާހުން ޑިޕޮސިޓްކޯށްދެމުން އައީ
6 0

މުހައްމަދު

20 ޖޫން 2022
ރަގަޅު އެންތްރޮޕްލޮޖިސްޓެއް ދޯ
4 0

ަައައިސާ

19 ޖޫން 2022
މިހާ ދިގުކޮށް ނުކިޔާނެ! ދިސް އިޒް ޓޫ މަޗް !!!!!
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް