ގަތަރު ވޯލްޑް ކަޕްގައި ރޭ ކޮސްޓަ ރީކާ ކޮޅަށް ގޯލެއް ޖެހުމަށް ފަހު ސްޕެއިންގެ ކުޅުންތެރިން އުފާފާޅުކުރަނީ. ސްޕެއިނުން އެ މެޗު ކާމިޔާބުކުރީ 7-0ގެ ތަފާތު ބޮޑު ނަތީޖާ އަކުން.

ވޯލްޑް ކަޕްގެ އެންމެ ތަފާތު ބޮޑު މޮޅުތައް

ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ތަފާތު ބޮޑު ނަތީޖާ ފެނުނީ ވޯލްޑް ކަޕް 1982ގައި؛ އެ މެޗުގައި ހަންގޭރީ ވަނީ އެލް ސަލްވަޑޯ ކޮޅަށް 10 ގޯލު ޖަހާފައި

ގަތަރު ވޯލްޑް ކަޕްގައި ރޭ ގްރޫޕް އީގައި ސްޕެއިނުން ކޮސްޓަ ރީކާ ބަލިކުރީ 7-0ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އެއީ ވޯލްޑް ކަޕްގައި ސްޕެއިންގެ އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ނަމަވެސް، ވޯލްޑް ކަޕްގެ ދިގު ތާރީހަށް ބަލާއިރު މިއީ ތަފާތު ބޮޑު ނަތީޖާއެއް މި ފެނުނީ އަލަކަށް ނޫނެވެ.

ތަފާތު ބޮޑު ނަތީޖާތައް ތަރުތީބުކޮށްލައިފި ނަމަ، ސްޕެއިން-ކޮސްޓަ ރީކާ މެޗު އޮންނަނީ ހަތް ވަނައިގަ އެވެ. މިއީ 21 ވަނަ ގަރުނުގައި ކުޅުނު ވޯލްޑް ކަޕެއްގެ ވެސް އެންމެ ތަފާތު ބޮޑު ނަތީޖާއަށް ނުވެ އެވެ.

ހަންގޭރީ 10-1 އެލް ސަލްވަޑޯ (ވޯލްޑް ކަޕް 1982)

ހަންގޭރީ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެއް މެޗުގައި 10 ގޯލު ޖެހި ހަމައެކަނި ޓީމެވެ. އަދިއަދަށް ދާންދެން މުގުރާނުލެވި އޮތް ރިކޯޑެއް ގާއިމްކުރެވުނު ނަމަވެސް، އެ ފަހަރު ހަންގޭރީ ވަނީ ގްރޫޕް ސްޓޭޖުން މުބާރާތާ ވަކިވެފަ އެވެ.  

ވޯލްޑް ކަޕް 1982ގައި ހަންގޭރީ އާއި އެލް ސަލްވަޑޯ ބައްދަލުކުރި މެޗު.

ހަންގޭރީ 9-0 ދެކުނު ކޮރެއާ (ވޯލްޑް ކަޕް 1954)

ލިސްޓުގެ ދެ ވަނަ ވެސް ލިބެނީ، އެއް ޒަމާނެއްގައި ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވުނު ހަންގޭރީއަށެވެ. މި ވޯލްޑް ކަޕްގައި ހަންގޭރީން ނުކުތީ ޕުސްކަސް ފަދަ ގަދަ ކުޅުންތެރިން ހިމެނޭ، އެ ގައުމުގެ ގޯލްޑަން ޓީމްއާ އެކުގަ އެވެ.

އެ މުބާރާތުގައި ތަފާތު އެކި ރިކޯޑުތައް ހަންގޭރީން ގާއިމްކުރި ނަމަވެސް، މުބާރާތް ނިންމާލަން ޖެހުނީ ރަނަ-އަޕްގެ ގޮތުގަ އެވެ. ފައިނަލުގައި ހަންގޭރީ ބަލިވީ ވެސްޓް ޖާމަނީ އަތުންނެވެ. އެހެން ނަމަވެސް ހަމަ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަންގޭރީން 8-3ގެ ނަތީޖާއަކުން ވެސްޓް ޖާމަނީ ބަލި ވެސް ކުރި އެވެ.

ދެކުނު ކޮރެއާ ކޮޅަށް ހަންގޭރީއިން ނުވަ ގޯލު ވައްދާލި މެޗު.

ޔޫގޮސްލާވިއާ 9-0 ޒައީރް (ވޯލްޑް ކަޕް 1974)

މި މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ޔޫގޮސްލާވިއާ އިން ވަނީ ހަ ގޯލު ޖަހާފަ އެވެ. އެއީ ވެސް ރިކޯޑެކެވެ. ނަމަވެސް، މި މެޗުގެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެ، ޔޫގޮސްލާވިއާ ވަނީ މުބާރާތުން ވަކިވެފަ އެވެ.  

ޒައީރް ކޮޅަށް ގޯލެއް ޖެހުމަށް ފަހު ޔޫގޮސްލާވިއާގެ ކުޅުންތެރިއެއް އުފާ ފާޅު ކުރަނީ.

ސުވިޑަން 8-0 ކިއުބާ (ވޯލްޑް ކަޕް 1938)

މިއީ ގްރޫޕް ސްޓޭޖެއް ނެތި، ވޯލްޑް ކަޕްގައި ހަމައެކަނި ނޮކްއައުޓް ސްޓޭޖު އޮތް ޒަމާނުގެ މެޗެކެވެ. ކުއާޓަ ފައިނަލްގައި ކިއުބާ ކޮޅަށް އަށް ގޯލު ވައްދާލި މެޗުގައި ސުވިޑަންގެ ދެ ކުޅުންތެރިން ހެޓްރިކް ހެދި އެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެއް ޓީމެއްގެ ދެ ކުޅުންތެރިން ހެޓްރިކް ހެދި ހަމައެކަނި މެޗެވެ. އެ ފަހަރު ސުވިޑަން މުބާރާތުން ވަކިވީ ސެމީގައި ހަންގޭރީ އަތުން ބަލިވެގެންނެވެ.

ވޯލްޑް ކަޕް 1938ގެ ސުވިޑަން ޓީމު.

އުރުގުއޭ 8-0 ބޮލީވިއާ (ވޯލްޑް ކަޕް 1950)

މިއީ ފްރާންސުން މުބާރާތުގައި ބައިވެރިނުވާން ނިންމުމުން އެ ގްރޫޕުގައި އުރުގުއޭއަށް ކުޅެން ޖެހުނު ހަމައެކަނި މެޗެވެ. އުރުގުއޭ އިން އެ ފަހަރު ފައިނަލަށް ދަތުރުކޮށް، ފައިނަލުގައި ބްރެޒިލް ބަލިކުރުމަށް ފަހު ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި އުފުލައިލި އެވެ.

ވޯލްޑް ކަޕް 1950ގައި އުރުގުއޭ އާއި ބޮލީވިއާ ބައްދަލުކުރި މެޗު.

ޖަރުމަނު 8-0 ސައުދީ (ވޯލްޑް ކަޕް 2002)

މިއީ 21 ވަނަ ގަރުނުގެ ވޯލްޑް ކަޕް މެޗެއްގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ޖާމަނީގެ މިރޮސްލާވް ކްލޯސާގެ ފުރަތަމަ ގޯލު ފެނުނީ ވެސް މި މެޗުގަ އެވެ. އޭނާ ވަނީ މި މެޗުގައި އެކަނިވެސް ހަތަރު ގޯލު ޖަހާފަ އެވެ. އެ މުބާރާތުގެ ފައިނަލްގައި ޖާމަނީ ބަލިވީ ބްރެޒިލް އަތުންނެވެ.

ޖާމަނީގެ ކްލޯސާ އަކީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ.

ކޮމެންޓް

Placeholder

ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑް ކަޕް 2022