ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް މަތިންދާބޯޓަށް އަރާވަޑައިގަންނަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރައީސްގެ އިންޑިއާ ދަތުރުފުޅުގެ އެޖެންޑާގައި މޯދީ އާއި ވިޔަފާރިވެރިން

އިންޑިއާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ވެސް ރައީސް ސޯލިހު ބައްދަލުކުރައްވާނެ
28 ޖުލައި 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ މަހުގެ ފުރަތަމަ ހަފްތާގައި އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ވިޔަފާރި ވަފުދަކާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - މޯދީގެ ދައުވަތަކަށް އޮގަސްޓް 1 އިން 4ގެ ނިޔަލަށް ރައީސް ސޯލިހު އެ ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވެރިންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ބުނީ ކީކޭ؟ - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން ބުނި ގޮތުގައި ރައީސްގެ ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާގެ ރައީސް ޑްރޫޕަޑީ މަރުމޫގެ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ ވެސް ބައްދަލުކުރައްވާނެ އެވެ.

ރައީސް ސޯލިހު އިންޑިއާގެ ވިޔަފާރިވެރިންގެ ވަފުދަކާ ބައްދަލުކުރައްވާ އިރު، މުމްބާއީއަށް ވަޑައިގެން ވިޔަފާރީގެ އެކި އިވެންޓުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ރާއްޖޭގެ ތަރައްގީގައި ދެ ގައުމުގެ ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ފެންވަރުގެ މަޝްވަރާތައް ބާއްވާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން ބުނީ އިންޑިއާގެ މުހިންމު ސަރަހައްދީ ބައިވެރިއެއް ކަމަށްވާ ރާއްޖެއާއެކު ފާއިތުވި އަހަރުތަކުގައި ހަރުދަނާ ކުރެވިފައިވާ ގުޅުން އެ ދަތުރުފުޅުގައި އިތުރަށް ވަރުގަދަ ކުރެވިގެންދާނެ ކަމަށެވެ.

ގުޅުންހުރި - ރައީސް އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލް މިހާރު އުޅުއްވަނީ އިންޑިއާ ސިފައިންގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށާއި އެ ގައުމުގެ އަސްކަރިއްޔާގެ ހަރަކާތަކަށް ހަ ދުވަހުގެ ދަތުރެއްގައި އިންޑިއާއަށް ވަޑައިގެނެވެ.

ފަސްމަންޒަރު - ސަރުކާރުގެ އިސް ބޭފުޅުން އިންޑިއާއަށް ޒިޔާރަތްކުރައްވަމުން ގެންދަވާއިރު، ރާއްޖޭގައި އެކި ބޭނުންތަކުގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅުން ގެންދަނީ 'އިންޑިއާ އައުޓް'ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. މި ސަރުކާރުން އިންޑިއާއާ އެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އިންޑިއާގެ ނުފޫޒު ރާއްޖެއަށް ބޮޑުވެފައިވާ ކަމަށް އިދިކޮޅުން ބުނި ނަމަވެސް، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން އެކަން ދޮގު ކުރެ އެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް