އިބްރާހިމް އާތިފް ޝަކޫރު: އޭނާއަށް ދައުވާ ކުރީ އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި ޝައްކު ކުރެވޭ މުއާމަލާތެއް އެނގި ހުރެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރާ ކަމަށް ބުނެ. (ފޮޓޯ/ސަން)

ކްރިމިނަލް ކޯޓު

އާތިފްއަށް ކުރާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކަނޑައަޅައިފި

ދިފާއުން ބުނީ އެ ގޮތަށް ކަނޑައެޅީ އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމެއް ނެތި ކަމަށް
14 އޯގަސްޓު 2022

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިިޔާ އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފްވުމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މައްސަލައިގެ ފެށުން - އާތިފްގެ މައްޗަށް ދައުވާކުރީ އޭނާ އެފްއައިޔޫގެ އިސް ވެރިޔާގެ މަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން، އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި އިރު އެއީ ޝައްކުކުރެވޭ މުއާމަލާތެއް ކަން އެނގިވަޑައިގެން ހުންނަވާ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ނުކުރެއްވި ކަމަށް ބުނެ އެވެ. އެގޮތުން:

  • މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާ އުފުލި.

  • އެ ދައުވާއަށް މީގެ ކުރިން އޭނާ ވަނީ އިންކާރުކުރައްވާފައި

  • އާތިފްގެ މައްސަލަ ކޯޓުގައި ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވިޔަސް އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގައި

ވީ ކިހިނެއް؟ - އެ މައްސަލައިގައި މިއަދު އޮތް އިބްތިދާއީ މަރުހަލާގެ އަޑުއެހުން ފެށުމާ އެކު، ހުށަހަޅާފައި ހުރި ހެކިތަކާ ބެހޭ ގޮތުން ކުރީގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް ވާހަކަ ދައްކަން ބޭނުންވާ ކަމަށް ބުނެފައި ވާތީ، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް އެ ފުރުސަތު އެންމެ ފުރަތަމަ ދައުލަތަށް ދެއްވި އެވެ. އެކަމަކު ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ނައުފަލް ވިދާޅުވީ ހެކިތަކާ ގުޅޭ ގޮތުން ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.

އާތިފްގެ ފަރާތުން ދިފާއު ބިނާ ކުރުމަށް ސާފުކުރަން ބޭނުންވާ ކަންތައްތަކެއް ހުރުމުން، އެ ކަންކަން ދިރާސާ ކުރަން ހެކި ހާމަކުރުމުގެ އަމުރެއް ދައުލަތުގެ މައްޗަށް ނެރެން މީގެ ކުރިން ވަނީ އެދިފަ އެވެ. އެކަން ފާހަގަކުރައްވައި ދިފާއީ ވަކީލު އަލީ ސައީދު އެދިވަޑައިގެންނެވީ އެފަދަ އަމުރެއް ނެރުމަށް ފަހު މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވިދާނެ ކަމާ މެދު ވާހަކަ ދެއްކުމުގެ ފުރުސަތެއް ދެއްވުމަށެވެ.

އެނގުން މުހިންމު - މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވިދާނެތޯ ބެލުމަކީ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން، ދައުލަތުން ދައުވާއާ އެކު ހުށަހަޅާފައި ހުރީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށްގެންދަން ފުދޭ ވަރުގެ ހެކިތަކެއް ހުރިތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. އެ މަރުހަލާގައި އެ ހެކިތަކަށް އެންމެ ފުނަށް ވަޒަން ކުރާކަށް ނުޖެހޭނެ އެވެ.

ނަމަވެސް، ދައުލަތުން ބުނެފައި ވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދެން ޖެހޭނީ، ކުރިއަށް އޮތް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާގައި ކަމަށެވެ. އޭގެ ކުރިން އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދިފާއުން ބުނީ އެފަދަ އަމުރެއް ނެރެވިދާނެ ކަމަށެވެ. ނަމަވެސް ޝަކީލް އެ ނުކުތާގައި ނިންމެވީ ދައުލަތާ އެއްކޮޅަށެވެ.

މިއަދު އާތިފް ޝަކޫރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބޭއްވި އަޑުއެހުމުގައި އާތިފް އާއި އޭނާގެ ވަކީލުން.

ތަފްސީލް - ދިފާއީ ވަކީލު އަދި އާތިފްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާޒިމާ ޝަކޫރު ވިދާޅުވީ ހެކިތަކަށް ބަލައި މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމުމުގެ ކުރިން ހެކި ހާމަކުރުމުގެ އަމުރަކަށް އެދެނީ އެ މަރުހަލާގައި ހެކި ތައުނު ނުކުރި ނަމަވެސް، ހެކި ހުރިކަމާއި ނެތުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ކަމަށެވެ.

އެގޮތަށް ވިދާޅުވުމުން ޝަރީއަތް ކުރިއަށްގެންދާނީ އެހެން މައްސަލަތައް ވެސް ކުރިއަށްގެންދާ ގޮތަށް އާންމު އުސޫލުގެ ދަށުން ކަމަށް އިސް ގާޒީ ޝަކީލް ވިދާޅުވި އެވެ. އަދި ދައުލަތުން ހުށަހަޅާފައި ހުރި ހެކިތަކަށް ބަލާއިރު، އެއީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވައި އެ ގޮތަށް އެންގެވި އެވެ.

ޝަކީލްގެ ނިންމެވުމަށް ފަހު ދެން ލިބުނު ފުރުސަތުގައި، އާޒިމާ ވިދާޅުވީ މަދަނީ މިންގަނޑުން ކުރިއަށްގެންދިޔުމާ ގުޅިގެން ދިފާއުން ދައްކަން ބޭނުންވާ ވާހަކަ އެބަ ހުރި ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ. އެކަމަކު، ޝަކީލް ފާހަގަކުރެއްވީ މިހާރު އެ ގޮތަށް ކަނޑައަޅައި ނިންމަވާފައިވާ ކަމެވެ.

މަދަނީ މިންގަނޑުން ކުރިއަށްގެންދަވަން ނިންމެވި އިރު އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ދިފާއަށް ފުރުސަތު ނުދެއްވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. ނަމަވެސް ޝަރީއަތް ކުރިއަށްގެންދަނީ ހަމަހަމަކޮށް ކަމަށާއި ލިމިޓެއް ކަނޑަނާޅައިފިއްޔާ ކިތަންމެ ވަރަކަށް ވެސް ވާހަކަ ދެއްކިދާނެ ކަމަށް ވިދާޅުވެ، ޝަކީލް އޭނާގެ ނިންމެވުން ދިފާއުކުރެއްވި އެވެ.

އަޑުއެހުން ނިންމަވާލެއްވުމުގެ ކުރިން ޝަކީލް ވަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާއަށް ހުށަހެޅުންތައް ހުށަހަޅަން ދެ ފަރާތަށް ވެސް 10 ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ.

އާތިފްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނެ އަދަބަކީ:

  • 10،000ރ. އާއި 500،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުން

  • ނުވަތަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން

  • ނުވަތަ ޖޫރިމާނާ ކުރުމާ އެކު ޖަަލަށް ލުން


އިތުރު އާޓިކަލް

އިތުރު އާޓިކަލް