އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު.

ޔޯގާ ހަރާމް ކަމަށް އަދާލަތުން ބުނުމުން ނަޝީދު ރައްދު ދެއްވައިފި

ނަޝީދު ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދީނީ އިލްމުވެރިން އެއްބަސްވެވަޑައިނުގަންނަވާ ކަމަށް

ޔޯގާ އަކީ ހަރާމް ކަމެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް މިއަދު ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - 'އިސްލާމީ ފިގުހުވެރިންގެ މީޒާނުގައި ޔޯގާ'ގެ ނަމުގައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރޭ ނެރުނު ކަރުދާހެއްގައި ވަނީ، ޔޯގާގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެގެން ގޮސްފައި ވާއިރު، ރާއްޖޭގައި އެފަދަ ކަމެއް އާންމުވެ ނުދިޔުމަށް ސަމާލުވާން ޖެހޭ ކަމަށް ބުނެފަ އެވެ.

އެކި ދީންތަކާއި ގައުމުތަކުގެ ސަގާފަތްތައް އެއް ގައުމުން އަނެއް ގައުމަށް އަންނަމުން ދާއިރު، ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު މުޖުތަމައަކަށް އަންނަ އާދަކާދަތަކާއި ސަގާފަތްތަކަކީ އިސްލާމް ދީނާ ފުށުއަރާ ކަމެއް ކަމުގައި ވިޔަދީގެން ނުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ. 

ބުނީ ކީކޭ؟ - ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދީނީ އިލްމުވެރިން އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ. 

"ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި،" ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިންމު - ފާއިތުވި އަހަރުތަކުގައި ދިވެހިންގެ މެދުގައި ވެސް ކަސްރަތެއްގެ ގޮތުގައި މަގުބޫލުވެފައިވާ ޔޯގާ އަކީ ހިންދޫންގެ އަޅުކަމެއްގެ ގޮތުގައި ފެށުނު ކަމަކަށް ވާތީ އެކަން އިސްލާމް ދީނުގައި ހަރާމް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާތީ، އެކަމާ މެދު މިފަހުން ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދިފަ އެވެ. އެގޮތުން:

  • މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބޭއްވުމުން، ބަޔަކު ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ދަނޑަށްް ވަދެގަނެ އެ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގާފައި

  • އެ މައްސަލައާ ގުޅިގެން، ދީނީ ދެ އިލްމުވެރިއަކު ހިމެނޭހެން 20އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވޭ

  • އާއްމުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައި ވާއިރު، ޔޯގާއާ ބެހޭ ގޮތުން މިހާތަނަށް ފަތުވާ ކޮމިޓިން ރަސްމީކޮށް ފަތުވާއެއް ނެރެފައެއް ނުވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް