Majlis 2024

ރައްޔިތުންގެ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

މެންބަރުންގެ 'ޒާތީ ކަންކަމާ' ގުޅުވައި 'ހަވަރަށް ދޭ ތަން' ބަލާކަށް ނުހުންނާނަން: ނަޝީދު

އެއްވެސް މައްސަލައެއްގައި މެންބަރަކު ފުލުހަށް ހާޒިރު ކުރާ ނަމަ އެކަން މަޖިލީހަށް އަންގަން ފުލުހުންގެ ކިބައިން ނަޝީދު ވަނީ އެދިވަޑައިގެންފައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ "ޒާތީ ކަންކަމާ" ގުޅުވައި "ހަވަރަށް ދޭ ތަން" ބައްލަވަން ނުހުންނަވާނެ ކަމަށް ވިދާޅުވެ، އެއްވެސް މައްސަލައެއްގައި މެންބަރަކު ފުލުހަށް ހާޒިރު ކުރާ ނަމަ އެކަން މަޖިލީހުގެ އިދާރާއަށް އަންގަން ފުލުހުންގެ ކިބައިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ނަޝީދު މިގޮތަށް އެދިވަޑައިގެންނެވީ، މަޖިލީހުގެ ބައެއް މެންބަރުންނަށް ތުހުމަތު ކުރެވޭ ބަދުއަހްލާގީ އަމަލުތަކެއް ފެންނަ ފޮޓޯ އަދި ވީޑިއޯތަކެއް ލީކުވަމުންދާ ދަނޑިވަޅެއްގަ އެވެ. އެ މަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގަ އެވެ.

ތަފްސީލު - މަޖިލީހުގެ އަމީން އާންމު ސޮއިކުރައްވައި ސީޕީ ހަމީދަށް ފޮނުއްވި ސިޓީގައި ބުނީ، އެއްވެސް މައްސަލައެއްގައި މަޖިލީހުގެ މެންބަރަކު ފުލުހަށް ހާޒިރު ކުރާ ނަމަ، އެކަން މަޖިލީހުގެ ރައީސަށް އެންގެވުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ސީޓީ މިއަދު މަޖިލީހުގެ ވަަޓްސްއަޕް ގްރޫޕުގައި ނަޝީދު ވަނީ ހިއްސާކުރައްވާފަ އެވެ. އެ ސިޓީ އެ ގްރޫޕުގައި ހިއްސާކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މެންބަރުންގެ ޒާތީ ކަންކަމުގައި މެންބަރުން "ހަވަރަށް ދޭ ތަން ބަލަން އެ މަނިކުފާނު ނުހުންނަވާނެ ކަމަށެވެ. އަދި މެންބަރުން "ވީ ހާލެއްގައި ވާނަން" ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެނގުން މުހިންމު - ނަޝީދު މިގޮތަށް އެދިވަޑައިގެންނެވި އިރު، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ކަމަށް ބުނާ މީހަކު އަންހެނަކާއި އިތުރު ފިރިހެނަކާ އެކު ބަރަހަނާ ހާލުގައި ތިބޭ ފޮޓޯއެއް ވަނީ ލީކްވެފަ އެވެ.

އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުން އިއްޔެ ބުނެފައި ވަނީ އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ތަހުގީގު ކުރާ ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ލީކުވި ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑީއޯއެއް ވެސް ވަނީ ލީކްވެފަ އެވެ. ނާޒިމް އެ ތުހުމަތު ދޮގުކުރައްވާފައި ވާއިރު، ފުލުހުން އަންނަނީ އެ މައްސަަލަ ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް