މި ފެހިކަން ޗާލު، އެޗުޑީސީގެ ވިސްނުން ވެސް ނަލަ

ހުޅުމާލެ ފެހިކުރުމަކީ އެޗުޑީސީގެ ވަރަށް ބޮޑު މަސައްކަތެއް. އެ ފެހިކަމުން އުފާ ލިބިގަންނަ އާންމުންގެ އަދަދު ގިނަ

އިބްރާހިމް ޝަރުމީލްއާ އެކު ސެންޓްރަލް ޕާކްގައި، ހަވީރުގެ އެ ވަގުތު ތިބި އިރު ވެސް އެކި އުމުރުގެ މީހުންނާއި ކުދިން، ހުޅުމާލޭ ސެންޓްރަލް ޕާކްގެ ފެހިކަމުގެ ތެރޭގައި އުފާ ހޯދަމުން ދިޔަ އެވެ.

ދެމަފިރިއަކާއި އެމީހުންގެ ކުޑަ ދަރިފުޅުގެ ފޮޓޯ، އާއިލާގެ އެހެން މީހަކު ނަގަނީ އެވެ. ޒުވާން އަންހެނަކު އެކި ގޮތްގޮތަށް، ފަހަތުން އެކި ވައްތަރުގެ ގަސްތައް އަރާނެހެން، ފޮޓޯ ޝޫޓިންއެއްގަ އެވެ.

ބޮކި އަރުވާ ފުޅިތަކާ އެކު ކުޑަކުދިންތަކެއް ބޮކި އަރުވަމުން، އޭގެ ފަހަތުން ދުވެދުވެ އެވެ. އަތްލުމުގެ ކުރިން ވައިގެ ތެރޭގައި ބޮކިތައް ގޮވަމުން ދެ އެވެ.

ވިސްނަލައިފި ނަމަ ހުޅުމާލޭ ސެންޓްރަލް ޕާކަކީ ރާއްޖޭގައި އޭގެ ދެ ވަނައެއް ނެތް ފަދަ މާހައުލެއްކަމުގެ އިހުސާސްކުރެވޭނެ އެވެ. އަދި އެއީ އެއްވެސް ހަމައެއް ނެތި ތަރައްގީކޮށްފައިވާ ތަނެއް ވެސް ނޫންމެ އެވެ. ޝަރުމީލްއަކީ އެޗުޑީސީގެ ފަރާތުން އެ ވާހަކަ ކިޔައިދޭން އެންމެ ގާބިލް އެއް މުވައްޒަފެވެ.

އޭނާގެ ހަނދާނުގައި އެބަ ހުއްޓެވެ. ސެންޓްރަލް ޕާކްގައި ފޮނިހެލަބެލި ގަސްތައް ޖެހި އިރު އަދި ހުޅުމާލޭގައި އެއްވެސް އިމާރާތެއް ނުހަދަ އެވެ. ޕާކްގައި ފުރަތަމަ ހެދި ސަރަހައްދުގެ އަރިމަތީގައި މިހާރު ބޮޑެތިކޮށް އެ ފެންނަނީ އެ ގަސްތަކެވެ.

"މަގުތައް ވެސް ނުހަދާ އޭރު މި ތަނުގައި އެ ގަސްތައް ޖެހިއިރު،" ހިޔާދޭ ބޮޑެތި ގަސްތަކަށް އިޝާރަތްކުރަމުން، ޝަރުމީލް ބުންޏެވެ.

ސެންޓްރަލް ޕާކްގައި ކުޑަކުއްޖަކު ބޮކި އަރުވަނީ: މިއީ އާއިލީ ބައްދަލުވުންތަކަށް ހާއްސަ ތަނެއް (ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

"ހުޅުމާލޭގެ މާސްޓާ ޕްލޭންގައި އޮތީ މިއީ ބޮޑު ޕާކެއްގެ ގޮތަށް. އެހެންވެ މިތަނުގެ ފަސްގަނޑު ރަނގަޅުކުރަން ކުރުނބާ އާއި ބަނޑޮހުން ކުނި ގެނެސް ވަޅުލާފައި ވެސް ހުންނާނެ އޭރު."

އެޗުޑީސީއާ ގުޅުނު ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނޭ ޝަރުމީލް، މިދިއަ އަންގާރަދުވަހު 'ދައުރު' ޓީމާ އެކު ސެންޓްރަލް ޕާކްގައި ހުރެ ދެއްކި ހުރިހާ ވާހަކައަކުން ވެސް އެނގެނީ، އެ ޕާކް އެކަންޏެއް ނޫނެވެ؛ މުޅި ހުޅުމާލެ ފެހި ތަނެއްގެ ގޮތުގައި ބާއްވަން އެޗުޑީސީން ކުރަމުން އަންނަނީ އާދައިގެ މަސައްކަތެއް ނޫން ކަމެވެ. އަދި އެ މަސައްކަތުގެ ސަބަބުން މުޅި ހުޅުމާލެއިން ފެންނަ ރީތިކަން ރާއްޖޭގައި ނަމޫނާއަކަށް ނެގޭނެ ކަމާ މެދު ޝައްކެއް ވެސް ނެތެވެ.

ކުޑަކުޑަ މިސާލެކެވެ. އަހަރެމެން ސެންޓްރަލް ޕާކަށް ދިޔަ އިރު އެތަނުގެ އެކި ހިސާބުތަކުގައި ހުރި ގިނިމާ ގަސްތައް ރަތް މަލުން އޮތީ ފުރިފަ އެވެ. އެ މަންޒަރަށް އެތައް ބައެއްގެ ނަޒަރު ހުރީ ހުއްޓިފަ އެވެ. ބައެއް މީހުން ސައިކަލުން ފައިބައިގެން ގޮސް ފޮޓޯ ވެސް ނެގި އެވެ. ޕާކްގެ ހުޅަނގު ދެކުނު ފަރާތުގައި މި ފަހުން ހެދި ބައިގައި ވެސް ގިނިމާ އިންދާފައި ހުރީ، ވަކި މޫސުމެއްގައި އެ އަންނަ ރަތް މާތަކުން ތަނަށް ފުރިހަމަކަން ގެނެސްދޭށެވެ.

މަގުތަކުގައި ވެސް ގަސްތައް ތަރުތީބެއްގެ ތެރެއިން

ސެންޓްރަލް ޕާކުން ނުކުމެ ޝަރުމީލާ އެކު އަހަރެމެން ދިޔައީ ގަސް އިންދުމުގައި އެޗުޑީސީގެ ޓީމުން ގެންގުޅޭ ވިސްނުމުގެ ހަގީގަތް ދެނެގަންނާށެވެ. ސެންޓްރަލް މޯލުގެ ކުރިމައްޗަށް ވާ ގޮތަށް އުތުރަށް އޮންނަ ކިނބިގަސް މަގުގައި ހުރި 'ރީނދޫ ވާރޭ' ގަސްތައް ނަގަމާ ހެއްޔެވެ؟ އާންމުކޮށް ނޮވެމްބަރާއި ޑިސެމްބަރުގައި އެ މަގު އެއްކޮށް އޮންނަނީ ރީނދޫ މާތަކުން ފުރިފަ އެވެ. އެގޮތަށް އެއް ކުލައިގެ މާ، އެކި ދުވަސްވަރު އަންނަ ގަސްތައް އެކި މަގުތަކުގައި ޖަހާފައި ހުރީ، ޝަރުމީލް ބުނި ގޮތުގައި، ތަފާތު ރީތިކަމެއް ދެއްކުމުގެ ގޮތުންނެވެ.

ސެންޓްރަލް ޕާކްގައި ހައްދާފައިވާ ގިނިމާ ގަހެއް ރަތްވެފައި: މިއީ ހިތްގައިމު މަންޒަރެއް(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

ހުޅުމާލޭ ހޮސްޕިޓަލްއާ ޖެހިގެން އިރުމައްޗަށް އޮންނަ ޗަނބޭލީ މަގުގައި މަޑުކޮށްލާފައި، އެ މަގު ކޮޅުން ދެކުނަށް ބަލައިލާ އިރު ފެންނާނީ އެއްވައްތަރުގެ ގަސްތަކެކެވެ. އެކަމަކު އެ މަގުގައި ހައްދާފައި އެހުރީ 'ރީނދޫ ވާރޭ' ގަސްތަކެއް ނޫނެވެ. ޗަނބޭލީ މަގު ފުރާލާފައި ވަނީ ޓެބޫބިއާ ރޯޒިއާ އިންނެވެ. ނޮވެމްބަރުން ފެށިގެން ފެބްރުއަރީއާ ހަމައަށް އެ މަގުގެ އެ ގަސްތައް ފުރިފައި އޮންނާނީ މަޑު ފިޔާތޮށި ކުލައެއްގެ މާތަކުންނެވެ.

ނިރޮޅު މަގުން ހައިވޭއަށް އަރަން އެއްކޮޅަށް ދުއްވާ ގޮތަށް ހަދާފައި އޮތް ބައިގެ ދެ ފަރާތުގައި އިންދާފައި ހުރި ދަނބު ގަސްތަކަކީ ވެސް، އެޗުޑީސީގެ ގްރީނިން ޕްރޮގްރާމްގެ ފުރިހަމަކަން ދައްކައިދޭ ރީތި ކަމެކެވެ. އެ ސަރަހައްދު ނޫނަސް ހުޅުމާލޭގެ އެކި ހިސާބުތަކުގައި ދަނބުގަސް ވަރަށް ގިނަވާނެ އެވެ. ސެންޓްރަލް ޕާކްގެ ވަށައިގެން ވެސް ދަނބު ގަސްތައް ހިމެނެ އެވެ.

"ވަރަށް ރަނގަޅު ޕްލޭނެއްގެ ދަށުން އަޅުގަނޑުމެން މިކަން މިކުރަނީ. އަސްލު ބޭނުންވަނީ އެކި ދުވަސްވަރަށް މާ އަންނަ ގަސްތައް އެކި ތަންތަނުގައި ޖަހަން،" އެޗުޑީސީގެ ގްރީނިން ބައި ހިންގުމުގައި އިސްކޮށް ހުރި، އެސިސްޓެންޓް މެނޭޖަރު، ޝަރުމީލް، ތަފުސީލު ދެމުން ބުންޏެވެ.

އާންމުންގެ ވިސްނުން ތަފާތު

އެޗުޑީސީގެ އޮތީ ހަމައެކަނި މައްޗަށް ހެދޭ ގަސްތަކުން ފެހިކަމާއި ހިޔާ ފަތުރާލަ ދިނުމުގެ ވިސްނުމެއް ނޫނެވެ. މަގުތަކުގެ ދެ ފަރާތުގައި ހަދާ ހެޖުތަކަކީ ވެސް، ފެހިކަމުގެ ބައެކެވެ. ބައެއް ހިސާބުތަކުގައި ވަރަށް ރީއްޗަށް ހެޖްތައް ހެދިފައި އެބަ ހުއްޓެވެ. އެކަމަކު އަނެއް ބައި ހިސާބުތަކުގައި މަގަށް އެ ފެހިކަން ގެންނަން ދިމާވަނީ ހުރަސްތަކެވެ.

އެޗުޑީސީގެ ޕްލޭންގައި އޮތް ގޮތުން ނަމަ ހެޖުތައް ހުންނާނީ ކޮންމެ ބްލޮކެއްގެ އެއްކޮޅުން އަނެއްކޮޅަށް އެއްވެސް ކަހަލަ ހުސް ތަނެއް ނޯންނަ ގޮތަށެވެ. ނަމަވެސް ފިހާރަތަކާއި ރެސްޓޯރެންޓްތައް ގިނަވެ، ކޮންމެ ބަޔަކު ވެސް އަމިއްލަށް އެތަނެއްގެ ދޮރުމަތި ހުސްކޮށް ބާއްވަން ޖާގަ ހަދާތީ، އެ ރީތިކަމެއް ނާދެ އެވެ. އެހެންވެ ގިނަ ހިސާބުތަކުގައި ހެޖްތައް ހެއްދޭ ގޮތެއް ނުވެ އެވެ.

  • ސެންޓްރަލް ޕާކްގައި ދެ އަންހެނަކު މަޑުކޮށްލައިގެން: ދުވާލުގެ އެކި ގަޑިތަކުގައި އެތައް ބަޔަކު މި ޕާކަށް ދޭ(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
  • އާއިލީ ފޮޓޯ ނެގުމެއް: ފެހިކަމާއި ރީތި މަންޒަރުގެ ފޮޓޯތައް އާއިލާތަކަށް ވަރަށް ހާއްސަ(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
  • ސެންޓްރަލް ޕާކްގައި މީހަކު މަޑުކޮށްލައިގެން: މިއީ ރާއްޖޭގެ އެންމެ ބޮޑު ޕާކް(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

ހެޖްތަކުގައި އެޗުޑީސީން އިންދަމުން އަންނަނީ ފިތުރޯނާއި ދުންގަތި އަދި ގޯލްޑަން ފަތް ގަހެވެ. މި ގަސްތައް ވަކި ބައްޓަމަކަށް ކޮށައި، އެއްވަރުކޮށްފައި ބަހައްޓަ އެވެ. އެކަމަކު ބައެއް ހިސާބުތަކުގައި ދިރިއުޅޭ އާންމުން އެ ގަސްތައް އުފުރާފައި، ފަތްކޭލާއި އަނބާއި ބަނބުކެޔޮ ކަހަލަ ގަސްތައް ވެސް އިންދަ އެވެ.

އެ މައްސަލަ ބޮޑުވެގެން އެޗުޑީސީން މިހާރު ވަނީ ގަސްތަކަށް ގެއްލުންދިނުން މަނާކޮށް އިއުލާނެއް ވެސް ކޮށްފަ އެވެ. އޭގެ އިތުރުން އާންމުންނާ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމުގެ ބައި ވެސް ކުރިއަށް ގެންދެ އެވެ.

"އާންމުން ބޭނުންވަނީ [ވަކި] ކަހަލަ ގަސްތަކެއް އެ ސަރަހައްދުގައި ހައްދަން. އެކަމަކު ވާ ގޮތަކީ އެކަހަލަ ގަސްތަކަކީ މޭވާ އަޅާ އެއްޗިއްސަށް ވާތީ ބޭނުންވާ ޑިޒައިނަކަށް، ޝޭޕަކަށް ނުހެދޭ،" ޝަރުމީލް ބުންޏެވެ.

"އާންމުން އެންމެ ހިތްހަމަޖެހޭ ގަސްތަކެއް ނޫން އިންދިފައި މިހުންނަނީކީ ވެސް. އެކަމަކު ގިނަ ބަޔަކު ބަލައިގަނޭ މިހާރު އިންދިފައި ހުރި އެއްޗިއްސަށް."

ގަހެއް ކަނޑައިފިއްޔާ ޝަކުވާ ބޮޑު، އެކަމަކު އެއީ މަޖުބޫރީ ހާލަތެއް

ހުޅުމާލޭގެ ދެވަނަ ފޭހާ ގުޅުވާލާފައި އޮތް ފަރުކޮޅުފުށީގެ އިރުއުތުރު ސަރަހައްދަށް ޒިޔާރަތްކޮށްފި މީހަކަށް ހުޅުމާލޭގެ ފެހިކަމަށް އެޗުޑީސީން ކުރާ މަސއްކަތުގެ މިސާލެއް ފެންނާނެ އެވެ. އެއީ ބޮޑު ނާސަރީއެކެވެ. ރާއްޖޭގެ އެންމެ ބޮޑު ނާސަރީއަށް ވުން ވެސް އެކަށީގެންވެ އެވެ. އެތައް ސަތޭކަ ވައްތަރެއްގެ ގަސްތައް އަންނަނީ ހައްދަމުން، ބަލަހައްޓަމުންނެވެ. އެއިން ކޮންމެ ގަހެއްގެ ވެސް ފަހުގެ ވަޒަނަކަށް ވާނީ ހުޅުމާލޭގެ ކޮންމެވެސް ހިސާބެކެވެ.

ހުޅުމާލޭގައި ހުރި ފިތުރޯން ބައެއް ގަސްތައް ކަނޑާފައި ބަދަލުގައި އިންދާނެ ގަސްތައް ވެސް ގެންދަނީ މި ނާސަރީގައި ހައްދަމުންނެވެ. އެގޮތުން ހިޔާ ލިބޭ ކަހަލަ ބޮޑެތި ގަސްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އިންޑިއާއިން އަލަށް ގެނެސްފައިވާ ގަސްތައް ވެސް އެ ނާސަރީގައި މިހާރު އަންނަނީ ހައްދަމުންނެވެ.

ހުޅުމާލޭގެ އެކި ހިސާބުތަކުގައި ގަސްތައް ހައްދަމުން އަންނަނީ ވަކި ތަރުތީބަކުން(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
ދަނބު ގަސްތަކުން ފުރިފައި: މިއީ ހިޔާ ބޮޑު އަދި ރީތި ގަހެއް(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

ހުޅުމާލެއިން ބޮޑު ގަހެއް ކަނޑާލާ ކޮންމެ ފަހަރަކު ސޯޝަލް މީޑިއާގައި އާންމުން ފާޑުކިޔަސް ހަގީގަތުގައި އޭގެ ފަހަތުގައި ބޮޑެތި ސަބަބުތަކެއް ހުރެ އެވެ. އެންމެ ބޮޑު މައްސަލައަކީ ކުރިންސުރެ އިންދާފައިވާ ފިތުރޯން ގަސްތަކުން މަގަށާއި އާންމު އިމާރާތްތަކަށް ލިބޭ ގެއްލުންތަކެވެ. ފިތުރޯން އިންދީ ހިއްކާފައި އޮތް ތަނަކަށް ވާތީ އަވަހަށް ފެހިކޮށް، ފަސްގަނޑު ހިފެހެއްޓުމުގެ ބޭނުމުގަ އެވެ. އެކަމަކު އެއީ ވަރަށް ބޮޑަށް މޫ ފެތުރޭ އަދި ވަރަށް ބައިވަރު ކުނި ފައިބާ ގަހެކެވެ. މަގުތަކުގެ ތާރުގަނޑު ހަލާކުވުމާއި އިމާރާތްތަކުގެ ފުރާޅައި ބެލްކަނީތަކުގެ ފެން ހިންދާ ޖާގަ ފުރޭ ވަރަށް ފައިބައި ކުންޏަކީ، ފިތުރޯން ގަސްތައް ނަގަން މަޖުބޫރުވާ ސަބަބުތަކެވެ.

އިބްރާހިމް ޝަރުމީލް 'ދައުރު'އަށް އިންޓަވިއުދެނީ: މިއީ އެޗުޑީސީގެ އެންމެ ދުވަސް ވީ އެއް މުވައްޒަފު

ޝަރުމީލް ބުނި ގޮތުގައި އެހާ ގިނަ ދުވަސް ވީ ގަސްތަކެއް ނަގަން އެޗުޑީސީއަކުން ވެސް ބޭނުމެއް ނުވާނެ އެވެ.

"އަޅުގަނޑުމެން އިންދައިގެން 10-12 އަހަރުން ހެދިފައި ހުރި ގަސްތަކެއް ކަނޑާލުން އެއީ އަޅުގަނޑުމެން ވަރަށް ހިތަށް އުނދަގޫވާ ކަމެއް،" ޝަރުމީލް ބުންޏެވެ.

"މަޖުބޫރީ ހާލަތެއް އައިސްގެން ނޫނިއްޔާ އެއްވެސް ގަހެއް ނުއެއް ނަގާނަން."

އެ ހާލަތުގައި ގަސްތަކެއް ނަގަން ޖެހުނަސް އެޗުޑީސީގެ ނާސަރީގައި ގަސްތައް ހުރީ ތައްޔާރުކޮށްފަ އެވެ. ހިޔާ ލިބޭ އެ ގަސްތައް ހެދެން ދުވަސްކޮޅެއް ބޭނުންވިޔަސް، ކުރިމަގަށް ބަލާ ނަމަ އަލަށް އިންދާ އެ ގަސްތަކުން ލިބޭނެ އެހެން ގެއްލުމެއް ނޯންނާނެ އެވެ.

  • އެޗުޑީސީގެ ނާސަރީ: ހުޅުމާލޭގެ އެކި ހިސާބުތަކުގައި ޖަހަން މި ނާސަރީގައި އެތައް ސަތޭކަ ވައްތަރެއްގެ ގަސް ހައްދަމުން ގެންދޭ(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
  • އެޗުޑީސީން ބުނާ ގޮތުގައި ހުޅުމާލެ ފެހިކުރުމަކީ ވަރަށް މުހިންމު މަސައްކަތެއް(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
  • ގަސްތަކެއްގެ ފުރަތަމަ ދިރުން: އެކި ވައްތަރުގެ ގަސްތައް ދިރުވައިގެން ބަލަހައްޓަން އެޗުޑީސީން ބޮޑު ހޭދައެއް ވެސް ކުރޭ(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
  • އެޗުޑީސީގެ ނާސަރީގައި މީހަކު ގަސްތަކަށް ފެން ދެނީ: ހުޅުމާލެ ފެހިކުރުމުގެ މަސައްކަތް ބޮޑު(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)
  • މި ނާސަރީގައި ހައްދާފައި ހުޅުމާލޭގެ އެކި ހިސާބުތަކުގައި ގަސްތައް އިންދައި، ހައްދަމުން ގެންދޭ(ދައުރު ފޮޓޯ/އަބްްދުﷲ ޔަޝާއު)

މި ތަފުސީލުތައް ދީ ނިމުމުން ޝަރުމީލްއަށް 'ދައުރު'ން ފަހު ސުވާލުކުރި އެވެ. ސެންޓްރަލް ޕާކްގެ ފެހިކަމާއި ރީތިކަމުން އުފާ ހޯދަން ތިބި އާންމުންނަށް އިޝާރަތްކޮށް، ސުވާލުގައި އެހީ "އެޗުޑީސީން ކިހާ ވަރަކަށް ހިތްހަމަޖެހޭ ހެއްޔެވެ؟"

އޭނާ ފުރަތަމަ ބުނީ ސެންޓްރަލް ޕާކް މުޅިން އަދި ނުވެސް ނިމޭ ކަމަށެވެ. ނަމަވެސް މިހާރު ވެސް އެތައް ބަޔަކު ކޮންމެ ދުވަހަކު ހެނދުނާއި ހަވީރާއި ރޭގަނޑު ހިތްހަމަޖައްސާލަން އެތަނަށް އަންނާތީ ވަރަށް ބޮޑު އުފަލެއް ލިބޭކަން ފާހަގަކުރި އެވެ.

"ކޮންމެ ގޮތެއް ވިޔަސް މިއީ ރާއްޖޭގެ އެންމެ ބޮޑު ޕާކް. މި ވިނަގަނޑު މަތީ ތިބެގެން ޕާޓީތައް ވެސް ބާއްވާ. އާއިލާތައް އެކުގައި އައިސް އެބަ ވަގުތު ހޭދަކުރޭ،" ޝަރުމީލް ބުންޏެވެ.

"އަޅުގަނޑުމެން އަސްލު ވަރަށް، ވަރަށް އުފާވޭ، ހިތްހަމަޖެހޭ މީހުން އެ އުފާ ހޯދާތީ. އެޗުޑީސީގެ މަގުސަދަކީ ވެސް އެއީ. ހުޅުމާލެއަކީ ފެހި، ރީތި ތަނަކަށް ހެދުން."

ދެން އޮތީ ދެވަނަ ފޭސް އެވެ. މިހާރު ވެސް މަގުތަކުގައި ހެޖުތައް ހެދުމުގެ މަސައްކަތް ފަށައިފި އެވެ. ހިޔާ ފްލެޓްތަކުގެ މެދުގައި ބޮޑު ޕާކެއް ތަރައްގީކުރުމުގެ ފުރަތަމަ މަސައްކަތް ނިމެނީ އެވެ. ދެ ވަނަ ބައި ހަދާނެ ގޮތަކާ މެދު ހިޔާގެ އަހުލުވެރިންގެ ހިޔާލު ވެސް ހޯދައިފި އެވެ.

ދުވަސްކޮޅެއް ނަގާނެ އެވެ. އެކަމަކު ފެހިކަމުގެ ރީތި މާހައުލެއް ލިބޭނެކަމާ މެދު ޝައްކެއް ނެތެވެ.

.

އިތުރު އާޓިކަލް

އިތުރު އާޓިކަލް