ޔޫއޭއީގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން 2009ގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރޮއިޓާސް)

ޔޫއޭއީ

ޔޫއޭއީގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އަވަހާރަވެއްޖެ

ހަލީފާއަށް 2014ގައި ސްޓްރޯކެއް ޖެހިވަޑައިގަތް ފަހުން ޔޫއޭއީގެ ވެރިކަން ހިންގަވަމުން ގެންދަވަނީ ވަލީއަހުދު މުހަންމަދު ބިން ޒައިދު
13 މޭ 2022

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން، އުމުރުފުޅުން 73 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީ ޑަބްލިއުއޭއެމްއިން މިއަދު ރިޕޯޓްކޮށްފި އެވެ. 

ޔޫއޭއީގެ ގާނޫނުއަސާސީ ބުނާ ގޮތުން، ޔޫއޭއީގައި ހިމެނޭ ހަތް އެމިރޭޓްސްގެ ގަވަރުނަރުން ހިމެނިވަޑައިގަންނަވާ ފެޑެރަލް ކައުންސިލުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ބައްދަލުކޮށް އާ ރައީސަކު ކަނޑައަޅަން ޖެހޭނެ އެވެ. އާ ރައީސަކު ކަނޑައަޅަންދެން ގައުމު ހިންގަވާނީ، ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އެވެ. އަލް މަހްތޫމަކީ ދުބާއީގެ ވެސް ވެރިޔާ އެވެ.

ހަލީފާ 2004ގައި ވެރިކަމަށް ވަޑައިގެންނެވީ ޔޫއޭއީގެ އެންމެ މުއްސަނދި އެމިރޭޓްސް ކަމަށްވާ އަބޫދާބީގެ ވެރިޔާގެ ހައިސިއްޔަތުން، އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރުވުމުންނެވެ.

އަބޫދާބީ އާއި ޔޫއޭއީގެ ވެރިކަމަށް އެ މަނިކުފާނަށް ފަހު ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އެ މަނިކުފާނުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އެވެ.

ހަލީފާއަށް 2014ގައި ސްޓްރޯކެއް ޖެހިވަޑައިގަތް ފަހުން ޔޫއޭއީގެ ވެރިކަން ހިންގަވަމުން ގެންދަވަނީ ވަލީއަހުދު މުހަންމަދު ބިން ޒައިދެވެ. އޭގެ ފަހުން އާންމު ބައްދަލުވުންތަކުން ވެސް ހަލީފާ ފެނިވަޑައިގެންފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް