Majlis 2024

ޑައެޓީޝަން އާސިޔާ އަބްދުއްރަހީމް މައުލޫމާތު ދެއްވަނީ

ހެކްކުރުން

އާސިޔާގެ އަތުން ޖަހައިގަތް ފޭސްބުކް ޕޭޖުން ހިތި ތަޖުރިބާއެއް

ކެއިންބުއިމާއި ނިއުޓްރިޝަންއާ ބެހޭގޮތުން ޑައެޓީޝަން އާސިޔާ މައުލޫމާތު ދެއްވަމުން ގެންދެވި މަގުބޫލު ޕޭޖުގެ ކޮންޓްރޯލް އޭނާގެ އަތުން ނަގައި އޭގެ ސްޓޯރީއަށް ބަރަހަނާ މަންޒަރުތައް ދަނީ ލަމުން

މުހިންމު ނުކުތާތައް

އެ ޕޭޖުން ބަރަހަނާ މަންޒަރުތައް ފޮނުވަނީ އާސިޔާއެއް ނޫން؛ އަދި އެ މަންޒަރުތަކުން ފެންނަނީ ވެސް އޭނާއެއް ނޫން

ހައްލެއް ހޯއްދެވުމަށް އާސިޔާ ކުރެއްވި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވި

ފުލުހުންނަށް މައްސަލަ ހުށަހެޅިތާ 3 މަސްވީ އިރު މާ ބޮޑު އިޖާބައެއް ނުލިބޭ

ޑައެޓީޝަން އާސިޔާ އަބްދުއްރަހީމްގެ އޮތީ މީހުންނަށް އެހީތެރިވެދެއްވުމުގެ ނިޔަތެވެ. ވަޒީފާ އާއި ތިން ދަރިން ބެލުމުގެ ބުރަ ދިރިއުޅުމުގެ ތެރެއިން ވަގުތު ހޯއްދަވައިގެން ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރުއްވުމަށް އޭނާ ކުރައްވާ މަސައްކަތް ނުހަނު ބޮޑެވެ. ނަމަވެސް އެކަމަށްޓަކައި ވޭތުވެދިޔަ ފަސް އަހަރު ބޭނުންކުރައްވަމުން ގެންދެވި ފޭސްބުކް ޕޭޖު މީހަކު ނުވަތަ ބަޔަކު ޖަހައިގަތް ހިސާބުން އާސިޔާއަށް ވަނީ ވަރަށް ހިތި ތަޖުރިބާއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ.

ސިއްހަތު ސަލާމަތްކުރުމަށް ދިވެހިން ކެއިންބުއިން ބަހައްޓަންވީ ގޮތް ބުނެދެއްވައި ކާބޯތަކެއްޗާއި ނިއުޓްރިޝަންގެ ބޭނުންތެރި މައުލޫމާތުތައް ގެނެސްދެއްވުމަށް 'އާސީސް ޑައެޓް އެންޑް ނިއުޓްރިޝަނަލް ފިޓްނެސް'ގެ ނަމުގައި އާސިޔާ 2016ގައި ފެއްޓެވި ޕޭޖު މެދުވެރިކޮށް އެތައް ހާސް ބަޔަކަށް މިހާރު ފެންނަނީ ބަރަހަނާ މަންޒަރުތަކެވެ. އެއީ، ކާކުކަން ނޭނގޭ ގޮތަށް، މީހަކު ނުވަތަ ބަޔަކު އާސިޔާއަށް އޮޅުވާލައިގެން މިދިޔަ ޖޫން މަހު އޭނާގެ އަތުން އެ ޕޭޖުގެ އެޑްމިން ކޮންޓްރޯލް އަތުލައި ފޭސްބުކް ސްޓޯރީއަށް ލަމުންދާ މަންޒަރުތަކެކެވެ.

ނަމަވެސް ބައެއް މީހުންނަށް ހީވެފައި އޮތީ އެއީ އާސިޔާ އާއްމުކުރައްވާ މަންޒަރުތަކެއް ކަމަށެވެ. އަނެއް ބަޔަކު ތިބީ އެ މަންޒަރުތަކުން ފެންނަނީ އާސިޔާ ކަމުގެ ކުށްހީގަ އެވެ. އެއާ އެކު އެތައް ބަޔެއްގެ ފަރާތުން އާސިޔާއަށް ވަނީ ނުރުހުމާއި ނޭދެވޭ އެތައް ކަމެއް ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. ޕޭޖުގައި ހިމަނާފައި އޮތް އޭނާގެ ފޯނު ނަމްބަރަށް ކޮންމެ ދުވަހަކު ވެސް އަންނަ އެތަކެއް ކޯލާއި މެސެޖުގެ އުނދަގުލެވެ.

ޕޭޖުން ފޮނުވާ ބަރަހަނާ މަންޒަރުތައް ހުއްޓުވަން ވެސް އަދި ޕޭޖުގެ ކޮންޓްރޯލް އަނބުރާ ހޯއްދަވަން ވެސް އާސިޔާ އެތައް ގޮތަކުން އެތައް މަސައްކަތެއް ކުރައްވައިފި އެވެ. ނަމަވެސް ކާމިޔާބެއް ނުވެ އެވެ.

ގޮތް ހުސްވެފައި ހުންނެވި އާސިޔާ ވިދާޅުވިގޮތުގައި އޭނާއަށް ކުރިމަތިވެވަޑައިގަންނަވާ އުނދަގޫތަކަށް ވުރެ ވެސް ބޮޑު ކަންބޮޑުވުމަކީ އޭނާގެ ނަން ވެސް ހިމަަނުއްވައިގެން މުހިއްމު މަގުސަދެއްގައި ހައްދަވައި ބުރަ މަސައްކަތުން ހިންގަވަމުން ގެންދެވި ޕޭޖަކުން އާއްމުންނަށް އެފަދަ ނޭދެވޭ މަންޒަރުތަކެއް ފެނުމެވެ.

"އެ ޕޭޖު ހަދައިގެން ނުވަތަ އެއަށް ލާ ކޮންޓެންޓަކުން އަޅުގަނޑަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބެނީއެއް ނޫން. އެކަމަކު ކޮންމެ ކޮންޓެންޓެއް ވެސް ލަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން،" އައިޖީއެމްއެޗުގައި މަސައްކަތްކުރެއްވުމުގެ އިތުރުން މީހުން ހޭލުންތެރިކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރައްވާ ޑައެޓީޝަން ވިދާޅުވި އެވެ. "އެންމެ ފަހަރަކުން ވީޑިއޯއެއް ރެކޯޑްކޮށްފައި ލަނީއެއް ނޫން. ޕްރެކްޓިސްކޮށްގެން ޕޭޖަށް ލާފައި އެ ހުންނަނީ ހަމަ އެހެން މީހުންނަށް ފައިދާއެއް ކޮށްދޭން. އެހެންވީމާ އެ ގޮތަށް ހަދާފައި އޮތް އެއްޗެއްގައި މީހުންނަށް ނޫޑްސް ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ވަރަށް ގޯސް ކަމެއް. އެހެންވީމާ އަމިއްލައަށް ވެސް ވަރަށް ގޯސްކަމުގެ އިހުސާސްކުރެވިފައި ހުންނަނީ."

ޑައެޓީޝަން އާސިޔާ އަބްދުއްރަހީމް (ކ) ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މައުލޫމާތު ދެއްވުމަށް ޕްރެޒެންޓަރާ އެކު

އާސިޔާ ފުލުހުންނަށް މައްސަލަ ހުށަހެޅުއްވި އެވެ. އަދި ޕޭޖުގެ ކޮންޓްރޯލް ގެއްލުނުކަން އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި ކިޔައިދެއްވައި، އެ ޕޭޖު އަންފޮލޯކުރުމަށް މީހުން ގާތު އެދިވަޑައިގަތެވެ. ނަމަވެސް ޕޭޖުގައި ތިބި އެންމެންނަކަށް އެ މެސެޖެއް ނުފޯރަ އެވެ. ނުވަތަ ބައެއް މީހުން ޕޭޖު އަންފޮލޯކުރާކަށް ސަމާލުކަމެއް ނުދެ އެވެ.

އާސިޔާ ވިދާޅުވިގޮތުގައި އޭނާއަށް ކޮންޓްރޯލް ގެއްލުނު އިރު 15،000 އެއްހާ ފޮލޯވަރުން ތިބި ޕޭޖުން 5،000އާ ގާތްކުރާ އަދަދަކަށް އަންފޮލޯކޮށްފި އެވެ. އެ ޕޭޖުގައި އަދިވެސް 9،000 އަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

ބޮޑު މަކަރެއް

މިދިޔަ ޖޫން މަހުގެ ކުރީކޮޅު، އަވަދިނެތި އުޅުއްވި ވަގުތެއްގައި އާސިޔާއަށް އައީ ވަޓްސްއެޕް މެސެޖެކެވެ. ރާއްޖެއިން ބޭރުގެ ނަމްބަރަކުން އައި މެސެޖުގައި އެދުނީ އޭނާގެ ޕޭޖުގައި އެކި ވައްތަރުގެ ބޫޓު އިޝްތިހާރުކުރުމުގެ ފުރުސަތު ދިނުމަށެވެ. ކަސްރަތާ ގުޅުންހުރި ކަމަކަށް ވާތީ އާސިޔާގެ ސިކުނޑިއަށް އައީ އާއްމުންނަށް ބޭނުންތެރި ކަމަކަށް ވެދާނެ ކަމެވެ. އެހެންކަމުން އޭނާ އެއްބަސްވީ އެވެ. ދެން އާސިޔާއަށް ކުރެއްވުނީ ފަހުން ހިތާމަކުރައްވަން ޖެހުނު އިތުބާރެވެ. އޮޅުވާލުމެއް ކަމެއް އަދި އޭނާއަށް ޕޭޖުގެ ކޮންޓްރޯލް ގެއްލޭ ފަދަ ކަމަކަށް ވެދާނެ ކަމަށް ވިސްނާލާނެ ވަގުތެއް ނުވި އެވެ.

"އެ މީހުން ބުނި ސްޓެޕްތައް ފޮލޯކޮށްފައި ހިތަށް ވެސް އެރި، އެޑްމިން އެކްސެސް ދޭން، ނުދޭން، ޔޭސް، ނޯ ޖަހަން އިން އިރު، ނުޖަހަންވީއޭ. ދެން އެހާ ބޮޑަކަށް ވިސްނައެއް ނުލެވެނު. އަޅުގަނޑު ވަރަަށް ބިޒީކޮށް ހުރީ،" އާސިޔާ ވިދާޅުވި އެވެ.

ޑައެޓީޝަން އާސިޔާ އަބްދުއްރަހީމް މައުލޫމާތު ދެއްވަނީ

ކަމެއް ގޯސްވެއްޖެކަން އާސިޔާއަށް އެނގިވަޑައިގެންނެވި އިރު އޭނާ ޕޯސްޓްނުކުރައްވާ ވީޑިއޯއެއް ޕޭޖުގެ ވޯލްގައި އިނެވެ. ކޮންޓްރޯލް ނެގި މީހުން ޕޭޖުން އޭނާ ބޭރުކޮށްލިކަން އެނގިވަޑައިގަތީ ދެނެވެ. ދެން ކުއްލިއަކަށް ފެންނަން ފެށީ ބަރަހަނާ މަންޒަރުތަކެވެ.

"ސްޓޯރީއަށް ނޫޑްސް ލާން ފެށީމަ ދެން ވަރަށް ދެރަވި. އެއީ ވިއުއާސް ބައިވަރު ތިބި،" އާސިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ވަޓްސްއެޕުން އޭނާއަށް މެސެޖުކުރި ނަމްބަރަށް އެކަމާ ބެހޭގޮތުން މެސެޖުކުރުމުން އެއްވެސް ޖަވާބެއް  ނުދެ އެވެ. އަދި އެކި ގޮތްގޮތަށް ފޭސްބުކަށް ރިޕޯޓްކޮށްގެން ވެސް އަދި އެއީ އޭނާގެ ޕޭޖެއް ކަމުގެ ހެއްކާ އެކު ފޭސްބުކަށް ލިޔެގެން ވެސް ހައްލެއް ނުލިބުނެވެ. ހައްލުކޮށްދޭނެ ކަމަށް ބުނެ ސޮފްޓްވެއާ އިންޖިނައަރަކު އާސިޔާ އަތުން 1،000ރ.ގެ އަގެއް ވެސް ނެގި އެވެ. އެކަމަކު އޭނާއަކަށް ވެސް އެކަމެއް ނުވި އެވެ. ފަހުން ވެސް އެފަދަ ހުށަހެޅުން އައި ނަމަވެސް އާސިޔާ ފައިސާ ދެއްވަން ބޭނުންނުވީ އެވެ.

"ހުރިހާ ގޮތަކަށް ޓްރައިކޮށްފިން. މި އެއްޗެހި ކިޔަވައިގެން ތިބި ދެތިން ކުއްޖަކާ ވާހަކަދައްކައިގެން އެ މީހުން ލައްވާ ވެސް ހަމަ ކައިރީގައި ބައިތިއްބައިގެން ޓްރައިކުރުވައިފިން. ނުވޭ،" އާސިޔާ ވިދާޅުވި އެވެ.

އޭނާ ފުރަތަމަ ވެސް ފުލުހުންނަށް މިކަން ރިޕޯޓްކުރެއްވި ނަމަވެސް، މައްސަލަ ބަލައިގަތް ކަމަށް ބުނުން ފިޔަވައި މާ ބޮޑު ތަފްސީލެއް މިހާތަނަކަށް ނުލިބެ އެވެ. މާފަންނު ޕޮލިސް ސްޓޭޝަނަށް މައްސަލަ ފޮނުވާފައިވާ ކަމަށް ބުނެ 20 ޖޫންގައި ފުލުހުން އާސިޔާއަށް އީމެއިލްކޮށްފައިވެ އެވެ. އޭނާ ވިދާޅުވިގޮތުގައި އޭގެ ފަހަކުން ފުލުހުންގެ ހަބަރެއް ނުވެ އެވެ. އެހެންވެ، އާސިޔާ މިދިޔަ ހުކުރުދުވަހު ވަނީ ޓްވިޓާގައި ފުލުހުން ޓެގްކުރައްވައި އެކަމުގެ ޝަކުވާ ވެސް ކުރައްވައިފަ އެވެ.

އާސިޔާގެ ޓްވީޓް

ޕޭޖު ހެކްކުރި ފަހުން އާސިޔާއަށް ކޮންމެ ދުވަހަކު ވެސް ހެނދުނު ހޭލައްވަން ޖެހެނީ އެތަކެއް ކޯލާއި މެސެޖުގެ ނޯޓިފިކޭޝަންތަކަށެވެ. ދިވެހިންނާއި ރާއްޖެއިން ބޭރުގެ ނަމްބަރުތަކުންނެވެ. އާސިޔާ ވިދާޅުވިގޮތުގައި ވަޓްސްއެޕާއި ވައިބާ އިން އޭނާއަށް ނުގުޅޭ ގޮތް ހެދި ފަހުން މިހާރު އެ ކަންތައް ކުޑަވެއްޖެ އެވެ. އަދި އޭނާ މިހާރު ވަނީ އާ ޕޭޖެއް ހައްދަވައިގެން އަނެއްކާވެސް ފޭސްބުކް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެއްވަން ފައްޓަވައިފަ އެވެ. ނަމަވެސް އާސިޔާ އަދިވެސް ކޮންމެ ދުވަހެއް ހޭދަކުރައްވަނީ އޭނާގެ ނަން އޮތް ޕޭޖަކުން އެތަކެއް ހާސް މީހުންނަށް ބަރަހަނާ މަންޒަރުތައް ފޮނުވަމުންދާ ކަމުގެ ނުތަނަވަސްކަމުގަ އެވެ.

ޑައެޓީޝަން އާސިޔާ އަބްދުއްރަހީމް މައުލޫމާތު ދެއްވަނީ

އާސިޔާއަށް ނުވިސްނެނީ މި ވަރުގެ ކަންތައްގަނޑެއްގެ ތެރެއަށް އޭނާ ވައްޓާލި ސަބަބެކެވެ.

"ސޮފްޓްވެއާ އިންޖިނިއަރު ކައިރީގައި އަހާލިން މީހުން މިކަހަލަ ކަންކަން ކުރަނީ ކީއްވެގެންހޭ. އޭނާ ބުނީ ޕްރޫވްކުރާށޭ އެ މީހުންނަށް އެކަހަލަ ކަންކަން ކުރެވޭކަން. އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ މީހުން މިވަރުގެ ކަންކަން ކުރަނީ ކީއްވެގެން ކަމެއް،" އާސިޔާ ވިދާޅުވި އެވެ.

ކޮމެންޓް (6)

އެހީއެއް

15 ސެޕްޓެމްބަރު 2022
ވެރިފައިޑް އެކައުންޓްތައް މެދުވެރިކޮށް ޕޭޖް ރިޕޯޓްކުރަށްވާ. މައްސަލައަށް ޙައްލެއް ލިބުން ގާތް
6 1

ޭތަރި

15 ސެޕްޓެމްބަރު 2022
މަށަށްވެސް ޝަކުވި މިހަމަ ރަގަޅު ޕޭޖްތޯ؟ މެސެޖްވެސް ކުރިން.ފަހުން އަންފްލޯ ކުރީ.
6 0

މުޙައްމަދު

15 ސެޕްޓެމްބަރު 2022
ދެރަ ގޮތެއް ދޯ މިވީ
4 1

ރަދީފްއޮފިޝިއަލް

15 ސެޕްޓެމްބަރު 2022
މަވެސް މި ޕޭޖް ފޮލޯކުރަން.ސްޓޯރީން އެބާވަތުގެ މަންޒަރުތައް ފެންނާތީވެ މަ މިހުންނަނީ ސުވާލު މާކެއްގެ ތެރޭގަ.އެހާ ޑީސެންޓް ރެސްޕެކްޓެޑް ޕަބްލިކް ފިގާއެއް ހަމަ އެފަދަ މަންޒަރުތަކެއް ބްރޮޑްކާސްތްކޮށްފާނެ ބާ އޭ އަބަދުވެސް ހިތަށްއެރި.ދުނިޔެ މިއީ ކެހިވެރިތަނެއް.މުޅިންވެސް އިންޑިޔާ މީހުންގެ ނޫޑްސް ފޮޓޯ އެޕޭޖުގެ ސްޓޯރީން ފެންނަނީ.އެހެންވީމަ ހެކްކުރިނަމަ އެކަމެއްގެ ފަހަތުގަ ތިބީ ކާރި ގައުމެއްގަ އުޅޭ ބައެއްކަމަށް ދުށުމުގެ ފުރުސަތު ބޮޑު.ފޭސްބުކް ، ވައިބާ ފަދަ ޕްލެޓްފޯމްތަކުގެ ހެލްޕްލައިން ނުވަތަ ކަސްޓަމަރސާވިސްގަ ރެސްޕޮންސް ލިބުން އެއީ ދަތިކަމެއް.އުއްމީދަކީ އާސިޔާ ޖެހިފައިވާ ދަންތުރައިން ނެއްޓި ޕޭޖް އަނބުރާލިބުން.ވ.ވެދުން
37 1

ހިތަދޫ 2

16 ސެޕްޓެމްބަރު 2022
@ރަދީފްއޮފިޝިއަލް ސަރުކާރަށް އަސްލު ފޭސްބުކް ރެގިއުލޭޓް ކުރެވޭނެ ރާއްޖޭގަ، އެހެން ނޫނީ އެމީހުން ޖެހޭނީ ހުއްޓާލަން މި ގައުމަށް ހިދުމަތް ދިނުން އަދި އިސްތިހާރު ވިއްކައިގެން ފައިސާ ހޯދަން. މިގައުމުގެ ޑެވެލޮޕަރުން ރަނގަޅު ޗައިނާ ފަދައިން އަމިއްލަ ނެޓްވޯކެއް ފަށަން!
6 0

އަލަމްގިރި

15 ސެޕްޓެމްބަރު 2022
އަމިއްލަ ނަގުލަށް ފަޔަކުން ނާރާނެ. ތިޔަ ކަމުވެ އަޑީގައި ތިބޭނީ ފުލުހުން ކަން ކަށަވަރު.
14 6

އިތުރު އާޓިކަލް

އިތުރު އާޓިކަލް