Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

އައްޑޫގެ ގުޅިފައިވާ ބައެއް ރަށްތައް: ބިން ހިއްކުމުގެ އަގުބޮޑު މަޝްރޫއުގެ އީއައިއޭ ރިޕޯޓުން ވެސް މަސައްކަތުގެ ނުރައްކާ މިންވަރު އެނގޭ

އައްޑު އަތޮޅު ފަނާކުރުމުގެ މަޝްރޫއު: ސިޔާސީ ދޮގާއި ހާސަރުގެ ނަމޫނާ މިސާލެއް

ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ސަބަބުން އައްޑޫގެ ދިރި އޮތް ވެށީގެ ބޮޑު ބައެއް ދާއިމަށް ނެތިގެންދާނެ

އައްޑު އަތޮޅުގެ އެތެރެވަރީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކޮނެގެން 5.6 މިލިއަން ކޮޑިމީޓަރު، ނުވަތަ 378 ފުޓްބޯޅަ ދަނޑު ދެ މީޓަރު އުސްމިނަށް ފުނިޖެހޭނެ އަދަދުގެ ދިވެހި ވެލި ހޭދަކޮށްގެން، އަތޮޅުގެ އެތެރެވަރީގެ ގުދުރަތީ ވެށި ފަނާކޮށްގެން އައްޑު އަތޮޅު 'ތަރައްގީކުރަން' ތައްޔާރުވެއްޖެ އެވެ. މިއީ އައްޑޫ ސިޓީ ކައުންސިލާއި ދިވެހި ސަރުކާރުން ކުރަން ތައްޔާރުވެފައި އޮތް ސިއްސައިގެންދާވަރުގެ ގެއްލުން ބޮޑު، ރާއްޖެ އަދު އޮތް ދަރަނީގެ ދަންތުރައަށް އިތުރަށް ގެނބެން ފަހިކުރާ، ދެކޮޅުނުޖެހޭ ސިޔާސީ ދޮގުތަކާއި ހާސަރުން ފުރިގެންވާ މަޝްރޫއުއެކެވެ. މި މަޝްރޫއުއަކީ އިންޑިއާ ސަރުކާރުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއް ބޭނުންކޮށްގެން، 1.3 ބިލިއަން ރުފިޔާގެ ދަރަނީގެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު މިއީ ތަރައްގީ ގެނައުމަށް ވުރެ ދާއިމީ ގެއްލުން މުޅި އަތޮޅަށް ކުރާނެ މަޝްރޫއުއެއް ކަން ސާބިތުވާނެ ހެކިތައް މަޝްރޫއުއާ ބެހޭ ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ބަލާ ރިޕޯޓުތަކުން ސާފުކޮށް އެނގެ އެވެ.

އައްޑު އަތޮޅުގެ އެތެރެވަރީގެ މުއްސަނދި ވެށީގެ ތިންބައިކުޅަ އެއްބަޔާ ގާތްކުރާ ބޮޑު ސަރަހައްދެއް ކޮނެ ނަގައިގެން ހިންގަން ތައްޔާރުވެފައިވާ ބިން ހިއްކުމުގެ މަޝްރޫއުގެ ތިމާވެއްޓަށް ގެއްލުންވާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (ނުވަތަ އީއައިއޭ)އެންމެ ފުރަތަމަ ނެރުނީ ފެބްރުއަރީ 2022 ގަ އެވެ. އޭގައި ބުނާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން އަތޮޅުގެ 21 ހެކްޓަރުގެ ދިރިއޮތް މުރަކަ ފަރުގެ ސަރަހައްދަކަށް ފަސްއަޅާ މަރާލެވި ދާއިމަށް ފަނާކުރެވިގެން ދާނެއެވެ.

ފަރު ހިއްކުމުގެ މާލީ ގެއްލުމުގެ އަގު އަންދާޒާކޮށްފައިވަނީ 343-858 މިލިއަން ޔޫއެސް ޑޮލަރާ ދެމެދުގެ އަދަދަކަށެވެ. ދިވެހި ފައިސާއިން ނަމަ 5.3-13.2 ބިލިއަން ރުފިޔާ އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑުއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި: ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކުގެ ތިމާވެށީގެ ގެއްލުން ބޮޑު

ރިޕޯޓު ބުނާ ގޮތުގައި މި މަޝްރޫއުއިން 120 ހެކްޓަރުގެ މޫދު ވިނަ ދަނޑުތަކަށް ފަސްއަޅާ މަރާލެވޭނެ އެވެ. މި ގުދުރަތީ ދިރިއޮތް މާހައުލީ ނިޒާމަކީ ރަށުގެ ވަށައިގެންވާ ވެށީގެ ފަސްގަނޑު ހިފަހައްޓައިދީ، އަރާ ރާޅުތަކުން ރަށް ސަލާމަތްކުރާ ނިޒާމަކަށް ވުމުގެ އިތުރުން މިއީ ޖައްވު ހޫނުވުމަށް ފަހިކުރާ ކާބަން ރައްކާކޮށް ހިފަހައްޓައި ވެސް ދޭ މުހިންމި ނިޒާމެއް މެއެވެ. މި ނިޒާމަށް މަޝްރޫއުއިން ދޭނެ ގެއްލުމުގެ އަގު އަންދާޒާ ކޮށްފައިވަނީ އަހަރަކު 6.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ)ގެ އަދަދެއް ކަމަށެވެ.

މިއީ އެތައް މިލިއަން އަހަރަކުން އުފެދި ފައްކާވެފައިވާ ނިޒާމެކެވެ. އެ ވެށީގައި ހިމެނޭ ދިރުންތަކުގެ މުއްސަނދިކަން އުފެދި އާލާވެ، އޭގެ ފައިދާ އިންސާނުންނަށް ލިބެނީ އެ ގުދުރަތީ ފުރިހަމަކަމުގައި އެ ވެށި ސަލާމަތުން އޮތުމުންކަން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ފަހުމްވާނެ އެވެ.

އައްޑުއަކީ ރާއްޖޭގެ ޑައިވިން ދާއިރާއަށް އެންމެ ފައިދާކުރާ އަދި މި ދާއިރާގައި ފާހަގަކޮށްލެވޭ މަތީ ފަންތީގެ ބައެއް މާހައުލުތައް އޮތް އަތޮޅެކެވެ. އެތަންތަން މުހިންމުވަނީ ދިރި އޮތް ވެށީގެ މުއްސަނދި ދިރުންތަކުގެ ސަބަބުންނެވެ. މި ތަންތަނުގެ އަގު އުފުލިގެންދަނީ މި މާހައުލުތަކުގައި ދިރިއުޅޭ މާސިންގާ އެންމަޑި އާއި މިޔަރާއި މުރަކަ އާއި ކުދިބޮޑު މަސްމަހާމެހީގެ އަދަދު ނުކުރެވޭ ތަފާތު ދިރުންތަކުގެ އަޖައިބުވަނިވި ރީތިކަމާއި ތަފާތުކަމާއި އެ ވެށީގެ ޚަޒާނާގެ ފުރިހަމަކަމުންނެވެ. އައްޑޫ ފަނާކުރުމުގެ މަޝްރޫއުއިން ވެއްޓަށް ދޭނެ އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކުގެ ސަބަބުން ޑައިވިން ހިމެނޭ ގޮތަށް އަތޮޅުގެ ފަތުރުވެރިކަމުގެ ސިނާއަތަށް 42-67 މިލިއަން ޑޮލަރު (647 މިލިއަން ރުފިޔާ އާއި 1 ބިލިއަން ރުފިޔާ)އާ ދެމެދުގެ އަދަދެއްގެ ގެއްލުން އަހަރެއްގެ މައްޗަށް ވާނެކަމަށް އީއައިއޭ ރިޕޯޓުގައި ބުނެ އެވެ.

ބިން ހިއްކުމުގެ ގެއްލުން އަންގައިދޭ ވީޑިއޯއެއް

ވިސްނާލަން ޖެހޭ ނުކުތާއަކީ 1.3 ބިލިއަން ރުފިޔާގެ ދަރަނީގެ ހޭދައެއް ކޮށްގެން ސަރުކާރުން ނިންމާފައި އެ ވަނީ އައްޑު އަތޮޅުގެ ވެށީގެ 5.3 ބިލިއަން ރުފިޔާ އާއި 13.2 ބިލިއަން ރުފިޔާއަށް ވުރެ މާ މައްޗަށް އޭގެ އަގު އަރާ އާސާރީ ގުދުރަތީ ތަރިކަ ދާއިމަށް ނައްތާލުމަށެވެ. މި މަޝްރޫއުގެ ރިޕޯޓުގައި އަގުނުކުރާ ބޮޑު އެހެން ގުދުރަތީ ވަސީލަތެއް ވެސް އެބަ އޮތެވެ. އެއީ މަޝްރޫއުއަށް ހޭދަކުރާނެކަމަށް ފުރަތަމަ އަންދާޒާ ކޮށްފައިވާ 6.9 މިލިއަން ކޮޑިމީޓަރުގެ ދިވެހި ވެލި، އަދި ފަހުގެ ރިޕޯޓަކުން 5.6 މިލިއަން ކޮޑިމީޓަރަށް ބަދަލުކޮށްފައިވާ ވެލީގެ ހޭދަ އެވެ. ވެއްޔަކީ ދުނިޔޭގައި ވެސް އެންމެ އަގުބޮޑު އަދި އޭގެ ބޭނުން ބޮޑުވެފައިވާ އެއް މައުދަނަށް ވެފައިވާ އިގްތިސާދީ ދަނޑިވަޅެއްގައި، 378 ފުޓުބޯޅަ ދަނޑުގެ ސަރަހައްދަކަށް ދެ މީޓަރު އުސްމިނަށް އެޅޭނެ އަދަދުގެ ދިވެހި ގުދުރަތީ ވެއްޔަކީ އަގެއް ނެތް އެއްޗަކަށް ހަދާފައި އެވަނީ މި މަޝްރޫއުގެ ބޭނުމަށެވެ. މި އަދަދު އުނިވެފައި އޮތުމަކީ އަގުބޮޑު ގުދުރަތީ ވަސީލަތެއް މުޅިން ހިލޭ ބަޔަކަށް ދޭން ނިންމާފައިވާކަން ދޭހަކޮށްދޭ ކަމެކެވެ. ރައްޔިތުންގެ ދަރަނި ބޭނުންކޮށްގެން ރައްޔިތުންގެ ގުދުރަތީ ރައުސުލްމާލެއް ބަޔަކަށް ހަދިޔާކުރާ އުސޫލުން މިފަދަ މަޝްރޫއުތައް ރާވަމުން ދިއުމަކީ ރާއްޖޭގެ ވެށީގެ ޚަޒާނާގެ އަގު ސަރުކާރުން ވަޒަން ނުކުރާކަމުގެ ސާފު ހެއްކެކެވެ.

އައްޑޫގައި މަޝްހޫރު ޑައިވިން ސައިޓެއް ކަމަށްވާ ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކް: ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ޑައިވިންއަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބޭނެ (ފޮޓޯ/އެކުއާވެންޗާ މޯލްޑިވްސް)

އައްޑޫ ފަނާކުރުމުގެ މަޝްރޫއުއާ ބެހޭ ގޮތުން އެތައް ބައެއްގެ ކަންބޮޑުވުންތަކެއް ވޭތުވެދިޔަ އަހަރު ފާޅުކުރުމުން އީއައިއޭ ރިޕޯޓް އަލުން މުރާޖާކުރި އެވެ. އޭގެ ފަހުން ސެޕްޓެމްބަރު 2022ގައި އިތުރު މައުލޫމާތުގެ ނަމުގައި އެއަށް ވަނީ ރިޕޯޓެއް އިތުރު ކޮށްފަ އެވެ. މިކަން ކޮށްފައިވަނީ މަޝްރޫއު ކުރިއަށް ގެންދަން ފަހިކުރުމަށެވެ. ނަމަވެސް ފަހުގެ މި ރިޕޯޓުން ވެސް ސާފުވާން އޮތް ކަމަކީ މި މަޝްރޫއުއިން ސީދާ ވެއްޓަށް ދޭނެ ގެއްލުންތަކަކީ މަތީގައި ފާހަގަކޮށްފައިވާ އަދަދުތަކާއި އަގެވެ. ނަމަވެސް ވެއްޓަށް ކުރާނެ ގެއްލުން ކުޑަކުރުމުގެ ނަމުގައި ބައެއް މައުލޫމާތު ބަދަލުކޮށް ދެވަނަ ރިޕޯޓެއް މަޝްރޫއުގެ އެދިޔާރު، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އިން ހަދާ، އީޕީއޭ އިން މަޝްރޫއު ކުރިއަށް ގެންދަން ހުއްދަދިނަސް މި މަޝްރޫއުގެ ސަބަބުން އައްޑު އަތޮޅުގެ ވެއްޓަށް ލިބޭނެ ގެއްލުން އަގުކޮށްފައިވާ މިންވަރަށް ވުރެ މާ މަތިވާނެ އެވެ. މި މަޝްރޫއުގައި އަންދާޒާ ކުރެވެން އަދި ކުރެވިފައި ވެސް ނެތް ކަމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިރި ރަށްތަކަށް ދިމާވެފައިވާ ފެންމަތީ ދެމިއޮތުމަށް އޮތް ނުރައްކަލުގެ އަސަރެވެ. ސައިންސްގެ ޒަރިއްޔާއިން އެނގެން އޮތީ ރާއްޖޭގެ ރަށްތަކުގެ ދިފާއީ ގުދުރަތީ ނިޒާމަކީ ދިރި އޮތް މުރަކަ ފަރުތަކާއި ދިރުންތަކުގެ ވެށިކަމެވެ.

ސުނާމީ ކާރިސާގެ ބޮޑު ރާޅު ގަޑިއަކު 500 މޭލުގެ ބާރު ދުވެލީގައި އިންޑޮނީޝިއާގެ ސުމާތްރާ އިން އުފެދިގެން މާކަނޑު ހުރަސްކޮށް ރާއްޖޭގެ ރަށްތަކާ ހަމަކުރިއިރު ބުރަކިޖައްސަން ތައްޔާރަށް އޮތީ ރާއްޖޭގެ ފަރުފަޅުތަކެވެ. މި ބިރުވެރި ތާރީޚު ރައްޔިތުންގެ ހިތްތަކުން ފޮހެވޭހާ ދުވަހެއް އަދި ނުވެ އެވެ. އައްޑު އަތޮޅުގެ ފަރުފަޅުތަކާއި ގުދުރަތީ މާހައުލީ ނިޒާމުތައް މި މަޝްރޫއުގެ ވަގުތީ އަދި ސިޔާސީ ބޭނުމެއް ފުއްދަން ދާއިމަށް ނައްތާލުމާއި، ބަދަލުގައި ބޮޑު އަގު ދީގެން ބޭރުން ގަންނަ ބޮޑު ހިލަތަކެއް މި ތަންތަނަށް އެޅުމަކީ ހަގީގަތުގައި ވެސް 'ތަރައްގީ' ކަމަށް ގަބޫލުކޮށް ރާއްޖޭގެ ރައްޔިތުން ކުޅިބަލަން ތިބެން ނުވާނެ އެވެ. އެއީ ތިމާވެށީގެ ބޮޑު ޖަރީމާއެކެވެ.

ފޭދޫ ހިއްކާފައި: ބިން އޮތީ އަދިވެސް ބޭނުންނުކޮށް (ދައުރު ފޮޓޯ/އަލީ ރަފީގް)

މި މަޝްރޫއުއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން ހަދާފައިވާ ގާނޫނުތަކާ ޚިލާފުވުމުގެ އިތުރުން، އައްޑު އަތޮޅާއި މުޅި ރާއްޖެއަށް އިންތިހާ ދަރަޖައަށް ބޮޑެތި މާލީ އަދި ގުދުރަތީ ގެއްލުން ދޭނެ މަޝްރޫއުއެއް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މި ކަން ސަރުކާރުން ކުރަމުން ދަނީ ގެއްލުމުގެ ފުންމިނާއި ފުޅާމިން ދެނެ ތިބެ އެވެ. ރާއްޖޭގެ ރަށްތަކުގައި ހިންގާ ވެށި ފަނާކުރުމުގެ މަޝްރޫއުތަކުގެ ސަބަބުން މޫސުމީ އަދި ގުދުރަތީ ކާރިސާތަކަށް އެ ރަށްތައް ދަނީ ހުށަހެޅެމުންނެވެ. މުސްތަގުބަލުގައި މި ހާލަތު އިތުރަށް ސީރިއަސް ވެ، މޫސުމީ ކާރިސާތަކުގެ ސަބަބުން ދިވެހިން ރާއްޖެއިން ހިޖުރަކުރަން މަޖުބޫރުވެދާނެ ދުވަހެއް އަތުވެދާނެ އެވެ. ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ ފެންވަރުގައި ކެނޑިނޭޅި އެ ވާހަކަ ދަނީ ދައްކަމުން ވެސް މެ އެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ވެށީގެ ނާޒުކުކަމުގެ ވާހަކަ ދައްކާއިރު، އައްޑޫ ހިއްކުން ފަދަ މަޝްރޫއުތަކުން ސަރުކާރުގެ އެ ވާހަކަތަކަށް ސީދާ ގޮންޖަހާލެވެ އެވެ. ދެކޮޅެއް ނުޖެހެ އެވެ. އަދި އެއީ މަދު ބައެއްގެ މަސްލަހަތު ޝާމިލުވާ، ކުރު ރާސްތާގެ ސިޔާސީ ވިޔަފާރީގެ މުއާމަލާތެއް ކަމަށް ގަބޫލުކުރެވެ އެވެ.

ރާއްޖޭގެ ދިރި އޮތް ގުދުރަތީ ވެށީގެ ނިއުމަތާއި ރޯއްޖާއި ރައްކާތެރިކަން މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ސަލާމަތްކަމާ އެކު ދެމެހެއްޓެނިވި ގޮތުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަސާސީ ވާޖިބެކެވެ. ތަކުރާރުކޮށް ދަންނަވާލާނަމެވެ. އެއީ ސަރުކާރުގެ އަސާސީ އަދި ގާނޫނީ ވާޖިބެކެވެ. އެއީ ސިޔާސީ މަގާމެއްގައި ވަގުތީ ގޮތުން ހުންނަ މީހެއްގެ އެދުމަކާ ގުޅިފައިވާ ކަމެއް ނޫނެވެ. އެއީ ދިވެހި ދައުލަތުގެ އަސާސީ ޒިންމާއެކެވެ. މިއީ ރާއްޖޭގެ އެންމެ އަސާސީ ގާނޫނުގައި މިކަން ކަނޑައަޅާފައި އޮތް ގޮތެވެ. އޭގައި ބުނަނީ 'ދިވެހި ރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި ދިރޭ ތަކެތީގެ މުއްސަނދިކަމާއި، ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެއް" ކަމަށެވެ.

ނަމަވެސް ދިވެހި ސަރުކާރުން ކުރަމުން ދާ ކަންކަމަކީ ރައްޔިތުންގެ އާމުދަނީގެ އަސާސް ކަމަށް ވާ ދިރި އޮތް ވެށި، ވަގުތީ ސިޔާސީ އެދުންތަކެއް ފުއްދަން ދާއިމަށް ފަނާކުރުމެވެ. މިކަން ކުރަމުން ދަނީ 'ތަރައްގީ' ގެނައުމުގެ ނަމުގަ އެވެ. އެކަމަކު އެއީ ބިނާކުރަނިވި އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ދިރި އޮތް ވެށި ބޭނުންކުރެވޭނެ ގޮތަށް ކުރާ ކަމެއް ނޫންކަން މިފަދަ މަޝްރޫއުތަކުގެ އާޚިރު ނަތީޖާއިން ފެންނަން އެބަ އޮތެވެ. މިފަދަ މަޝްރޫއުތަކަށް 'ތަރައްގީ'ގެ ލޭބަލް ބޭނުންކޮށްގެން ހަދަމުން ދަނީ ބޮޑެތި ދޮގުތައް ކަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮތް ބޭނުންނުކުރާ ހިއްކި ބިންތަކުގެ ހެކިތަކުން ސާފުވެ އެވެ. އައްޑު އަތޮޅުގެ ފޭދޫގެ ބޮޑު ސަރަހައްދެއް ހިއްކީ 2016ގަ އެވެ. އެކަމަކު އެ ބިމުގެ ބޭނުމެއް އަދިވެސް ނުކުރެ އެވެ. އެއީ އޭގެ ގެއްލުމުގެ އަގު ވަޒަން ވެސް ކޮށްލާފައި ނެތް އެބުނާ ފަދަ 'ތަރައްގީ'ގެ މަޝްރޫއުއެކެވެ. ރައްޔިތުން އަޑުއަހަން ބޭނުން އެކި ބަސްތަކާއި ފޮނި އުންމީދުތައް ދައްކައިގެން ހަދަމުން ދަނީ ދޮގުތަކެއްކަން ފެންނަން އެބަ އޮތެވެ. އެއީ ސިޔާސީ ދޮގު ހާސަރުތަކެއްކަން ސާފުވެ އެވެ.

އަހަރެން ދެކޭ ގޮތުގައި އައްޑު އަތޮޅު ފަނާކުރުމުގެ މަޝްރޫއުއަކީ ދިވެހި ސަރުކާރުން ރޯމާ ދުވާލު ހިންގަމުންދާ ނުހަނު ބޮޑު، އަދި ދިގުދެމިގެން ދާ ގެއްލުންތަކެއް ރާއްޖެ އާއި އައްޑު އަތޮޅުގެ ރައްޔިތުންނަށް ކައިރި އަދި ދުރު މުސްތަގުބަލުގައި ކުރިމަތިލާން ޖެހޭނެ ތިމާވެށީގެ ޖަރީމާއެކެވެ.

އެޑިޓަރުގެ ނޯޓު

ހުމައިދާ އަބްދުލްޢަފޫރު (ހުމޭ) އަކީ އިންސާނީ ހައްގުތަކާއި އިޖްތިމާއީ ދާއިރާގެ އެކި މައްސަލަތައް ދިރާސާކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ގެންދަވަނީ މަދަނީ އެކި ޖަމިއްޔާތަކާ އެކު އެކި މަސައްކަތްކުރައްވަމުންނެވެ. ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ ސޭވް މޯލްޑިވްސް ކެމްޕޭނުގެ ވޮލަންޓިއަރެއްގެ ގޮތުން އޭނާ ހަރަކާތްތެރިވެވަޑައިގަނެ އެވެ. އޭނާ ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ހާސިލްކުރެއްވީ އިނގިރޭސި ވިލާތުގެ ދެ ޔުނިވަސިޓީއަކުންނެވެ.

ކޮމެންޓް (4)

މަހުވައި

13 ޖެނުއަރީ 2023
މިކަންތައް ގަންޑާކީ ހަމަ ސިޔާސީ މަންފާ އަހް ވޯޓް ހޯދަން ޖަހާ ސަކަރާތެއ! އައްޑޫ ރައްޔިތުންނައް ހެޔޯ އެދިގޭން ކުރާ ކައްނޫން! ފޭދޫ އެއޮތީ ހިހްކާފާ، ދޭވޫނު ގޮއަޗެހް ނެތް އެޅުނު މަގެއް ނެތް ކަރަންޓާ ފެނާ ނަރުދަމާ ވެސް ނެތް. ދޭން ކޮން ވައަހަކާއެއް މި ދަކާނީ ބިން ހިހްކަނީއޭކިޔާ؟! މުސްކުޅި ވެގެން މަރުވާ އިރުވެސް ގެދޮރު ނޭޅޭނެ. މީ ވަކި ބަޔަކު އަވަހައް ދައުރު ނިމުމުގެ ކުރިން މުއްސަންދި ވެވޭތޯ ކުރާ ކަމެއް! ކަލޭމެން ބަލަން ތިބޭތި 2023 ގެފަހުން ބޮޑެތި ވިޔަފާރި ތައް ފަށާލާނެ. ގޯތި ލިބޭތޯ ނާށިގަނޑު ހިފާގެން ހިންގަން ޖެހޭނީ އައްޑޫ ރަޔިތުން.
2 0

މޮޑަފް

12 ޖެނުއަރީ 2023
ހުމެއިދާމެން ރަނގަޅުވާނީ މޭޒުދޮށުގަ ތިބެ ތިހެން ލިޔާ ރިޕޯރޓު ލިޔަން. އައްޑޫ ކޮންމެ މީހަކުވެސް ލައްކަ ރުޅި އަންނާނެ މިރިޕޯޓު ކިޔާލާފަ. އައްޑޫ ތިބުނާ ޑައިވް ޕޮއިންޓަކުން ބިލިޔަނުން ޑޮލަރު ލިބޭކަމަށް ތިބުނަނީ ކޮން ހިސާބެއް ޖަހާފަބާ. ތިބުނާ ތިމާވެއްޓަށް ބަލަހައްޓައިގެން މިވީހާ ޒަމާނަށް އައްޑޫ މީހުން ތިބީ. ވީކަމެއް ނެތް. މިހާރު ދެން ބޭނުމީ ގެދޮރު އަޅާނެ ބިން. ތިމާވެއްޓޭ ކިޔާފަ މިފަތުރަނީ ޕްރޮޕެގެންޑާ. ކޮންމެވެސް ޖަމާއަތަކުން ލާރިގަނޑެއް ލިބޭތީ ހުމެއިދާމެންވެސް ތިއުޅެނީ ކައިގެން ބޮއެގެން. ތީ މިހާރު ހިނގާނެ ވާހަކައެއް ނޫން. ރާއްޖެ އަޑިއަކަށްވެސް ނުދާނެ އިރާދަފުޅުން. އެހާވަރުގެ ޓެކްނޮލޮޖީ އޭރަކު ހުންނާނެ.
2 5

ދިވެއްސެއް

12 ޖެނުއަރީ 2023
@މޮޑަފް އަހަރެމެންގެ ފަސްގަނޑު އަހަރެމެންނަށް މުޤައްދަސް. ދިރިއުޅޭނެ ބިން ނެތިގެނެއް ވެސް ނޫޅެން. މިވީހާ ޒަމާން ތި ކިޔަނީ 2008ން ފެށިގެން. އެޔަށްވުރެ މާ ދިގު ތާރީޚަކާ ގޮތެއްފޮތެއް އޮތް ބައެއްގެ ފަސްގަނޑު ހަލާކުކޮށްލާތީ ދިވެއްސެއްގެ ހައިސިއްޔަތުން ލަދުގަންނަން. ހުރިހާކަމެއް ފައިސާވެފަ ތިބި ތިކަހަލަ މަދު ބަޔަކާހެދި ދެންތިބި އެންމެން ބޮޑު ވޭނެއްގަ. މަނިކުފާނުގެ ސަނދުވާކޮޅާހަމައަށް ރާޅު އައިސް ސަލާމަތްވާނެ ގޮތެއް ނެތި ބެދުނީމަ، ނޫނީ ތާރު މަގުތަކާ ގަސްނެތް ހިއްކި ބިމުން އަރާ ހޫނާއި ހިރަފުހުން ސަލާމަތްވާން ހަމައެކަނި ހަތްކޮޅަކުން ނުފުދުނީމަ އެނގޭނެ.. ތިމާވެއްޓޭ ކިޔައިގެން މި ފަތުރަނީ ޕްރޮޕެގެންޑާއެއް ނޫންކަން. ހެޔޮވިސްނުން ތިބާއަށް ދެއްވާށި.
3 1

އިބްރޭ

12 ޖެނުއަރީ 2023
@މޮޑަފް ހެޔޮނުވާނެ، ހެޔޮނުވާނެ. ތިމާގެ ސިކުނޑިއަށް އަންނަ އެއްޗެއް ނޫން ދޯ މުހިންމީ. ދެން ވެސް ބުނަން އޮތީ ހެޔޮނުވާނޭ، ހެޔޮނުވާނޭ، ތިހެން ވިސްނަން. ހުމެއިދާއެއް ނޫން މައްސަލައަކީ، މައްސަލައކީ ތިބާ ކަހަލަ ބޯހަރު، ދުރު ނުވިސްނޭ، ތަނެއް، ރަށެއް، މޫދެއް، ގަހެއް، ދިރުމެއް، ދެކެ ލޯބިނުވާ މީހުން
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް