Majlis 2024

އިޒްރޭލު ސަރުކާރުން އެ ގައުމުގެ ޝަރުއީ ނިޒާމަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް 100،000 މީހުން ވަނީ މުޒާހަރާކޮށްފައި. (ފޮޓޯ/އޭޕީ)

އިޒްރޭލް

އިޒްރޭލުގެ ޝަރުއީ ނިޒާމަށް ގެންނަ ބަދަލާ ދެކޮޅަށް ލައްކައެއްހާ މީހުން މުޒާހަރާކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އާ ސަރުކާރުން ޝަރުއީ ނިޒާމު ބަދަލުކުރަން ރާވާފައިވާ ރޭވުންތަކާ ދެކޮޅަށް 100،000 އެއްހާ މީހުން ތެލްއަވީވްގެ މެދުތެރޭގެ ސަރަހައްދަށް ނުކުމެ މުޒާހަރާކޮށްފި އެވެ.

މުޒާހަރާގެ ބައިވެރިން ބުނަނީ އެ ބަދަލުގެ ސަބަބުން ވަޒީރުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ނުބެލި، އިންސާފު ގެެއްލުމުގެ ފުރުސަތު އޮތް ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާއަކީ އިޒްރޭލުގެ ތާރީހުގައި ވެސް ކަނާތު ފިޔައިގެ ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ނަތަންޔާހޫ ހުންނަވަނިކޮށް ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.

މުޒާހަރާ ކުރަނީ ކީއްވެ؟

އެއީ އެކްޓިވިސްޓް ފަނޑިޔާރުންގެ ނުފޫޒު ފޯރުވުން ހުއްޓުވުމަށް ބޭނުންވާ ބަދަލެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް، ގާނޫނީ ވަކީލުން ވެސް ހިމެނޭ ގޮތަށް ޖަމާއަތްތަކުން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ. އަދި މިހާރު ވެސް ސިޔާސީ ގޮތުން އުފެދިފައިވާ ބައިބައިވުންތައް އިތުރަށް ފުޅާވެ، ވިޔަފާރިވެރިންގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ.

މުޒާހަރާގެ ބައިވެރިން ބުނަނީ، ޝަރުއީ ދާއިރާގެ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ކޮންޓްރޯލް ބޮޑުކޮށް، ސަރުކާރުގެ ނިންމުންތައް ބާތިލުކުރުމަށް ނުވަތަ ގާނޫނުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރުތައް ހަނިކޮށް، ކޯޓުގެ ނިންމުންތައް ބާތިލުކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭންތައް ސަރުކާރުން ކުރިއަށް ގެންދިއުމުގައި ކާމިޔާބު ވެއްޖެ ނަމަ، އިޒްރޭލުގެ ޑިމޮކްރަސީގެ މުސްތަގުބަލު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ މިނިވަންކަމަށް ނުރައްކާވެ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ހިންގުން ބަލިކަށިވުމުގެ އިތުރުން، މުޒާހަރާގެ ބައިވެރިން ބުނަނީ މި ޕްލޭންތަކުގެ ސަބަބުން ބައި މަދު މީހުންގެ ހައްގުތައް ނިގުޅައިގަނެ، ކޮރަޕްޝަނަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ.

"އެ މީހުން ބޭނުންވަނީ މި ގައުމު ޑިކްޓޭޓާޝިޕަކަށް ހަދަން. އެ މީހުން ބޭނުންވަނީ ޑިމޮކްރަސީ ހަލާކުކޮށްލަން،" އިޒްރޭލުގެ ބާ އެސޯސިއޭޝަންގެ ވެރިޔާ އަވީ ޗިމީ ވިދާޅުވި އެވެ.

"އެ މީހުން ބޭނުންވަނީ ޝަރުއީ ބާރު ނައްތާލަން. ޝަރުއީ ބާރެއް ނެތި ޑިމޮކްރެޓިކް ގައުމެއް ނޯންނާނެ."

ސަރުކާރުން އިޖާބަދިނީ ކިހިނެއް؟

ތިން ވަނަ ހަފުތާއަށް ކުރިއަށްދާ މި މުޒާހަރާތަކަކީ ނޮވެމްބަރު މަހު ބޭއްވި އިންތިހާބުގެ ނަތީޖާ ގަބޫލުކުރަން ވާތު ފިޔައިގެ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ މުޒާހަރާއެއް ކަމަށް ބުނެ ނަތަންޔާހޫ ވަނީ އެކަން ގަބޫލުކުރައްވަން ދެކޮޅު ހައްދަވާފަ އެވެ.

އާ ސަރުކާރަކީ ނަތަންޔާހޫގެ ލިކޫޑް ޕާޓީ އާއި ދީނީ އަދި ހަރުކަށި ފިކުރުގެ ކުދި ކުދި ގައުމީ ޕާޓީތަކުގެ މެދުގައި އުފައްދާފައިވާ އިއްތިހާދެކެވެ. އެ ޕާޓީތަކުން ބުނަނީ އެ ބަދަލު ގެނައުމުގެ އަގުލަބިއްޔަތު އެ މީހުންނަށް އޮތް ކަމަށެވެ.

ނަތަންޔާހޫ ވަނީ ޝަރުއީ ދާއިރާއަށް ބަދަލު ގެނައުމުގެ ހުށަހެޅުން ދިފާއުކުރައްވައި ދައުލަތުގެ ތިން ބާރުގެ މެދުގައި ހަމަހަމަކަން ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓަކީ ވާތު ފިޔައިގެ ފަނޑިޔާރުންގެ ބާރު ގަދަ ކޯޓެއް ކަމަށް ލިކޫޑްގެ ސިޔާސީ ފަރާތްތަކުން ޒަމާނުއްސުރެ ތުހުމަތު ކުރެ އެވެ. އަދި ސިޔާސީ ސަބަބުތަކަށް، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް އެ މީހުން ތުހުމަތު ކުރެ އެވެ. ކޯޓުގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ ރަސްމީ ގާނޫނުއަސާސީއެއް ނެތް ގައުމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެ ކޯޓުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ޕްރެޝަރު އިތުރަށް އަންނަނީ ކޮންތާކުން؟

މުޒާހަރާތަކުގެ އިތުރުން، ކެބިނެޓުގެ މުހިންމު ބައިވެރިޔަކު މަގާމުން ވަކިކުރުމަށް އެ ގައުމުގެ ބަންޑާރަ ނައިބު ނަތަންޔާހޫއަށް އެންގެވުމާ ގުޅިގެން ނަތަންޔާހޫގެ ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެއީ ޓެކްސްގެ ކުށެއް މިނިސްޓަރެއްގެ މައްޗަށް ސާބިތުވެ ސަރުކާރުގެ މަގާމެއްގައި ނުހުންނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.

އަރިހް ޑޭރީ ޖޫރިމަނާކޮށް މަޖިލީހުގެ ގޮނޑި ދޫކޮށްލިތާ މަހެއްހާ ދުވަސް ފަހުން އޭނާ ވަނީ ހެލްތު އެންޑް އިންޓީރިއާ މިނިސްޓަރު ކަމަށް އައްޔަންކޮށްފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ޑެރީ އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ނަތަންޔާހޫގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ ތުހުމަތުގެ ޝަރީއަތް މި ހަފުތާގެ ކުރީކޮޅު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މުޒާހަރާތަކާ އެކު ވެސް ޝަރުއީ ދާއިރާއަށް ބަދަލު ގެނައުމުގެ ޕްލޭންތައް ކުރިއަށް ގެންދާނެ ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ އެ ބަދަލުތަކުގެ ސަބަބުން ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވެ ސަލާމަތްވެ، މުޅި މައްސަލަ ކޯޓުން ބޭރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ނަތަންޔާހޫ އަކީ މަގާމުގައި ހުންނަވަނިކޮށް ދައުވާ އުފުލި އިޒްރޭލުގެ ފުރަތަމަ ބޮޑުވަޒީރަށެވެ. އޭނާ ވަނީ 2019 ވަނަ އަހަރު މަގާމުން ދުރުވުމަށް ދެކޮޅު ހައްދަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް