ރާއްޖޭގައި އަރަމުން އަންނަ ޓެނިސް ތަރި ނަބާ ނިޝާން، އިއްޔެގެ މެޗުގައި ކުޅެނީ: އޭނާ މޮޅުވީ ފަހަތުން އަރައި ދެ ސެޓް ހޯދައިގެން

ޓެނިސް

ނަބާ، ހިތްގައިމު މެޗެއްގައި މެލޭޝިއާގެ ދެވަނަ ކުޅުންތެރިޔާ ބަލިކޮށް ފައިނަލަށް

މާދަމާ އޮންނަ ފައިނަލަށް ނަބާ ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ
20 ނޮވެމްބަރު 2022

ރާއްޖޭގައި މިހާރު އަރަމުން އަންނަ އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ނަބާ ނިޝާން އިއްޔެ މެލޭޝިއާގެ 12 އަހަރުން ދަށުގެ އަންހެން ދެ ވަނަ ކުޅުންތެރިޔާ ބަލިކުރި މެޗު، އެތައް ބައެއްގެ ފޫހިފިލުވައިދީ، ނޭވާހިފަހައްޓާލައިގެން ތިބެން ޖެހޭ ވަރުކޮށްފި އެވެ.

މާލޭ ޓެނިސް ކޯޓުގައި މިހާރު ކުރިއަށް ދާ، މޯލްޑިވްސް ޓެނިސް ޗެލެންޖްގައި 2-1 ސެޓުން ނަބާ މޮޅުވި ގޮތާއި ކުޅުން ވެސް އެހާ ހިތްގައިމުކަމަށް، މެޗު ބެލި އެންމެންހެން ގަބޫލުކުރެ އެވެ.

މެލޭޝިއާ އާއި ސްރީ ލަންކާ އާއި އޮމާން އާއި ތައިލެންޑް އަދި ބަހުރެއިންގެ ކުޅުންތެރިން ވެސް އެކި އުމުރު ފުރާތަކުގައި ވާދަކުރަމުން އަންނަ މުބާރާތުގެ 12 އަހަރުން ދަށުގެ ބައިގައި މެލޭޝިއާގެ ލީން ލިމް ފުރަތަމަ ސެޓް 3-5 އިން ހޯދާފައި ވަނިކޮށް ނަބާ ފަހަތުން އަރާ މޮޅުވީ 5-3 އަދި 12-10 އިންނެވެ.

މެލޭޝިއާގެ ލީން ލިން، ރާއްޖޭގެ އެއްވަނަ ނަބާ ނިޝާންއާ ދެކޮޅަށް ސާވްކުރަނީ

މި މެޗުން މޮޅުވުމާ އެކު ނަބާ ވަނީ މާދަމާ އޮންނަ ފައިނަލަށް އެއްވެސް މެޗަކުން ބަލިނުވެ ދަތުރުކޮށްފަ އެވެ.

މުބާރާތުގައި މެލޭޝިއާގެ އެ އުމުރު ފުރައިގެ އެއްވަނަ ކުޅުންތެރިޔާ އަދާނީ ރައިހާން މުހައްމަދު އަޒްހަރްއާ ބައްދަލުކޮށް ސީދާ ސެޓުން 6-3 ،7-6 އިން ނަބާ އޮތީ މޮޅުވެފަ އެވެ. އެކަމަކު އެ މެޗަށް ވުރެ އިއްޔެ ފެނުނީ ވަރަށް ވާދަވެރި، އަދި އެހާމެ މޮޅު ކުޅުމެކެވެ. 

ނަބާ އާއި ލީންގެ އެއް ރެލީ ދޮޅު މިނެޓަށް ދެމިގެންދިޔަ އެވެ. ދެ ކުޅުންތެރިންގެ އެހެން ގިނަ ރެލީތަކެއް ވެސް ގިނަ އިރަށް ދެމިގެން ދިއުމުން، ކުޅިބަލާ މީހުންނަށް ވެސް މެޗު ވަރަށް ހިތްގައިމުވި އެވެ. މެޗު ނިމުނީ ދޮޅު ގަޑިއިރަށް ވުރެ ގިނަ ވަގުތުގެ ކުޅުމަކަށް ފަހު އެވެ.

އިއްޔެގެ މެޗު ބައްލަވާލައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގެންނެވި

ފަހު ސެޓްގައި، 3-8 އިން ލީން ކުރީގައި އޮއްވާ ފަހަތުން އަރާ ނަބާ މެޗު ކާމިޔާބުކުރި ގޮތުން ވެސް، މިއީ ޓެނިހުގައި މިހާތަނަށް ރާއްޖެ ދެކެފައި ނުވާ ވަރުގެ އަންހެން ކުޅުންތެރިއެއްކަން ސާބިތުވި އެވެ. މި ސެޓް ކުޅުނީ ފުރަތަމަ 10 ޕޮއިންޓް ހޯދާ ކުޅުންތެރިޔާ މޮޅުވާ ގޮތަށް ނަމަވެސް ދެ ކުޅުންތެރިން އެއްވަރުކަމުން ނަތީޖާއަކަށް ވީ 12-10 އަށް ދެމިގެން ދިއުމެވެ.

ނަބާއަކީ މިދިއަ އަހަރުގެ ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް ކާމިޔާބުކޮށް، އެންމެ ހަގު އުމުރުގައި އެ ތަށި އުފުލައިލި ކުޅުންތެރިޔާ ވެސް މެ އެވެ. އޭނާ މިހާރު ގެންދަނީ އިންޑިއާގެ ބެންގަލޫރުގެ ޓެނިހުގެ ހާއްސަ އެކަޑަމީއަކުން ތަމްރީން ހަދަމުންނެވެ. 

މާދަމާ ނިމޭ މުބާރާތަށް ފަހު ނަބާ އަނެއްކާވެސް އިންޑިއާއަށް އެނބުރި ދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް