ޒުހުރާ (މ) ހުޅުމާލޭ މެރިނޭޓް ކެފޭގައި، ޑިޝްއެއް ތައްޔާރުކުރާނެ ގޮތް ދެ މުވައްޒަފަކަށް ދަސްކޮށްދެއްވަނީ: ކޮވިޑްގެ ބޮޑު ބަންދާ އެކު އަމިއްލަ ބޭކަރީގެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވުމަށް ފަހު އޭނާ ގެންދަވަނީ މިފަދަ ތަމްރީންތައް ދެއްވަމުން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޒުހުރާގެ ކުލަގަދަ ތަޖުރިބާއިން ކާބޯތަކެތީގެ ހިދުމަތަށް އަލިކަމެއް

ރިސޯޓެއްގެ ބަދިގެއިން ފަށައިގެން އުޖާލާ ކެރިއަރެއް ބިނާކުރެއްވި ޒުހުރާ މި ވަގުތު ކުރައްވާ މަސައްކަތަކީ ސާފުތާހިރުކަމާ އެކު ފައިދާހުރި ކެއުން ފޯރުކޮށްދޭން ކެފޭ/ރެސްޓޯރެންޓުތަކަށް ދަސްކޮށްދެއްވުން

ފާތިމަތު ޒުހުރާގެ އަތުގައި އެކައްޗަކަށް އޮތީ ކާބޯތަކެތީގެ ދާއިރާ އިން ތަމްރީނާއި ހުނަރާއި 26 އަހަރުގެ ތަޖުރިބާ އެވެ. އަނެކައްޗަކީ އާދައިގެ މީހުންނަށް ވެސް، ސާފުތާހިރު ބަދިގެތަކަކުން، ރަނގަޅު ކާނާ ލިބިދިނުމަށް އެ ތަޖުރިބާގެ ބޭނުންހިފުމުގެ އެދުމެވެ.

އެ ދެ ކަންތައް ގުޅުވާލުމުން އުފަންވީ އޭނާގެ އާ އަޒުމެވެ.

"އަޅުގަނޑު މި ބަލަނީ މިޑްލް ކްލާސް މީހުންނަށް ވެސް ތަނަކަށް ގޮސް އާދައިގެ އަގެއްގައި ވެސް ފައިދާހުރި އެއްޗެއް ކާލެވޭނެ ގޮތް ހަދައިދެވޭތޯ،" ޒުހުރާ، 50، ވިދާޅުވި އެވެ.

"ހައި-އެންޑް ރެސްޓޯރެންޓްތަކުގައި ހުންނާނެ ރަނގަޅު އެއްޗެހި. އެކަމަކު އަޅުގަނޑުމެން މިޑްލް ކްލާސް މީހުންނަށް ވެސް ރަނގަޅު ކާނާ ލިބެންވާނެ ކަމަށް އަޅުގަނޑު ދެކެނީ."

ރިސޯޓުގެ ބަދިގެ އިން ފަށައިގެން އަމިއްލަ ވިޔަފާރިއަށް

ޒުހުރާއަކީ ރާއްޖޭގެ ރިސޯޓެއްގެ ބަދިގޭގެ ވަޒީފާއަކަށް އެންމެ ފުރަތަމަ ދިޔަ އަންހެނުންގެ ތެރެއިން އެކެކެވެ. ހޮޓެލް ސްކޫލުގެ ތަމްރީނާ އެކު 1996ގައި އޭނާ އިހުރު ރިސޯޓުގެ ވަޒީފާއަށް ވަޑައިގެންނެވި އިރު، 82 ފިރިހެނުންގެ ތެރޭ، އަންހެނުންނަށް ތިބީ ފްރަންޓް އޮފީސް މުވައްޒަފަކާއި ޒުހުރާ އެވެ.

ރިސޯޓުގެ ބަދިގޭގައި ފިރިހެނުންނެކޭ ތަފާތެއް ނެތި ބުރަ މަސައްކަތްތަކުގައި އުޅުއްވި ދެ އަހަރަށް ފަހު، ހޮސްޕިޓަލިޓީ މެނޭޖުމެންޓުން ޑިޕްލޮމާއަށް ކިޔެވުމާއި ކައިވެންޏާ އެކު، ދެން އައި ހައެއްކަ އަހަރު ޒުހުރާ ހޭދަކުރެއްވީ، ފުރަތަމަ، މާލޭގެ ދުވަސްވީ މަޝްހޫރު ސީގަލް ކެފޭ ހައުސް، ދެން، ހައިބަތު ބޮޑު ނަސަންދުރަ ޕެލެސް ހޮޓަލުގެ ޓްރެންޑްސް ރެސްޓޯރެންޓް މެނޭޖުކުރެއްވުމުގަ އެވެ. ނަސަންދުރަައިގައި ބާއްވަމުންދިޔަ މަތީ ފެންވަރުގެ ބައްދަލުވުންތަކާއި ކައިވެނި ޕާޓީތައް އިންތިޒާމުކޮށް ހިދުމަތް ދިނުމުން ފެށިގެން ގޮސް، ޓްރެންޑްސް އާއި ޓީވީ މޯލްޑިވްސް ގުޅިގެން ރޯދަމަހު ގެނެސްދޭ، 'ރަފަތަފާތު' ޕްރޮގްރާމާ ހަމައަށް ވެސް، އެ ދުވަސްވަރު އިސްކޮށް ޒުހުރާގެ އަތެއް އޮތެވެ.

ޒުހުރާ: ކެފޭއެއްގެ ހިދުމަތް ވެސް ދިން އަމިއްލަ ބޭކަރީއެއް ހިންގެވުމާއި އޭގެ ކުރިން އަދާކުރެއްވި މަތީ ފެންވަރުގެ ވަޒީފާތަކާ އެކު އެފްއެންބީގެ ތަޖުރިބާކާރެއް. (ދައުުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދެވަނަ ދަރިފުޅަށް ބަލިވެއިން ހިސާބުން ފެށިގެން ޒުހުރާ ބޮޑަށް އިހުތިޔާރުކުރެއްވީ ތަންކޮޅެއް ލުއި ވަޒީފާތަކެވެ. ފަހުން، ތިން ކުދިން ބަލަން ގޭގައި އިންނަވައިގެން، 12 އަހަރު ވަންދެން މާލޭގައި އަމިއްލަ ބޭކަރީ/ކެފޭ 'ބޭކާސް ވޯލްޑް' ހިންގެވި އެވެ. އެކަމަކު އެހާ ދިގު މުއްދަތަކަށް އެތައް ބައެއްގެ ހިތް އަތުލަމުން ގެންދިޔަ އެ ވިޔަފާރި ކޮވިޑުގެ ހާލަތާ އެކު އަޑިއަޅާލައި ހުއްޓާލަން މަޖުބޫރުވީ އެވެ. ޒުހުރާގެ ވަގުތުތައް ދެން ހޭދަކުރެއްވީ އޭނާ ފަދަ އެހެން ކުދި ވިޔަފާރިވެރިންނަށް ކުރިމަތިވި ހީނަރުކަމުން އަރައިގަންނަން އެހީތެރިކަން ފޯރުކޮށްދެއްވުމުގަ އެވެ.

މިހާރު، ކުޑަ އޮފީހެއްގައި، 10 އިން 3 އަށް އިދާރީ މަސައްކަތުގައި ޒުހުރާ އުޅުއްވަނީ ވަކި ބޭނުމެއްގަ އެވެ — އޭނާގެ އަސްލު މަސައްކަތާ މަސްލަހަތު ފުށުނާރާނެ ވަޒީފާއެއް އަދާކުރެއްވުމަށެވެ.

އެ މަސައްކަތަކީ މާލޭގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނަށް އޭނާ ފޯރުކޮށްދެއްވާ ކޮންސަލްޓެންސީ އާއި ތަމްރީނެވެ. ޒުހުރާ ވަނީ ސާފުތާހިރުކަން ރަނގަޅުކުރުމަށާއި ފައިދާހުރި ކެއުންތައް މެނޫއަށް އިތުރުކުރުމަށް އެހީތެރިވެދޭ ހިދުމަތެއް ފައްޓަވައިފަ އެވެ.

ޒުހުރާ އޭނާ މި ވަގުތު ތަމްރީން ދެއްވަމުން ގެންދަވާ ހުޅުމާލޭ މެރިނޭޓް ކެފޭގެ ބޭރުގައި. (ދައުުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ރެސްޓޯރެންޓަކަށް ގޮސް ހަރަދުކުރާ އިރު، ކޮންމެ ކޮންމެ އެއްޗެއް ހަމަ ކާނުލާ، އެ މީހަކަށް އެއިން ފައިދާއެއްވާ ކަހަލަ އެއްޗަކަށް ހަރަދު ކުރާށޭ

ފާތިމަތު ޒުހުރާ

ބަދަލަކާ ދިމާލަށް

ކެފޭތަކުގެ ބަދިގެތަކުގައި ޒުހުރާ ވަގުތު ހޭދަކުރައްވަނީ ބިދޭސީ މަސައްކަތްތެރިންނާ އެކުގަ އެވެ. ރާއްޖޭގެ ކާބޯތަކެތީގެ ހިދުމަތް ދޭ އިންޑަސްޓްރީ މުޅިންހެން އެ ބަޔަކަށް ބަރޯސާވެފައިވާ ބިދޭސީން އާއްމު ކެފޭތަކުގެ ވަޒީފާއަށް ނުކުންނަނީ ކަން ކުރަންވީ ގޮތުގެ މާ ބޮޑު މައުލޫމާތެއް ނުވަތަ ތަމްރީނެއް ލިބިގެނެއް ނޫނެވެ. ރިސޯޓުތަކާއި މަތީ ފެންވަރުގެ ރެސްޓޯރެންޓުތަކާ ހިލާފަށް، އާއްމުކޮށް ދިވެހިން ގޮސްއުޅޭ ތަންތަނާ މެދު ޒުހުރާއަށް ފާހަގަކުރެއްވޭ ކަމަކީ އެއީ އެވެ. ބަދިގޭގެ ސާފުތާހިރުކަމާއި ކާބޯތަކެތި ތައްޔާރުކުރުމުގެ މިންގަނޑުތައް ހިފަހައްޓަން ރަނގަޅަށް ދަސްވެފައި ނުހުންނަ ކަމެވެ.  

"އެ މީހުންގެ ބެކްގްރައުންޑެއް ނެތިއްޔާ އެނގިފައެއް ނުހުންނާނެ. މިސާލަކަށް ތަރުކާރީ ދޮވެލަންވީ ގޮތް، އަތް ދޮންނަން ޖެހެނީ ކީއްވެގެންކަން، ފްރިޖުގައި އެއްޗެހި ބަހައްޓަން ޖެހޭ ގޮތަކީ ކޮބާކަން، ކަޓިން ބޯޑު ވަކިކުރަން ޖެހޭކަން. މި ކަންކަން ޖެހޭނީ ދަސްކޮށްދޭން،" ޒުހުރާ ވިދާޅުވި އެވެ.

އޭނާއަށް ފާހަގަކުރެއްވޭ ގޮތުގައި ކެފޭތައް ހިންގާ މީހުންނަށް ވެސް، ތަފާތު ސަބަބުތަކާ ހެދި، އެކަމައިގެން އެހާ ބޮޑަށް އުޅެވޭ ގޮތް ނުވަނީ އެވެ. އެކަމަކު ޒުހުރާ ވިދާޅުވިގޮތުގައި އޭނާ ހިދުމަތް ދެއްވާ ކޮންމެ ތަނަކުން ވެސް ލިބެނީ ތަރުހީބެވެ. ފެންނަނީ މިހާރުގެ ގޮތް ބަދަލުކުރަން ތައްޔާރަށް ތިބި ތަނެވެ.

"މީހުން ގަބޫލު ވެސް ނުކުރާނެހާ ވަރަށް މި މީހުންގެ [ބިދޭސީން] ޝައުގުވެރިކަން ހުރޭ މި އެއްޗެހި ދަސްކުރަން. ކޮންމެ މީހަކު ވެސް ވަރަށް، ވަރަށް ބޭނުންވެފައި ތިބެނީ. ބަސް ނޭނގޭ މީހުން ވެސް، އަޅުގަނޑު ކުރާ ތަން ވީޑިއޯކޮށްގެން އެ ބަލައިގެން ވެސް ހަދާނެ،" އޭނާ ކިޔައިދެއްވި އެވެ.

"އަޅުގަނޑާ ވާހަކަދައްކާ އޯނަރުން ވެސް ވަރަށް ބޭނުންވޭ، ބަދަލެއް ގެންނަން. ސާފުތާހިރުކަން ރަނގަޅުކޮށް، ކާއެއްޗެހި ވެސް ރަނގަޅު ޕްރެޒެންޓޭޝަނެއްގައި ސާވްކުރަން."

ހުޅުމާލޭ މެރިނޭޓް ކެފޭގެ މެނޫއަށް އިތުރުކުރުމަށް ޒުހުރާ ތައްޔާރުކޮށްދެއްވި ސިމްޕަލް ޑިޝްއެއް. (ދައުުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަޅުގަނޑު މި ބަލަނީ މިޑްލް ކްލާސް މީހުންނަށް ވެސް ތަނަކަށް ގޮސް އާދައިގެ އަގެއްގައި ވެސް ފައިދާހުރި އެއްޗެއް ކާލެވޭނެ ގޮތް ހަދައިދެވޭތޯ

ފާތިމަތު ޒުހުރާ

ގެނެސްދޭން ބޭނުންވަނީ ދުޅަހެޔޮކަން

އާއްމުކޮށް ޖަންކް ފުޑް ހުންނަ މެނޫތަކަށް ފައިދާހުރި ބާވަތްތައް އިތުރުކޮށްދިނުމަކީ ޒުހުރާގެ ހިދުމަތުގެ އަނެއް ބަ އެވެ. މެނޫގައި ވަކި ޑިޝްތަކެއް ހިމަނަން ހުށަހަޅުއްވައި އެ އެއްޗެހި ތައްޔާރުކުރާނެ ގޮތް ދައްކައިދެއްވުމަށް ފަހު ކައްކާއިން ރަނގަޅަށް ފަރިތަވަންދެން ހަފްތާގެ ވަކި ދުވަސްތަކެއްގެ ވަކި ވަގުތެއްގައި އެ ބަދިގެއެއްގައި ޒުހުރާ އުޅުއްވާނެ އެވެ.

"ދިހަ ޑިޝް ހަދަން ތިން މަސް ވަރު ކޮންމެ ތަނަކަށް ހޭދަވޭ. އޭގައި އޮންނާނީ އެ ތަނަކުން ޑިޝްތައް ހަދަން ބޭނުންވާ އަދަދެއް. އެއް ދުވަހު ދަސްކޮށްދީފައި، އަނެއް ދުވަހު އެ މީހުން ލައްވައި ކުރުވާފައި، އޭތި ސާވްކޮށްފައި އޭގެ ރިޒަލްޓް ބަލާފައި، އެ ގޮތަށް ކުރިއަށް މި ގެންދަނީ،" ޒުހުރާ ވިދާޅުވި އެވެ.

ހުޅުމާލޭ މެރިނޭޓް ކެފޭގެ މެނޫއަށް އިތުރުކުރުމަށް އޭނާ ތައްޔާރުކޮށްދެއްވި ޑިޝްއެއް ހަދަން އެ ތަނުގެ މުވައްޒަފުން ދަސްކުރާ އިރު ޒުހުރާ ބަލަހައްޓަވައިގެން. (ދައުުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޒުހުރާ ގަބޫލުކުރައްވާގޮތުގައި އާއްމު ތަންތަނުގައި ފައިދާހުރި ޑިޝްތައް އާއްމު ނޫނީ ޑިމާންޑު ވެސް ކުޑަވީމަ އެވެ. އެހެންވެ، އެފަދަ ބާވަތްތައް މެނޫގައި ހިމަނައި އެ ޑިޝްތައް ތައްޔާރުކުރަން އަގުބޮޑު ތަކެތި ގަތުމަކީ ކެފޭތަކަށް ވިޔަފާރީގެ ގޮތުން ދެކޮޅުޖެއްސޭ ކަމަކަށް ނުވެ އެވެ. ބޮޑު އަގެއްގައި ވިއްކަންޏާ އެ އަގު ދައްކަން މީހުން ތައްޔާރު ނޫންވީމަ އެވެ.

"އެހެންވީމާ މިކަން [ހާސިލްވުން] ތަންކޮޅެއް ލަސްވާނެ. އެކަމަކު އަޅުގަނޑު ގަބޫލުކުރަނީ ގިނަ ދުވަހުން ވިޔަސް މިއީ ކުރަން ވެއްޖެ ކަމެކޭ،" ޒުހުރާ ވިދާޅުވި އެވެ.

ތަރައްގީވެފައިވާ ގައުމުތަކުން ތައާރަފްކުރި ގެއްލުންހުރި ކާބޯތަކެތި ދިވެހިންގެ ތެރޭގައި ވެސް މަގުބޫލުވެފައިވާ މިންވަރާ މެދު ޒުހުރާ ހިތާމަކުރައްވަ އެވެ. ހާއްސަކޮށް ކުޑަކުދިންނާއި ޒުވާނުން އެފަދަ ބާވަތްތަކަށް ދެވިހިފާފައިވާތީ އެވެ. އޭނާ ވިދާޅުވިގޮތުގައި ހަނދާން ބަހައްޓަންވީ، މެދު އުމުރަށް ދާ ހިސާބުން، ސިއްހީ އެކި މައްސަލަތައް ދިމާވެގެން ކެއިންބުއިމަށް ބަދަލު ގެންނަން މަޖުބޫރުވާ ކަމެވެ.

ޒުހުރާ ހުޅުމާލޭ މެރިނޭޓް ކެފޭގައި މުވައްޒަފުންނަށް ޑިޝްއެއް ތައްޔާރުކުރާނެ ގޮތް ކިޔައިދެއްވަނީ: ކެއިންބުއިމުގައި ދިވެހިން ދުޅަހެޔޮކަން އިސްކުރާ ތަން ދެކެވަޑައިގަންނަވަން އޭނާ ބޭނުންވެވަޑައިގަންނަވާ.(ދައުުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޒުހުރާގެ އެދުމަކީ، ގޭގައި ކައްކައިގެން ކެއުމަށް ވުރެ ބޮޑަށް ކެފޭ/ރެސްޓޯރެންޓްތަކުން ކައިބޮއެ ހެދުން އާއްމުވެފައިވާ މާލޭގެ ދިރިއުޅުމުގައި ވެސް، ދުޅަހެޔޮ އާދަތަކެއް އިހުތިޔާރުކުރުމެވެ. 

"ރެސްޓޯރެންޓަކަށް ގޮސް ހަރަދުކުރާ އިރު ކޮންމެ ކޮންމެ އެއްޗެއް ހަމަ ކާނުލާ، އެ މީހަކަށް އެއިން ފައިދާއެއްވާ ކަހަލަ އެއްޗަކަށް ހަރަދު ކުރާށޭ،" ޒުހުރާ ވިދާޅުވި އެވެ.

އޭނާގެ އުޖާލާ ކެރިއަރުގެ މިހާ ހިސާބުން ޒުހުރާގެ އުއްމީދަކީ އެކަމަށް މަގުފަހިވާނެ ގޮތަށް ކާބޯތަކެތީގެ ހިދުމަތަށް ބަދަލެއް ގެެނެސްދެއްވުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް