ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ މަހުދީ (ކ) އާއި އުމެއިރު (މ) އަދި ހަމްޒާ. (ފޮޓޯ/އެފްއޭއެމް)

ކޮލިފައިންގައި ވާދަކުރަން ގައުމީ ޓީމު އުޒްބެކިސްތާނަށް

ރާއްޖެ ވާދަކުރާނީ ތައިލެންޑް، އުޒްބެކިސްތާން އަދި ލަންކާއާ

އަންނަ ހަފުތާގެ ބުދަ ދުވަހު އުޒްބެކިސްތާނުގައި ފަށާ އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގައި ވާދަކުރަން ގައުމީ ފުޓްބޯޅަ ޓީމު މިއަދު އުޒްބެކިސްތާނުގެ ނަމަންގަން އަށް ފުރައިފި އެވެ.

ގައުމީ ޓީމު ކޮލިފައިންގައި ވާދަކުރަނީ ޓްރެއިނިން ކޭމްޕެއް ފުރިހަމަނުކޮށެވެ. އެކުވެރިކަމުގެ މެޗެއް ވެސް ނުކުޅެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ، ކޭމްޕެއްގައި ނުދިޔައީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިން ނިސްބަތްވާ މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރުމަށް ފަހު ޓީމާ ގުޅުނީ ލަހުން ކަމަށްވާތީ، ކޭމްޕެއްގައި ގޮސްފި ނަމަ ވަގުތުތަކެއް ގެއްލޭނެތީ ކަމަށެވެ.

"ގަތަރު ފަދަ ތަނަކަށް ގޮސްފި ނަމަ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގިނަ ދަތުރުތަކެއް ކުރަން ޖެހި ކުޅުންތެރިން ވަރުބަލިވާނެ. އެހެންވެ ވަގުތު ނެތުމުން ކޯޗު ނިންމީ ޓެކްޓިކްސް އަށް މަސައްކަތްކުރުން މާ ރަނގަޅު ވާނެ ކަމަށް ކޭމްޕެއްގައި ދިއުމަށް ވުރެ،" ޖަވާޒް ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރެޔެ އެވެ. އޭއެފްސީ ކަޕަށް ފަހު މާޒިޔާ ކުޅުންތެރިން ޓީމާ ގުޅުނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. އެހެންވެ މުޅި ސްކޮޑާ އެކު ތަމްރީންތައް ބާއްވަން ކޯޗަށް ލިބުނީ، ފުރުމުގެ ކުރިން ހަފުތާއެއްހާ ދުވަހެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ އުޒްބެކިސްތާނާއި ތައިލެންޑާއި ސްރީ ލަންކާއާ އެކު ގްރޫޕް ސީ ގަ އެވެ. ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް އެއް މެޗު ކުޅުމަށް ފަހު ގްރޫޕުގެ އެއް ވަނަ ހޯދާ ޓީމަކަށް އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ. އަދި ހަ ގްރޫޕުން ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ފަސް ޓީމަށް ވެސް ފުރުސަތު ލިބޭނެ އެވެ.

ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް -

  • ތައިލެންޑް - ދިވެހިރާއްޖެ: 8 ޖޫން

  • ދިވެހިރާއްޖެ - އުޒްބެކިސްތާން: 11 ޖޫން

  • ދިވެހިރާއްޖެ - ސްރީ ލަންކާ: 14 ޖޫން

މިއީ ގައުމީ ޓީމުގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯގެ ބެލުމުގެ ދަށުން ރާއްޖެ ވާދަކުރާ ރަސްމީ ފުރަތަމަ މުބާރާތެވެ. އިޓަލީ ގައުމީ ޓީމާއި އިންޓަ މިލާނާއި ރޯމާގެ ކުރީގެ ކުޅުންތެރިއާގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު ރަސްމީ ފުރަތަމަ މެޗުން މިދިޔަ މާޗު މަހު މާލޭގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވި އެވެ.

އޭނާ މިދިޔަ އޮކްޓޫބަރު މަހު ގައުމީ ޓީމާ ހަވާލުވިތާ ކައިރީގައި ރާއްޖޭން ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕުގައި ވާދަކުރި އެވެ. އެ މުބާރާތުގައި ބަންގްލަދޭޝް އަތުން ބަލިވިއިރު ލަންކާ އާއި ސީޝެލްސްއާ އެއްވަރުވީ އެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަކީ ރާއްޖޭން ވަރަށް ސީރިއަސްކޮށް އަމާޒުކޮށްފައިވާ ކަމެކެވެ. އަމުދުން މުބާރާތުގެ ޖާގަ އިތުރުކޮށް ކުރިއަށް ވުރެ ފަސޭހަ މަގަކުން ކޮލިފައިވެވެން އޮތުމުން މި ފަހަރާ މެދު ބޮޑު އުއްމީދެއް ކުރެވެ އެވެ.

އަންނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 އަށް ޗައިނާގައި ބާއްވަން ރާވާފައިވާ އޭޝިއަން ކަޕް ކޮވިޑުގެ ސަބަބުން އެ ގައުމުގެ ނުބާއްވަން ވަނީ ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި މުބާރާތް ދެން އޮންނާނީ މެދުއިރުމަތީގެ ގައުމެއްގަ އެވެ.

ގައުމީ ސްކޮޑް -

ހުސެއިން ސިފާއު ޔޫސުފް، މުހައްމަދު އުމެއިރު، އިބްރާހިމް މަހުދީ ހުސެއިން، އިބްރާހިމް ވަހީދު ހަސަން، ހަމްޒާ މުހައްމަދު، ހުސެއިން ނިހާން، މުހައްމަދު ފައިސަލް، އަލީ ފާސިރު، އިބްރާހިމް އައިސަމް، ނާއިޒް ހަސަން، ސަމޫހު އަލީ، އަހުމަދު ނޫމާން، ހަސަން ސުފިޔާން، އަބްދުﷲ ޔާމީން، ހައިޝަމް ހަސަން، ހަސަން ޝިފާޒް، އަމްދާން އަލީ، ހަސަން ރާއިފް އަހުމަދު، އަހުމަދު ހަސަން، މުހައްމަދު ސާއިފް، ހުސެއިން ޝަރީފް، ހަސަން އަލީފް އިބްރާހީމް، އަކްރަމް އަބްދުލްގަނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް