Majlis 2024

ހިޔާ ފްލެޓްތައް ކައިރީގައި ހުންނަ ބަސް ސްޓޮޕެއްގައި ބަހެއް މަޑުކޮށްގެން. (ދައުރު ފޮޓޯ)

ބަހުގެ ހިދުމަތް

މާލެ އާއި ހުޅުމާލެ 2 ވަނަ ފޭސްއާ ދެމެދު ސީދާ ބަސް ދަތުރުތައް ބުދަ ދުވަހު ފަށަނީ

ޓްރެފިކް ބާރު ބޮޑު ނޫންނަމަ ކޮންމެ އެއް ގަޑިއިރަކުން އެ ރޫޓުން ބަސް ދަތުރު އޮންނާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ ވިދާޅުވި

މާލެ އާއި ހުޅުމާލޭ ދެ ވަނަ ފިޔަވައްސާ ދެމެދު ސީދާ ބަސް ދަތުރުތައް އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް އެމްޓީސީސީ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައި ވާއިރު، މާލެއަށް ސީދާ ބަސް ދަތުރުތައް ނޯންނާތީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތަކުގެ ޝަކުވާ ބޮޑެވެ. މިހާރު އޮންނަ ގޮތުން:

  • ދެ ވަނަ ފިޔަވަހީގައި އުޅޭ މީހުން ބަހުގައި މާލެ ދާ ނަމަ ޖެހެނީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވައްސާ ދެމެދު ބާއްވާ އިންޓަކަނެކްޝަން ބަހެއް ނަަގަން 

  • ދެން ޖެހެނީ ފުރަތަމަ ފިޔަވަހީގެ ބަސް ސްޓޮޕަކުން، މާލެ ދިއުމަށް ބަހަށް އަރަން 

  • އެހެންވެ، ދަތުރަށް ހޭދަވާ ވަގުތު ވަރަށް ދިގު

  • ހުޅުމާލޭ ފުރަތަމަ ފިޔަވަހިން މާލެއަށް ކުރާ ދަތުރުތަކަށް ނަގަނީ 10ރ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބަސް ސްޓޮޕެއްގައި ބަޔަކު ބަސް އަންނަންދެން މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ބުނީ ކީކޭ؟ - އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އަންނަ މަހުގެ 2 އިން ފެށިގެން މާލެ އާއި ދެ ވަނަ ފިޔަވައްސާ ދެމެދު ސީދާ ދަތުރުތައް ފަށާނެ ކަމަށެވެ. އެގޮތުން، ޓްރެފިކް ބާރު ބޮޑު ނޫން ނަމަ، ކޮންމެ އެއް ގަޑިއިރަކުން އެ ރޫޓުން ބަސް ދަތުރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އެ ރޫޓުން ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ބާއްވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ތަފްސީލް - ހުޅުމާލޭ ދެ ވަނަ ފިޔަވައްސާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ އިތުރު ބަސްތަކެއް ގެނެސްގެންތޯ 'ދައުރު' އިން ސުވާލުކުރުމުން އެ ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވީ އެކަމާ ގުޅޭ ތަފްސީލު ހިމެނޭ ނޫސްބަޔާނެއް ފަހުން އާންމުކުރާނެ ކަމަށެވެ.

ބަހުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް، ހިދުމަތަށް ބޭނުންވާ އިތުރު ބަސް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ކުރިން ބުނެފައިވެ އެވެ.

އެމްޓީސީސީން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވައްސާ ދެމެދު ބަސް ދަތުރު ފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެގޮތުން:

  • އެ  ދަތުރުތަކަށް ނަގަނީ 5ރ. 

  • މިހާރު ޕީކް ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ބާއްވާ 

  • އޮފް ޕީކު ގަޑިތަކުގައި ކޮންމެ 30 މިނެޓަކުން ދަތުުރެއް އޮވޭ

ކޮމެންޓް (1)

ހަޝާން

25 ފެބްރުއަރީ 2022
ސްކޫލް ގަޑިތަކުގައި ކުދިންނަށް ހާއްސަ ސްކޫލް ބަހެެއް ބޭއްވުން ވަރަށް މުހިއްމު. މާލޭގައި ހުރެފައި ގޮސް ކޮންމެ ދުވަހަކު ދަރިފުޅު އަވީގައި ތެޅުވުމަކީ ރަނގަޅު ގޮތެއްނޫން!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް