މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫސްވެރިކަން

މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ގާނޫނު ސަރުކާރުން ދިފާއުކޮށްފި

ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް
21 ޖުލައި 2022

ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ސަރުކާރުން މިރޭ އެކަން ދިފާއުކޮށްފި އެވެ. ސަރުކާރުން ބުނި ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ އެވެ.

މައްސަލައިގެ ފެށުން - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކުރި ހެއްކާ ބެހޭ ބިލު މިދިޔަ އާދީއްތަ ދުވަހު ރައީސް ސޯލިހު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެގޮތުން:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވޭ

  • ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން އެންގިދާނެ ކަމަށް އޮވޭ

  • ނޫސްވެރިން ފާޅުކުރާ މައިގަނޑު ކަންބޮޑުވުމަކީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތައް ސަރީހަކޮށް މާނަ ކޮށްފައި ނެތުމުން އެ ހާލަތްތައް ފުޅާކޮށް މާނަކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާފާނެތީ

ވީ ކިހިނެއް؟ - މަޖިލީހުން ފާސްކުރި ބިލު ރައީސް މިހާރު ގާނޫނަކަށް ހައްދަވާފައި ވާއިރު، ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ގާނޫނު ދިފާއުކޮށްފަ އެވެ.

މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - ދިވެހި ބަހާއި އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ރައީސް އޮފީހުން ބުނި ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ލިބިދޭ އަސާސީ ހައްގަކަށް ވާއިރު، މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުން އަންނަ ގޮތަށް ބިނާކޮށް ބައެއް ހާލަތްތަކުގައި ގާނޫނަކުން އަސާސީ ހައްގެއް ނުވަތަ އެފަދަ ހައްގެއްގެ ވަކި މިންވަރެއް ހިފެހެއްޓިދާނެ އެވެ.

އެ ކަމަށް ރިއާޔަތްކޮށް، ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި، ނޫސްވެރިންނަށް ލިބޭ މައުލޫމާތުގެ މަސްދަރުތައް ހިމާޔަތްކުރުމުގެ ބޭނުން އޮތް ނަމަވެސް، ޑިމޮކްރެޓިކް މުޖްތަމައުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މައުލޫމާތެއް ލިބުނު ގޮތް ދެނެގަނެވޭނެ ގާނޫނީ ގޮތްތަކެއް އޮވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އެ އޮފީހުން ބުނި ގޮތުގައި:

  • އަދުލު އިންސާފުގެ މަސްލަހަތު

  • ގައުމީ ސަލާމަތް 

  • ފިތުނަފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަސްލަހަތު

ރާއްޖެ ބައިވެރިވެފައިވާ އަދި ދުނިޔޭގައި އަމަލުކުރަމުން އަންނަ ކަމާ ގުޅުންހުރި ބައެއް މުއާހަދާތަކުގެ ދަށުން ވެސް މި ހައްގު ވަކި މިންވަރަކަށް ހަނުކުރެވިދާނެ ހާލަތްތަކެއް ވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، ރައީސް އޮފީހުން ބުނި ގޮތުގައި:

  • މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، އިންޓަނޭޝަނަލް ކޮވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް - މައުލޫމާތު ފެތުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައި ވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފުމުގައި ހާއްސަ ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް އުފުލަން ޖެހޭނެކަން އެ މުއާހަދާގައި ވެސް ބަޔާންކޮށްފައިވޭ

  • ޔޫރަޕިއަން ކޮންވެންޝަން އޮން ހިއުމަން ރައިޓްސް - ޑިމޮކްރެޓިކް މުޖުތަމައަކަށް ބޭނުންވާނެ ދަރަޖައަށް ރިއާޔަތްކޮށް، ގާނޫނުގައި ކަނޑައަޅާ ޝަރުތުތަކަކުން ނުވަތަ އަދަބުތަކަކާ އެކު މި ހައްގު ވަކި މިންވަރަކަށް ހިފެހެއްޓިދާނެ ކަމަށް ބަޔާންކޮށްފައިވޭ

ސަރުކާރުން ބުނި ގޮތުގައި، 40 އަހަރަށް ފަހު ފާސްކުރި ހެއްކާ ބެހޭ ގާނޫނު އެކުލަވާލުމާއި ދިރާސާ ކުރުމުގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަރަށް ގިނަ ފަރާތްތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދާފައިވެ އެވެ.

ހެއްކާ ބެހޭ ގާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މައުލޫމާތުގެ މަސްދަރު ހާމަކުރަން ޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، ގާނޫނުގައި ކަނޑައަޅާފައިވާ އިސްތިސްނާ ހާލަތްތަކަށް ކޯޓުތަކުން ރިއާޔަތް ކުރުން ލާޒިމުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ނޫސްވެރިޔާއަށް ލިބިގެން ވާކަން ވެސް އެ އޮފީހުން ފާހަގަކުރި އެވެ.

"ނޫސްވެރިންނަށް ހިމާޔަތް ދިނުމާއި ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާ އާއި 29 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދޭ ހައްގުތައް ރައްކާތެރިކުރުމާ އެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ. ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެ ހިނދަކަށް ކުރަން ޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.

އެނގުން މުހިންމު -  ހެއްކާ ބެހޭ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޮތް އިރު، އެ ބިލުގެ 136 ވަނަ މާއްދާއަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ ނޫސްވެރިންގެ ޖަމްއިއްޔާ، އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ވަނީ އެ މާއްދާ އުނި ކުރުމަށް ގޮވާލައިފަ އެވެ. އަދި ފަހުން ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ވެސް ހުށަހެޅި އެވެ.

ޖަމިއްޔާތަކުން އެދުނު ގޮތަށް ބެލުމެއް ނެތި ބިލު ފާސް ކުރަން ފޮނުުވުމުން ނޫސްވެރިން އެ ދުވަހު ވަނީ މަޖިލިސް އިދާރާ ކުރިމަތީގައި އެކަމާ ގުޅިގެން އިހްތިޖާޖު ވެސް ކޮށްފައިވެ އެވެ.

ރައީސް އެ ބިލު ތަސްދީގު ނުކުރައްވައި ބަދަލުތައް ގެނައުމަށް އަލުން ފޮނުވާލެއްވުމަށް ގޮވާލައި 158 ނޫސްވެރިއަކު ސޮއިކޮށް ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. ނަމަވެސް، ރައީސް ސޯލިހު ބިލު ތަސްދީގު ކުރެއްވީ އެ ޕެޓިޝަނާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވުމެއް ނެތި އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް