އިންތިހާބުތަކަށް ނުފޫޒު ފޯރުވި ކަމަށް ކުރިން ކުރެވުނު ތުހުމަތުކުގައި އެއްވެސް "އަސާސެއް ނެތް" ކަމަށް ރަޝިޔާ އިން ބުނެފައިވޭ. (ފޮޓޯ/ އީޕީއޭ)

ރަޝިޔާ އިން ގައުމުތަކަށް ނުފޫޒު ފޯރުވަން 300 މިލިއަން ޑޮލަރު ހަރަދުކުރި: އެމެރިކާ

ރަޝިޔާ އިން 24އަށް ވުރެ ގިނަ ގައުމަކަށް ނުފޫޒު ފޯރުވަން ހަރަދުކުރި ކަމަށް އެމެރިކާ އިން ބުނޭ
14 ސެޕްޓެމްބަރު 2022

ފާއިތުވެދިޔަ އަށް އަހަރުދުވަހުގެ ތެރޭގައި 24އަށް ވުރެ ގިނަ ގައުމެއްގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމަށް ރަޝިޔާ އިން 300 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ސިއްރުން ހަރަދުކޮށްފައިވާ ކަމަށް އެމެރިކާ އިން އިއްޔެ ތުހުމަތުކޮށްފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މި ތުހުމަތުތައް ބިނާކޮށްފައި ވަނީ އިއްޔެ ޑީކްލެސިފައި ކުރި އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކެއްގެ މައްޗަށެވެ.

މިއީ ލޮލަށް ފެންނަ މަދު މިންވަރެއް ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ސިފަކުރެއްވި އެވެ.

"އެމެރިކާގެ އިންޓެލިޖެންސުން ދެނެގަންނަ ގޮތުގައި މި އަދަދުތަކަކީ އެންމެ މަދު މިންްވަރު. އަދި ރަޝިޔާ އިން މިއަށް ވުރެ ވެސް އިތުރަށް ސިއްރުން ފައިސާ ހަރަދުކޮށްފައި ވާނެ ކަމަށް ގަބޫލުކުރެވޭ،" އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ރަޝިޔާ އިން ނުފޫޒު ފޯރުވުމަށް ހަރަދުކޮށްފައިވާ ގައުމުތަކުގެ ނަންތައް އިންޓެލިޖެންސް ރިޕޯޓުތަކުގައި ނެތް ނަމަވެސް، މި ގައުމުތަށް ނިސްބަތް ވަނީ ތަފާތު ހަތަރު ބައްރަކަށްކަން ފާހަގަކޮށްފައިވެ އެވެ. އަދި ރަޝިޔާގެ ހަރަކާތްތައް ބައެއް ގައުމުތަކަށް ވަކިވަކިން މިހާރު އަންގަމުންދާ ކަމަށް ވެސް މި އޮފިޝަލު ވަނީ ފާހަގަކުރައްވާފަ އެވެ.

ކަމާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާ އެމެރިކާގެ ސަރުކާރުގެ އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި، ރަޝިޔާ އިން ވަނީ 2017 ވަނަ އަހަރު އަލްބޭނިއާގައި އޮތް އިންތިހާބު ސެންޓާ ރައިޓް ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށް 500،000 ޑޮލަރު ހަރަދުކޮށްފަ އެވެ. އަދި ބޮސްނިއާ، މޮންޓެނީގްރޯ އަދި މަޑަގަސްކަރަ ފަދަ ގައުމުތަކުގެ ބައެއް ކެންޑިޑޭޓުންނަށް ވެސް ރަޝިޔާ އިން ހަރަދުކުރި ކަމަަށް އޭއެފްޕީ ނޫސް އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން ވެސް، ކަނާތު ފިޔައިގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ފައިސާ ހަރަދުކުރުމަށް ކްރެމްލިން އިން ހަބަކަށް ބޭނުންކުރަމުން އަންނަނީ ބެލްޖިއަމްގެ ބްރަސަލްސް ކަމަށް، ކަމާ ބެހޭ މައުލޫމާތު ދެއްވި ބޭފުޅުން ފާހަގަކުރެއްވި އެވެ. އެގޮތުން، ވަގު ކުންފުނިތައް އުފައްދައި ޔޫރަޕުގެ ސިޔާސީ ޕާޓީތަކަށް ފަންޑުކޮށް، އެހެނިހެން ހިސާބުތަކުގައި ނުފޫޒު ހޯދުމަށް ރަޝިޔާ އިން މަސައްކަތްކޮށްފައިވާ ކަމަށް މި ބޭފުޅުން ތުހުމަތު ކުރައްވި އެވެ.

މި ތުހުމަތުތަކަށް ރަޝިޔާ އިން އަދި ޖަވާބެއް ދީފައެއް ނުވެ އެވެ. 

ނަމަވެސް، އެމެރިކާ އިން ބޭރުގެ ގައުމުތަކަށް ނުފޫޒު ފޯރުވާ ކަމަށް މޮސްކޯ އިން ވަނީ ތަކުރާރުކޮށް ތުހުމަތު ކޮށްފަ އެވެ. އެގޮތުން، އެމެެރިކާގެ ސީއައިއޭ އިން އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތްބާނާ ކަމަށާއި، އެކި ގައުމުތަކުގައި ކުރިއަށްދާ ބަގާވާތްތަކަށް ވެސް އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މޮސްކޯ އިން ތުހުމަތު ކޮށްފައިވެ އެވެ.

ރަޝިޔާއިން ބޭރު ގައުމުތަކުގެ އިންތިހާބުތަކަށް ނުފޫޒުފޯވުަމުން ދިޔުމާ ގުޅޭ (ވީޑިއޯ. ނުއުސީ)

އެމެރިކާގެ ކާނެގީ މެލަން ޔުނިވާސިޓީގެ ދިރާސާތައް ހިންގަވާ ޑޮވް ލެވިން ބަލަހައްޓަވަމުން ގެންދަވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، 1946 އިން ފެށިގެން 2000އާ ހަމައަށް އެމެރިކާ އިން ނުފޫޒު ފޯރުވާފައިވާ ބޭރުގެ ގައުމުތަކުގެ އިންތިހާބުތަކުގެ އަދަދު 80އަށް ވުރެ މައްޗަށް އަރަ އެވެ.

މިދިއަ އަހަރު އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބު އޭރު ހުންނެވި ރައީސް ޑޮނަލްޑް ޓްރަމްޕަށް ކާމިޔާބު ކޮށްދިނުމަށް ނުފޫޒު ފޯރުވުމަށް ރަޝިޔާގެ ރައީސް ލަޑަމިއާ ޕޫޓިން ވަނީ ހުއްދަ ދެއްވާފަ އެވެ. ނަމަވެސް، އިންތިހާބުގެ ޖުމްލަ ނަތީޖާއަށް ބަދަލެއް އަންނާނެ މިންވަރަށް ބޭރުގެ އެއްވެސް ސަރުކާރަކުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

އެމެރިކާގެ މި ތުހުމަތުތަކުގައި އެއްވެސް "އަސާސެއް" ނެތް ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް