މޯލުގައި 1،000 މީހުން ތިބި ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ. (ފޮޓޯ/ ރައީސް ޒެލެންސްކީގެ ޓުވިޓާ)

ރަޝިޔާ އިން ޔޫކްރެއިނުގެ ޝޮޕިން މޯލަކަށް ހަމަލާ ދީފި

މިއީ ރަޝިޔާ އިން ގަސްދުގައި ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށް ޒެލެންސްކީ ވަނީ ތުހުމަތު ކުރައްވާފައި

މެދުތެރޭ ޔޫކްރެއިނުގެ ކްރެމެންޗުކް ސަރަހައްދުގައި ހުރި ޝޮޕިން މޯލަކަށް ރަޝިޔާގެ ވައިގެ ހަމަލާއެއް އިއްޔެ އަރައި ގިނަ އަދަދެއްގެ އާންމުން މަރުވެފައިވާ ކަމުގެ ބިރު ހީވެއްޖެ އެވެ.

ރަޝިޔާގެ ހަމަލާ އެރުމުގެ ކުރިން މި މޯލުގައި 1،000 މީހުން ތިބި ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމިއާ ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

"އަހަރެމެންނަށް އެނގިގެން، ނަސީބަކުން ގިނަ ބަޔަކަށް ނުކުމެވުނު. އެކަމަކު ވެސް ބައެއް މީހުން އެތެރޭގައި ތިބި. މަސައްކަތްތެރިންނާއި ކަސްޓަމަރުން،" ޒެލެންސްކީ ވިދާޅުވި އެވެ.

މި ހަމަލާގައި މަދުވެގެން 15 މީހުން މަރުވެފައިވާ ކަމަށް ޕޮލްޓާވާ ސަރަހައްދުގެ އަސްކަރީ އިދާރާގެ ވެރިޔާ ޑިމީޓްރޯ ލުނިން ވަނީ ޓެލެގްރާމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި މަދުވެގެން 58 މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ޔޫކްރެއިނުގެ ގައުމީ އެމެޖެންސީ ހިދުމަތްތަކުން ވަނީ ބުނެފަ އެވެ.

މީހުން ސަލަމާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މި ހަމަލާގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރޭ ގައުމާއި މުހާތަބު ކުރައްވާ ޒެލެންސްކީ ދެއްވި ހިތޯބުގައި ވިދާޅުވި އެވެ.

އަދި މިއީ "ޔޫރަޕުގެ ތާރީހުގައި ދީފައިވާ އެންމެ ނުރައްކާތެރި އެއް ޓެރަރިސްޓު ހަމަލާ" ކަމަށް ޒެލެންސްކީ ފާހަގަކުރެއްވި އެވެ. 

"ހަމަލާ ދިނީ އަމާން ދުވަހެއްގައި، އާދައިގެ ޝޮޕިން މޯލެއްގައި އަންހެނުންނާއި ކުޑަކުދިންނާއި އާންމުން ތިއްބައި. މިފަދަ ތަނަކަށް ހަމަލާ ދޭނީ ދުނިޔޭގައި ތިބުމަށް ޖާގަ ވެސް ދެވިގެން ނުވާނެ ފަދަ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުން. މިއީ އޮޅިގެން އެރި މިސައިލު ހަމަލާއެއް ވެސް ނޫން. ހަމަ އެނގިގެން ގަސްދުގައި ހިސާބުކޮށްފައި ޝޮޕިން މޯލްއަށް ދޭންވެގެން ދެވުނު ހަމަލާއެއް،" ޒެލެންސްކީ ވިދާޅުވި އެވެ.

ރަޝިޔާގެ ހަމަލާ އަރާފައިވާ ޝޮޕިން މޯލު ހުރި ކްރެމެންޗުކް ސަރަހައްދު. (ފޮޓޯ/ ޔޫރޯނިއުސް)

ރަޝިޔާ އިން ހަމަލާ ދީފައިވާ މި ޝޮޕިން މޯލު ހުންނަނީ މިވަގުތު ރަޝިޔާ-ޔޫކްރެއިނު ހަނގުރާމަ ހިނގަމުންދާ ޔޫކްރެއިނުގެ އިރުމަތީ ސަރަހައްދާއި އެއްގޮތަކަށް ވެސް ކައިރި ހިސާބެއްގައެއް ނޫނެވެ.

ޔޫކްރެއިނުގެ ޝޮޕިން މޯލަކަށް އިއްޔެ އެރި ހަމަލައާ ގުޅޭ. (ވީޑިއޯ/ ސީބީސީ ނިއުސް)

ރަޝިޔާގެ މި ހަމަލާ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކުށްވެރި ކުރައްވާފައި ވާއިރު، "ޖީ7ގެ ސަމިޓުގައި ދައްކުވައިދީފައިވާ ފަދައިން އެމެރިކާ އާއި އެކުވެރި ގައުމުތަކުން މިފަދަ މުޑުދާރު އަމަލުތަކަށް ރަޝިޔާ ޖަވާބުދާރީ ކުރުވައި ޔޫކްރެއިނުގެ ދިފާއުއަށް ކުރާ ތާއީދު ކުރިއަށް ގެންދާނެ" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް