ހުޅުމާލޭގެ 'އާބަން އައިލް' ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް (އެޗްޑީސީ)

އެޑްވަޓޯރިއަލް

2022: ގިނަ މަޝްރޫއުތަކަކާ އެކު އެޗްޑީސީ އަށް ކާމިޔާބު އަހަރެއް

މިދިޔަ އަހަރު އެޗްޑީސީ އިން ކުރިއަށް ގެންދިޔަ އަދި އިއުލާނު ކުރި މަޝްރޫއުތަކުގެ ތެރޭގައި އިންޓަގްރޭޓަޑް އާބަން ޓުއަރިޒަމްގެ މަޝްރޫއު، ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް، ރެސިޑެންޝަލް ޕްރޮޖެކްޓްތައް، އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އަދި ކޮމާޝަލް ޑިވެލޮޕްމަންޓް ހިމެނޭ
28 ޖެނުއަރީ 2023

ނިމިގެންދިޔަ 2022 އަކީ އެޗްޑީސީ އިން ގިނަ މަޝްރޫއުތަކެއް ފެށި އަހަރެކެވެ. ކުންފުނީގެ ވިޔަފާރިއަށް ފައިދާވާނެ ޕްރޮޖެކްޓުތަކުގެ އިތުރުން މުޖުތަމައުއަށް ފައިދާހުރި މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެޗްޑީސީ އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ އަދި އިއުލާނު ކުރި މަޝްރޫއުތަކުގެ ތެރޭގައި އިންޓަގްރޭޓަޑް އާބަން ޓުއަރިޒަމްގެ މުޅިން އާ ބިޔަ މަޝްރޫއު އާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތާއި ރެސިޑެންޝަލް ޕްރޮޖެކްޓްތަކާއި އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި ކޮމާޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ މަސައްކަތްތައް ހިމެނެ އެވެ.

ހުޅުމާލޭގެ 'އާބަން އައިލް' ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް (އެޗްޑީސީ)

އާބަން އައިލް

އާބަން އައިލް އަކީ ހުޅުމާލޭގެ އެންމެ އުތުރުގައި، ފަތުރުވެރިކަމަށް ހާއްސަކޮށްގެން ތަރައްގީކުރަން ހަމަޖެހިފައިވާ ރަށެވެ. ރާއްޖޭގެ އިގުތިސާދީ މައި ހަބާ އާބަން އައިލް ގުޅިފައިވުމުން މި ތަނުގެ ފަތުރުވެރިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެވެ.

  • ގާތްގަނޑަކަށް 23 ހެކްޓަރުގެ މި ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމޮޑޭޝަން ފެސިލިޓީތައް ހިމެނޭނެ

  •  ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އިތުރުން، ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ފަތުރުވެރިންނަށާއި، ވިޔަފާރި ކަންކަމު އަންނަ ފަތުރުވެރިން، އަދި ޑިޖިޓަލް ނޯމެޑްސް ފަދަ، ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ މީހުން އެދޭ ފަދަ އެކޮމޮޑެޝަންތައް ވެސް ހިމެނޭ

  • ލަގްޒަރީ ވިލާ، ސާވިސްޑް އެޕާޓްމަންޓް، ސިޓީ ހޮޓެލް، މިޑްސްކޭލް އަދި އަޕްސްކޭލް ހޮޓެލް އާއި ގެސްޓް ހައުސްތަކުގެ އިތުރުން ބްރޭންޑެޑް ރީޓެއިލް އަދި މަތީ ފަންތީގެ ރެސްޓޯރަންޓްތައް ވެސް ހުންނާނެ

މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެޗްޑީސީ އިން ދެކެ އެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން، މި ސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ވިޔަފާރީގެ މައިދާނަށް އަލަށް ވަންނަ ފަރާތްތަކަށް ވެސް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އާބަން އައިލްއަށް އަންނަ ކޮމާޝަލް، އެފްއެންބީ އަދި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން ހުޅުމާލޭގެ ގެސްޓު ހައުސްތަކަށް ވެސް އިތުރު ޑިމާންޑެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ފަތުރުވެރިކަމުގެ އިންޓަގްރޭޓަޑް މި ޕްރޮޖެކްޓް ލޯންޗްކޮށް މިހާރު ވަނީ އިންވެސްޓްމަންޓަށް ހުޅުވާލާފަ އެވެ. އަމަލީ މަސައްކަތްތައް ހިނގައިގަތުމުން މުޅި ދިވެހި އިގުތިސޯދަށް އަދި ހާއްސަކޮށް މާލެ ސަރަހައްދަށް ސީދާ ގޮތުންނާ ނުސީދާގޮތުން އެތަކެއް މަންފާއެއް ލިބި ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި ގިނަ ދާއިރާތަކަކުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް އެޗްޑީސީ އިން ބުޖންޏެވެ.

ތިލަފުށީގެ ބިން ހިއްކުން

ތިލަފުށި: އެ ރަށުން 152 ހެކްޓަރުގެ ބިން ހިއްކަން އެޗްޑީސީއިން ވަނީ ރާވާފައި

ސިނާއީ އެކި މަސައްކަތްތައް ކުރިއަށް ގެންދަން ދިމާވެފައިވާ ގޮންޖެހުންތަކާއި އުނދަގޫތަކުން އަރައިގަތުމަށް ފެށި މި ޕްރޮޖެކްޓަކީ އާންމުން ދިިރިއުޅޭ ސަރަހައްދުތަކުގައި ގަރާޖާއި ވެއާހައުސްތައް ހިންގާއިރު ކުރިމަތިވާ ހިތާމަވެރި ހާދިސާތަކުން އަރައިގަތުމަށް އެ ތަންތަން ތިލަފުއްޓަށް ބަދަލު ކުރަން ފެށި މަސައްކަތެކެވެ.

ޒަމާނީ ވަސީލަތްތަކާ އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީ ކުރުމަށް  ވިޔަފާރި އާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކައި ތަރައްގީކުރަން ނިންމާފައިވަނީ ހުޅުމާލެއާ އެއް ފެންވަރަކަށެވެ.

އެ ތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓަފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ހުންނާނެ އެވެ. އަދި، މިކަމަށް ހާއްސަކޮށް ބިން ހިއްކާ އިރު، ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރާނެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް

ހުޅުމާލޭގައި 'ކޯލިވިން ހައުސިން' އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ އެޗްޑީސީ)

ކޯލިވިން

ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުން ކުރާ ބަދިގެ ފަދަ ތަންތަން އެހެން މީހުންނާ އެކު ބޭނުންކޮށްގެން ދިރިއުޅެވޭ ގޮތަށް ތަރައްގީކުރާ ކޯލިވިން ހައުސިން މަޝްރޫއުގައި ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ފަރުމާ ކޮށްފައިވާ މި ޕްރޮޖެކްޓްގެ އެންމެ ބޮޑު މަގުސަދަކީ ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުން، ނުވަތަ އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ މީހުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

ތަފާތު ހިދުމަތްތަކާ އެކު މި މަޝްރޫއު ނިމިގެންދާއިރު އައުޓްޑޯ ޖިމް، ޕޭންޓްރީ އަދި ކޮންމެ ފަންގިފަލައެއްގައި އެންމެންނަށް ބޭނުންކުރެވޭނެ ބަދިގެއެއް ހިމެނޭނެ އެވެ. މީގެ އިތުރުން އެހެނިހެން ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ފަދަ ހިދުމަތްތައް ވެސް މި އިމާރާތުން ލިބިގެންދާނެ އެވެ. މި މަޝްރޫއު ބަޔަކާ ހަވާލުކޮށް، އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.  

މެރީނާ ވިއު އެޕާޓްމަންޓް އިމާރާތް

މެރީނާ ވިއު އަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ލަގްޒަރީ އެޕާޓްމަންޓްތަކެވެ. މި އެޕާޓްމަންޓްތައް ތަރައްގީ  ކުރުމުގެ ފުރުސަތު ހުޅުވާލުމުން ގިނަ ޑިވެލޮޕަރުންތަކެއްގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

މިހާރު އެ ޕްރޮޖެކްޓް އެވޯޑްކުރުމަށް ތައްޔާރުވެފައިވާ އިރު، މި ޕްރޮޖެކްޓް ވެގެން ދާނީ ފޭސް 2ގެ އެންމެ ފުރިހަމަ އެއް ހައުސިން ޕްރޮޖެކްޓަށެވެ.

މިޑް އަދި ހައި ރޭންޖް މިކްސްޑް ރެސިޑެންޝަލް ޕްރޮޖެކްޓް

  • ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭނެ

  •  އެޕާޓްމެންޓްގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާ ކަޑައަޅާފައިވަނީ ކޮމާޝަލް އައުޓްލެޓްތައް ހިންގުމަށް

  •  މިތަނުން ޕާކިންގެ ހިދުމަތް ވެސް ލިބޭނެ

ދިވެހި ކުންފުނިތަކުގެ މަޝްރޫއު

މީގެ އިތުރުން ރާއްޖޭގެ ކުންފުނިތަކަށް އެކަނި ހާއްސަކޮށްގެން ތަރައްގީ ކުރަމުންދާ ހައުސިން ޕްރޮޖެކްޓްތަކުގެ ތިންވަނަ ބުރު ވެސް ވަނީ މިދިޔަ އަހަރު އިއުލާނު ކޮށްފަ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ފޭސް 2 އިން ޖުމްލަ އަށް ބިން ވަނީ ހަވާލުކޮށްފަ އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އަންނަ އަހަރު ނިންމާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރިމިއަމް ވިލާ

އެޗްޑީސީއިން ތަރައްގީ ކުރަން ނިންމާފައިވާ ޓުއަރިޒަމް އައިލެންޑާ ދާދި ގާތުގައި 3 ލައްކަ އަކަ ފޫޓުގެ ބިމެއްގައި ބިނާ ކުރާ މި ޕްރިމިއަމް ރެސިޑެންޝަލް މަޝްރޫއުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް، ޑުޕްލެކްސް ޓައުންހައުސް އަދި ޓައުންހައުސް ތައާރަފް ކުރާނެ އެވެ.

  • ކޮންމެ ޔުނިޓެއްގައި 2،000 އަކަ ފޫޓު ހުންނާނެ 

  •  މި އިމާރާތް ހުންނާނީ 1،200 އަކަ ފޫޓުގެ ޖާގަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން  

  • ސެމީ ގާޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ހިދުމަތްތައް މި ތަނުގައި ދިރިއުޅޭ މީހުންނަށް ލިބިގެންދާނެ 

  • އެކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރު، ރިކްރިއޭޝަން ސެންޓަރު، މަލްޓިޕާޕަސް އިވެންޓް ހޯލާއި ކޮމާޝަލް ކޮމްޕްލެކްސްގެ ހިދުމަތް ވެސް މިތަނުގައި ދިރިއުޅޭ މީހުންނަށް ލިބޭނެ

  • މި މަޝްރޫއުއާ އެކު ލަގްޒަރީ ލިވިން ފުރުސަތުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ

  • ހުޅުމާލެއަށާއި ރާއްޖެއަށް އިގުތިސާދީ އަދި އިޖްތިމާއީ ގިނަ ފައިދާތައް މި މަޝްރޫއުގެ ދަށުން ކުރާނެ

ޕާކިން ބިލްޑިން

މާލެ ސަރަހައްދުގައި ވެހިކަލް ޕާކްކުރާނެ ޖާގަ އާއި ހަރުދަނާ އުސޫލުތަކެއް ނެތުމުގެ ޝަކުވާ އަށް ހައްލެއް ހޯދުމުގެ ގޮތުން ދަމާސްގެ އިސްނެގުމުގެ މަތިން ހުޅުމާލޭގައި ޕާކިން ބިލްޑިންއެއް އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. މި 24،700 އަކަ ފޫޓުގެ އިމާރާތުގެ ހަ ބުރި، ބޭސްމެންޓް ޕާކިންއާ އެކު، ހާއްސަ ކުރާނީ ވެހިކަލް ޕާކްކުރުމަށެވެ. އަދި އިމާރާތުގެ ޓެރަހުގައި އަވިން ހަކަތަ އުފެއްދުމަށް ސޯލާ ޕެނެލް ހަރުކުރާނެ އެވެ.

ފުޑް ކޯޓަކާ އެކު ދެ ފުލޯއެއް ކޮމާޝަލް ބޭނުންތަކަށް ހާއްސަ ކުރާއިރު އެ ތަނުގައި ފިހާރަތަކާއި ފާހަނާތައް ހުންނާނެ އެވެ. މި އިމާރާތާ އެކު ވެލޭ ޕާކިންގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކޮށް، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ޕާކިން ވެސް ހަމަޖައްސާނެ އެވެ.

އިންޑަސްޓްރިއަލް މަޝްރޫއުތައް

ވޯކާސް ބިލްޑިން

އެޗްޑީސީން ތަރައްގީކުރާ ވޯކާސް ބިލްޑިން އަކީ ރާއްޖޭގެ އެކި ކުންފުނިތަކުން މަސައްކަތްތައް ކުރުމަށް ގެންނަ ބިދޭސީ މުވައްޒަފުންނަށް ރައްކާތެރި ތަނަވަސް އެކޮމޮޑޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. އެޗްޑީސީގެ ވޯކާސް ބިލްޑިން ފަރުމާކޮށްފައިވަނީ 7،000 ލޭބަރުންނާއި 2،000 ހޮސްޕިޓަލިޓީ ސްޓާފުންނަށް ތިބެވޭނެ 18 ބްލޮކް ހިމަނައިގެންނެވެ.

  • ކޮންމެ ބްލޮކެއްގައި ހަތަރު މީހުން އަދި ހަ މީހުންގެ ޖާގައިގެ ކޮޓަރިތަކާއި ފާހަނާބަރިއަކާއި ނަމާދު ގެ އަދި ފިހާރަ ހިމެނޭ

  • މި އިމާރާތުގައި ބަދިގެ އާއި މެސް ހޯލު އެކަމަށް ހާއްސަކުރެވިފައިވާ ފުލޯތަކުގައި ހުންނާނެ

  • ބަދިގެ، ބޭކަރީ ފުޑް ސްޓޯރޭޖް އާއި މެސް ރޫމްތައް ވެސް މި ބްލޮކްގައި ހިމެނޭ

  • މި ބިލްޑިންގެ އޮފީސްތައް ފަސް ފުލޯއެއްގައި ވަކިވަކިން ހުންނާނެ

  • ސެކިއުރިޓީ ރޫމާއި ކޮންފަރެންސް ހޯލް އަދި މެޑިކަލް ރޫމް ހިމެނޭނެ

އޮޓޯ ސެންޓަރު

މާލޭގައި މިހާރު ގަރާޖު ހިންގަނީ ކުދި ތަންތަނުގައި، އާއްމު ރައްޔިތުންގެ ގެތަކުގަ އެވެ. އެ ތަންތަނުގައި ވެލްޑިން ކުރުމާއި ޓިންކަރިން ފަދަ މަސައްކަތްތައް ކުރިޔަށް ދާއިރު މިއީ  އާއްމުން ދިރިއުޅޭ ތަންތަނުގައި ކުރުން ރައްކާތެރި ކަމަކަށް ނުވާތީ އެޗްޑީސީއިން އިސްނަގައިގެން އޮޓޯ ސެންޓަރެއް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ.

މި އޮޓޯ ސެންޓަރަކީ ބޭސްމަންޓާ އެކު ފަސް ބުރި ހިމެނޭ ގޮތަށް އަޅާ 35،400 އަކަ ފޫޓުގެ ޖާގައިގެ އިމާރާތެކެވެ.

  • މި އިމާރާތުގައި ހަތް ސާވިސް ލިފްޓް ހުންނާނެ

  • ގަރާޖުތަކަށް މި އިމާރާތުން ތަނަވަސް ޖާގަ ލިބިގެންދާނެ

  •  އެޗްޑީސީގެ ސަސްޓެއިނެބަލް ސިޓީ މޮޑެލްގެ ދަށުން މި އިމާރާތުން ވާރޭ ފެން ނަގާނެ

  • މި އިމާރާތުގައި ސޯލާ ހަކަތަ ބޭނުންކުރުމުގެ އިތުރުން ކަރަންޓް ކާރުތަކަށް ހާއްސަ ޗާޖިން ސްޓޭޝަން ހުންނާނެ

  • ދުވާލުގެ އަލިކަން ލިބޭނޭހެން އިމާރާތް ފަރުމާކޮށްފައި ހުރުމުން ހަކަތަ ބޭނުންވާ ވަރު ދަށްވާނެ 

  • މި އިމާރާތުގައި ވޭސްޓް ވޯޓާ ޓްރީޓްކޮށް، ރީސައިކަލްކޮށް، ކުނި ވަކި އުސޫލަކުން ވަކިކޮށް ރައްކާތެރިކަމާ އެކު ނައްތާލާނެ

މެޑިކަލް ފެސިލިޓީ

އެޗްޑީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ މެޑިކަލް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި ޕްރޮޖެކްޓް އަންނަ އަހަރު އެއްކޮށް ނިމޭނެ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް: މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދާން ސަރުކާރުން ހިއްކައިގެން ތައްޔާރުކުރި ކުޑަގިރި އާންމުންނަށް ހުޅުވާލާނީ ވަރަށް ގިނަ ހިދުމަތްތަކާ އެކު (ފޮޓޯ/އެޗުޑީސީ)

ކުޑަގިރި ޕިކްނިކް އައިލެންޑް

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިޔުމަށް ސަރުކާރުން މާލެ ކައިރިން ރަށެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރު އެވެ. ސަރުކާރާއި އެޗްޑީސީ ގުޅިގެން މިތަން ހުޅުވުމުގެ މަސައްކަތް ކުރިޔަށްދާއިރު މިހާރު ވަނީ މި ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ ރަށް އާންމުންނަށް ހުޅުވާލުމަށް ތައްޔާރުވެފަ އެވެ.

ކުޑަގިރީގައި އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް ލިބިގެންދާނެ އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފްލާތަކާއި އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކި ކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ވެސް ފުރުސަތު ދޭނެ އެވެ.

މީގެ އިތުރުން، މި ރަށުގައި ޑައިވިން އަދި ވޯޓާސްޕޯޓްސްގެ ގިނަ ހަރަކާތްތަކާއި ޓުއަރިސްޓުންނަށް ވެސް ރަށަށް ޒިޔާރާތްކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

މިތަނުގައި

  • ފާހަނާބަރި، ޗޭންޖިން ރޫމް އަދި ނާސިންގް ރޫމް ވަނީ ގާއިމުކޮށްފައި

  • މިސްކިތަކާއި ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯރު އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއެއް ވެސް ހުރޭ

 ފެނަކަ ކޯޕަރޭޝަނުން ވަނީ މި ރަށަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ކޮޓަރި، 13 ކުޑަ އަށި އަދި ހަތަރު ބޮޑު އަށި ވަނީ ހަދައިފަ އެވެ. އެ ރަށުގައި ގާއިމްކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓްބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންގެ ޕްލޭގްރައުންޑް، ޑައިވް ސެންޓަރު އަދި ވޯޓާ ސްޕޯޓްސް ސެންޓަރު ހިމެނެ އެވެ.

އައިއެސްއޯ 9001:2015 ސެޓްފިކެޓް

އެޗްޑީސީއަށް މިދިޔަ އަހަރު ވަނީ އައިއެސްއޯ 9001:2015 ސެޓްފިކެޓް ލިބިފަ އެވެ. އެ ކުންފުނީގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ފަރުމާ ކޮށްފައިވަނީ ކަސްޓަމަރުންގެ އުންމީދުތައް ފުރިހަމަ ކުރުމުގެ އިތުރުން އެ ކަންކަން ރެގިއުލޭޓު ކުރުމުގެ ބައި ވެސް ފުރިހަމައަށް އަދާކުރެވޭ ގޮތަށް ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް