އިއްޔެ ޖަޕާނާ ދެކޮޅަށް ނުކުތުމުގެ ކުރިން ޖަރުމަން ޓީމުން އަނގަމަތީ އަތް އަޅައިގެން

ޖަރުމަނުން އަހަރެމެންނަށް ކުރީ މަލާމާތް: އަރަބިން

އެއް ޖިންސުން ގުޅުން ހިންގުމުގެ ހައްގާ ބެހޭ ޝުއޫރު ވޯލްޑް ކަޕް ތެރޭގައި ފާޅުކުރަން އުޅުމަކީ އަރަބި ދުނިޔެއަށް އިހުތިރާމް ކުޑަކުރުން ކަމަށް، އާންމުން ދެކޭ

އިއްޔެ ޖަޕާނާ ދެކޮޅަށް ކުޅުމުގެ ކުރިން ޖަރުމަންގެ ޓީމުން ގްރޫޕް ފޮޓޯ ނެގި އިރު އަނގަމަތީ އަތް އަޅައިގެން އަސްލު ކުރީ މަލާމާތެއް ކަމަށް، އަރަބިންގެ އެތައް ބަޔަކު ދެކެ އެވެ. ސޯޝަލް މީޑިއާގައި އެމީހުން އަންނަނީ އެގޮތަށް ހިޔާލު ވެސް ފާޅުކުރަމުންނެވެ.

އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕާ ދިމާކޮށް ހުޅަނގުގެ ގައުމުތަކުން ގެންދަނީ ސަގާފަތާއި ދީނާ ވެސް ގުޅޭ ކެމްޕޭނެއް ހިންގަމުންނެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގަށް ގޮވާލައި، އޭގެ ރަމްޒެއްގެ ގޮތުން ހާއްސަ ކެޕްޓަން ބޭންޑެއް އަޅަން ވެސް ޔޫރަޕްގެ ހަތް ޓީމު އޮތީ ނިންމައިފަ އެވެ.

އެކަމަކު ފީފާ އިން ބުނީ 'ވަންލަވް' ބޭންޑް އަޅައިފި ނަމަ ރީނދޫ ކާޑު ދައްކާނެ ކަމަށެވެ. ޖަރުމަން ޓީމުން އަނގަމަތީ އަތް އެޅީ ފީފާގެ އެ ހުރަހަކީ ޝުއޫރު ފާޅުކުރުން ހުއްޓުވުން ކަމަށް ބަލައިފަ އެވެ.

އަހަރެމެންގެ ދީނަށް އިހުތިރާމްކުރޭ، އަހަރެމެންގެ ސަގާފަތަށް އިހުތިރާމްކުރޭ، އަހަރެމެންގެ އާންމު އުސޫލުތަކަށް އިހުތިރާމްކުރޭ - އެހެން ނޫނިއްޔާ ކަލޭމެން ބޭނުން ތަނަކު އަތް އަޅާ

ޓްވިޓާގައި ހިޔާލު ފާޅުކުރި އަރަބި މީހެއް

މިއީ މުޅިން ތަފާތު ދެ ވިސްވުމެއްގެ މައްސަލައެކެވެ. އިސްލާމީ ގައުމުތަކުގައި، ފާޅުގައި އެއްޖިންސުގެ ގުޅުންތަކަށް ގޮވައެއް ނުލަ އެވެ. އިސްލާމް ދީންގައި އެއީ ކުށެކެވެ. އިސްލާމީ ގައުމުތަކުގައި އޮތީ އެފަދަ ފާފަތަކުގެ ވާހަކަ އާންމުކޮށް ނުދެއްކުމާއި އެއަށް ހިތްވަރު ނުދިނުމެވެ. 

އެކަމަކު ހުޅަނގު ގައުމުތަކުގައި އެއީ އަސާސީ ހައްގެއްގެ ގޮތުގައި މިހާރު ބަލަމުން އަންނަ ކަމެކެވެ.

ސަގާފަތާއި ދީނާއި އާދަކާދައާ ގުޅޭ މިކަހަލަ ބޮޑު މައްސަލައެއް، ވޯލްޑް ކަޕް ކަހަލަ މުޅި ދުނިޔެ ހިމެނޭ މުބާރާތެއްގެ ތެރޭގައި، ނަގައިގެން ހުޅަނގުގެ ގައުމުތަކުން އުޅުމަކީ، އެހެން މީހުންނަށް އިހުތިރާމް ނުކުރުން ކަމަށް، ޖަރުމަންގެ އަމަލްތަކާ ގުޅިގެން ހިޔާލު ފާޅުކުރި މީހުން ބުންޏެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، މުބާރާތް ފެށުމުގެ އެއް ދުވަސް ކުރިން ވަނީ ހުޅަނގަށް ރަނގަޅަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހުޅަނގުގެ ގައުމުތަކުން އުޅެނީ މުނާފިގުވެގެންނެވެ.

އިއްޔެ ޖަރުމަންގެ ކެޕްޓަނަށް އެ ބޭންޑް ނޭޅުނަސް މެޗު ބައްލަވަން ވަޑައިގެންނެވި ޖަރުމަންގެ އަންހެން މިނިސްޓަރެއް ކަމަށްވާ ނެންސީ ފައެޒާ ހުންނެވީ އެ ބޭންޑް އަޅުއްވައިގެންނެވެ.

ސޯޝަލް މީޑިއާގައި އަރަބިން ހިޔާލު ފާޅުކުރި ގޮތުގައި އެއީ އަރަބިންނަށް އިހުތިރާމް ކުޑަކުރުމެވެ.

ޖަޕާންގެ ދެ ކުޅުންތެރިޔަކު އިއްޔެ ޖަރުމަންގެ ތޯމަސް މުލާ ހިފަހައްޓަން މަސައްކަތްކުރަނީ: ޖަރުމަން ވަނީ މެޗުން ބަލިވެފައި

"ކަލޭމެން އައިސް ތި ތިބީ އަހަރެމެންގެ ކައިރިއަށް. އަހަރެމެންގެ ދީނަށް އިހުތިރާމްކުރޭ، އަހަރެމެންގެ ސަގާފަތަށް އިހުތިރާމްކުރޭ، އަހަރެމެންގެ އާންމު އުސޫލުތަކަށް އިހުތިރާމްކުރޭ - އެހެން ނޫނިއްޔާ ކަލޭމެން ބޭނުން ތަނަކު އަތް އަޅާ،" ޓްވީޓެއްގައި މީހަކު ހިޔާލު ފާޅުކުރި އެވެ.

އެހެން މީހަކު ބުނި ގޮތުގައި ދުނިޔޭގެ އެތައް ތަނެއްގައި ބަނޑުހައިހޫނުކަމާއި ބަނޑަށް ޖެހުމާއި ފެން ނުލިބުން ފަދަ ބޮޑެތި އެތައް މައްސަލައެއް ކުރިމަތިވެފައިވާ އިރު 'ކަލޭމެންނަށް އުޅެން ތި އެނގުނީ ހަމައެކަނި ތިޔަ ކަމުގަ' އެވެ.

"އެމީހުން [ޖަރުމަން ޓީމު] އެގޮތުގައި ތިބެންޏާ، އަހަރެމެންގެ ދީނާ މެދު ފަހުރުވެރިވެ، ދީނުގައި ހިފަހައްޓައިގެން ތިބޭ،" ފޭސްބުކް ޕޯސްޓެއްގައި މީހަކު ލިއުނެވެ.

މުސްލިމުންނާއި އަރަބިން ހިތްހަމަނުޖެހުން ބޮޑުވާނެ ސަބަބުތައް ބައިވަރެވެ. އަރަބި ގައުމެއްގައި އޮންނަ މުބާރާތެއްގެ ތެރޭގައި އެ ގައުމުތަކުގެ ދީނާއި ސަގާފަތާ ގުޅުމެއް ނެތް ކަމަކަށް އަޑު އިއްވަނީ، ހުޅަނގުގެ ދެފުށް ކެހެރިކަމުންކަން އެނގޭ ހެކިތަކެއް އެބަ ހުއްޓެވެ. މިސާލަކަށް 2018ގައި ރަޝިޔާގައި ވޯލްޑް ކަޕް ބޭއްވި އިރު ރަޝިޔާގެ އިންސާނީ ހައްގުތަކާ ދެކޮޅަށް އަޑެއް ނީއްވަ އެވެ. އަދި 2008 ގައި ޗައިނާގައި އޮލިމްޕިކް ގޭމްސް އޮތް އިރު ވެސް، ހުޅަނގުން އެފަދަ ކެމްޕޭނެއް ނުހިންގަ އެވެ.

ގަތަރުން ވޯލްޑް ކަޕް ބޭއްވުމުގެ ބިޑް ކާމިޔާބުކުރުމަކީ އަރަބިން ދެކޭ ގޮތުގައި ހަމައެކަނި ގަތަރަށް ލިބުނު ފަހުރެއް ނޫނެވެ. މުޅި އަރަބި ދުނިޔެއަށް ގެނެސްދިން ކާމިޔާބީއެކެވެ. އެހެންކަމުން ހުޅަނގުން ގަތަރުގައި ވަކި ކަމަކަށް ބާރު އެޅުމަކީ މުޅި އަރަބިންގެ ސަގާފަތާއި އާދަކާދަ އާއި އުސޫލުތަކަށް ވެސް ގޮންޖެހުން ކަމަށް އަންމުން ގަބޫލުކުރެ އެވެ.

"އެމީހުން އެކުރަނީ އަހަރެމެންނަށް މަލާމަތް،" ސޯޝަލް މީޑިއާގައި އެކަކު ބުންޏެވެ.

ޖަރުމަންގެ ފުޓްބޯޅައަށް ލޯބިކުރާ އަރަބިން އުޅުނަސް އެ އަމަލާ ގުޅިގެން ހިތްހަމަނުޖެހުން ބޮޑެވެ. ޖަޕާން އަތުން ޖަރުމަން ބަލިވުމުން އެތައް ބަޔަކު އުފާކުރީ އެ ރުޅީގަ އެވެ.

ކޮމެންޓް

Placeholder

ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑް ކަޕް 2022