އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފިސް)

ރައީސް ސޯލިހަކީ ރިސްކް ނެގުމުގެ ގަޓްހުރި ގާބިލް ވެރިއެއް: ފައްޔާޒު

މަޝްރޫއުތައް ލަސްވާ މައިގަނޑު ސަބަބަކީ ވާދަވެރިން ސަރުކާރުން ބަލިކޮށްލަން ދައްކާ ވާހަކަތައް ކަމަށް ވިދާޅުވި
19 ޖެނުއަރީ 2023

މިއިން ދުވަހަކު ރާއްޖެއަށް ދިމާވެފައި ނުވާ ދަތި އުނދަގޫތަކާ އެކުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ރިސްކް ނަގަން ކެރޭ "ގަޓް" ހުރި ގާބިލް ލީޑަރަކަށް ވާތީ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތައުރީފް ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ އެ ރަށުގައި ބޭއްވި ބޮޑު ހަފްލާގައި ވާހަކަ ދައްކަަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ނުބަލާ ދަރަނި ނަގައިގެން ނަމަވެސް ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ރިސްކް ނަގަން ކެރުނީ މި ސަރުކާރަށް ކަމަށެވެ. އަދި މީގެ ކުރިން އެތައް ގަރުނެއް ވެގެން ދިޔައިރުވެސް ސަރުކާރަކަށް ހިންގަން ނުކެރިފައި ހުރި އެތައް މަޝްރޫއެއް މި ސަރުކާރުގައި ހިންގަނީ ރައީސް ސޯލިހުގެ ރޭވުންތެރިކަމުގެ މޮޅު ކަމުން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

މިހާރު ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނޭ ކަމަށް ވިދާޅުވެ އެފަދަ ކަންކަން މިނިސްޓަރު ފައްޔާޒު ފާހަގަ ކުރެއްވި އެވެ. އެގޮތުން ވިދާޅުވީ:

  • ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކާއި ފެނާއި ނަރުދަމާ ގާއިމް ކުރަނީ ކުޑަ ރަށުގެ ރައްޔިތުންގެ ދުޅަހެޔޮ ކަމަކީ ބޮޑު ރަށުގެ ކާމިޔާބާ ގުޅިފައިވާ ކަމަކަށް ވާތީ

  • ކޮންމެ ރައްޔިތަކަށް އަސާސީ ހިދުމަތްތައް ލިބެން ޖެހޭ ކަމަށް ރައީސް ގަބޫލުކުރައްވާ އަދި ދުޅަހެޔޮ ސިއްހަތަކީ ރަނގަޅު އިގްތިސާދެއް ބިނާ ކުރެވޭނެ މަގު ކަމަށް ގަބޫލު ކުރައްވާ

  • 5 ބިލިއަން ރުފިޔާ ސިއްހީ ހިދުމަތް ތަރައްގީ ކުރަން އެބަ ހަރަދު ކުރޭ

  • 15 ބިލިއަން ރުފިޔާ ތައުލީމަށް ހަރަދުކޮށް، ހިލޭ ޑިގްރީ އާއި ސްކޫލްތައް އަންނަނީ ވަރުގަދަކުރަމުން

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާ ގޮތުގެ ޕްލޭން ރައީސް އާއި އެކު މިނިސްޓަރު ފައްޔާޒު ބައްލަވާލައްވަނީ (ފޮޓޯ/ރައީސް އޮފީސް)

"މި ހުރިހާ ކަމަކީ ހަމަ ފަތިހު ތެދުވެފައި ހަމަ ހިތަށް އަރާލާ އިރަކަށް ވާ ކަންކަމެއް ނޫން. އެ ކަންކަމަށް ބޭނުންވާ ފައިސާތައް ހޯދަން އެތައް މަސައްކަތެއް ކުރަން ޖެހޭ. ޒަމާނުއްސުރެ ނުކުރެވިފައި ހުރި އެތައް އެތައް ކަމެއް އެއް ފަހަރާ އަޅުގަނޑުމެންގެ ސަރުކާރުން މި ކުރަނީ އެ ގާބިލްކަން ރައީސުލްޖުމްހޫރިއްޔާގެ ހުރީމާ. އަދި ގާބިލްކަން އެކަންޏެއް ނޫން، އެވަރުގެ ރިސްކް ނެގުމުގެ ގަޓް ރައީސުލްޖުމްހޫރިއްޔާގެ ގައިގާ ހުރީމާ،" ފައްޔާޒު ވިދާޅުވި އެވެ.

"އެއް ފަހަރާ މި ހުރިހާ ކަމެއް ކޮށްލުމުގެ ވިސްނުން ރައީސް ގެންގުޅުއްވާ. މުޅި ރާއްޖެއަށް ބަދަލެއް ގެނައުމުގެ ވިސްނުން ރައީސްގެ އެބަހުރި."

'މަޝްރޫއުތައް ލަސްވަނީ ބަނގުރޫޓްވާ ވާހަކަ ދައްކާތީ'

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ލޯނު ނަގަނީ އެއީ ކުރަން ޖެހޭ ކަމަކަށް ވާތީ ކަމަށާއި ލޯނު ނަގައިގެން ފައިސާ ނުހޯދާ ތަރައްގީ ގެނެވެން ނެތް ކަމަށެވެ. އެހެންވެ، ފައްޔާޒު އަޑަށް ބާރުލައްވައި ވިދާޅުވީ މި ސަރުކާރުން ލޯނުވެސް ނަގާނޭ ކަމަށެވެ.

އެހެން ނަމަވެސް އެކަން ކުރާތީ ދަރަނި އިތުރުވެ ރާއްޖެ ބަނގުރޫޓްވާ ކަމަށް ބައެއް ފަރާތްތަކުން އަބަދު ބުނަމުން ދާ ކަމަށް ފައްޔާޒު ފާހަގަ ކުރެއްވި އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ ބަންގްރޫޓްވުން އަންނަނީ އަންނަނީ ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެކަން ވާން މި ސަރުކާރުން ދޫކޮށްވެސް ނުލާނޭ ކަމަށެވެ.

ޒަމާނުއްސުރެ ނުކުރެވިފައި ހުރި އެތައް އެތައް ކަމެއް އެއް ފަހަރާ އަޅުގަނޑުމެންގެ ސަރުކާރުން މި ކުރަނީ އެ ގާބިލްކަން ރައީސުލްޖުމްހޫރިއްޔާގެ ހުރީމާ. އަދި ގާބިލްކަން އެކަންޏެއް ނޫން، އެވަރުގެ ރިސްކް ނެގުމުގެ ގަޓް ރައީސުލްޖުމްހޫރިއްޔާގެ ގައިގާ ހުރީމާ

ފައްޔާޒު އިސްމާއިލް، އިކޮނޮމިކް މިނިސްޓަރު

ފައްޔާޒު ވިދާޅުވީ ސިޔާސީ މަންފާއެއް ހާސިލްކުރަން ދައްކާ އެފަދަ ވާހަކަތަކުގެ ސަބަބުން މަޝްރޫއުތަކަށް ފައިސާ ދޭން ބޭރުގެ ފަރާތްތަކުން ފަސް ޖެހޭ ކަމަށެވެ. އަދި މަޝްރޫއުތައް ފެށުން ލަސްވާ ސަބަބަކީ ވެސް ސަރުކާރު ބަލިކޮށްލުމުގެ މަގުސަދުގައި ވާދަވެރި ސިޔާސީ ފަރާތްތަކުން ދައްކާ އެފަދަ ވާހަކަތައް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ތަރައްގީ ގުރުބާން ކުރާ ސިޔާސީ ފަރާތްތަކާ މެދު ވިސްނަން ޖެހެ އެވެ. އެކަމަށް ރައްޔިތުން ހޭލާ ތިބުމަށް ފައްޔާޒު އިލްތިމާސް ކުރެއްވި އެވެ.

"ސިޔާސީ މަންފާއެއް ހޯދުމަށް ޓަކައި، ވެރިކަން ހޯދުމަށްޓަކައި ތިބޭފުޅުންގެ ފެނާއި ނަރުދަމާ ދޫކޮށްލާފައި ތިބޭފުޅުންގެ އެއާޕޯޓް ގުރުބާން ކޮށްލާފައި ތިބޭފުޅުންގެ ހޮސްޕިޓަލްތަކަށް އަޅުގަނޑުމެން މިކުރާ އުންމީދާއި މަސައްކަތަށް ހުރަސް އަޅާފައި މި ސަރުކާރު ފެއިލްކުރަން މަސައްކަތްކޮށްގެން ތިބޭފުޅުންގެ ނުރުހުން ސަރުކާރާ ދިމާލަށް ގެނައުމަށްޓަކައި [އެ ކުރާ މަސައްކަތް] އެއީ އެންމެ ރަނގަޅު ގޮތް ބާއޭ؟. އެއީ ތި ރައްޔިތުންގެ ކުރަންވީ ސުވާލެއް،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު އިސްމާއިލް ހަނިމާދޫ އެއާޕޯޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

'މި ސަރުކާރުން ގެނެސްދެނީ އިހުސާސްވާނެ ތަރައްގީ'

ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކާ އެކު އަންނާނީ ރައްޔިތުންނަށް ފެންނަ، އިހުސާސް ވާނޭ ހެޔޮ ބަދަލުތައް ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ހިންގާ މަޝްރޫއުތަކާ މެދު ފާޑުކިޔުން އޮތް ނަމަވެސް އެކަން ކުރަނީ ކަރުދާހުގައި ލިޔެގެން ރޭވުންތެރި ކަމާ އެކު ޕްލޭނެއްގެ ދަށުން ކަމަށެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓާ މެދު ފާޑުކިޔުން އޮތް ނަމަވެސް އެކަން ކުރަނީ ހދ. އަތޮޅާއި އުތުރަށް އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށް ފަސޭހަ ކުރުމާއި އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން ވިޔަފާރިތަކަށް ފަހިވާނޭ ކަންކަން ސަރުކާރުން ކޮށްދޭން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"މި ސަރަހައްދުގައި 8،000 އެނދު ތަރައްގީ ކުރުން އެއީ ކުރަން ޖެހޭ ކަމެއް. އެނދު ތަރައްގީ ކުރާނީ އަމިއްލަ ވިޔަފާރިވެރިން. އެއީ ސަރުކާރުން ކުރާ ކަމެއް ނޫން. އެކަމަކު ސަރުކާރުން ޖެހެނީ އެކަމަށް މަގުފަހިވާނޭ އިންވެސްޓްމަންޓްތައް ކުރަން. އެގޮތުން ހަދަން ޖެހޭ އެއާޕޯޓެއް މިއީ. މިއާ އެކު މިތަނަށް އެނދުތައް ވެސް އަންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.

އެފަދަ ޕްލޭނެއް ނެތި މަޝްރޫއުތައް ހިންގުމުގެ ސަބަބުން ވަރަށް ގިނަ ކަންކަމުގެ ހަގީގީ ފައިދާ ދިވެހިންނަށް ނުކޮށް ހުރި ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރަކީ ހަމަ ތިބެފައި ބޮޑެތި ކަންކަން ކުރާނޭ ސަރުކާރެއް ނޫނެވެ. އޭގެ ބަދަލުގައި ކަންކަން ކުރާނީ ކަރުދާހުގައި ލިޔެ ކަންކަން ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް